Support Us

ކޮލަމް ފަގުޑި

ދިވެހީންގެ ދިވެހި އަޑުތައް

ބަހުގެ ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި ބަހެއް އުފެދި ބޮޑުވަނީ ތަފާތު އަޑުތަކުގެ މައްޗަށް ބިނާވެގެންނެވެ. އެބައެއްގެ ބަހާއި ބަހުރުވައިން އެބައެއްގެ ތެރޭގައި އޮތް އަޑުތައް ދެނެގަނެވޭނެއެވެ. ޒަމާނާއި ތަނަށް އަންނަ ބަދަލާއެކު، އަޑުތައް ތަފާތުވުމާ ގުޅިގެން އެބައެއްގެ ބަހާއި ބަހުރުވަވެސް ތަފާތު ވެއެވެ. މިއީ ފިޠުރީ ގޮތުން ބަހަށް ލިބިދޭ ޚާއްޞިއްޔަތުގެ ތެރޭ ހިމެނޭ ކަމެކެވެ. އަޅުގަނޑުމެން ދިވެހީންނަކީވެސް މި ފިޠުރަތުގެ ތެރޭ ހިމެނޭ ބައެކެވެ. ބަހާއި ބަހުރުވައިގައި ހިމެނޭ އަޑުތަކަށް އެހެން ބަހަކުން "ފޮނިޓިކްސް" އެވެ. ކިޔައިފާނެއެވެ. ތަޖުވީދު ޢިލްމުގައި އެއަށް އަޑުމަޚްރަޖޭ ކިޔާފާނެއެވެ. މިރާއްޖޭގެ ފެންނަން އޮތް ތާރީޚަށް ބަލާއިރު، ދިވެހީންގެ ދިވެހި ބަހުގެ އަޑުތައް ތަފާތުވެ، ބަސްބޭނުންކުރާ އަޑު ތަފާތުވެފައިވާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ.

އެއްމެ ފުރަތަމަ ތާނައިގެ އަކުރުތަކަށް ބަލައިލަމާތޯއެވެ؟ ކުރީ ޒަމާނުގައި "ށ" ގެ އަޑަކީ ވަރަށް ލުއި އަޑެކެވެ. މިހާރުވެސް "ށ" އަތޮޅު މަރޮށީ މީހުން ވާހަކަ ދައްކާއިރު "ށ" ކިޔަނީ ރާއްޖޭގެ އެހެނިހެން މީހުންނާ ތަފާތު ގޮތަކަށް ވަރަށް ލުއިކޮށެވެ. ވީމާ، އެއީ "ށ" ގެ އަސްލު އަޑުކަމަށް ވެދާނެއެވެ. ކޮންމެއަކަސް، ޒަމާނާއެކު އަޑުތައްވެސް ބަދަލުވަމުން އައިސް މިއަދު މިވަނީ "ށ" އާއި "ޝ"ގެ އަޑުވެސް އޮޅޭ ހިސާބަށް ގޮސްފައެވެ. އާނއެކެވެ! "ށ" ގެ ބަދަލުގައި "ޝ" ލިޔެފައި އޮންނަތަން ފެންނަން ފަށައިފިއެވެ. "މަށަށް" ލިޔަންވީ ތަނުގައި "މަޝަށް" މިހެން ލިޔެފައިވާ ލިޔުންވެސް ހުރެއެވެ. މިހާރު އެތާނގައި އޮންނަންވީ "ށ" ތޯ ނުވަތަ "ޝ" ތޯ އަޅުގަނޑަށްވެސް ޝައްކުވާން ފަށައިފިއެވެ.

ލިޔުން ބިނާވާނީ އިވޭ އަޑުގެމައްޗަށް ކަމަށްވާތީ، އެއަޑު އިވުނު ގޮތަށް ލިޔަން ހަދައިގެން ވާގޮތް ކަމަށްވެސް ވެދާނެއެވެ. އެހެން މިދެންނެވީ ބައެއް ނަންތައް، ލިޔުންތަކުންނާއި ޓީ.ވީ ތަކުގެ ބާއިން ފެންނައިރު ލާމުލްޤަމަރިއްޔާ އާއި ލާމުއްޝަމްސިއްޔާ އޮޅުވާލައި، މިހާރުގެ ކުދިން ކިޔާގޮތަށް ލިޔެފައިވާތަން ފެންނާތީއެވެ. މިދެންނެވި ގޮތަށް ބަދަލުވެގެން ދިޔައިމާ ޢަބްދުއްލަޠީފެއް އަދި ޢަބުއްރަހީމެއް ނުހުރެއެވެ. މިހާރު ތިބެނީ ޢަބްދުލްލަޠީފާއި ޢަބްދުލްރަހީމެވެ. އިވޭއަޑާ އެއްގޮތަށް ލިޔުންވެސް ބަދަލުވަނީއޭ މިދަންނަވަނީ އެހެންވެގެންނެވެ. މިއީ ޢަރަބި ނަންތަކެއް ކަމުގައިވިނަމަވެސް މިހާރު ސޯޝަލްމީޑިއާ ފަދަ ވަސީލަތްތަކުގައި މުޅިންހެން ލިޔެއުޅެނީ ލެޓިން އަކުރުންނެވެ. އެހެންކަމުން، ލިޔެފައި އޮންނަގޮތަށް އެނަންތައް ކީމާ ނުކުންނަ އަޑާ އެއްގޮތަށް ތާނައިން ލިޔުނީމާ އޮންނާނީ އެގޮތަށެވެ.

