Support Us

ކޮލަމް: ދިނަށަ

ގައުމިއްޔަތާބެހޭ ވުޒާރާއަށް ސާބަސް

ގައުމިއްޔަތަށް އިސްކަން ދެއްވުމުގެ ސިޔާސަތުގެ ތެރެއިން ގައުމީ ފެންވަރުގެ ޗާޕުޚާނާއެއް އުފައްދަވައި ދެއްވާނެކަމުގެ ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެކެވެ. ދިވެހިބަހާއި އަދަބިއްޔާތާއި އެހެނިހެން ޢިލްމިއްޔަ ފަންނިއްޔާތު ތަކުގެ ދާއިރާ ތަކުން ކުރެވޭ މަސައްކަތައް ނޯޓްފޮތުން ބޭރަށް ފޯރުވައި ލުމަށް އެޅިފައި އޮތް ހިޔަނި ނެތިގެންދާނެ ކަމުގެ އުފާވެރި ޚަބަރަކަށް ވީތީއެވެ.

ނޮވެލްޓީ ޢަލީ ޙުސައިން (رحمه الله) ދުނިޔެ ދޫކުރެއްވި ހިސާބުން އިޝާރާތްކުރި އިމުން ލިޔެވޭ ތަކެއްޗާއި ފޮތްފޮތް ދިވެހި ޖައްވަށް ވުޖޫދު ކުރުމުގެ ލުއިކަމަށް ވަރަށް ބޮޑު ހުރަހެއް އެޅިގެން ދިޔަކަން ލިޔުންތެރީންނަށް އިޙްސާސް ކުރެވުނު ކުރެވުމަކީ އަސްލެން ނެތް ހީއެއް ނޫނެވެ. ނަމަވެސް މިހެން މިވާހަކަ ބުނުމުން މީހަކު ބުނާން ހިތަށް އަރާފާނެއެވެ. މިޒަމާނުގައި ކީއްކުރާ ފޮތްފޮތެއް ހެއްޔެވެ؟ އިންޓަނެޓްގެ ވަސީލަތްތަކުން ފޮތްފޮތާއި ލިޔުންތައް ފަސޭހަވެގެންވާ ޒަމާނެއްގައި ފޮތް ޗާޕުކުރާންވީ ކީއްކުރަން ހެއްޔެވެ؟ އެހެނަސް އެއީ، އެހައި ދުރު ވިސްނުމެއް ނޫނެވެ.

ދުނިޔެއަށް ވެރިވެދާނެ ޙާލަތަކީ އަންދާޒާ ކުރެވޭނެ ކަމެއް ނޫނެވެ. އިންޓަނެޓަކީ ނާޒުކު ޙާލަތެއްގައި އޮންނަ ވަސީލަތަކަށް ވާތީއެވެ. އެހެނަސް ފޮތަކީ އެފަދަ ވަސީލަތެއް ނޫނެވެ.

އެހެންކަމުން ގައުމީ ފެންވަރެއްގައި ޗާޕުކުރެވޭނެ ގޮތެއް ލިޔުންތެރީންނަށް ފަހިކޮށްދެއްވައި ތަނަވަސްކޮށް ދެއްވުމަކީ، އަޅުގަނޑު ދެކޭގޮތުގައި ދިވެހި ގައުމިއްޔަތަށް އިސްކަން ދެއްވުމަށް މިއަދުގެ ސަރުކާރުން ޖައްސަވާ ބިޔަ ތަނބެކެވެ. އޭގެ މަތީގައި ގައުމިއްޔަތުން ބަހާއި އަދަބިއްޔާތާއި ޢިލްމިއްޔަ މަޢުލޫމާތުތައް ދިވެހީންގެ މެދަށް ފަސޭހަކަމާއެކު ފެތުރިގަންނާނެއެވެ. ހީވެސް ނުކުރާ ފަދަ ބޭބޭފުޅުން ހަމައެކަނި ޅެންވެރިކަމުގެ ދާއިރާއިންވެސް ލިޔުއްވާފައި ހުރީ މަދު ތަކެއްޗެއް ނޫނެވެ. އެކަމަކު އެފަދަ ތަކެތި ގައުމަށް ފޯރުކޮށް ނުދެވިފައި ހުރީ ޗާޕު ކުރެވޭނޭ ލުއިފަސޭހަ މަގެއް ފަހިވެފައި ނެތީމައެވެ.

ކޮންމެ މީހަކީ އިންޓަނެޓްގެ ވަސީލަތްތަކުން ލިޔެއުޅޭ މީހެއް ނޫނެވެ. އަދި އިންޓަނެޓް ބޭނުން ކުރާ މީހެއް ވެސް ނޫނެވެ. އެހެން އެކަންކަން ހުރުމުން، ދިވެހި ލިޔުންތެރީންނަށް ފަސޭހަކަމާއެކު ލިޔުންތައް ޗާޕު ކުރެވޭނޭ މަގެއް ސަރުކާރުން ގައުމީ ފެންވަރުގައި ފަހިކޮށް ދެއްވާނޭމަށް ދެއްވި އުފާވެރި ޚަބަރަށްޓަކައި އުފާކޮށް ހިތުގެ އެންމެ ފުނުން ގައުމިއްޔަތާ ބެހޭ ވަޒީރު އިސްއުސްތާޛު “ސިރީ” އާދަން ނަޞީރު އިބްރާހީމްގެ އަރިއަހަށް ލިޔުންތެރިއެއްގެ ޙައިސިއްޔަތުން ޝުކުރު އަދާކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

5 Responses

  1. ގައުމިއްޔަތާއި ބެހޭ މިނިސްޓްރީން ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޭނުންކުރާ ބަޙުރުވަ އަށް އިހުމާލުނުވެ ބަސްމޮށުމުގެ އުސޫލަށް ފަރިތަވާނެ ގޮތަށް ރަދީފު ކުރައްވާނެ ކަމަށް އުއްމީދުކުރަން.

  2. ގައުމިއްޔަތު ބެހޭ ވުޒާރާއެއް އެއްތާކުން ވެސް ހޯދަހޯދައެއް ނުފެނުނު. ކޮންތާކުތޯ އެ ވުޒާރާ ހުރީ؟

  3. ގައުމިއްޔަތު ދިރުވުމުގެ މާ ބޮޑު އުންމީދެއް ނުފެނޭ. މީހުންގެ އަގުވަޒަން ކުރުމެއް ނެތް. ހަމަހަމަކަމެއް ނުފެނޭ. ޖަލްސާތަކުން ވެސް

  4. "ގައުމިއްޔަތާ ބެހޭ ވުޒާރާއެއް ވުޖޫދުގައި ނެތަސް، ދިވެހިބަހާ ބެހޭ ވުޒާރާއޭ ނުކިޔައި "ގައުމިިއްޔަތާ ބެހޭ ވުޒާރާއޭ" ކިޔައިގެން އުޅެނީ ދިވަހިބަހޭ ކިޔާން ލަދުންތޯއެވެ! ނުވަތަ ތާކުންތާކު ނުޖެހޭ ޚުޝާމަދު ތިޔަ ކުރައްވަނީ ދިރާސާވެރީންގެ ތެރއިން ނަމަވެސް ވަޒީފާއެއް ލިބިދާނެކަމުގެ އުންމީދުގައިބާވައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *