Support Us

ކޮލަމް ކަލާވެހި: "ވަހީދު ކަހަލަ މީހެއްގެ ދަރިޔަކަށް އިނގިރޭސިބަސް ނޭނގުނީމައި…"

އަޅުގަނޑު މިފަހަރު ތިޔަ ބޭފުޅުން އަރިހު މި ދަންނަވައިލަނީ ފުލޯކު ވާހަކަޔެއް ނޫނެވެ. ހިނގައި ދިޔަ ދެ ކަމެއްގެ ވާހަކައެވެ.

އެ ދެ ކަމެއްގެ ވާހަކަ ދަންނަވާއިރު، އެތަނުން ފުރަތަމަ ކަންތައް ހިނގި ދުވަސްވަރަކާއި ހިނގި ތަނެއް ދަންނަވާކަށް ނެތީމެވެ. އެހެނީ، އެއީ މަދުރަސާޔަކާ ބެހޭ ވާހަކަޔަކަށް ވެފައި، އެ ތަނާއި ތަނުގައި ކިޔަވައިދެއްވަވަން އުޅުއްވި އެންމެހައި މުދައްރިސުންނާއި މުދައްރިސާއިންނަށް އަޅުގަނޑުގެ ހިތުގައި އޮންނަ ލޯތްބަކާއި އިޙްތިރާމަކަށްޓަކައެވެ. އެހެން ނަމަވެސް… ވީ ކަމެއް ވާނީ ހަމަ ވީ ކަމަކަށް، އެހެން ނޫންތޯއެވެ؟

އަޅުގަނޑުގެ ކޮންމެވެސް އެއް ދަރިޔެއްގެ ޢުމުރުން އެއިރު ވާނީ ގާތްގަނޑަކަށް ތިން އަހަރެވެ. އޭނާޔަށް މަދުރަސީ ޙަޔާތުގެ ފުރަތަމަ ތަޖުރިބާ ވީހައިވެސް އަވަހަކަށް ލިއްބައިދޭން އަޅުގަނޑު ބޭނުންވިއެވެ. އެހެންކަމުން އަޅުގަނޑު އޭނާ ވެއްދީ ކޮންމެވެސް މަދުރަސާޔެއްގެ، އެއިރު ކިޔައި އުޅޭ ގޮތަށް ނަމަ، ނާސަރީޔަށެވެ.

ދަރިފުޅު މަދުރަސާޔަށް ވެއްދިތާ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ދަރިވަރުގެ ބެލެނިވެރިޔާ މަދުރަސާގެ އިދާރާޔަށް ޙާޟިރުވާން އަންގަވައިފައި އޮތް، ވަރަށް ރަސްމީ ސިފަޔެއް ޖަހާ ޗިޓެއް އަޅުގަނޑަށް ލިބިއްޖެއެވެ. ޗިޓުގައި އޮތީ މިވެނި ދުވަހެއްގެ މިވެނި ގަޑިޔަކަށް، ”މުހިންމު މައްސަލަޔަކާ މެދު ވާހަކަދައްކައިލާން“ މަދުރަސާގެ އިދާރާޔަށް ޙާޟިރުވާން އަންގަވައިފައެވެ!

ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިޔަށް އަޅުގަނޑު މަދުރަސާޔަށް ޙާޟިރުވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ދިހަވަރަކަށް މިނިޓު ފަހުން ނަމަވެސް މަދުރަސާގެ އިސް ބޭފުޅެއްގެ ކުރިފުޅުމައްޗަށް އަޅުގަނޑު ޙާޟިރުވެސް ކުރެވިއްޖެއެވެ.

ޗިޓުގައި އޮތް ”މުހިންމު މައްސަލަ“ މުހިންމު ވުމުގެ އިތުރުން ޒާތީވެސް ވީ އެ ހިސާބުންނެވެ!

ޒާތީ ވިއްޔޭ ދެންނެވީމައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އެކަމާ ހިތްޕުޅު ކުޑައިކުރެއްވިޔަސް، މި ދަންނަވާ ވާހަކަ އައްސަވައިލައްވައިފިއްޔާ އެ ބޭބޭފުޅުން ވެސް އަޅުގަނޑާ މެދު ހިތްޕުޅު ސާފުކުރައްވާނޭކަން ކަށަވަރެވެ. އެހެނީ، ބައްދަލުވުން ފެށުމުގެ ސަލާންގަލާމަށް ފަހު، މަދުރަސާގެ ފަރާތުން އަޅުގަނޑާ ބައްދަލުކުރެއްވި ބޭފުޅާ ދައްކަވަން ފެއްޓެވި ވާހަކަފުޅުގެ ފުރަތަމަ ބަޔާނުގައި ވިދާޅުވި އެއްޗަކުން އެ ކަމަށް މަގު ހުޅުވިގެން ދާނެއެވެ.

މަދުރަސާގެ ފަރާތުން އަޅުގަނޑާ ބައްދަލުކުރެއްވި ބޭފުޅާ އަޅުގަނޑު ގާތު ވިދާޅުވި ގޮތުގައި އެ މަދުރަސާގެ ނާސަރީގައި ތުއްތުކުދީންނަށް ކިޔަވައިދެއްވާން އުޅުއްވާ ”އާންޓީން“ ބޭނުންފުޅުވަނީ އެ ކުދީންނާ އިނގިރޭސި ބަހުން މުޢާމަލާތް ކުރައްވާށެވެ. އެހެން ކަމުން، ޢުމުރުން އެންމެ ތިން އަހަރުގައި ނަމަވެސް އެ މަދުރަސާޔަށް ވައްދާ ކުދީންނަށް އިނގިރޭސި ބަސް ހަމަ ކޮންމެހެންވެސް އެނގޭން ޖެހެއެވެ!

އެހައި ހިސާބުން ވެސް އަޅުގަނޑު ކުޑައިކޮށް ޙައިރާންވިއެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ލޮބުވެތި މާދަރީ ބަހެއް އޮވެމެ، އެ މާދަރީ ބަހަކީ ޤައުމުގެ ރަސްމީ ބަހަށްވެސް ވެފައި އޮވެމެ، ޤައުމަށް އުފަން ދިވެހި ދަރީންގެ ޢުމުރުން ތިން އަހަރު ފުރޭއިރު އެ ކުދީންނަށް ބިދޭސީ ބަހަކުން ފަރިތަކޮށް މުޢާމަލާތްކުރާން އެނގޭން ޖެހޭކަން އަޅުގަނޑަށް އެނގުނީ އެ ހިސާބުންނެވެ. އެހެން ނަމަވެސް، މައްސަލަ ޒާތީވީ އަދި އެ ހިސާބަކުން ނޫނެވެ. މައްސަލައިގައި ޒާތީ ކުލަ ޖެހެން ފެށީ އަޅުގަނޑަށް ދެން އިވުނު ޖުމުލަޔަކުންނެވެ. އައްސަވާށެވެ.

”ވަހީދު ކަހަލަ މީހެއްގެ ދަރިޔަކަށް އިނގިރޭސިބަސް ނޭނގުނީމައި އަހަރުމެން މިތިބީ ޙައިރާންވެފައި!“ އެ ބޭފުޅަކު ވިދާޅުވިއެވެ.

އަޅުގަނޑު ކަހަލަ މީހަކީ އަނެއްކާ ކޮބައިތޯ ދަންނަވައިލާން އަޅުގަނޑުގެ ހިތަށްއެރިއެވެ. އެ ވިދާޅުވި ”ކަހަލަ“ޔަކީ އިސްކޮޅާއި، ރޫފަޔާއި، ޖިންސާއި، ހަމުގެ ކުލަ ކަހަލަ ”ކަހަލަ“ޔެއްތޯ ދަންނަވައިލާން ހިތަށް އެރިއެވެ. ތަޢުލީމީ ފެންވަރު ތޯ، ތަނަވަސްކަން ތޯ، ނުވަތަ އެ ޒާތުގެ އެހެން ކަމެއްތޯ ދަންވައިލާފާނަމޭވެސް ހިތަށް އެރިއެވެ. ހާދަ ޒާތީ އެއްޗެކޭ ތިޔަ ވިދާޅުވީ… މިހެން ދަންނަވައިލާން ވެސް ހިތަށް އެރިއެވެ.

