މިތުރާގެ އަސަރީ މަސްތަކީ ހިތުގައި އަނދާ އަލިފާނެކޭ
ބިތުސާ ނުވެވި ހިތް ޣަރަޤުވާ ފިތުނައިގެ ގަަދަ ޠޫފާނެކޭ
ފޮއިތަކުގެ ރަން ހަނދުވަރު ތެރޭ ބޮއިގަސް ދަށުން ލޯތްބާއެކީ
ސޮއިކޮށް ވެވުނު އިޤްރާރަކީ އޮއިގައި ދިޔަސް އިތުބާރެކޭ
ފިނިފެންމަލެއް ފަދަ ތުންފަތުން ހިނިތުންވެލާ ތިޔަ ފަރިކަމީ
ދިނިގެން ހިތާމަ ހިތުން ފިލާ ފިނިކަން ހިތަށްދޭ ބާރެކޭ
ކަސްތޫރި ގޮމަފަދަ މީރުވީ ވަސް މީރު މަލުގެ ޣަރާމަކީ
ފަސްމީރުކަން ފުރިހަމަ ލިބޭ މަސްތީ އަސަރުވި ޢަބީރެކޭ
އަޙުލާމު ދައްކާ ކުލަވަރުން ރަޙުމާ ކުލުނުގައި ހިތް ފުރޭ
ފަހު ނޭވަޔަށް ދާންދެން ތިއީ އަހުރެން ކުރާ އުންމީދެކޭ
ހުރަހެއް ނުވާ ވި ފަޒާތެރޭން ގުރަހައިގެ އަލި ރަން ތަރިއަކީ
ކުރަމުން މިދާ ތާރީފުގައި ކުރަހައިލެވޭ ތަޞްވީރެކޭ
ފަލަކުން ވިދާ ނަލަ ތަރިތަކުން ބަލަމުން މިދާ ފަރި މަންޒަރުން
ހަލަބޮލިވި ހިތް ހައިޖާނަކީ މަލަކާގެ ފަރި ޙަރަކާތްތަކޭ
ތިޔަ ރާޙަތަށް އެދިގެން އަނާ ދިޔަޔަސް ފުރާނަ ވެގެން ފަނާ
ނިޔަތީ ކުރުން ހުއްޓާނުލައި ތިޔަ ލޯބި ހޯދަން ދަތުރެކޭ
