މިސާލުތަކެއް ދުނިޔެ ދައްކާ ޙިސާބުން ޢަދަދު ނުވެވޭނޭ
އިސާހިތަކުން ބަދަލުވާ ގޮތް ފިސާރި ތަފާތު ބޮޑުވާނޭ
ފޮޅޭ މާތައް ދެއިރު ފިންޏަށް ނޮޅޭ ފިޔަކޮޅު މިލައިގެންގޮސް
އޮޅޭވަރު ވާހިނދުން ސިފަތައް މޮޅޭ ނުހިތާ ނުވެސްވާނޭ
ދުވާލާ ރޭގަނޑުގެ އުޅަނދަށް ސަވާރުވެގެން ޒަމާން ދާތީ
ޒުވާންކަމަކީ ފިލައިގެންދާ ނުވާކަމަކަށް ވެގެންދާނޭ
ފިލާވަޅުތައް މިފަދަ ދަސްކޮށް ބިލާހަށް ހެއްލި ނުގަތިއްޔާ
އިލާހަކު ވާކަމަށް މުންކިރު ހިލާ ކުރެވޭން ނުއޮންނާނޭ
ހަނދުން ފުރިހަމަ ދިނަސް ހަނދުވަރު މަހުން އައި ތޭރަ ސާދައިގައި
އަނދުން ކުލަވަރު އަރާފައިވާ ރެޔަށް ކަޅުފައި ފުރޮޅިދާނޭ
މައިންބަފައިން އަޚުންއުޚުތުން އެކީގައި އުޅުނުހައި މިތުރުން
ނައިސް ނުމެދާ މަރާއެކުގޮސް ހަނދާނުންވެސް ފޮހެވިދާނޭ
މުދާތައް ދުނިޔެވީ ބޭނުންތަކަށް އެއްކޮށް ޖަމާކޮށްގެން
ނުދާންހުއްޓަސް އަޖަލުޖެހުމުން ލަހެއްނެތި މަރުވެގެންދާނޭ
ލޮލުން ދެކެދެކެ ތިމާހުއްޓައި މިކަން މިމަގަށް ހިނގާއިރުގައި
ބޮލުން ކުޑަވެސް ކަނެއް ދޭނަމަ ފިލާވަޅު ހާދަ ދަސްވާނޭ