”އަޅުގަނޑު ކަހަލަ…؟“ ސުވާލެއްގެ ބުރިވަރެއް އަނގައިން ބޭރުކޮށްލެވުނު ކަން އެއީ އެ ދުވަހު އަޅުގަނޑަށް ކުރެވުނު ވަރެވެ.

”ބުނާ އަޑު އިވޭ ވަޙީދަކީ ބޭރު އެތައް ބަހަކުން ވާހަކަދައްކާ މީހެކޭ. އެކަމަކު ވަޙީދުގެ ދަރިޔަކަށް އިނގިރޭސި ބަސް ނޭނގުނީމައި އެކަމާ އަހަރުމެން ހިތާމަކުރަން،“ ތަކުރާރަކާ އެކު އެ ބޭފުޅާ ވިދާޅުވިއެވެ.

އެބޭފުޅާ އަޅުގަނޑާ މުޚާޠަބުކުރައްވަން ބޭނުންފުޅުކުރެއްވި ރާގާއި، ބަސްމަގާއި، ގެންގުޅުއްވި މިޒާޖުގެ ވާހަކަ އެއްކިބައިގައި ބާއްވައިފައި، ދަރިފުޅު މަދުރަސާޔަށް ލަނީ ކީއްކުރާންތޯއޭ ވެސް ނުދަންނަވައި، ތިޔަ ކަންތައް ރަނގަޅުކުރެވޭތޯ ބަލާނަމޭ ދަންނަވައިފައި އަޅުގަނޑު އެ ތަނުން ސަލާމަތްވެގެން އަވަހަށް ނިކުމެގެން ގެޔަށް ދިޔައީއެވެ.

އަޅުގަނޑަކީ ބޭރު އެތައް ބަހަކުން ވާހަކަދައްކައި އުޅޭ މީހަކަށް ވިޔަސް، އަޅުގަނޑުގެ އެއްވެސް ދަރިޔެއްގެ ޢުމުރުން ފަސް އަހަރު ނުފުރެނީސް އެ ދަރިޔަކާ ބޭރު އެއްވެސް ބަހަކުން އަޅުގަނޑު ވާހަކަޔެއް ނުދައްކަމެވެ. އަޅުގަނޑުމެންގެ ގޭތެރެއިން ބޭރު ބަސްބަސް އެ ކުދީންނަށް ނުއިވެޔެކޭ އަޅުގަނޑެއް ނުދަންނަވާނަމެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ގޭތެރޭގެ މައި ބަހަކީ އަޅުގަނޑުމެންގެ މި ލޮބުވެތި ވަޒަނުގެވެސް މައި ބަހެވެ. އަޅުގަނޑުމެންގެ ޢިއްޒަތްތެރި މާދަރީ ބަހެވެ. ދިވެހި ބަހެވެ!

އަޅުގަނޑު އެބަޔެއްގެ ބެލުމުގެ ދަށުން ދުނިޔެ ތެރެޔަށް ހޭލައިގަންނާން އަޅުގަނޑަށް މިންވަރުކުރެއްވައި ދެއްކެވި މީހުންނަކީ ވެސް މިދެންނެވި ބޭފުޅާ އަޅުގަނޑަށް ނިސްބަތްކުރައްވައި އެ ވިދާޅުވި ”ކަހަލަ“އިގައި ހިމެނިލައްވާ ބަޔެކެވެ. އަޅުގަނޑުގެ މަންމަ، އޮގަރު ފާއިޒާ ޢަލީޔަކީ އަޅުގަނޑު ހަނދާން ހުންނާން ފެށި އިރުވެސް ސިންގަޅަ ބަހާއި އުރުދޫ ބަހަށް ނުހަނު ފަރިތަ ބޭކަނބަލެކެވެ. އަދި ތަންކޮޅެއް ފަހުން ނަމަވެސް ހަމަ އެ މަންމަ އިނގިރޭސިބަހުން ވާހަކަދައްކަވާ އަޑުވެސް އަޅުގަނޑު އެހީމެވެ. އެހެން ނަމަވެސް، އެ މަންމަ އަޅުގަނޑަކާ ދުވަހަކުވެސް ބޭރު ބަހަކުން މުޢާމަލާތެއް ނުކުރައްވައެވެ. އަދި މަންމަގެ އެހެން ދަރިޔަކާވެސް ބޭރު ބަހަކުން މުޢާމަލާތް ކުރެއްވި އަޑެއް އަޅުގަނޑަކަށް އިވިފައެއް ހަމަ ނެތެވެ. ހަމަ އެ ބީދައިން، އަޅުގަނޑުގެ ބަފައިފުށުގެ ކާފަޔަކީ ރާއްޖޭގައި އެންމެ ފުރަތަމަ ދައުލަތުގެ ފަރާތުން ޤާއިމް ކުރެއްވި ހަސްފަތާލުގައި ޚިދުމަތްކުރައްވާން ބޭރުން ގެންނެވި ޑޮކްޓަރުންގެ އަރިހުގައި އިންނެވި ތަރުޖަމާނެކެވެ. އެކަމަކު އެ ކާފަވެސް ދުވަހަކުވެސް ބޭރު ބަހަކުން އަޅުގަނޑަކާ މުޢާމަލާތެއް ނުކުރައްވައެވެ. ދެން އެހެން ވީމައި، އަޅުގަނޑުމެންގެ ”ކަހަލަ“އިގެ މައިބަދައިގައި ހިފައިފައި ހުންނާނީ ދިވެހި ބަހުގެ ރާގާއި، ކުލަޔާއި، ވަހާއި، ރޫޙު ނޫން ދެން އެހެން ކޮން އެއްޗެއް ތޯއެވެ؟

ދެން އެންމެ ރަނގަޅެވެ. އަޅުގަނޑުގެ ދަރިޔަކަށް ޢުމުރުން ތިން އަހަރުގައި އިނގިރޭސި ބަސް ނޭނގުމުގެ ސަބަބުން އެ ދަރިފުޅަށް ވީ ކޮން ގެއްލުމެއްތޯއެވެ؟ އެ ދަރިޔަކަށް އިނގިރޭސި ބަސް ނޭނގިގެން މަދުރަސާގެ ބައެއް ބޭފުޅުން ހިތާމަފުޅުކުރެއްވި ދަރިފުޅު ޘާނަވީ މަދުރަސާ ނިންމައިފައި ނިކުތީ ދިވެހި ބަހާއި އިނގިރޭސި ބަހުން ވެސް އެންމެ މަތީ ވަނައިގެ ފާހުން ފާސްވެގެންނެވެ. އަޅުގަނޑުގެ އެހެން ދަރީންނެކޭ ވެސް ހަމަ އެއްފަދައިންނެވެ. އަދި ކިޔެއްތޯޔޭ، އެ ދަރިފުޅު މިއަދު ބިދޭސީ ބައެއް އެހެން ބަސްބަހުންވެސް ފަރިތަކޮށް މުޢާމަލާތް ކޮށް އުޅޭމެއެވެ. އެކަމަކު އެއީވެސް އަޅުގަނޑު އެ ބަސްބަސް އޭނާޔަށް ކިޔަވައިދީގެންނެއް ނުމެނޫން މެއެވެ. އޭނާ ހެޔޮ ނިޔަތާއެކު އަމިއްލަ މަސައްކަތުން އެކަން ކޮށްގެންނެވެ. އެންމެހައި ޝުކުރެއް ހުރީ ތައުފީޤު ދެއްވުމުގެ ވެރި ފަރާތަށެވެ!

އަޅުގަނޑު މި ވާހަކަ މި ލިޔެލީ އެ ދުވަހުގެ ހަނދާން އައުވާކަހަލަ ކަމެއް މިއަދު ދިމާވެގެންނެވެ. އެއީ، އަޅުގަނޑު ހެނދުނު މޫދަށް އެރިލައި، ކުޑައިކޮށް ކަސްރަތުކޮށްލައި ހަދައިލާން ކަމަށް މާލޭގެ ހެދިގޮނޑުދޮށަށް ގޮސް މޫދަށް އެރިލައިފައި އެއްގަމަށް އަރައި އިންދައި އަޅުގަނޑާ ވާހަކަދައްކައިލާން އައި އެކުވެރިޔަކާ އެކު ގެނައި، އޭނާގެ ކާފަދަރިޔެއްގައި އެހުރި ލޯބިލޯބި ހެޔޮ ޚުލްޤު ފެނި، ހިތަށް ކުރި އަސަރަކުންނެވެ. އަދި ހަމަ އެޔާއެކު، މި ދަރިފުޅަކަށް ދިވެހިބަހެއް ނޭނގެޔޭ، އޭނާޔާ ވާހަކަދައްކާން މި ޖެހެނީ ތަންކޮޅެއް އުނދަގުލާ އެކު ނަމަވެސް އިނގިރޭސިބަހުންނޭ ކާފަޔަށް ބުނެވުނު ހިސާބުން ހިތަށް ކުރި އާދަޔާ ޚިލާފު އަސަރެއްގެ ސަބަބުންނެވެ.

އަޅުގަނޑު ”ކަހަލަ“ މީހަކަށް އަދިވެސް ދެންނެވޭނީ މި ކަހަލަ އެއްޗެކެވެ.

އަޅުގަނޑުމެންގެ އެ ބަހަކަށްޓަކައި ޝުކުރުވެރިކަމާއެކު ފަޚުރުވެރިވާން ޖެހޭ، އެތައް ހާސް އަހަރެއްގެ ތާރީޚަކާއި ޘަޤާފަތެއް އޮތް، އަބުރުވެރި، ޢިއްޒަތްތެރި ބަހެއް އަޅުގަނޑުމެންގެ ޚާއްޞަ މާދަރީ ބަހުގެ ގޮތުގައި އަޅުގަނޑުމެންގެ އަތުގައި އެބައޮތެވެ. އެ ފަދަ މަތިވެރި ނިޢުމަތެއް އެ ގޮތަށް ލިބިގެން ވަނީ ދުނިޔޭގެ އާބާދީގެ ތެރެއިން ކިތަކަށް މީހުންނަށްތޯއެވެ؟ އެހެންކަމުން، އެ ތާރީޚާއި، އެ ޘަޤާފަތާއި، އެ ތަރިކަޔާއި، އެ އަބުރާއި، އެ ޢިއްޒަތާއި، އެ ނިޢުމަތް ދުނިޔޭގެ އޮޔަށް ވަޔަށް އިސްރާފަށް ބުރުއްސަވައިނުލައްވައި، އެ ބަހުގެ އާރާއި ބާރަށް ހީނަރުކަން އަޔަ ނުދެއްވައި، އަޅުގަނޑުމެންގެ ތުއްތު ދަރީންނަށް އެ ބަހުގެ ދޮރު ތާ އަބަދަށް ބަންދު ނުކުރަމާތޯއެވެ؟

މިއީ އަޅުގަނޑު ”ކަހަލަ“ މީހެއްގެ އިޚްލާޞްތެރި އާދޭހެކެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1261