މިފަހަރު އެހެން އަޑެކެވެ. "ޏ" އެވެ. މިއަކުރު ކިޔާއިރު އަކުރުގެ ބަރު ގޮތަކާއި، ލުއި ގޮތެއް އޮންނަ ކަމަށް ބަހާބެހޭ ލިޔުންތަކުން ފެނެއެވެ. ބަރުއަޑުން ކިޔާ މީހުން ކިޔަނީ "ނަވިއަނި" އެވެ. އެއީ ކުރީގައި ދިވެހިން އެއަކުރު ކިޔައިއުޅުނު ގޮތެކެވެ. ވީމާ، އެއީވެސް އެ އަކުރުގެ އަޞްލު އަޑުކަމަށްވުމީ އަދި، ފަހުން އެއަޑު ބަދަލުވެފައިވުމީ ކައިރި ކަމެކެވެ. މިގޮތުގެ މަތިން ބަދަލުވެފައިވާ އަޑުތަކާއި އަކުރުތަކަށް ބަލާއިރު، ދިވެހިބަސް ބޭނުންކުރުމުގައި ބައެއް އަކުރު އެހެން އަކުރަކަށް ބަދަލުވާ ބަހުގެ ޤަވާޢިދަކީ މިކަމުގެ އަލިގަދަ ދަލީލެކެވެ. ދިވެހިބަހުގެ ފެންނަންހުރި ލިޔުންތަކަށް ބަލާއިރު، "ހ" "ފ" އަށް ބަދަލުވެ މިހާރު މުޅިންވެސް އެގޮތަށް ބޭނުންކުރަމުން އެބަ ގެންދެއެވެ. "އުހައު" އުފަލަށް ބަދަލުވީ މިގޮތުގެމަތިންނެވެ. އިހުމީހުން ކިޔައި އުޅުނީ އަދި، އިހުގެ ލިޔުންތަކުން ފެންނަންހުރީ "އުހައު" މިގޮތަށެވެ. ނަމަވެސް މިހާރު ބޭނުންކޮށް އުޅެނީ "އުފާ" މިގޮތަށެވެ. މިތާނގައިވެސް މިއޮތީ ދިވެހިން ބޭނުންކުރަމުންއައި ބަހަވީ އަޑެއް އެހެން އަޑަކަށް ބަދަލުވެފައެވެ.

ދިވެހިރާއްޖެ އިސްލާމްވުމަށްފަހު، ޤުރްއާން ކިޔެވުމަށާއި ނަމާދުގައި ކިޔާ ތަކެތި ކިއުމަށް ދިވެހީން ޢަރަބިއަކުރު ބޭނުންކުރަން ޖެހުނެވެ. އޭގައިވަނީ ދިވެހި އަޑުތަކެއް ނޫނެވެ ޢަރަބީންގެ އަޑުތަކެވެ. ވުމާއެކު އެއިރުގެ ދިވެހީން އެއަޑުތައް ބޭނުންކުރީ ދިވެހިންގެ އަޑުތަކާ އެއްގޮތަށެވެ. ތިކިޖެހިތާނަ ރަސްމީކޮށް ބޭނުންކުރަންފެށީ މިދެންނެވި ޢަރަބި އަޑުތަކަށް ދިވެހިން އަހުލުވެރި ކުރުވުމަށް ކަމުގައި ވެދާނެއެވެ. ނަމަވެސް، ދިވެހި އަދީބަކު ވިދާޅުވެފައިވާ ފަދައިން އަރިއަރިމަތީގައި ތިކިޖެއްސެއް ކަމަކު ޢަރަބިއަކުރު ވާނީ ހަމަ ޢަރަބިއަކުރަށެވެ. އެއީ، ތާނަ އަކުރަކަށް ނުވަތަ ދިވެހީންގެ އަޑުތަކަކަށް ނުވާނެއެވެ. މީގެ ދިރިހުރި މިސާލަކީ ދިވެހިރާއްޖޭގައި އުޅުއްވި "ކާސިންކަލޭފާނާއި، ކަތްދައިދީ" އެވެ. އެއީ އަދިއަދަށް ދާނދެންވެސް "ކާސިންކަލޭފާނާއި ކަތްދައިދީ" އެވެ. "ޤާސިމް ކަލޭފާނެކޭ" ނުވަތަ "ޚަދީޖާ ދީދީ" އެކޭ ނުކިޔައެވެ. ވާނީވެސް އެހެންތާއެވެ. "ޤ،ޚ" އަކީ ދިވެހިންގެ އަޑުތަކެއްނޫނެވެ. އެހެންވީމާ ދިވެހިންނަށް އެއަކުރުތައް ކިޔޭނީ ދިވެހިންގެ އަޑުތަކުންނެވެ. ތިކިޖެހިތާނަ ބޭނުންކޮށްގެން ލިޔާގޮތަށް އެއަޑުތައް މިހާރު ބޭނުންކުރޭތޯ ދެން ބަލައިލަމާހިނގާށެވެ. ލިޔުމުގައި "ޤާރީ، ޚާލިދު" އޮތަސް ކިޔާމީހާ ކިޔަނީ "ގާރީ، ހާލިދު" އެވެ. ޙައްޖު ގްރޫޕަކުން ޙައްޖާޖީންނަށް ބޭނުންވާ ތަކެތި ދެއްވިއިރު 'މަދުވާނީ ދުވާ ފޮތޭ. މާދަމާރޭ ލިބޭނެއޭ" ބުނުމުން އަޅުގަނޑު ހުއްޓުން އެރިއެވެ. މިފަހަރު މިވީ އަދި މާވިޔާނުދާ ގޮތެކެވެެ. ފޮތްވެސް ދުވަންފެށީއެވެ. ވާނުވާ ނޭނގިގެން ވިސްނާލުމުން އެނގުނީ އެއީ "ދުޢާފޮތް" ކަމެވެ.

ބެލެވޭ ގޮތުގައި ޢަރަބިބަހުގެ "ބަންޠަލޫން"ގެ "ޠ" އަކީ ދިވެހިންގެ އަޑަކަށް ނުވާތީ އެލަފުޒު "ފަޓުލޫނަށް" ބަދަލުވީއެވެ. ހަމައެފަދައިން "ކޮލޮމްބޯ" "ކޮޅުނބަށް" "ހޮސްޕިޓަލް" "ހަސްފަތާލަށް" ބަދަލުވީއެވެ. އަދި، ދިވެހިންގެ އަޑުން ކިޔާގޮތަށް ލިޔެވި، ޤަވާޢިދު އެގޮތަށް އެކަށައެޅީއެވެ.

އިސްލާމީ ޙަޟާރަތު ކުރިއަރައި ދިޔަ ޒަމާނުގައި މިރާއްޖެއަށް ޢަރަބީންގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. އަދިއަދަށްދާނދެންވެސް ދިވެހިބަހުގައި ފެންނަންހުރި އަރަބި ލަފުޒުތަކުން މިކަން އެނގެއެވެ. ޒަމާން ބަދަލުވެ، ކަންމަގު ބަދަލުވެދިޔައިމާ، މިހާރު މިރާއްޖެއަށް ބޮޑަށް ކުރަނީ އެހެން ބަސްބަހުގެ އަސަރެވެ. ދިވެހިންގެ ތެރެއަށް ވަދެ، އަށަގަންނަމުންދަނީ އެބަސްބަހުގެ އަޑުތަކެވެ. އުޅުމާއި ގުޅުމުގެ ތެރެއިން މީހުންނަށް އައި ބަދަލަށް ބަލާއިރު ތަފާތަކީ، އެއިރު ދިވެހިންގެ ތެރެއަށް ވަންނަ އެހެނިހެން އަޑުތަކަށް ދިވެހިން އަހުލުވެރި ނުތްވެއްކަމަކު، ގްލޯބަލައިޒޭޝަންގެ ސަބަބުން އަދު ދިވެހިންނަށް ތަޢާރަފުވާ މިފަދަ ކަންކަމަށް ދިވެހިން މަރުޙަބާ ކިޔަނީ އެކަންކަން ރަނގަޅަށް އެނގި ދެނެތިބެ، އެއަށް އަހުލުވެރިވެފައިވާ ޙާލުގައެވެ. އެހެންވީމާ، އެއީ ޗައިނީސް އަޑުތަކަކަށް ވިޔަސް ނުވަތަ، ފްރެންޗް އަޑުތަކަކަށް ވިޔަސް ނޫންނަމަ، ބެންގޯލް އަޑުތަކަށް ވިޔަސް އެއަޑުތައް ދިވެހީން ބޭނުންކޮށް އުޅެނީ އެއްވެސްބަދަލެއް ނުގެނެސް އޭގެ އަޞްލު އަޑުންނެވެ. ކިޔާކިއުމަކަށް އަދި، ލިޔާ ލިޔުމަކަށްވެސް ތަފާތެއް ނާދެއެވެ. އިހަށް ކުރިހެން އަކުރުތަކެއް ތަޢާރަފުކުރާކަށް ނުޖެހެއެވެ. ނަމަވެސް ސުވާލަކީ މިގޮތުގެމަތީން މިހާރު ދިވެހިންގެ ތެރެއަށް މިވަންނަ އަޑުތައް ދިވެހިންގެ ތެރޭ އަށަގަތުމާ ގުޅިގެން (އިހަށްވެސް ބަދަލުއައި ފަދައިން) ފަހުގެ ތާރީޚެއްގައި ދިވެހިބަހުގެ ޤަވާޢިދަށް ބަދަލުތަކެއް ނާންނާނެ ބާއެވެ؟ އާނއެކެވެ! ބަހަކީ، ދޫކުރުމާއި ލިބިގަތުން އޮންނަ، ދިރުންހުރި، ޠަބީޢީ އެއްޗެކެވެ.