Support Us

ކޮލަމް ކަލާވެހި: ބިދޭސީންގެ އާފާތުން މި ޤައުމު ސަލާމަތްނުވާ އެއް ސަބަބު

މިފަހަރުގެ ލިޔުން ތަންކޮޅެއް އާދައިގެ ބަހުރުވައިން ލިޔެލާނަމެވެ. ސަބަބެއް އޮވެގެންނެވެ! އެއީ މި ލިޔުން ކިޔާ ހަމަ އެންމެންނަށް ލިޔުމުގައި ބުނާ އެއްޗެއް ފަސޭހައިން ދޭހަވުމުގެ ފުރުޞަތު ބޮޑުކުރުމެވެ.

އާފާތޭ މި ބުނީ ހަމަ ޤަޞްދުގައެވެ. ދިވެހިބަހުގެ ރަދީފުގައި ’އާފާތް‘ މި ލަފުޒުގެ ދެ މާނަ އެބައޮތެވެ. އެއީ، ’މުޞީބާތް‘ އަދި ’ބޮޑެތިއުނދަގޫ‘ މި ދެ މާނައެވެ. ދެންފަހެމި ދެ މާނަޔަށް ވިސްނާއިރުވެސް، ބައެއް ކަހަލަ ބިދޭސީންގެ ފަރާތުން މި ރާއްޖެޔަށާއި މި ޤައުމަށް ޖެހިގެން މި އުޅެނީ އާފާތެއް ނޫން އެއްޗެކޭ ބުނެވޭކަށް ނެތެވެ.

މި ޤައުމުގެ ރައްޔިތުންގެ ތެރެއިން އާދައިގެ މީހަކު ވިޔަފާރިޔެއް ފަށަން ކުޑަ ފިހާރަގަނޑެއް ހުޅުވާން ބޭނުންވެއްޖެތަ، އޭނާ އެ ތަނަށް ނަމެއް ކިޔައި، ތަން ރަޖިސްޓަރީކޮށް، ހުޅުވައި، ހިންގާން ފަށަން އެތައް ތާކަށް ހިނގައި، އެތައް ހުއްދަޔެއް ނަގައި، އެ މަގުގައި އެތައް ތަކުލީފެއް އުފުއްލާން ޖެހިދެއެވެ. ކުރާ ކޮންމެ ވިޔަފާރިޔަކުންހެން ދައުލަތަށް ޓެކްސް ވެސް ދައްކާން ޖެހެއެވެ. މި ކަންކަން ނުކޮށްފިތަ، ފިހާރަގަނޑު ޖެހޭނީ ބަންދުކުރާށެވެ. އެޔާ ޚިލާފަށް، ބިދޭސީޔަކު ހަމަ އެ ޒާތުގެ ތަނެއް ހުޅުވައިގެން ހިންގާން އެ ފަދަ ތަކުލީފުތަކެއް އުފުލާން ޖެހޭހެނެއް ހީއެއް ނުވެއެވެ. ކުރާ ވިޔަފާރީން ޓެކްސް ދައްކާހެނެއް ވެސް ހީއެއް ނުވެއެވެ. ކަން އޮތީ މިހެން ކަމަށް ވަންޏާ، ދިވެހީންގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކޮށްގެން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާން އުޅޭ އާދައިގެ މީހާ ޖެހޭނީ އިނދައެވެ! އޭނާގެ ދިރިއުޅުމަށް އެ ކުރިމަތިވަނީ އާފާތެއް ކަމަށް އޭނާޔަށް ފެންނާނެއެވެ.

ދެން އޮތީ އަވަށްޓެރި ޤައުމުތަކަށް ދާ ދިވެހީން އެ ޤައުމުތަކުގައި ތިބުމަށް އެ ޤައުމުތަކުން ދޫކުރާ ވިސާގެ މުއްދަތު ހަމަވާ ފަހުން ހަމަ އެންމެ ދުވަހަކުވެސް އެތާނގައި އުޅެފިތަ، އެ މީހަކާއި، އެ މީހަކާ އެކީ ގެންދިޔަ ކުދިބޮޑު އެންމެން ’ހޮވައިލައިގެން‘ ގެންގޮސް ޖަލުބަންދަށް ލާ ވާހަކަ ދޭތެރެދޭތެރެއިން ނޫސް ތަކުން ފެނެއެވެ. އެހެން ނަމަވެސް، ވަކި ޒާތެއްގެ ބިދޭސީން މި ރާއްޖެޔަށް ހަމަ ކަނޑައެޅިގެން ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ވަދެ، ހިތު ހުރިހައި ދުވަހަކު އުޅޭނޭ ގޮތަކަށް އުޅޭންވީއެވެ. ވާނޭ ކަމެއް އޮންނަ ހެނެއް ހީއެއް ނުވެއެވެ. ދެން އެ މީހުން އުޅެނީ ފިލަފިލައިގެން، ބޮނދަބޮނދައިގެނެއް ނޫނެވެ. ޢާންމުން އެއްވެ އުޅޭ ތަންތަނަށް ގޮސް، އެ ތަންތަނަށް އަނބިދަރީން ގޮވައިގެން ގޮސްލައި އުޅޭ ދިވެހީންނަށް ނުފޮރުއްޕާނަކަށް ވާވަރަށް ފޯނުން އަޑުގަދަކޮށް ލަވަޖަހައި، އެކަކު އަނެކަކު ފަހައި ދުވެ، ކުޑަކުދީން ކުޅޭން ތިބޭ ތަންތަނަށް ގޮސް ސިނގިރޭޓު ދުން އަރުވައި، މީހުން ނުލާހިކު ލޯބިން އަގުބޮޑުކޮށް ގަނެގެން ގެންގުޅޭ ސައިކަލު ކުޑަހަރުގައި ހުއްޓައި އޭގެ ދެތިން މީހުން އެޔަށް ސަވާރުވެ، މިނިވަން ކަމާއެކީ ހަމަ އުޅޭންވީއެވެ. ފެންނާނޭކަ، ދަންނާނޭކަ، ފިޔަވަޅެއް އަޅާން ކެރޭނޭކަ، ބާރުވެރި ފަރާތެއް އެކަހަލަ ތަންތަނާ ގާތްވާހެނެއް ހީއެއް ނުވެއެވެ. ދެން ބިދޭސީންގެ އެ އުޅުންވެސް އެއީ އާފާތެއް ކަމަށް ފެންނާނީ އެ އުނދަގުލާ ކުރިމަތިލާން ޖެހޭ، އާދައިގެ ދިވެހި ކެނަޔަށެވެ!

މި ބުނާ ޒާތުގެ ކަންކަމާ މެދު ވާހަކަދައްކައިލީމައި، ގިނަ މީހުން އެންމެ އަވަހަށް އިނިގިލި ދިއްކުރާން އުޅޭނީ ޤާނޫނަށެވެ. ޤަވާޢިދަށެވެ. އެ ދެ ބާވަތް ހަދާ މީހުންނާއި ތަންފީޒުކުރާން ތިބޭ މީހުންނާ ދިމާޔަށެވެ. ކިހައި ފަސޭހަ ހެއްޔެވެ؟ އެހެން ނަމަވެސް، ބިދޭސީންގެ މި ބަލާ އާފާތުން މި ޤައުމު ސަލާމަތް ކުރުމަށް ކުރާން ޖެހޭ މަސައްކަތަށް ހުރަސްއަޅާ ބަޔަކު ތިބޭކަން އެނގި، އެ ބަޔަކާ ދިމާޔަށް އިނގިލި ދިއްކުރުމަކީ އެންމެ ފުރަތަމަ ކުރާން ޖެހޭ ކަންތައް ކަމަށް އަހަރެންނަށް ފެނެއެވެ. އާފަތުގެ ބޮޑު ބައެއްގެ ފެށުމާއި ދެމިއޮތުން އޮންނަނީ މިރާއްޖޭގެ ކަރުގައި ދީވާލްޕާހެން ބަގުޑިބައްދައިގަނެގެން މި އުޅޭ ބިދޭސީން އެ ޒާތަށް އުޅޭން އެ މީހުންނަށް ފުރުޞަތު ހޯދައިދީ، އަދި އެންމެ ފަހުން އެ މީހުންގެ ދަށުވެގެން އުޅޭން ޖެހި، އެ މީހުންގެ ދިފާޢުގައި ވަކާލާތުކުރާން މަޖުބޫރުވެފައިވާ، ވަކި ޒާތެއްގެ ކަމީނާ ދިވެހީންނާ ހަމަގައެވެ.

ހަމަ އެންމެ މިސާލެއް މިތާނގައި ލިޔެލާނަމެވެ. ކަމާބެހޭ ވުޒާރާގެ ދަފުތަރުގައި ނެތް ކުންފުންޏެއްގެ ވަޒީފާޔަކަށް އައި، ވުޖޫދުގައި ނެތް ކަމަށް ފެންނަ މީހެއްގެ ފުލޯކު ވާހަކަޔެއްގެ ސިފައިގައެވެ. އެކަމަކު، ތިޔައިގެ ތެރެއިން އެތައް ބަޔެއްގެ ކުރިމަތީން ފެންނަ ޙަޤީޤަތްތަކެއް މި ފުލޯކުން ފެނުމަކީ ހަމަ ގައިމު ކަމެކެވެ.

މެތުޕާސް އިންޓަރނެޝަނަލް ޕްރައިވެޓް ލިމިޓެޑް އަކީ ރާއްޖޭގެ ބޮޑު ކުންފުންޏަކަށް މިހައިރު ވިޔަސް، އެ ކުންފުނި ވެސް ފެށީ އާދައިގެ ކުޑަ ވިޔަފާރިޔެއް ކުރާ ކުންފުންޏެއްގެ ގޮތުގައެވެ. ކުންފުނީގެ ވިޔަފާރީގެ ދާއިރާ ފުޅާވަމުން ގޮސް މެދުފަންތީން އަރައިގަންނަން ފަރިކޮށްލި ދުވަސްވަރު، ކުންފުނީގެ ހިސާބުކިތާބު ބަލަހައްޓައި ހަދާނޭ އެކައުންޓަންޓަކަށް ބޭނުންވެއްޖެއެވެ. ކުންފުނިން ގޯސް ހެދުނީ އެ ހިސާބުންނެވެ. އެ ގޯހަކީ ކޮބައި ބާވައެވެ؟ އެ ގޯހަކީ، ރާއްޖޭގައި އެކައުންޓަންސީގެ ދާއިރާއިން ކިޔަވައިގެން ތިބި އެތަކެއް ޒުވާނުން ވަޒީފާޔެއް ނެތި ތިއްބައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަމީދު ރާއްޖޭން ބޭރަށް ކޮށް އުޅުނު ދަތުރުތަކުގައި އޭނާޔަށް ރޭގަނޑު ’އަތްގާތްކޮށްލައިދޭން‘ އުޅޭ ބިދޭސީ ރައްޓެއްސެއް ކަމަށް ވާ ޕެންމައިވާދި ޕިއްލޭ ގާތު އެ ވާހަކަ ދެއްކުމެވެ!

ޙަމީދު ގާތު އޭނާގެ ބިދޭސީ އަޚު ޕިއްލޭ ބުނި ގޮތުގައި، ވަރަށް ރަނގަޅު، އަމާނާތްތެރި، ހީވާގި އެކައުންޓަންޓަކު އެބަހުއްޓޯލައެވެ. ނަމަކީ ސޫލްޗިކުމާރު ވަޅައިންދަން އެވެ. އޭނާޔަށް ކުޑަ މުސާރަޔެއް ދީގެން ގެންދިޔައިމާ ހުރިހާ ކަމެއް ޙައްލުވާނެޔޯލައެވެ.

ކަން ވީވެސް އެހެންނެވެ. މިސްޓަރ ސޫލްޗިކުމާރު ވަޅައިންދަން އަށް ވަޒީފާ ލިބިއްޖެއެވެ. އޭނާ މާލެ އައިއިރު ގެނައީ ދެބައިންބާވެފައިއޮތް، ކުޑަވަރެއްގެ ހަން ދަބަސްގަނޑެކެވެ. އޭގައި އޮތީ ބައުވެފައިވާ ދެ ފަޓުލޫނު ގަނޑަކާއި، ހަމަ އެޙާލުގައި އޮތް ތިން ގަމީހާއި، ކުޑައިކޮށް ދަބަރު ޖަހައިލައިފައި އޮތް، ތިލަ ލައްވާ ޒާތުގެ ރޭޒަރަކާއި، ކާށިތެޔޮ އަޅައިފައި ހުރި ބިއްލޫރި ފުޅިޔެކެވެ. އޭނާގެ މުސާރަޔަކީ މަހަކު ފަންސާސް ޑޮލަރެވެ. އެއީ އެކައުންޓަންސީ ކިޔަވައިގެން ހުރި،އަމާނާތްތެރި ދިވެއްސަކު މުސާރަޔެއްގެ ގޮތުގައި އެ ދުވަހު ބަލައިނުގަންނާނެ މުސާރަޔެކެވެ. އެކަމަކު ސޫލްޗިކުމާރަށް އެއީ އެ ދުވަހު ހައުދަހައި ބޮޑު އެއްޗެކެވެ.

މެތުޕާސް އިންޓަރނެޝަނަލް ކުންފުންޏާ ސޫލްޗިކުމާރު ގުޅުނުތާ ހަމަ ކުޑަ ދުވަސްކޮޅެއް ނުވަނީސް، ކުންފުނީގެ ބޮސް ޙަމީދުއާ ސޫލްޗިކުމާރު ވަރަށް ގާތް ވެއްޖެއެވެ. ޙަމީދު އެކި ފަރާތްތަކާ ދޭތެރެދޭތެރެއިން ހަދައިލާ ’ޑީލް ތަކުގެ‘ އެންމެ ވަތުބަތާނައިގައި ހުންނަނީ، ޙަމީދު ކިޔާ ގޮތުން ނަމަ، ސޫލްޗި އެވެ. ސޫލްޗިޔާ ނުލައި ޙަމީދަކަށް އެއްވެސް ކަމެއް ނުވާ ހިސާބަށް ސޫލްޗިގެ ހަވާސާކަން ބޮޑުވެއްޖެއެވެ. އަދި ކުންފުނީގައި މަސައްކަތްކުރާ ދިވެހި އެތައް މުވައްޒަފުންނެއް ކުރާ ’ކެރަވަޅު‘ ކަންކަން ސޫލްޗި އޭނާގެ ބޮސް ޙަމީދު އަށް ޤަވާޢިދުން އަންގަމުން ގެންދިޔައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އޭގެ ތެެރެއިން ބައެއް މުވައްޒަފުންނަށް ނޯޓިސް ދެވި، ނޯޓިސް އަށް ކަމޭނުހިތާ މުވައްޒަފުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވެމުން ވެސް ދިޔައެވެ. ފަހަރަކު މީހަކު، ފަހަރަކު މީހެކެވެ. އަދި ކުންފުނިން ވަކިވެގެން ދާ، އަމާނާތްތެރިކަން ނޫނީ ހީވާގިކަން ނެތް ދިވެހި ކޮންމެ މުވައްޒަފެއްގެ ބަދަލުގައި ބިދޭސީއަކު ގެނެވެއެވެ. މިފަދައިން ބަދަލުގައި ގެންނަ ކޮންމެ މީހަކީ ސޫލްޗި ކުންފުންޏަށް ދޭ ’އަހުމިއްޔަތާއި އަޅައިލުމުގެ‘ ތެރެއިން ގެނެވޭ ކޮންމެވެސް ކުމާރެއް، ޕިއްލޭއެއް، ނުވަތަ ލިންގަމް އަކަށް ވުމީ އޭގެ އާޚިރު ނަތީޖާޔާ މެދު ޙަމީދު އެހައި ބޮޑަށް ވިސްނި ކަންކަމެއް ނޫނެވެ.

މެތުޕާސް އިންޓަރނެޝަނަލް ކުންފުނީގެ މިއަދުގެ ޙާލަތަކީ، ކުންފުނީގެ މަތިފަޑިމަތީގެ އެންމެހައި ވަޒީފާތަކުގައި ބިދޭސީން ތިބެގެން ހިންގީމައި ކުންފުނި ދެން އޮންނާނޭ ޙާލަތެވެ. ކުންފުނިން އިހަށް ވަމުން ދިޔަ ކަހަލަ ފައިދާޔެއް މިހައިރަކު ނުވެއެވެ. ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅުޖެހެމުން، ނުޖެހެމުން ކަހަލަ ގޮތަކަށް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން އެބަހަރަ ދެއެވެ. ކުންފުންޏަށް ލިބޭ ނުވަތަ ލިބެންވާ ފައިދާ ’ލީކުވެގެން‘ އެބަ ދާކަން އެމް.ޑީ ޙަމީދުއަށް އެނގުނަސް، ލިބޭ ފައިދާގެ ބޮޑު ބައި ދަނީ ސުލްޗި އާއި އޭނާގެ އަޢުވާނުންގެ ޖީބަށް ކަން ހަމީދުއަށް އެނގުނަސް، އޭނާ އެކަމާ ކުރާނޭ ކަމެއް މިއަދަކު ނެތެވެ. އެހެނީ، ޙަމީދު ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި ރޭގަނޑު ’އަތްގާތްކޮށްލައިދޭން‘ ވެސް މިހައިރު އުޅެނީ ކުރީގެ ޕެންމައިވާދި ޕިއްލޭއެއް ނޫނެވެ. އެ ރޯލުވެސް އަދާކުރަނީ ސުލްޗި އެވެ. ޙަމީދު އެކި ފަރާތްތަކާ ދޭތެރެދޭތެރެއިން ހަދައިލާ ’ޑީލް ތަކުގެ‘ އެންމެހައި ޙަޤީޤަތެއްވެސް ދެނެހުރީ ސުލްޗިއެވެ. އެހެންކަމުން، ޙަމީދު މިހައިރު އެ ހުރީ ސުލްޗިގެ މަޅީގައި ބަނދެވި، ހަފުސްވެފައެވެ.

ސުލްޗި އަކީ މިހައިރު ބޮޑު މަހުޖަނެކެވެ. އޭނާގެ ފިހާރަތަކާއި ފެކްޓަރީތައް ރަށުގައި އެބަހުއްޓެވެ. ގަނޑުވަރެއް ކަހަލަ ގެޔަކާއި، އެންމެ ފަހުގެ މޮޅު ކާރެއް ގެންގުޅެއެވެ. އޭނާ މީހަކާ އިނދެގެން ލިބުނު ތިން ދަރީން ތިބެނީ އިނގިރޭސި ވިލާތުގައި، އެންމެ އަގު ބޮޑު ޕްރައިވެޓް ސްކޫލެއްގައި ކިޔަވާށެވެ. އޭނާ ވަޒީފާ އަދާކުރާ ކުންފުނި ދަރަމުން ދިޔަޔަސް، އޭނާ ފައިސާގެ މަތީގައި އުދުހެނީއެވެ.

ސުލްޗި ކަހަލަ އެތަކެއް އެކައުންޓަންޓުން ރާއްޖޭގައި އެބަ ތިއްބެވެ. އެކަމަކު، އެ މީހުން ފޮނުވައިލެވޭކަށް، އެ މީހުންގެ މަޅީން ސަލާމަތްވެވޭކަށް ނެތެވެ. އެހެނީ، އެ މީހުން ފޮނުވައިލާ ކަހަލަ ވާހަކަޔެއް ހަމަ ދައްކައިލާއިރަށް އެ މީހުންގެ ދިފާޢުގައި ތެދުވަނީ އެ މީހުންނެއް ނޫނެވެ. ސިޔާސީ ލީޑަރުންނާއި މަޖިލީސް މެމްބަރުންގެ ދޮރުގައި ޓަކިޖަހަނީ ޙަމީދުމެން ކަހަލަ، ސުލްޗި ކަހަލަ މީހުންގެ ދަށުވެފައިތިބޭ ދިވެހީންނެވެ.

ދެން މައްސަލަ ޙައްލުވާނީ ކޮންފަދަޔަކުން، ކިހިނެއްހެއްޔެވެ؟

ސުލްޗިގެ ވާހަކަޔަކީ ފުލޯކު ވާހަކަޔެކެވެ. އެހެނަސް، މި ފުލޯކު ވާހަކައިގައި ޙަޤީޤަތެއް އެކުލެވިގެން ވަންޏާ، އެ ޙަޤީޤަތުގެ ނުރައްކާތެރިކަމުން ސަލާމަތްވާން އެޅޭނޭ އެއްވެސް ފިޔަވަޅެއް އެބަ އޮތް ބާވައެވެ؟ އެެެޔެއް އެނގޭނީ ދެތިންހަތަރުފަސް، ނުވަތަ ހައެއްހަތެއް ނަމަވެސް ސުވާލު ކޮށްލައިގެންނެވެ.

މިރާއްޖެޔަށް ބިދޭސީން ޤަވާޢިދާ ޚިލާފަށް އެތެރެވެގެން އުޅުން ހުއްޓުވަން މިހައިރުވެސް ބައެއް ފިޔަވަޅު އެޅިފައި އެބަހުއްޓެވެ. ވަކި ޤައުމަކުން ވަކި ކަހަލަ ކަންކަމު މީހުން ގެނައުން ހުއްޓުމަކަށް ގެނެވިއްޖެއެވެ. އެހެންނަމަވެސް، މިހައިރުވެސް މިތާނގައި ޤަވާޢިދާ ޚިލާފަށް އުޅެމުން ގެންދާ މީހުން ފަސޭހައިން ބޭރުކުރެވޭނޭ ގޮތެއް އެބަ އޮތް ބާވައެވެ؟ ނެތިއްޔާ، އެ މީހުން ޤަވާޢިދާ ޚިލާފަށް ރޯމާ ދުވާލު ކުރަމުން އެ ގެންދާ ވިޔަފާރިތައް ހުއްޓުވާލެވިދާނެ ބާވައެވެ؟ ޤަވާޢިދާ ޚިލާފަށް މިތާ އުޅެ، ޤަވާޢިދާ ޚިލާފަށް ކުރަމުން ގެންދާ ވިޔަފާރިތަކުން ނަގަމުން ގެންދާ ފައިދާ އެގޮތްމިގޮތަށް ރާއްޖެއިން ބޭރުކުރަމުން އެ ގެންދާ ގެންދިޔުން، ޔަޢުނީ ބޭރު ފައިސާ ރާއްޖޭން ބޭރަށް ފޮނުވުން ހުއްޓުވިދާނެ ބާވައެވެ؟ ވަކި ކަހަލަ ތަންތަނެއްގައި ވަކި ކަހަލަ މަސައްކަތްތަކެއް ކުރާން ތިބެވޭނީ ބިދޭސީންގެ ވަކި އިންސައްތައެއް ކަން ކަށަވަރުކޮށް، އެ ކަން ތަންފީޒު ކުރެވިދާނެ ބާވައެވެ؟ ކިޔަވައިގެން ހުރި، ތަޖުރިބާވެސް ހުރި ދިވެހީން ވަޒީފާ ނެތި މަގުމަތިވެފައި ތިއްބައި، ކޮންމެވެސް ޢުޒުރެއް ދައްކައިގެން ބިދޭސީންނަށް ވަޒީފާ ދޭ ދިނުން ހުއްޓުވިދާނެ ބާވައެވެ؟

ބިދޭސީން މިރާއްޖެ އައިސް ވަކިހިއްޕައިލައިގެން ދިހަބާރަ އަހަރު އުޅެ، ތަނަށް ގަދަވެ، ގާތްތިމާގެ އެންމެން ގެނެސްގެން ކުދި ޖަމާޢަތް ހަދައިގެން އެ އުޅޭ އުޅުން ޤާނޫނަކުން ހުއްޓުވިދާނެ ބާވައެވެ؟ ބިދޭސީޔަކަށް ރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ ގިނަވެގެން މިތައް އަހަރުއޭ، ދެން ޖެހޭނީ ދާށޭ ބުނެ، އެކަން ޤާނޫނަކުން ކަށަވަރުކުރެވިދާނެ ބާވައެވެ؟

މިހައި ހިސާބަށް މި ދެއްކުނީ ކުރެވިދާނޭ ކަންކަމުގެ ވާހަކައެވެ. ދެން އޮތީ އެޔަށް ވުރެ މާ އުނދަގުލުން ކުރެވޭނޭ ކަމެއްގެ ވާހަކައެވެ. އެއީ، އެއްގޮތަށް ވުރެ ގިނަ ގޮތުން ބިދޭސީންގެ ދަށުވެފައި ތިބީތީ، ބިދޭސީންގެ ކަންކަން ހަމަޔަކަށް އެޅުވުމާ ދެކޮޅަށް ވާހަކަ ދައްކައި، ސިޔާސީ ގޮތުން ޙަރަކާތްތެރިވެ، އެކި ގޮތްގޮތުން ވަކާލާތު ކުރާ ދިވެހީންގެ މައްސަލަ ޙައްލުކުރުމެވެ. ބިދޭސީންގެ އާފާތުން މި ޤައުމު ސަލާމަތްނުވާ މައިގަނޑު އެއް ސަބަބަކީ އެއީ އެވެ. އެކަމަށް ޙައްލެއް ހޯދާން މަސައްކަތް ނުކުރެވުމެވެ.