4 Responses

  1. މިއީ ހަމަ
    ކަނޑައެޅިގެން ދޮގު
    ވަހީދު ހަމަ ރީތި މޮޅު ވާހަކައެއް ހަދައިލީއޭ ހަމަ

  2. ވަރަށްވެސް ރަނގަޅު ވާހަކަކޮޅެއް، ވިދާޅުވި ފަދައިން މިއަދުގެ މުޖުތަމައުގައި މިކަން މިހާރު އޮތީ ކަންބޮޑުވާ ހިސާބުގަ، ބައެއް ބެލެނިވެރިން ބުނޭ، ދިވެހިބަހަކީ އެހާ ބޭނުންތެރި އެއްޗެއް ނޫނޭ، ތިމަންނަމެންގެ ދަރިން ބޮޑެތިވެގެން ދިވެހިބަސް ބޭނުން ވެސް ނުކުރާނެޔޭ، އަޅުގަނޑު ހައިރާންވި، ދިވެހިބަހުން މިފަދަ އެއްޗެއް ބުނާއިރު އަމިއްލަ ބަސްވަންތަކަންް ގުރުބާންކޮށްލުމުގެ ވިސްނުން ހުރީމަ، މިކަން ހައްލުވުމަށްވުރެ ކައިރީގައި ވަނީ ނުވުން، ސަބަބަކީ އަދުގެ މުޖުތަމައު މިއޮތީ ޤައުމިއްޔަތާ އަދަބާއި ބަހަށް ބީރުކަންފަތް ދޭންފަށާފަ. ނަމަވެސް މީ ބަދަލުކުރަންޖެހޭ ކަމެއް.

  3. އަޅުގަނޑުގެ ދޮށީދަރި ކުޑައިރުން ފެށިގެން މާލެ އާއި ރަށުގައި އުޅުނުއިރުވެސް ވާހަކަ ދައްކަނީ ރަށުބަހުންނެވެ.އަދި ކުޑަދަރިއަށް އަހަރު ވިތަނާ ލަންކާއަށް ބަދަލުވިފަހުންވެސް ދޮށީ ދަރިފުޅާ ވާހަކަ ދައްކަނީ ހަމަ ރަށުބަހުންނެވެ.ނަމަވެސް ހަގު ދަރިފުޅަށް ވާހަކަ ނުދެއްކޭތީ ސްޕީޗް ތެރަޕީ ދިން ތެރަޕިސްޓުން ފުރަތަމަ އެއްބަސް ދަސްވީމަ އެހެން ބަހެއް ދަސްކޮށްދޭން ބުނި.ތެރަޕީ ދިނީ އިނގިރޭސި ބަހުން ކަމަށް ވާތީ އަދި ކުއްޖާއަށް އޭރުވެސް ރަށުބަސް ނޭނގޭއިރު އިނގިރޭސިން ދައްކާތީ ވަރަށް މަލާމާތް ލިބެއެވެ.މިހާރުވެސް ރަށަށް ބަދަލުވެ ކުއްޖާއަށް ނޭނގޭބަހެއް އިނގިރޭސީން ކިޔައިދޭން ޖެހޭތީ މީހުންގެ މަލާމާތް ލިބެއެވެ.މަޖުބޫރީ ޙާލަތުވެސް ދިމާވެދާނެކަން މީހުން ދަންނަނަމައެވެ.ގައިމު ދޮށީ ދަރިފުޅު ވާހަކަ އެދައްކަނީ ސާފު ރަށުބަހުން ވިއްޔާއެވެ.

  4. މިހާރު ބެލެނިވެރިން ދަރިންނާ ދިވެހި ބަހުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ, އެކަމަކު މާދަރީ ބަހުހެ ދުވަހެއް އަސިއްޔާ ވަރަށް ފޯރި އަރުވާފަ ދިވެހި ހެދުން ލައްވާނެ. ދެން ދިވެހި ހެދުން ލައްވައިގެން އައިސް ބުނާނެ "ހިނގާ ޕިކްޗާއެއް ނަގަން"

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *