ފަތިހަކުން އަލިކޮށްލި އިރު ފަހެ، ޢަޞްރަކަށް ފަހު އޮއްސެޔޭ
ދަތިކަމަށް ހިތް އޭގެ ފަހުގައި އަނދިރިކަން ފުރޮޅައިލަޔޭ
ގަސްގަހުން ފޮޅި ފަރިވެލާ މާތައް ހަވީރާ ހެނދުނުގައި
ވަސްފިލައިގޮސް މޯޅިވާ ޒާތުން މިލައިގެން އެބަދެޔޭ
ފިޔަޖަހާ ނަލަ ރީތި ތަރިތައް އުޑުމަތީގައި ރޭރެޔަށް
ހިޔަނިވެސް ތަރިތަކުގެ ނެތިގޮސް އިރުތަކެއްނުވެ އޮއްސެޔޭ
ހަޅަދިޔައިގައި ފަޅުފަޅަށް ބިޔަ މަސްމަހާމެހި އެރިކަމަކު
ފަޅަކުގައި އެއްވެސް މަހެއް ބިޔަ، ހިކިދިޔައިގައި ނޫޅެޔޭ
ދޮންވުމުން ގަސްގަހުގެ މޭވާ ދޫނިތައް ދުރު ނުމެވެޔޭ
އޮންނަ އެހެނަސް އާދައޭ މޭވާ ނެތިއްޔާ ނާދެޔޭ
ފަރިވެ ފޮޅިފައި އިންނަ މަލުގައި ބީހެމުން ދިޔަޔަސް ކޮކާ
ފަރިކަމުގެ ހިނދުކޮޅު ފިލައިގެން ދާފަހުން ދެން ނުލެފެޔޭ
ދުނިޔެ ދައްކާ ފިޠްރަތީ ގިނަގުނަ މިސާލާ ޢިބްރަތާ
އުނިކަމެއްނެތި ދައުރުވާ ގޮތުގައި އަބަދު ހިގަނމުން ދެޔޭ
