...

Support Us

އަޙައްމަދުބެ: އެހާރާއި މިހާރު

މަތީގައި، ކަނާތް ފަރާތުގައިވާ ފޮޓޯއަށް ބަލައިލާށެވެ.

އެއީ ޖަޕާނު މީހެއް ކަމަށްވާ ކަޒުނޯރީ ހަޝިމޮޓޯ 1980ގެ އަހަރުތަކުގައި ނުވަތަ 90ގެ ކުރީކޮޅު ފުވައްމުލަކު ރަސްގެފަންނުގައި ނަގައިފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ ފެންނަން ފެށީ ސޯޝަލް މީޑިއާގެ ތެރެއިންނެވެ. ހަނދާންވާ ގޮތުން މި ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލީ ފުވައްމުލަކުގެ ކުރީގެ މޭޔަރ ފަލާޙް ޝަރީފެވެ.

އެ ފޮޓޯގައި، މުންޑެއް އަނދެގެން، ހުސްގަޔާ ހުރި، ވަރަށް ކަސްރަތީ ހަށިގަނޑެއްގެ ވެރިޔަކު މަސް ކަނޑައިގެން، މަސްތައް ހިފައިގެން ހެވިފައި އަންނަތަން ފެނެއެވެ. އެ ފޮޓޯގައި އެ ފެންނަ މީހަކީ ކާކުތޯ ދެނެގަތުމަށް އަޅުގަނޑުގެ އެފް.ބީ ޕޭޖްގައި ޕޯސްޓްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވީއެވެ.

މި ޕޯސްޓް ރައްޓެއްސަކަށް ފެނިފައި އެއީ ފީށިގަނޑިގޭ އަޙައްމާދީ ކަމުގައި ބުންޏެވެ. އަދި އެ ފޮޓޯއިން ފާހަގަކުރެވުނު ބައެއް އެހެން މީހުންގެ ނަންތައްވެސް އޭނާ ކިޔައިދިނެވެ.

އޭގެ އެއް އަހަރު ފަހުން، މިދިޔަ ހަފުތާގައި، މި ރަށު އާސާރީ ގެއެއް ކަމަށްވާ "ގޮންގަލި" ފެނިގެން ފޮޓޯއެއް ނެގުމުގެ ތެރޭގައި އެ ގެއަށް ވަންނަން އައި ދޮށީއުމުރުގެ މީހަކު އަޅުގަނޑުގެ ފޯނުގެ ލެންސަށް އެރީ ކާކުން އެނގިގެނެއް ނޫނެވެ. އަދި އަމުދުން ކުރިން ދެނެގަތުމަށް މަސައްކަތްކުރި މީހަކަށް މި މީހާ ވެދާނެއެކޭ ވެސް ހިތަކަށް ނާރައެވެ.

ނަމަވެސް ގޮންގަލީގެ ވާހަކަ ޖެހުމުން ކުރިންވެސް މަޢުލޫމާތު ދިން މީހާ އަޅުގަނޑު ކައިރީގައި ބުނީ މިހާރު ތިޔަ އުޅެނީ ކުރިން ނޭނގިގެން އުޅުނު މީހާގެ ފޮޓޯއެއް އަމިއްލައަށް ނަގައިގެން ކަމަށެވެ. އެ ހިސާބުން އަނެއްކާވެސް ގޮންގަލި އަޙައްމަދުބެއާ ބައްދަލުކޮށްލައި ވާހަކަ ދައްކާލާހިތުން އެގެއަށް ގޮސް އަޙައްމަދުބެއާއެކު ދުފާލައި ހެދުމަށް ވަގުތުކޮޅެއް ހޭދަކޮށްލީމެވެ.

