ފަލުރަށެއްގައި އުދަވެ އިރު ހަނދު އެރިޔަކަސް ފެންނާނެހޭ
ކަޅު އަނދިރި ރެއަކަސް ތަފާތެއް ފަހެ ލޮލަށް ފެންނާނެހޭ
ދޮންވެގެން މޭވާ އަޅައި ފައްކާވެފައި ގަސްތައް ވިއަސް
އެންމެ މީހަކު ނެތް ރަށެއްގައި ރަހަ އެއިން ބެލިދާނެހޭ
މުގުރަމުންދާ ރާޅުތައް ފުއްޓަރު ފަރާތުން ފަރުދޮށަށް
ގުގުރުމާ އެކު އަންނަ ޠޫފާން މީހަކަށް ފެންނާނެހޭ
ކުކުޅު ހާލާ ގެރިބަކަރި އަދި ދޫނިތައް އެކުވެރިވެގެން
އުކުޅު ދައްކައި ކުޅެ ހަދާ މަންޒަރު ލޮލަށް ފެންނާނެހޭ
ރީތި ރިހި ހަނދުވަރު ތެރޭގައި ކިރު ކަކުނި ދުވެ ހެދިޔަކަސް
ރީތި މަންޒަރު ދެކި އުފާ ކުރެވޭނެ މީހަކު ވާނެހޭ
ގުލްހަޒާރާ ގުލް އެ ޗަމްޕާ ފަރިވުމުން ވަސް ފެތުރުނަސް
ބުލްބުލާ މުނިޔާތަކާ ނޫނީ މަލަށް ބޮސްދޭނެހޭ