Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ޓެލެމެޑިސިން އާއި ޓެލެ އެޑިއުކޭޝަންގެ ފައިދާ

ދިވެހިރާއްޖެ ފަދައިން ދުރަށް ފެތުރިފައި އޮންނަ ރަށްރަށް ހިމެނޭ ގައުމުތަކަށް މި ޒަމާނުގެ ޓެލެ ޚިދުމަތްތައް ވަރަށް ބޭނުންތެރިވެފައި އެތައް ގޮތަކުން ފަސޭހަވެ ޚިދުމަތްތަކުގެ ޚަރަދު ވެސް އެތައް ތަނެއް ކުޑަވެގެން ދާނެއެވެ. އެގޮތުން ތިރީގައި މިވަނީ ރާއްޖޭގެ ރަށްތަކަށް މިހާރުވެސް ދުރުން ގެނެވިދާނެ ބައެއް ޚިދުމަތްތަކެވެ.

ޓެލެމެޑިސިން: ދުރުން ބޭސްފަރުވާ އާއި މަޝްވަރާ ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީ ބޭނުން ސިއްހީ ހިދުމަތް ދިނުމަކީ މިހާރު އާންމުކޮށް ކުރިޔަށްދާ އުސޫލެކެވެ. މިގޮތުން 1960ގެ އަހަރުތަކުން ފެށިގެން ޓެލެމެޑިސިން އައީ ކުރިއަރައިގެންނެވެ. މި ކަންތައް ބާރަށް ކުރިޔަށް ދާން ފެށީ ކޯވިޑް-19ގެ ދުވަސްވަރުގައެވެ.

ޓެލެމެޑިސިން ތަރައްގީވެފައިވަނީ އާދައިގެ ފޯނު މަޝްވަރާތަކުން ފެށިގެން ތަޖުރިބާކާރުންގެ ވީޑިއޯ ކޮންފަރެންސްތަކާއި، ބައެއް ކަހަލަ ޑިވައިސްތަކާއި ސްމާޓްފޯން އެޕްތަކުންނެވެ. އެއީ ވާޗުއަލްކޮށް ޑޮކްޓަރަށް ދެއްކުމާއި، ބަލިމީހުންގެ މައްސަލަތައް ރިމޯޓުން މޮނިޓަރ ކުރުމާއި، ޑައިގްނޯސް ކުރުމަށް މެޑިކަލް އިމޭޖްތަކާއި ޑޭޓާ ޓްރާންސްމިޓް ކުރުން ފަދަ ގިނަ ހިދުމަތްތަކެވެ. އެފަދަ ކަންތައް މިހާރު ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

ޓެލެމެޑިސިން ތައާރަފް ކުރުމަށް އިންޓަނެޓްގެ ގުޅުން ރަނގަޅުކުރުމާއި، ޑިޖިޓަލް ގޮތުން ޑޮކްޓަރަށް ދެއްކުމުގެ، ފަސޭހަ ސިއްހީ ފަރުވާގެ ގޮތްތަކަށް މިހާރު އަންނަނީ ޑިމާންޑް ބޮޑުވަމުންނެވެ.

މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް މެޑިކަލް ރިސާޗްގައި އާންމު ޓްރެންޑްތަކާއި އާ އުންމީދީ ދާއިރާތަކެއްކަން ފާހަގަކޮށްލެވެއެވެ. މެޑިކަލް ޖަމިއްޔާތަކާއި ދިރާސާކުރާ މުއައްސަސާތަކުން މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

ޓެލެމެޑިސިންގެ ފައިދާ

ފަސޭހައިން ކޮންމެ ހިސާބަކަށް ވެސް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތް ވުމަކީ މިކަމުގެ އެންމެ ބޮޑު ފައިދާއެވެ. މީގެ ސަބަބުން ބަލިމީހުން ދުރު ހިސާބުތަކަށް ދަތުރުނުކޮށް ދުނިޔޭގެ މޮޅެތި ޑޮކްޓަރުންނާ މަޝްވަރާކޮށް އަދި މާ ޚަރަދު ކުޑަކޮށް ޚިދުމަތް ލިބޭނެ ގޮތް މެދުވެރިވެގެން ދެއެވެ.

ދިގު މުއްދަތަށް ދެމިގެންދާ ބަލިތައް ހުންނަ މީހުންނަށް ގަވާއިދުން ޗެކަޕް ހެދުމާއި މޮނިޓަރ ކުރެވޭނެ ގޮތްތައް ވެސް މިގޮތުން ފަހިވެގެންދެއެވެ.

ޓެލެ އެޑިއުކޭޝަން

ޓެލެ އެޑިއުކޭޝަނަކީ ދުރު ޖަޒީރާތަކުގައި ދަރިވަރުންނާއި އަދި އާންމުކޮށް އެންމެންނަށްވެސް ތައުލީމު ފޯރުކޮށްދިނުމަށް ވަރަށް ފައިދާ ހުރި ގޮތެއް ކަމަށް ބެލެވެއެވެ. އެއީ ރަށްތައް ހުންނަ ދުރުމިނާއި އެކަހެރިކަމުގެ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި މިގޮތުން މަތީ ފެންވަރުގެ ތައުލީމީ ވަސީލަތްތަކާއި އެހީތެރިކަން ލިބިގެންދާނެ ކަމެއް ވެސް މެއެވެ.

މި ގޮތް ބޭނުންކޮށްގެން ތައުލީމު ދޭ އިރު އާދައިގައި ކޮންމެ މާއްދާއަކަށް ވަކީން ތައުލީމު ދޭ އުސޫލުތަކަށް ވުރެ އަގުހެޔޮވެފައި މިގޮތުން މާ ރަނގަޅު ފެންވަރުގައި ތައުލީމު ދެވޭނެ މަގު ތަނަވަސްވެއެވެ.

މިއީ ދަރިވަރުންނާއި އާންމުންނަށް ވެސް މާ ފަސޭހަ ގޮތެއްގައި ތައުލީމު ހާސިލު ކުރުމަށް ފުރުސަތު ލިބިގެންދާ ވަސީލަތެކެވެ.

ދުރު ރަށްރަށުގައި ޓެލެ ތައުލީމު ދިނުމުގައި ވެސް ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ. އެއް ގޮންޖެހުމަކީ ދަރިވަރުންނާއި އާންމުންނަށް ބޭނުންވާ ޓެކްނޮލޮޖީއާއި އިންފްރާސްޓްރަކްޗަރ ލިބޭނެ ގޮތް ހެދުމެވެ. އަނެއް ގޮންޖެހުމަކީ ޓެލެ އެޑިއުކޭޝަން ބޭނުންކުރާ ދަރިވަރުންނާއި އާންމުންނަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތް ވެސް ހޯދުމެވެ.

ނަމަވެސް ޓެލެ އެޑިއުކޭޝަންގެ ފައިދާ މި ގޮންޖެހުންތަކަށްވުރެ ބޮޑެވެ. އެހެންކަމުން ދުރު ރަށްތަކަށް މިގޮތުން ތައުލީމު ލިބޭނެ ފުރުސަތު ފަހިކޮށްދިނުމަކީ ކަމާބެހޭ ދާއިރާތަކުން ކުރެވިދާނެ ކަމެކެވެ.

ދިވެހިރާއްޖެ ކަހަލަ ރަށްރަށުގައި އެމްޑީއީއައި އިން އިންޓަރެކްޓިވް ލާނިން މޮޑިއުލްތަކާއި ވީޑިއޯ ފިލާވަޅުތަކާއި ޕްރިންޓް މެޓީރިއަލްސް ހިމެނޭ ގޮތަށް އިންސްޓްރަކްޝަން ފޯރުކޮށްދިނުމަށް އޮންލައިން އަދި އޮފްލައިން ރިސޯސްތައް މިހާރުވެސް ކޮންމެވެސް ވަރަކަށް ބޭނުންކުރެ އެވެ. އަދި ދަރިވަރުންނަށް ޓީޗަރުންނާއި މެންޓަރުންގެ އެހީތެރިކަން ލިބޭއިރު، އޮންލައިން ޓިއުޝަން ދިނުމާއި ޑިސްކަޝަން ފޯރަމްތަކަށް ވެސް ފުރުސަތު ލިބެން ހުރެ އެވެ.

މިފަދަ އަނެއް މިސާލަކީ ޖަޕާނުގައި ހިންގާ "ޓެލެނާސިން ފޯ ސެލްފް މެނޭޖްމަންޓް އެޑިއުކޭޝަން އޮން ކާޑިއޯމެޓަބޮލިކް ކޮންޑިޝަންސް" ޕްރޮޖެކްޓެވެ. މި މަޝްރޫއުގައި ވީޑިއޯ ކޮންފަރެންސިން އާއި އޮންލައިން ރިސޯސްތައް އެއްކޮށްލައިގެން ތައުލީމު ފޯރުކޮށްދޭއިރު، ބައިވެރިންގެ ޢިލްމާއި، އަމިއްލައަށް ކަންކަން ބެލެހެއްޓުމުގެ ސުލޫކާއި، ކާޑިއޯމެޓަބޮލިކް އިންޑިކޭޓަރުތަކުގެ ގޮތުން އުއްމީދީ ނަތީޖާތަކެއް ދައްކަމުންދެއެވެ.