މިހާރު އުމުރުން 82 އަހަރު ވެފައިވާ އަޙައްމަދުބެ ދިރިއުޅުމަށް ފުރަތަމަ ފެށި މަސައްކަތަކީ ރާވެރިކަމެވެ. އެކަން ކުރަމުންދަނިކޮށް އޭނާގެ މަންމަގެ އެދުމަކަށް އެކަން ހުއްޓައިލީއެވެ. ދެން އެއަށްފަހު މަސައްކަތްކުރީ މަހަށް ދިއުމަށެވެ. އެކަމަކު މަސްވެރިކަމަށް އަޙައްމަދުބެ ހިތްޖެހުނު ގޮތުގެ ވާހަކަ އަދި މާ ޝައުޤުވެރިއެވެ.

"ކުޑައިރު ކިޔަވަން ގޮސްފައި ދަނީ އަތިރިމައްޗަށް. އަތިރިމަތީގައި އިންނައިރު މަހަށް ގޮސްފައި އަންނަ ހަ ފަލީގެ ދޯނިތައް މަސްބާނައިގެން ރަށަށް ވަނުމަށް އަންނަނީ ވަރަށް ފޯރީގައި އަންބާ ކިޔައިފައި ފަލިޖަހަމުން. އަހަރެން އެންމެ ބޮޑަށް ބަލަނީ ފަލިޖަހާ މީހުންގެ ޙަރަކާތްތަކަށް. އެމީހުންގެ ޙަރަކާތްތައް ވަރަށް ޝައުޤުވެރިކަމާއެކު ބަލަހައްޓައިގެން އިންނަން. އެ މީހުންހާ މޮޅަށް ފަލިޖަހާލަން އަހަރެން ބޭނުންވޭ،" އަޙައްމަދުބެ ކިޔައިދިނެވެ.

ދުވަސްތަކެއް ފަހުން އަތިރިމަތީގައި އުޅޭ ދޯންޏެއްގެ ކެޔޮޅެއް އަޙައްމަދުބެއަށް ގޮވާލައިފައިި މަހަށްދާންވީނޫންހޭ އެއްސެވެ. އެއަކަށް އެއްވެސް ޖަވާބެއް ދޭކަށް އަޙައްމަދުބެއަކަށް އެ ދުވަހަކު ނުކެރުނެވެ. ނަމަވެސް ފަހުން އެހެން ބައެއްގެވެސް ހިތްވަރު ދިނުމާއެކު އޭނާ މަހަށްދާން އެއްބަސްވެ، އެކަމަށް ތައްޔާރުވިއެވެ.

"މަހަށް ނުކުތް ފުރަތަމަ ދުވަހު އަހަރެން ފަލިޖެހިގޮތުން، އެތަން ފެނިފައި ފަޅުވެރިއަކު ކެޔޮޅުމީހާ ކައިރީގައި އަހަނީ އަލަށް ނިކުންނަ މީހުންނަށް ފަލިޖަހަން ނޭނގޭނެޔޭ ބުންޏަސް މި އަޙްމަދު އެކަން މި ކުރަނީ ނޫންހޭ،" އަޙައްމަދުބެ ބުންޏެވެ. "މި ސުވާލު އުފެދުނީ އަހަރެން އަލަށް މަހަށް ނިކުތް ދުވަހު ފަލިޖެހުމުގެ ހުނަރު ރަނގަޅުވުމުން އެކަމާ ފަޅުވެރިން ހައިރާންވެގެން."

އަޙައްމަދުބެ ފުރަތަމަ މަހަށް ނުކުމެ މަސްބާނައިގެން އެނބުރި ރަށަށް އައި ދުވަސްވީ ރާއްޖޭގެ ތާރީހުގައި ވެސް ވަރަށް ތާރީޚީ ދުވަހަކަށެވެ. އަޙައްމަދުބެމެންގެ ކުޑަ ދޯނި ރަށާ ކައިރިވަމުން އައިއިރު ރަށުގެ އެންމެން ކަހަލަ ގޮތަކަށް ނިކުމެ އަތިރިމަތީގައި އެކި ހިސާބުގައި ތިއްބެވެ. ރަށާ ކައިރިވާ ވަރަކަށް އެންމެންވެސް ގޮވަމުން ދިޔައީ އިތުރަށް ކުރިޔަށް (ރަސްގެފަންނަށް) ނުގޮސް އަވަހަށް ރަށަށް ވަނުމަށެވެ. މީހުންތަކުގެ އާދޭހާއެކު ކެޔޮޅުމީހާ ބިސްމިﷲ އޭ ކިޔައި ދޯނި ރަށަށް ވެއްދިއެވެ. ނަސީބަކުން ރާޅެއްގައި ނުޖެހި، ދޯންޏަށް ކަމެއްނުވެ އެއްގަމަށް އާދެވުނެވެ. ދެން ހުރިހާ އެންމެން ވެގެން ދޯނި ދަމައި އިސާހިތަކު އެއްގަމަށް އެހެލައިފިއެވެ.

މި ދުވަސް ވެގެން މިދިޔައީ އައްޑޫގައި އުފެދުނު ސުވާދީބު ސަރުކާރާ ދެކޮޅަށް މާލޭ ސަރުކާރުގެ ސިފައިންގެ ބޯޓެއް އައިސް ފުވައްމުލަކަށް ބަޑިޖެހި ދުވަހަށެވެ. ސިފައިން ބަޑިން ދިން ހަމަލާގެ ވަޒަނެއް އަރައި ފުވައްމުލަކު ދޭލިގޭ ތުއްތުމަނިކު މަރުވެގެން ވެއްޓުނެވެ. އަދި އިތުރު ބަޔަކަށް ވަޒަން އަރައި އެކިވަރުގެ އަނިޔާ ލިބުނެވެ.

"އަލަށް ބަނދެ ބޭނުންކުރަން ފެށި ހަ ފަލީގެ ތިން ދޯނި އަހަރެން ބާކުރިން. އަދި އަމިއްލަ ބޮއްކުރައެއްގައި ވެސް މަސްވެރިކަން ކުރިން،" އަޙައްމަދުބެގެ މަސްވެރިކަމުގެ ތަޖުރިބާ ކިޔައިދެމުން ބުންޏެވެ.

އަޙައްމަދުބެ މަސްވެރިކަން ކުރުމަށް ކަނޑުމައްޗަށް އެރުން ހުއްޓާލުމަށްފަހު ދޯނިފަހަރާއި ބޯޓްފަހަރުގައި ގަމަށްޖެހުމުގެ މަސައްކަތްވެސް ކުރިއެވެ.

އަޙައްމަދުބެގެ މާބޮޑު ސިއްޙީ މައްސަލައެއް މިހާރުވެސް ނެތެވެ. ނަމަވެސް ވަރަށް ކުރީއްސުރެ ހިމުގައި ރިއްސުމެއް އުޅެއެވެ. އެ ރިހުން މިހާރުވެސް ހުރެއެވެ. އަޙައްމަދުބެ ލަފާކުރާގޮތުން އެއީ މަސްވެރިކަމުގައި އެހާ ގިނަ ދުވަހު އުޅުމުން ދިމާވެފައިވާ ކަމެކެވެ.

ނޯޓް:

* ހިމުގައި ރިއްސުން އެ ބުނެވުނީ ފުވައްމުލަކު ބަހުރުވައިން. ރަސްމީ ބަހުރުވައިގައި ބުނާނީ އުނަގަނޑުގައި ރިހުމޭ

* ފުވައްމުލަކު ބަހުރުވައިން ގަމަށްޖެހުމޭ އެ ބުނެވެނީ އުޅަނދުފަހަރު ބަންނައިރު ދެ ފިލާ ދޭތެރޭގައި އިހުގައި ރޯނު ފަދަ އެއްޗެއް އެތެރެއަށް ވައްދާ ވެއްދުމަށް.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *