...

Support Us

ކޮލަމް ކަލާވެހި: ޚާއްޞަ ލޯންޗުކޮޅު އަންނަ ތަން ލޮލުކޮޅަށް ފެނުމުން…

އަޅުގަނޑު ހަމަ ދާދި ދެންމެޔަކު މާލޭގެ އުތުރު ފަރާތު އަތިރިމަތީ މަގަށް ނިކުމެލީމައި ކުއްލިޔަކަށް ހަނދާނަށް އެ އައީ މީގެ އެތަކެއް އަހަރު ކުރިއެވެ. އަޅުގަނޑުމެން އިސްކޯލަށް ގޮސް އުޅުނު ދުވަސްވަރެވެ. ހަތަރުއަނާ އަތަށް ލައިގެން، އިންޓޯލު ގަޑީގައި "ބީޗް ކްރެސެންޓް"އަށް ގޮސް ޑޮންޑޮން ފުޅިޔެއް ގަނެގެން ބޮއި އުޅުނު ދުވަސްވަރެވެ. އަދި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ދުއްވަވާން ގެންގުޅުއްވި މާ މޮޅު ލޯންޗުކޮޅެއް އޭގެ ތެރެއިން ބައެއް ދުވަސްދުވަހު ފެނުނީމައި ހިތަށް އެހަރަ ލިބުނު ޚާއްޞަ ހިތްހަމަޖެހުމުން ހިތްއުފާކުޅަ ދުވަސްވަރެވެ.

މިހައި ހިސާބުން، ކުޑަވަރެއްގެ ޤައުސް އެއް ޖަހައިފައި ނަމަވެސް، މިދެންނެވި އެއްޗެއްގެ ކުޑަވަރެއްގެ ދެތިން ތަފްޞީލެއް ނަމަވެސް ދަންނަވައިލާން ޖެހުނީ، އެހެންނޫންތޯއެވެ!

އެންމެ ފުރަތަމަ، "ބީޗް ކްރެސެންޓް" ގެ ވާހަކައެވެ. "ބީޗް ކްރެސެންޓް" އަކީ މާލޭގެ އުތުރު ފަރާތު އަތިރިމަތީ މަގުގައި ހުރި ތަނެކެވެ. އެ ތަނަކީ ރާއްޖޭގައި އެ ދުވަސްވަރު މާ ހިނގި ކުންފުންޏެއް ކަމަށް ވާ "ކްރެސެންޓް" ކުންފުނީގެ ދަށުން ހިންގި ތަނެކެވެ. އަޅުގަނޑުގެ ހަނދާން ކުށް ކަމުގައި ނުވަންޏާ، އެއީ އެތަނުން ބައެއް ކަހަލަ ހަރުމުދަލާއި ގެވެހި ކަންވާރު ފަދަ އެއްޗިހި ގަންނާން ލިބެން ހުރުމުގެ އިތުރުން، އައިސްކިރިމާއި މިލްކްޝޭކް ފަދަ އެއްޗިހިވެސް އެ ތަނުގައި ވިއްކައި އުޅުނު ތަނެކެވެ. އަދި ފަހުން މިދެންނެވި ބާވަތުގެ އެއްޗިހި ގަންނާން އެތަނަށް ވަދެ އުޅުނު މީހުން ބޭނުންކޮށްލާނޭ ދެތިން ހަތަރު މޭޒުވެސް، އެޔާ ވާނޭ ގޮނޑިޔާއެކު އެ ތަނުގައި ހުރި ހަނދާނެއްވެސް ވެއެވެ. "ބީޗް ކްރެސެންޓް" ހުރި ތާނގައި މިހައިރު އެ ހުރީ ބެންކް އޮފް މޯލްޑިވްސް ގެ މައި އޮފީހެވެ.

ދެވަނަޔަށް ދަންނަވައިލާނީ ޑޮންޑޮނުގެ ވާހަކައެވެ. ޑޮންޑޮނަކީ ބިއްލޫރި ފުޅީގައި ހުންނަ، ވައި އެޅި ފޮނި ބުއިމަކަށް ކިޔައި އުޅުނު ނަމެކެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެއީ ބޭރުން ބައެއް ކަހަލަ އެއްޗިހި ގެނެސްގެން ރާއްޖޭގައި ތައްޔާރު ކުރި އެއްޗެކެވެ. ޑޮންޑޮނުގެ ޢާންމު ރަހަތަކުގެ ތެރެއިން އަޅުގަނޑު ހަނދާން ހުންނަ ރަހަތަކަކީ "އޮރެންޖް ކްރަޝް" އާއި "އައިސް ކްރީމް ސޯޑާ" އާއި "ޕޯރޓެލޯ" އެވެ. އެހެން ރަހަތައްވެސް ހުއްޓޭ މީހަކު ފަހަރުގައި ބުންޏަސް، އެ ރަހަތަކެއް އަޅުގަނޑުގެ ހަނދާނަކު މިހައިރަކު ނެތެވެ. އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި އެ ޑޮންޑޮނަކީވެސް "ކްރެސެންޓް" ކުންފުނީގެ އުފެއްދުމެކެވެ.

ތިންވަނަޔަށް ދަންނަވައިލާނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ދުއްވަވާން ގެންގުޅުއްވި މޮޅު ލޯންޗުކޮޅެއްގެ ވާހަކައެވެ. އަޅުގަނޑުގެ ހަނދާން އެހައި ކޮށި ނޫނިއްޔާ، އެއިރުގެ ރައީސް ދެތިން ވައްތަރެއްގެ ލޯންޗު ގެންގުޅުއްވިއެވެ. ދުއްވައިވައި އުޅުއްވި ކަމަށްވެސް ބުނެވެނީ އަމިއްލަފުޅަށެވެ. ކޮންމެއަކަސް، އެއިރުގެ ހަނދާން ތަކާއި ފަހުގެ ހަނދާނެއްވެސް އެއްކޮށްލައިގެން ދަންނަވާ ހިތް އޮތީ، އެ ދުވަސްވަރު އަޅުގަނޑުމެންގެ ލޮލުގައި އެންމެ އަޅައިގަތް ލޯންޗުކޮޅަކީ، އެ ދުވަސްވަރު އިނގިރޭސި ވިލާތުގައި އެ ޒާތުގެ އުޅަނދުފަހަރު ބަނދެއުޅުނު ކުންފުންޏެއް ކަމަށް ވާ "ފެއަރީ މެރީން" ކުންފުނިން ބަނދެއުޅުނު "ފެއަރީ ހަންޓްސްމަން"، ނުވަތަ "ފެއަރީ ހަންޓަރ"، ނުވަތަ "ފެއަރީ ހަންޓްރަސް" މޮޑެލް ގެ ލޯންޗެކޭ އެވެ.

ކޮންމެޔަކަސް، އެ ދުވަސްވަރުގެ ރައީސުލްޖުމްހޫރިއްޔާޔަކީ އަޅުގަނޑުމެން ކަހަލަ އާދައިގެ ކިޔަވާކުދީންނަށް ކީއްކުރާންތޯއޭ އާދައިގެ ރައްޔިތަކަށްވެސް ހަތަރުކަޅި ހަމަވާ ފަށް ކީއްކުރާންތޯއޭ ހަމަލޮލުން ފެންނަ ހިސާބަށްވެސް ގިނަގިނައިން ވަޑައިގެން އުޅުއްވި ބޭފުޅެއް ނޫނެވެ. އެއީ އެ ޒަމާނުގެ ގިނަ ވަޒީރުބޭފުޅުންނާއި، އަމީރުންނާއި، ނަބީލުންނާއި، މަހު އެއްޗެތިކޮޅު ލިބިވަޑައިގަންނަވާ ބޭބޭފުޅުންނާއި، ކިލެގެ ބޭކަލުންނާއި، މަނިއްޕުޅުންނާއި، ތަންކޮޅެއް ތަނަވަސްކޮށް އުޅުއްވި ބައެއް ސައްޔިދު ބޭފުޅުންނާއި، އެ ޒާތްޒާތުގެ ބޮޑުންގެ އަބުއިކަމުގެ ތެރޭގައި ހިމެނުނު ކަމަކަށްވެސް ވެދާނެއެވެ. އަދި އެ ޒަމާނުގެ ހަމަތަކާއި ޤަބޫލުކުރުންތަކުގެ ތެރެއިން އެންމެންމެ ބަލައިގަނެ އުޅުނު، ކަމުދާ، އިޖްތިމާޢީ ހަމަތަކުގެ ތެރެއިން އެންމެ މޮޅު ގޮތް ކަމަށްވެސް ވެދާނެއެވެ. ކަން އަދި ކޮންމެ ގޮތަކަށް އޮތަސް، މިދެންނެވި ޒާތުގެ ބޮޑަކު، އަދި ވަކީން ޚާއްޞަކޮށް ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ އެ ޒާތުގެ އުޅަނދެއް ދުއްވަވާލައްވައިފައި ވަޑައިގަންނަވާތަން ހަމަލޮލުން ބަލައިލާން ލިބުމަކީ އަޅުގަނޑުމެން ކަހަލަ އާދައިގެ މީހުންގެ ދަރީންނަށް އެއިރު ލިބުނު ހައުދަހައި ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ!

އެއީ ހައުދަހައި އާދަޔާ ޚިލާފު މަންޒަރެކެވެ. އެ ދުވަސްވަރަކީ މާލޭގެ އުތުރު ފަރާތު އަތިރިމައްޗަށް ނިކުމެ ބަލައިލީމައި އެހައި ގިނަ އުޅަނދުފަހަރު ފެނުނު ދުވަސްވަރެއް ނޫނެވެ. ތަންކޮޅެއް ބޭރުގައި އަޅައިފައި އޮންނަ ދެ އާގުބޯޓަކާއި ، ކޮންމެވެސް ކަމަކު ނިކުމެ އުޅޭ ރިޔާ ނެގި ދެތިން ދޯންޏަކާއި، ފަލި ޖަހައިފައި ނިކުމެ އުޅޭ ދެތިން ބޮއްކުރަޔެއް ނޫނީ އާދައިގެ ދުވަހަކު ކަނޑުމައްޗަކުން ނުފެންނާނެއެވެ. ޢާންމުންނަށް ނުބެހެވޭ ހިސާބުން، ނު އެނގި ހިނގި ކޮންމެވެސް އިންތިޒާމެއްގެ ދަށުން، މަތީ ގިންތީގެ ދެ ބޭފުޅަކަށް ދެއްވި ދެ ރަށެއްގައި ހެއްދެވި ދެ ރިސޯޓެއްގައި ގެންގުޅުއްވި ވޭލަރެއް، ފުލެޗަރެއް ކަހަލަ ކުޑަ ލޯންޗުގަނޑެއްވެސް ފަހަރުގައި ފެނިދާނެއެވެ. ދެން، އަޅުގަނޑުމެންގެ ނަޞީބު ރަނގަޅު ދުވަހަކު ކުއްލިޔަށް އެ ފެންނަނީ އޭގެ ތެރެއިން މާ ބާރަށް ދުވެފައި އަންނަ، އެއްކަލަ ޚާއްޞަ ލޯންޗުކޮޅެވެ. ދެފަރާތަށް ލޮނުގަނޑު ކަފަމުން، ހުދު ފޮނުގެ ދެ "ފިޔަ" ދެފަރާތަށް ފޮޅުވައިލައިގެން ވައިކަފަމުން އަންނަ، ބޯކިރަށްވުރެ ހުދު ލޯންޗުކޮޅެވެ. އަޅުގަނޑުމެން އެ މަންޒަރު ބަލާން ނިކުމެ ތިބެނީ އާގަމަވެފައެވެ. އާޝޯޚުވެފައެވެ. ތަލީން ކުޅުހިކިފައެވެ. އަދި ހަމަ އެޔާއެކު، އަޅުގަނޑުމެންގެ ރައީސް އެފަދަ ޢަޖާއިބެއް ކަހަލަ ޖާދޫއެއް ދުއްވަވަމުން ވަޑައިގަންނަވާތަން ދުށުމުގެ ނަޞީބު ލިބޭތީ އެކަމުގެ ފަޚުރުވެރިކަމުގައި މެއެވެ.

އަޅުގަނޑުމެން ގާތު ބަޔަކު އެހެން އަދި ނުބުންޏަސް، އެ ކަހަލަ މޮޅު ލޯންޗެއްގައި ދަތުރުކޮށްލާން ކީއްކުރާންތޯއޭ، އެ ފަދަ މޮޅު އުޅަނދެއްގައި ފުށްއިނގިލިކުރި ޖައްސައިލާނޭ ފުރުޞަތެއް ލިބުމަކީވެސް އަޅުގަނޑުމެން ފަންތީގެ މީހަކާ ނުވަތަ ކުއްޖަކާ އަރައިއަރަފޯދިގެން ވާ ކަމެއް ނޫންކަން އެ ޒަމާނުގައި އަޅުގަނޑުމެން ބަލައިގަނެ އުޅުނީ އެ ކަމާ އެއްވެސް ޝަކުވާއެއް ނުކޮށެވެ. ޚާއްޞުންނަށް ޚާއްޞަ އެއްޗިއްސާއި، ކަންކަމާއި، އިމްތިޔާޒުތައް ހުންނާނޭކަން އަޅުގަނޑުމެން ބަލައިގަނެ އުޅުނީ ހަމައެކަނި ދިރިއުޅުމުގެ ޙަޤީޤަތްތަކާއި ޟަރޫރަތްތަކާއި މަޖުބޫރުކަމުގެ ތެރެޔަކުން ނޫނެވެ. އަދި ކިއެއްތަ، އެއީ ކަން އޮންނާންވީ ޞައްޙަ ގޮތް ކަމަށް ހެއުހިތުން ބަލައިގަނެގެން ވެސް މެއެވެ. އަޅުގަނޑުމެންގެ އުފަލަކަށް ވެސް އެ ޒަމާނުގައި ވެފައި އޮންނަނީ، އަޅުގަނޑުމެންނަށް ވުރެ މާ މަތީ ފަންތިއެއްގައި، މާ މަތީ މަޤާމެއްގައި، މާ މަތީ ތަނަވަސްކަމެއްގައި، މާ މަތީ ބާރުތަކަކާއެކު އެ އުޅުއްވި ބޭބޭފުޅުންގެ މޮޅުކަމާއި، މާތްކަމާއި، ތަނަވަސްކަމުގެ ތެރެއިން ކޮށްލައްވާ އާދަޔާ ޚިލާފު ކަންކަމުގެ ވާހަކަ ދައްކައިލާ އުޅުމެވެ. ކިހާ މޮޅުހޭ، ކިހާ ރީތިހޭ ކިޔައިލައި، އެކަމުން އުފާ ޙާޞިލްކުރުމެވެ.

އެ ދުވަސް މާޒީވެ، ހިނގައްޖެއެވެ. ހަތަރުއަނާޔަށް ލިބުނު ޑޮންޑޮން ފުޅިވެސް މާޒީގެ ކަށްބިމުގައި ފަސްދާނުލެވިއްޖެއެވެ. އޭގެ ބަދަލުގައި އެކި ޒާތުގެ ދަޅުދަޅާއި ފުޅިފުޅީން ހުދު މާރުކޭޓާއި ކަޅު މާރުކޭޓުތައްވެސް ތިޔާގިވެއްޖެއެވެ. ގާދޫކޮލުންނާއި، ހުޅުވިފައިވާ ކަނޑުއޮޅިތަކުންނަށް ދާންދެން ޑިމޯކްރަސީ އެތެރެވެއްޖެއެވެ. ހަމަހަމަކަން ފޮތުގައި ލިޔެވި، ރަސްމީކޮށް ޤާއިމްވެއްޖެއެވެ. ތަންކޮޅެއް ކުރީގެ ޢިއްޒަތްތެރިޔަކު ދެއްވި ތަޤްރީރެއްގައި ވިދާޅުވި ޒާތުގެ އެތަކެއް "ޒަމް" ވެސް ރާއްޖެ އައިސް ރަނގަޅަށް ހަރުލައިފިއެވެ. އަދި މި ތަކެއްޗާއެކު އައި ޒަމާނީ ތަރައްޤީގެ ފޮނިމީރުކަން ދިވެހި އެންމެހައި ރައްޔިތުންނަށާއި، ރާއްޖެޔޭ މިކިޔާ އޮޑީގެ ހަފޮޅުން ކެރިގެން އެތެރެވި ކޮންމެ ބިދޭސީޔަކަށްވެސް ހަމަ އެ ހަމަހަމަކަމާ އެކު މިހިރަ ދަނީ ލިބެމުން، ނޫންތޯއެވެ. ރިޔާ ނެގި ދޯނިތަކާއި، ފަލިޖަހައިފައި ނެރުން ނިކުމެ އުޅުނު ބޮއްކުރާތައް ވެސް އެދިޔަ ތާކަށް ގޮސް ޣައިބުވެއްޖެ ނޫންތޯއެވެ! ކަންކަން ބަދަލުވެއްޖެ، އެހެން ނޫންތޯއެވެ؟

