Support Us

މަނަދޫގެ ރަހަތަކުގެ ތެރެއިން: ތާބަރުދިޔަ ކައްކާނެ ގޮތް

ތާބަރަކީ ލައްޖެހި ފާނައިގެ ކުދި ވައްތަރެކެވެ. ތާބަރު ބާނައި، ތާބަރު ދިޔަ އާންމުކޮށް މަނަދޫ މީހުން ކުރީ ޒަމާނުގައި ކައްކައި އުޅުނީ މަސްވެރިކަން ދަށް ދުވަސްވަރުއެވެ. ވިއްސާރަވެ, މޫސުން ގޯސްވެ މަހަށް ނުދެވި ރަށުގައި ތިބެންޖެހޭ ދުވަސްތަކުގައެވެ. ތާބަރުދިޔަ ކައިއުޅެނީ ބަނބުކެޔޮބަތާ އެކުގައެވެ.

ތާބަރު ދިޔަ ކައްކަން ބޭނުންވާ ތަކެތި

– 5 ތާބަރު
– ހައެއްކަ ހިކި މިރުސް
– ހިކަނދިފަތްކޮޅެއް
– ދެތިން ލޮނުމިދު
– ދިރިކޮޅެއް
– ލޮނުހެޔޮވާ ވަރަށް ލޮނު
– އެކަށީގެންވާ ވަރަށް ފެން

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތާބަރުތައް ހަން ދަމައި ސާފުކޮށްލާނީއެވެ. މަނަދޫ މީހުން ތާބަރުދިޔަ ކައްކަން ހަންދަމައިފައި ހުންނަނީ ބޯ ނުކަނޑައި ބޮލާ ހަމައިންނެވެ. ތާބަރުގެ މެދުގައި ދެ ފަރާތުގައި ޅިއައެއް އަޅައިފައި ތާބަރު ކައްކަނީ ހުރި ގޮތަށެވެ.

ތާބަރުދިޔަ ކެއްކުމަށް ޓަކައި ފުރަތަމަ ހަވާދުކޮޅު ފުނޑާލާނީއެވެ. އެއަށްފަހު ތެއްޔަކަށް ފެންއަޅައި ފެނުގެ ތެރެއަށް ހަވާދުކޮޅު ގިރުވާލާފައި ކައްކާނީއެވެ. ދިޔަގަނޑު ކެކިގަތީމާ ތާބަރުތައް އަޅާލާނީއެވެ. ތާބަރުތައް ރޯފިލީމާ އެހެރީ ތާބަރުދިޔަ ކެކިފައެވެ.

ތާބަރު ބާނާގޮތް

ތާބަރު ބާނަނީ ބަރަވެލި ފޫޅު އަޅައިގެންނެވެ. ތާބަރު ބާނަން ދަނީ ފޮއެމަތީގައި، ހެނދުނުއެވެ. ހަތެއް އަށެއް ޖަހަންވާއިރަށް ގެއަށް އާދެވޭނެއެވެ. ތާބަރު ބާނަނީ މޫދަށް އެރިގެން ގޮސް ތޮށިމައްޗަށް އަރައި ގާގަލުގައި ތިބެގެން ރާޅުގަނޑު ތެރެއަށް ދޮށި އުކައިގެންނެވެ. އެ ހިސާބުގަނޑު ވާނީ ރާޅުގެ ބާރު ކެނޑިގެން އަންނަ ހިސާބަށެވެ. ދޮށި އެއްލާނީ ރާޅު ބިންދާލުމަށްފަހު އަނެއް ރާޅުގެ ބަނޑަށް ދަމާލާ ވަގުތުއެވެ. އެތާ ކައިރި ތާބަރެއް އިނިއްޔާ އެ ވަގުތު ގަންނާނެއެވެ. ނުގަތަސް އަނެއް ރާޅު އައުމުގެ ކުރިން އެންކޮޅު ފެނުން މައްޗަށް ނަގަންވާނެއެވެ.

ތާބަރު ބާނަންދާ މީހުން އެ ޒަމާނުގައި ތިބެނީ ފަނުން ވިޔެފައި އޮންނަ ގޮނެއް ކަރުގައި އަޅައިގެންނެވެ. އެއީ ބޭނޭ ތާބަރު އަޅާށެވެ. ތާބަރު ބާނައިގެން ގެއަށް ގެންދަނީ ހަންދަމައި ސާފުކޮށްގެންނެވެ.

މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *