Support Us

ކޮލަމް ކަލާވެހި: އިސްރާފުގެ މައްޗަށް ކުރެވޭ އިސްރާފު!

އަޅުގަނޑުގެ ވަރަށް ގާތް އަޚެއް ކަންތައް ކުރައްވާ ގޮތެކޭ، އޭނާ އިޖުތިމާޢީގޮތުން މުހިންމުވާ ވާހަކަޔެއް ދައްކަވަން ވެއްޖިއްޔާ، ކޮންމެވެސް ގަހުވަޚާނާއެއްގެ މޭޒެއްގެ ދޮށުން ކޮންމެވެސް މަނިކަކާ ބައްދަލުކުރައްވައި، އެ މަނިކުގެ ވާހަކައިން އަޅުގަނޑުމެންގެ މުނިއަވަސް ފިލުއްވައިދެއްވުން އެއީ! އެހެންކަމުން، އަޅުގަނޑުވެސް މިފަހަރު އެކަހަލަ ގަހުވަޚާނާއަކަށް ވަދެލާން ކަމަށެވެ!

އަސްތާ، ކަމަކުދާކަށެއް ވާ ހަމަ ނެތޭ، ޤައުމުގެ ދުމަށީގައި ޖަހައިފައި ހުރި ދިލަގަނޑު ފޮޅައިލައި، ދުންހޮޅީގައި ޖަހައިފައި ހުރި ގެދަބުޅިގަނޑު ފިލުވައިލައި، ދިމާއެނދުގައި އަޅައިފައި އޮތް ބޮޑު ކުނަލުގައި ސެއްޅި އަޅައިފައި އޮތީތީ އެ ކުނާގަނޑު އެއްލައިލައި ހެދުމުގެ ދުވަސް މިއޮތީ ކުރިމަތިވެފައި ނޫންތޯއެވެ! ނަޔާ ޒަމާނެއްގެ ރަބީޢުގެ ފިނި ރޯޅިތަކުން ހުވަނދުވަމުން އައު ދުވަހަކަށް އިރުއަރާން މިހިރަ ދޮންކުރަނީ ތާއެވެ! އެންމެ ކަތުންގެ މެޔާއި ލަގޮނޑިޔަށް ފިނިކަން ގެނެސްދޭނޭ ކަމުގެ ފޮނި އުންމީދުތަކުން އެންމެންގެ ހިތްތައް މިހިރަ އަންނަނީ ފުރި ބަންޑުންވެގެންތާއޭ، ޝުކުރު ހުއްޓެވެ!

އަޅުގަނޑު އެ ތާކަށް ވަން ގަހުވަޚާނާގެ އެތެރޭގައި ދެކެވެމުން ދިޔަ އޮލަ ވާހަކަގަނޑުގެ ތެރެއިންވެސް އިވެމުން ދިޔައީ ނަޔާ ޢަބީރެއްގެ ވާހަކަތަކެވެ. އަދި ހަމަ އެހެންމެ، އަޅުގަނޑަށް އެ މޭޒެއްގެ ދޮށުގައި އީށީނދެވުނު މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިސާހިތަކު އައިސް އެ އިށީނީ އަޅުގަނޑުގެ ރަޙުމަތްތެރި ކުޑަމަނިކު ފިޔަވައި އެހެން މީހެއްވެސް ނޫން ވިއްޔާއެވެ.

ކުޑަމަނިކަކީ ނަމުން ކުޑަ، އަނގައިން ތަންކޮޅެއް ބޮޑު މީހެކެވެ. ޖާނުން އެހައި ފުޅާ ނުވިޔަސް، އަމިއްލަ ޖާހުން ފިސާރި ބައިމަތި ފުޅާ ކަމަށް ބުނާ ފަހުލަވާނެއް މެއެވެ. އަތުކުރީ އަޅާ ގަޑީގެ މަރުކާ ކުޑައިކޮށް ޖާލީ ވިޔަސް، ހިތުގައި އަޅައިގެން ހުންނަ ކަންކަން ނަޤްލީ ނުވާނޭ ކަމަށް ބުނެވޭ ޖަވާނެއް މެއެވެ. ދެން ކޮންމެއަކަސް، އޭނާ އަޅުގަނޑުގެ ކުރިމަތީގައި އިށީނުމާ އެކު ވާހަކަދައްކަން ފަށައިގަތެވެ.

ކުޑަމަނިކު: އަނހާ، މަގޭ މިތުރު މި އިންނެވީ! ކޮބާ ޙާލު އަޙުވާލު ކިހިނެއްތޯ؟

އަޅުގަނޑު: ހެއްދެވި ފަރާތަށް ޙަމްދާއި ޝުކުރު ހުރި! ޙާލު ރަނގަޅު. މަނިކުގެ ޙާލު ކިހިނެއްތޯ؟

ކުޑަމަނިކު: ހައުދަހައި ވާ ރަނގަޅޭ، އިނގޭތޯ! ދެން އަދި ވާނީވެސް ރަނގަޅު ނޫންތޯ؟ މިއޮތީ އައު ދުވަހަކަށް އިރުއަރާން ގާތްވެފައި، އެހެން ނޫންތޯ؟

އަޅުގަނޑު: ލައްބަ! އެހެން ނަމަވެސް އަޅުގަނޑަކަށް އެ ކަން އެހައި މުހިންމެއް ނޫން އިނގޭތޯ، މިހައިރަކު. އެއީ… މީދޫ ތަކުރު ބުނި ކަމަށް ބައެއް މީހުން ބުނެ އުޅޭ ބީދައިން، އައްޔެއް އަނދިރިއެއް ތަފާތު ނުވާ ކަހަލަ ޙާލެއްގައި ވިއްޔަ އަޅުގަނޑު މި އުޅެނީ.

ކުޑަމަނިކު: އެޔޯ އަނެއްކާ؟ ތިޔަ ބޭކަލުން ނޫންތޯ މިއަދު އުފާކުރައްވާން ވާނީ؟

އަޅުގަނޑު: އަޅުގަނޑު ހީކުރިން، މީގެ ކުރިންވެސް މި ކަހަލަ ދުވަހަކަށް އަލިވިލިގެން އައި އިރު އަނދިރިކަން އަލިކަމަކަށް ބަދަލުވާނޭ. އެކަމަކު ނުވި. ދެންވެސް ވާނީ ހަމަ އެހެން ހެން ހީވާ ވަރުން އެ ވާހަކަ ނުދައްކާން ކަމަށް މި އިނީ.

ކުޑަމަނިކު: އެއީ ކީއްވެތޯ؟ ތިޔަ ތިއްބެވީ ޤައުމަށް ހައުދަހައި ބޮޑެތި ޚިދުމަތް، ހައުދަހައި އަމާނާތްތެެރިކަމާއި، ނަޒާހަތްތެެރިކަމާއެކު ކޮށްދެއްވައިފައި ތިއްބެވި ޢިއްޒަތްތެރީންނޭ! ތިޔަ ބޭފުޅުންގެ ޙިކުމަތާއި ތަޖުރިބާޔަކީ މިކަހަލަ ދަނޑިވަޅެއްގައި ޤައުމަށް ހައުދަހައި މުހިންމު އެއްޗެކޭ!

އަޅުގަނޑު: އެހެން ވީމާ ތޯއްޗެ، ތިޔަ ބުނުއްވާ އެތައް ޒާތެއްގެ ތެރިކަމަކާއެކު ތިރީސް އެތަކެއް އަހަރު ޚިދުމަތް ކޮށްފައި، ޑޮކްޓަރު އަންގަވައިގެން ވަޒީފާއިން ވަކީވީމައި ދެއަތް ތަޅައިލައިފައި ނިކުންނާން ޖެހުނީ އިސްތިޢުފާ ދީފައި. ދެން ޑޮކްޓަރު އަންގަވައިގެން އިސްތިޢުފާ ދީފައި ނިކުތަސް، އަނގަޔާ އަތާ ދިމާކުރާން ބާޒާރުމައްޗަށް ދަމާކަނޑާން ނިކުންނާށޭ އަޅުގަނޑަށް ޖެހުނީ. އެކަމަކު ސިޔާސީ ބޭފުޅުން ހަމަ އެސަބަބަށްޓަކައި ވަކިވެ ވަޑައިގަތީމައި، ނޫނިއްޔާ މޫސުން ބަދަލުވީމައި ދުރަށް ޖެހިވަޑައިގަންނަވާ އިރު، އެބޭފުޅުންނަށް އެ ދެއްވާ ރިޓަޔާމަންޓު އަޅުގަނޑަށް ހަމަ ނުދެއްވީ.

ކުޑަމަނިކު: އެކަމަކު ތިބޭޅާ ވެސް ހުންނާނީ ނަންގަވާފައޭ ވެހުނު ދުވަހުގެ މީރު ފެން. ދެން މިހާރު ނުނަންގަވާ ކަމަށް ނުހައްދަވާ!

އަޅުގަނޑު: މަނިކުމެންނަށް ހީވެލައްވާނީވެސް ތިޔަހެން. އެންމެންވެސް އުޅޭނީ އެއްގޮތަކަށޭ، އެހެން ނޫންތޯ؟ އެހެން ވީމައޭ އަޅުގަނޑު މި ނަންގަތީ އައްޔެއް އަނދިރިއެކޭ!

ކުޑަމަނިކު: އެކަމަކު ތިޔަ ބޭފުޅުންގެ ޢިލްމާއި ޙިކުމަތާއި ތަޖުރިބާޔަކީ ޤައުމަށް ހައުދަހައި މުހިންމު އެއްޗެކޭ!

އަޅުގަނޑު: އެހެންވީމައި، ދެއްތޯ، އަނގަޔާ އަތާ ދިމާކުރާން ބާޒާރުމަތީ ދަމާ ކަނޑަން މި އުޅެވުނީ؟ އުޅެން ޖެހޭ ޙާލުން އަނބިދަރީންވެސް ހެޔޮ މޫނަށް ވުރެ ފުސްމޫނަށް ދޭ އިޝްތިރާކު ބޮޑީ؟

ކުޑަމަނިކު: މިފަހަރަކު އެހެނެއް ނުވާނެ.

އަޅުގަނޑު: އެނގިދާނެތާ! މިހައި ތަނަށް މި ފެންނަ މަންޒަރުތަކުން ހީވާން އުޅެނީ އަޅުގަނޑުމެން ކަހަލަ މީހުން އުޅޭން ޖެހޭނީ މިދިޔަ ދުވަސްތަކުގައިވެސް ހަމަ އުޅުނު ގޮތަށް ހެން. މާދަމާ ތިޔަ ބުނުއްވާ އިރެއް އަރާ ތަން ލޮލުގެ ކުޑަކޮޅުން ނަމަވެސް ފެނޭތޯ ބަލައިލާން ދެވޭތޯ ބަލާނަން. ކިޔޫއެއް އޮތިއްޔާ ކިޔޫޖެހިގެން ނަމަވެސް. އެ ތަނުންވެސް ދުރަށް ފަހައިނުލިއްޔާ.

ކުޑަމަނިކު: ނޫނޭ، މި ފަހަރަކު އެހެނެއް ނުވާނެ! ތިޔަ ބޭފުޅުންނަކީ ޤައުމުގެ ހައުދަހައި ބޮޑު ރައުސްމާލެކޭ. އެ ރައުސްމާލު ތިޔަ ބުނުއްވާ ގޮތަށް އިސްރާފުވެގެން ދާކަށް މިފަހަރު ދޫކޮށެއް ނުލައްވާނެ! ޔަޤީން!

އަޅުގަނޑު: އަޅެ އެނގިދާނެތާ! އަޅުގަނޑުމެން ކަހަލަ މީހުން މުސްތަޝާރުން، ޔަޢުނީ ކޮންސަލްޓަންޓުންގެ ގޮތުގައި ބޭނުންކުރެއްވިޔަސް… ދެއްތޯ؟ އެކަމަކު މިހައިރު އެ ތިއްބެވި ބޭފުޅުން ބައިތިއްބަވާފައި، އިހު ފަހަރުހެން މި ފަހަރުވެސް ކަން ހިނގައިފިއްޔާ އެ ވާނީ އިސްރާފުގެ މައްޗަށް ކުރެވޭ އިސްރާފަކަށް.

ކުޑަމަނިކު: ތިޔައީ ތެދެއް.

އަޅުގަނޑު: އަޅުގަނޑު މާދަމާވެސް ނިކުންނާނަން ބާޒާރު މައްޗަށް. މަސައްކަތެއް ލިބޭތޯ މަހުޖަނުން އަރިހުން. ނުލިބިއްޖިއްޔާ ބައިނަލް އަޤްވާމީ ދުނިޔެވެސް އެބައޮތް، އެހެންނޫންތޯ؟ އެ ދުނިޔެއިންވެސް ނުލިބިއްޖިއްޔާ، އަޅުވެރި، ހިތް މަޑު މީހުންގެ ޞަދަޤާތްވެސް…

ކުޑަމަނިކު: އަސްތާ! ތި ވަރަށް ހިތްކުޑައި ނުކުރައްވާ! މިފަހަރު ރަނގަޅުވާނެ!

އަޅުގަނޑު: ހިންގަވާ ދެތިން މަހެއް ފަހުން ހަމަ މި ތަނުން ބައްދަލުވެ، ހަމަ މި ވާހަކަ ދައްކައިލަމާ!

އަޅުގަނޑުގެ ނަސީބު ރަނގަޅުކަމުން، ގަހުވަޚާނާޔަށް ދައްކަން އޮޮތް ބިލުވެއް މިފަހަރު އަދާކޮށްދިނީ ކުޑަމަނިކެވެ. އެއީވެސް އަޅުގަނޑަށް ހައުދަހައި ބޮޑު ވަރެކެވެ.

އެހެން ނޫނީ، މަހަކު އެއްފަހަރު މިހެން ބޮއިލާ ގަހުވަ ތަށިވެސް ވެގެން ދަނީ، އަޅުގަނޑުމެން ކަހަލަ މީހުންގެ ޢިލްމާއި ޙިކުމަތާއި ތަޖުރިބާއިން ކުރެވެމުން މި ދާ ކަހަލަ، އިސްރާފުގެ މައްޗަށް ކުރެވޭ އިސްރާފަކަށެވެ.