...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 7

މިއަދު ޔަހޫދީން ފަލަސްޠީނުގައި ތަކުރާރުކުރަމުންދަނީ ފިރުޢައުނު ބަނީއިސްރާއީލަށް ދިން އަނިޔާ

މޫސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އިރު މިސްރުގައި އޮތި ދުނިޔެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ނުބައި ރަސްގެފާނު ފިރުޢައުނުގެ ރަސްކަމެވެ. ފިރުޢައުނަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ އަނިޔާވެރި ރަހުމްކުޑަ އިންސާނާއެވެ. ފިރުޢައުނުގެ ރަސްކަމުގައި މިސްރުގައި ބަނީ އިސްރާއީލް ތިބީ އަޅުވެތިކަމާއި އަނިޔާވެރިކަމުގައެވެ. އަދި އެމީހުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ބިރުން ފިރުޢައުނު ދިޔައީ އެމީހުންގެ އުފަންވާ ކޮންމެ ފިރިހެން ދަރިއަކު މަރަމުންނެވެ. މިހާލަތުގައި މިސްރު އޮއްވާ ﷲ އިރާދަކުރެއްވީ ނިކަމެތިކަމުގައި ތިބި އިސްރާއިލްގެ ދަރިންނަށް ނިޢުމަތްދެއްވައި އެމީހުން ބިމުގައި އިމާމުންކަމުގައި ލެއްވުމަށެވެ. އަދި ފިރުޢައުނުގެ އަނިޔާވެރިކަމުން އެމީހުން ސަލާމަތްކުރެއްވައި ފިރުޢައުނުގެ ރަސްކަން ނެތިކުރައްވައި އެރަސްކަން އެމީހުންނަށް ބަނޫ އިސްރާއީލަށް ވާރުތަކުރެއްވުމަށެވެ. އަދި ﷲ އިރާދަކުރެއްވީ ފިރުޢައުނާއި ހާމާނު އިސްރާއީލްގެ ދަރިންނާމެދު ބިރުހީވިކަންތައް އެމީހުންގެ ފަރާތުން ކުރިމަތިކުރެއްވުމަށެވެ. މިކަން ޤަޞަޞް ސޫރަތުގެ ހަތަރު ވަނަ އާޔަތުން ހަ ވަނަ އާޔަތަށް ﷲ ބަޔާންކުރައްވައެވެ.

މިއަދު ޔަހޫދީން ފަލަސްޠީނުގައި އަރަބީންނާ ދެކޮޅަށް ހިންގަނީ ފިރުޢައުނު ހިންގި ފަދަ އަނިޔާއެވެ. މިގޮތުން 1948 ވަނަ އަހަރުން ފެށިގެން ފިރުޢައުނުގެ ދައުރު އަދާކުރަނީ ޔަހޫދީ ބޮޑުވަޒީރެވެ. ހާމާނާއި ވަޒީރުންގެ ދައުރު އަދާކުރަނީ ޔަހޫދީ ރައްޔިތުންގެ މަޖިލިހެވެ. ޔަހޫދީންގެ މި އަނިޔާވެރިކަމުގައި ފުރިހަމައަށް ބައިވެރިވަނީ ހުޅަނގުގެ ގައުމުތަކެވެ. އެއީ އެމެރިކާއާއި އިނގިރޭސީންނާއި ފަރަންސޭސީންނާއި ޖަރުމަނުންނެވެ. މިކަމުގައި ފޮރުވިފައިވާ މައިގަނޑު ސިއްރަކީ ހުޅަނގުގައި ދިރިއުޅޭ ތިން ބައެއްގެ ޢަޤީދާއެވެ. އެއީ ނަޞާރާއިންގެ ތެރެއިން އިވަންޖެލިކަލް މަޒުހަބާއި ބެޕްޓިސްޓް މަޒުހަބުގެ މީހުންނެވެ. އަދި ހުޅަނގުގައި ދިރިއުޅޭ ޔަހޫދީންނެވެ. މިބައިމީހުންގެ ޢަޤީދާގެ ބިންގަލަކީ ޔަހޫދީން ފަލަސްޠީނާއި އަލްޤުދުސްއަށް ވެރިވެރި އެތަނުގައި އެމީހުންގެ ވެރިކަން ގާއިމްވެ އެވެރިކަން ދެމިއޮތުމެވެ.

ޔަހޫދީންގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގޫރިއަން ސިފަކުރިގޮތުގައި ފަލަސްޠީނު މީހުންނަކީ ޖަނަވާރަށްވުރެ ދެރަ ބައެކެވެ. އެމީހުންގެ ކޮންމެ ބޮޑުވަޒީރަކުވެސް ފަލަސްޠީނު ރައްޔިތުން ސިފަކުރީ ޖަނަވާރުންނަށްވުރެ ނިކަމެތި ބައެއްގެ ގޮތުގައެވެ. ޔަހޫދީން މިހާރު ހިންގާ ގަތުލު އާންމުގައި އެމީހުންގެ ދިފާއީ ވަޒީރު ޔޯވ ގަލަންޓް ބަޔާންކުރިގޮތުގައި ފަލަސްޠީނު މީހުންނަކީ ފުޅިއަކަށްލާ ޑްރަގްދީފައި ތިބި ކުރަފިތަކެކެވެ. ﷲ އެންމެ މާތްކުރެއްވި މަޚުލޫގް އިންސާނާގެ ކަރާމާތްތެރިކަން ޔަހޫދީންގެ މެދުގައި ހުރިވަރު މިކަމުން އެނގެއެވެ. ޔަހޫދީންގެ މުޅި ފަލްސަފާއަކީ ފަލަސްޠީނު މީހުން ނިކަމެތިކޮށްގެން އެމީހުން އަޅުވެތިކޮށް އަނިޔާވެރިވުމެވެ. މިކަން ޒުޚުރުފް ސޫރަތުގެ 54 ވަނަ އާޔަތުން ކަށަވަރުވެއެވެ.

އަދުގެ ޔަހޫދީން ފަލަސްޠީނުގެ އަރަބީން ނިކަމެތިކުރަނީ ފިރުޢައުނު އެކަން ކުރިގޮތަށެވެ. އެހެންވެ މުޅި ދުނިޔެއަށް ޔަހޫދީން ދައްކަނީ ފަލަސްޠީނު މީހުންގެ ނުބައިކަމާއި ނުލަފާކަމެވެ. ފަލަސްޠީނު މީހުންނަކީ އިންސާނުންގެ ގޮތުގައި ބަލަންޖެހޭ ބައެއް ނޫންކަމަށް އެމީހުން މުޅި ދުނިޔެއަށް ދައްކައެވެ. އެމީހުންނަކީ ވަގުންކަމާއި އެމީހުންނަކީ ޓެރަރިސްޓުންކަމާއި އެމީހުންނަކީ ފަސާދަކުރާ މީހުންގެ ގޮތުގައި ޔަހޫދީން ދުނިޔެއަށް ދައްކައެވެ. ޒަޔޮނިސްޓް ނުފޫޒުގައި ދުނިޔޭގެ އެންމެ ބާރުގަދަ މީޑިއާތަކުން މިވާހަކަ މިގޮތަށް ފަތުރައި މުޅި ދުނިޔޭގެ ވިސްނުމާއި ފިކުރު ފަލަސްޠީނާ ދެކޮޅަށް އަނބުރައެވެ. މަޝްހޫރު ސެލެބްރިޓީން ބޭނުންކޮށްގެން ފަލަސްޠީނު މީހުންގެ ނުބައިކަމުގެ ވާހަކަ ދުނިޔޭގައި އާންމުކުރެއެވެ. މިކަމުގެ މަގުސަދަކީ ފަލަސްޠީނު މީހުންނަށް އެމީހުންނަކީ އެއްވެސް ބައެއް ނޫންކަން ދެއްކުމެވެ. އަދި އެމީހުން ދުނިޔޭގައި ތިބިކަމުގައިވިޔަސް އެމީހުންނަކީ ހަގީގަތުގައި ވުޖޫދުގައިނުވާ ބައެއްކަމަށް އެމީހުންނަށް ވިސްނައިދިނުމެވެ.

ފަލަސްޠީނު މީހުންނަށް އަނިޔާވެރިވެރިވުމުގައިވެސް ޔަހޫދީން ބޭނުންކުރަނީ ފިރުޢައުނު ގެންގުޅުނު ސްޓްރެޓަޖީއެވެ. ﷲ އަށް އީމާންވެ މޫސާގެފާނަށް ތަބާވާ މީހުން ފިރުޢައުނަށް ފެނުނީ ޚާއިނުންގެގޮތުގައެވެ. ﷲ އަށް އީމާންވާ ކޮންމެ މީހަކުވީ ގައުމަށް ހުރި ބޮޑު ނުރައްކަލަކަށެވެ. އީމާންވި ކޮންމެ މީހަކުވީ ބާޣީއަކަށް ނުވަތަ ޖާސޫސަކަށް ނުވަތަ ޚާއިނަކަށެވެ. އެހެންވެ ދައުލަތާ ކުރިމަތިވި ބިރުވެރިކަމުން މިންޖުވެ ގައުމީ ސަލާމަތަށްޓަކައި  ފިރުޢައުނު ނިންމީ ﷲ އަށް އީމާންވާ ކޮންމެ މީހެއްގެ ހަތަރެސްފައި ބުރިކޮށް ސަލީބަށް ނަގާށެވެ. މިކަން ޝުޢަރާ ސޫރަތުގެ 49 ވަނަ އާޔަތުން އެނގެއެވެ. ފިރުޢައުނުގެ އިންޒާރުތަކަށް އީމާންވި ސިހުރުވެރިން ދިނީ ފިނި ޖަވާބެކެވެ. އެމީހުން ﷲ އަށް ދެންނެވީ ފިރުޢައުނުގެ އަނިޔާއަށް ކެތްތެރިކަން ދެއްވައި މުސްލިމުންގެ ގޮތުގައި އެމީހުން މަރުގެންނެވުމަށެވެ. މިކަން އަޢުރާފް ސޫރަތުގެ 126 ވަނަ އާޔަތުން އެނގެއެވެ. މިއަދު ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުން އެސާބިތުކޮށްދެނީ ﷲ އަށް އީމާންވުމަށްވުމަށްފަހު ސިހުރުވެރިން ދެއްކި ފަދަ ވަރުގަދަ އީމާންކަމެކެވެ.

ﷲ އަށް އީމާންވާ މީހުން ބިރުގަންނަވައި އީމާންވުމަށް ނިމުން ގެންނަން ފިރުޢައުނު ކަންކުރި ގޮތަކީ އީމާންވާ މީހުންގެ ފިރިންނާއި އެމީހުންގެ ފިރިހެން ދަރިން މެރުމެވެ. މިކަން އަޢުރާފް ސޫރަތުގެ 127 ވަނަ އާޔަތުން އެނގެއެވެ. އީމާންވާ ކޮންމެ މީހެއްގެ އާއިލާގައި ތިބި ހުރިހާ ފިރިހެނުން މަރުވުމުން ވާނެގޮތާމެދު ވިސްނާލަން ހިނގާށެވެ. ދިރިތިބި ހުރިހާ އަންހެނުން ތިބޭނީ ފިރުޢައުނުގެ ސިފައިންގެ ޝިކާރައަކަށްވެފައެވެ. މިކަން 128 ވަނަ އާޔަތުން އެނގެއެވެ. އަދި ﷲ، ގަދަފަދަވެގެންވާ ފިރުޢައުނު ހަލާކުކުރައްވަފާނެކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ފަލަސްޠީނުގައި ޔަހޫދީން ގަތުލުއާންމު ހިންގަނީ ފިރުޢައުނުގެ ސްޓްރެޓަޖީ ބޭނުންކޮށްގެންނެވެ. އަނެއްކޮޅުން އެމީހުންގެ ލާއިންސާނީ އަނިޔާތަކަށް ފަލަސްޠީނުގެ މުސްލިމުން އެދައްކަނީ އީމާންތެރިކަމުގެ އެންމެ ފުރިހަމަ މިސާލެވެ.

ފަލަސްޠީނާ ކުރިމަތިވި މިބޮޑު މުސީބާތުގައި އަޅުގަނޑުމެން މުސްލިމުންގެ ކަންބޮޑުވުމާ އެންމެ ހިތްގައިމުކޮށް ގުޅެނީ ބަނޫ އިސްރާއީލްގެ ކަންބޮޑުވުމާއެވެ. އަޅުގަނޑުމެންގެ ސުވާލަކީ ފަލަސްޠީނުގެ މައުސޫމް މުސްލިމް ރައްޔިތުންނަށް މިފަދަ ބޮޑު އަނިޔާއެއް ލިބެނީ ކީއްވެ ހެއްޔެވެ؟ ފިރުޢައުނުގެ އަނިޔާވެރިކަމުގައި ބަނީ އިސްރާއީލް މީހުން މޫސާގެފާނަށް ދެންނެވީ މިޝަކުވާއެވެ. ﷲ އަށް އީމާންވެ އެއިލާހުގެ ރަސޫލާ މޫސާގެފާނަށް އެމީހުން ތަބާވުމުންވެސް އެމީހުން ފިރުޢައުނުގެ އަނިޔާއިން މިންޖުނުވި ވާހަކައެވެ. މިކަން އަޢުރާފް ސޫރަތުގެ 129 ވަނަ އާޔަތުން އެނގެއެވެ. ޖަވާބުގައި މޫސާގެފާނު ވިދާޅުވީ އެމީހުން ﷲ ގެ ޙަޟުރަތުން ވާތްގަށާއި ކެތްތެރިކަމަށް އެދުމަށެވެ. އަދި ގަދަފަދަވެގެންވާ ފިރުޢައުނު ބަލިކުރެއްވުމަކީ ކޮންމެ ވަގުތަކުވެސް ﷲ އިރާދަކުރައްވަފާނެކަމަކަށެވެ. ފަލަސްޠީނަށް ލިބެމުންދާ އަނިޔާގައި އަޅުގަނޑުމެން ގަބޫލުކުރަންވަނީ ޔަހޫދީ ދައުލަތާއި އެމީހުންނަށް ވާގިވެރިވާ ބޮޑެތި ބާރުތަކަށްވުރެ ﷲ ގެ މަތިވެރިކަން މާބޮޑުކަމެވެ. އެހެންކަމުން އެމީހުން ބަލިކުރެއްވުމަށް ﷲ ކޮންމެ ވަގުތަކުވެސް އިރާދަކުރައްވަފާނެކަމުގެ ޔަގީންކަން އޮންނަންޖެހެއެވެ. އަދި މިކަމުގައި މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގައި ދެމިތިބެންޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.