މިހައިރު ކަން ވާން އޮތް ގޮތަކީ މިއެވެ. ޤައުމު ގެ ތަރައްޤީގެ ދުވެލި އަދިވެސް ބާރުކުރާންކަމަށް ރެޔާއި ދުވާލު މަސައްކަތްކުރީމައި މަހުގެ ދިހަބާރަޔަށް އެރީމައި ލިބޭ ކުޑަ މުސާރައިން ދިހަ ރުފިޔާ ބާކީކޮށްގެން ކޮފީތަށްޓެއް ބޮއިލާން ކަމަށް މާލޭގެ އުތުރު ފަރާތު އަތިރިމަތީ މަގުގައި ހުންނަ، ނިސްބަތުން އަގު ހެޔޮ ކެފޭޔަކަށް ވަދެލާން ކަމަށް ނިކުންނަ ރޫމްބޯއީ، އެއްކަލަ "ބީޗް ކްރެސެންޓް" އިހަށް ހުރި ދިމާޔަށް ނިކުމެލައިފިއްޔާ، މިއަދު އޭނާޔަށް ފެންނާނީ އެތައްއެތައް ރިސޯޓެއްގެ އެތައްއެތައް ބޭނުމަކު ދުއްވާ އެތައްއެތައް ޒާތެއްގެ އެތައްއެތައް އުޅަނދެކެވެ. އޭނާ ކަހަލަ ޢާންމު މީހަކަށް އެހައި ސާފުކޮށް އަދި ނޭނގުނަސް، އެކަމާ ސީދާ ނުބެހެވުނަސް، ނުވަތަ އޭނާ ނުބެލީމައި އޭނާޔަށް ނު އެނގި ހިނގި ކޮންމެވެސް އިންތިޒާމެއްގެ ދަށުން ނަމަވެސް، އެކި ފަރާތްތަކަށް ދޫކުރެވިފައި ހުރި ރިސޯޓުތަކުގެ އެކި ބޭނުމަށް ދުއްވައިނަގާ އެއްޗިއްސެވެ. އަދި އެ ފެންނަ އެއްޗިހީގެ ތެރޭގައި ދުނިޔޭގެ ނިސްބަތުންވެސް "ލަގްޒަރީ"ގެ ނަންއިތުރުން ސިފަވާ އެއްޗިއްސާއި، "ސުޕަރ ޔޮޓް" އޭ ކިޔާ އެއްޗިހިވެސް ހުންނަ ތަނެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭހައިވެސް ތަނަވަސްކޮށެވެ. އަދި ހަމަ އެހެންމެ، މި ދެންނެވި ދިހަ ރުފިޔާ އަތަށް ލައިގެން މަގުމަތީގައި ހިނގައިފައި ދާ މީހާގެ ގައިގައި ކިރިޔާ ނުޖެހި އެހެރަ ދާ އަގުބޮޑު ބޮޑެތި "އެސް.ޔޫ.ވީ" ތަކާއި، ކާރު ތަކާއި… ދެންވެސް އެ ގިންތީގައި ހިމެނޭ އުޅަނދުތަކުން ރެކެމުން އެ ދާ އާދައިގެ އަނެކާޔަށްވެސް އޮންނާނީ ހަމަ އެއްކަލަ އުފަލެވެ. ތިމާޔަށް ވުރެ މާ މަތީ ފަންތިއެއްގައި، މާ މަތީ މަޤާމެއްގައި، މާ މަތީ ތަނަވަސްކަމެއްގައި، މާ މަތީ ބާރުތަކަކާއެކު އުޅުއްވާ ބޭބޭފުޅުންގެ މޮޅުކަމާއި، މާތްކަމާއި، ތަނަވަސްކަމުގެ ތެރެއިން ކޮށްލައްވާ އާދަޔާ ޚިލާފު ކަންކަމުގެ ވާހަކަ ދައްކައިލާ އުޅުމެވެ. ކިހާ މޮޅުހޭ، ކިހާ ރީތިހޭ ކިޔައިލައި، އެކަމުން އުފާ ޙާޞިލްކުރުމެވެ. ޚާއްޞަ ލޯންޗުކޮޅު ދުވެލައިފައި އަންނަ ތަން ލޮލުކޮޅަށް ފެނުމުން ފުދުނު ދުވަސް ހަނދާންކޮށްލައިފައި، މިއަދު އެކަހަލަ ޚާއްޞަ އެތަކެއް ލޯންޗުކޮޅު ފެންނާން އެބަހުރިކަން ދަނެ، އެކަމަށްޓަކައި ޝުކުރުކޮށް އުފާކުރުމެވެ. އަދި އެވަރުން ފުއްދައިލުމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.