Support Us

ކޮލަމް: އަލި

ކޮލަމް އަލި: ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން… "އުންމީދީ ގުލްޝަނުން"

އެއީ 1988ވަނަ އަހަރެވެ. އަޅުގަނޑަށް 14 އަހަރެވެ. ދިވެހި ތާރީޚުގައި ފާހަގަކުރެވޭ އަހަރެކެވެ. ދިވެހިރާއްޖެއަށް ތަމަޅަ ޓައިގަރުންގެ ޖަމާޢަތެއް އަރައި މާލެ ހިފި އަހަރެވެ. އަޅުގަނޑުގެ މަންމަ ފަރާތު ބޮޑުބެ މޫސާބޭގެ ގެ ލިލީގެއަކީ އަޅުގަނޑު ޅަފަތާއި ތުއްތު އިރާއި ކުޑައިރުގެ އެތައް ހަނދާނެއް ބިންވަޅުނެގިފައިވާ އުފާވެރި ވެށްޓެކެވެ. އެއްފުރާވަރުގެ އެންމެ ގާތް ދެ އެކުވެރިންގެ ގެޔަށް ވުމުން ވެސް މެއެވެ. އެއީ ތަޤިއްޔުއާއި ޞަފިއްޔުއާ އެކު އެތައް ވަގުތެއް ހޭދަވި ހިތްގައިމު ހިޔާވައްސެވެ. ހުތް ފޮނި ރަހަ ދޭ އެ މީރު ކުންނާރުގަސް މަތިން އަދިވެސް ހަނދާން ވެއެވެ.

ހަޔާތުގެ ތުއްތު އިރުގެ އެތައް ވަގުތެއް ހޭދަވި ހިޔާވަހި ފަހުން ވީ އަޅުގަނޑުގެ މުސްތަގުބަލަށް ކޮށްދައިން އައު މަގެއްގެ ފިނި ހިޔަލަށެވެ. އެއީ 88ވަނަ އަހަރު އެ ގޭގެ ގޯތީގައި އެޅި ޓިޔުޝަން ސެންޓަރެވެ. އެ ތަން އެޅީ އަޅުގަނޑުމެންގެ ލޮބުވެތި އަންހަންމައިދިބެއެވެ. އެއީ އަޅުގަނޑުގެ ބޮޑުބެގެ އެންމެ ދޮށީ ދަރިފުޅެވެ. އެންމެންގެ އަހަންމައިދިބެއެވެ. އެ ސެންޓަރު އެޅީ ލިލީގެއާއި އެ ގޭ ގިފިއްޔާ ދެމެދު އޮތް ހުސްތަނުގައެވެ. އެއީ ވަރަށް ކުޑަކުޑަ ރީތި ކިލާހެކެވެ. އަހަންމައިދިބެ އެ ތަން ހެދީ ގާފުޅު ރާނައިގެން މެއްލަ ޖަހައިގެން ބިތް ގަތައިގެންނެވެ. މަތީގައި ހުންނަ ހަނދާން ވަނީ ޓިނެވެ. ނަމަކަށް ކީ "އުންމީދީ ގުލްޝަން" އާދެ އުންމީދީ ގުލްޝަން ކިލާހެވެ. މި ނަން ކިހާލުގެ ބޭރުގައި އަހަންމައިދިބޭގެ އަތުލިޔުމުން ބޮޑުކޮށް ލިޔެފައި އޮވެއެވެ. އަހަންމައިދިބޭގެ އަތުލިޔުން ވަރަށް ރީތިވާނެއެވެ. އަވަސް ލިޔުން ވެސް އެހައި ރީއްޗެވެ.

ކޮންމެއަކަސް އުންމީދީ ގުލްޝަނުގައި އަޅުގަނޑުމެންނަށް އަދަބީ ހުނަރުތައް ދަސްކޮށްދީ ކިޔަވައިދިނީ އަހަންމައިދިބެއެވެ. ރަށުގެ ވަރަށް ގިނަ ކުދިން މި ކިލާހަށް ދިޔަ ހަނދާން ވެއެވެ. އެއީ އުފާވެރި ދުވަސްކޮޅެކެވެ. އެ ކިލާހުގައި އަންހަންމައިދިބެ ކިޔަވައިދިނީ ދިވެހިބަހާއި އަދަބިއްޔާތެވެ. އިސޮޕްގެ ބުއްދިވެރި ވާހަކަތައް ދޭތެރެދޭތެރެއިން ކިޔައިދެއެވެ. އެކި މައުޒޫތަކަށް ވާހަކަދައްކަން ދަސްކޮށްދިނެވެ. އެ ކަމުގެ ނަމޫނާ ޚުދު އަހަންމައިދިބެ ދައްކައިދެއެވެ.

ދިވެހިބަހުން ރީތިކޮށް އިބާރާތްކުރާށާއި ޖުމުލަތައް ކުރުކޮށް ފޮނިކޮށް ގެންނާނޭ މަގުތަކުގެ އަސާސީ ހުނަރުތަކުގެ އާރުލާ ބިންގާ އަޅުގަނޑުގެ ހިތުގައި އެންމެ ފުރަތަމަ އަޅައިދިނީ އަހަންމައިދިބެއެވެ. އެއީ އެއީ ރީތި ލިޔުންކޮޅުކޮޅާއި ޅެންބައިތުތައް ފަދަ އަދަބީ ގޮތުން ފޭރާން މޮޅު ތަކެތި ހިތުދަސްކުރުވުމެވެ. އަހަންމައިދިބެ ދިން އިބާރާތްތަކުގެ ތެރެއިން އަބަދުވެސް ހިތުގައި ބިންވަޅުނެގިފައިވާ އެއް އިބާރާތެއް އޮވެއެވެ. އަޅުގަނޑުގެ ދަރިވަރުންނަށް ވެސް އެ އިބާރާތް ވަރަށް ގިނަ ފަހަރު ކިޔަވައިދީ ދަސްކޮށްދެމެވެ. އެ އިބާރާތް އަންނަނިވި ފޮޅުވަތްތަކުގައި މި ވަނީއެވެ.

"ރީތި ގޮތަކަށް ފިޔަ ޖަހާ އެހެރަ ތަރިތަކާއި އެ ތަރިތަކުން ދުނިޔެއަށް ދީފައިވާ ރީތިކަމާއި މޫރިތިކަމުގެ މައްޗަށް ނަޒަރު ހިންގައިލުން މެންދަމުގެ ފުރިހަމަކަން ހިތަށް ވަދެއެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅިއާ އެކު ގަސްގަހާގެހީގެ ފަތްތައް އެކަތިގަނޑަކަށް ވެސް ރީތި ރާގަކަށް ނަށަމުން ދެއެވެ. ހަމައެއާ އެކު މާމެލާމެލީގެ މީރު ވަހުން މުޅި ތަން އެއްވަސް ކުރުވަމުން ދެއެވެ."

މިއީ އަހަންމައިދިބެ ކުދިންގެ ފޮތުގައި ލިޔުއްވި އިބާރާތެކެވެ. އިބާރާތް ދިނީ އިމްލާގެ ގޮތުގައެވެ. އަހަންމައިދިބެ ކީމާ އަޅުގަނޑުމެން ޖެހެނީ ލިޔާށެވެ. އަޑު އަހައިގެން ލިޔެ ނިމުނީމާ އަހަންމައިދިބެ މާކުކުރަނީއެވެ. ސުކުންތައް ޖެހުނީ ރަނގަޅަށް ތޯއާއި އަކުރާއި ފިލި ހުންނަ ގޮތް ބަލައި ނުބައިކޮށް ހުންނަ ކަންކަން އިސްލާހުކޮށް އަލުން ލިޔަން ޖައްސައެވެ. އަޅުގަނޑު ހިތުން އަޅުގަނޑު ފަދަ އެތައް ކުދިންނެއްގެ ހަނދާނުގައި މި ކަންކަން ދިރިދިރިވާނެއެވެ.

އުންމީދީ ގުލްޝަން ވީ އަޅުގަނޑު ފަދަ އެތައް ދަރިވަރުންނަކަށް ކުރިމަގުގެ އުންމީދުތައް ހާސިލްވާން ދިއްލުނު ހުޅުކޮޅަކަށެވެ. ކުޅުނު ތަމްސީލުތަކާއި ހެދި ލަވަތަކާއި ޅެންތައް މިހާރު ވީ ހިސާބެއް ވެސް ވީ ތަނެއް ވެސް ނޭނގެއެވެ. އަހަންމައިދިބެ ދުނިޔޭގައި ހެޔޮހާލުގައި އެބަ ހުއްޓެވެ. އެ އުފާވެރި ގުލްޝަނުން ފޮޅުނު މާމެލާމެއްޔާއި އެ ގުލްޝަނަނަށް ޒިޔާރަތް ކުރި މައިނާތަކާއި ގުރާތަކާއި ކޮކާތައް އަދު އެކިއެކި ދިމަދިމާތަކުން ފެންނާތީ ވަރަށް އުފާވެއެވެ. ނޮވެންބަރު 3ގެ ބިރުވެރި ހާދިސާއަށް ފަހު މާގިނަ ދުވަހެއް ނުވެއެވެ. އަދި 1989ވަނަ އަހަރު ފެށުނު ތަނާހެން ނޫނީ އެ އަހަރުގެ މެދެއްހައި ހިސާބުގައި، ކިލާހުގެ ކަންކަން އަންހަންމައިދިބެ ކުރިޔަށް ގެންދިޔުން ހުއްޓައިލިއެވެ. ކަނޑައެޅިގެން ކޮން ހިސާބެއްގައި ކަމެއް ނޭނގެއެވެ. އަދި 89ގެ ފަހުކޮޅު ޑިސެންބަރުގައި އަޅުގަނޑު ވެސް ކިޔަވަން ބަދަލުވީ މާލެއަށެވެ. އުންމީދީ ގުލްޝަނުން ދިރުވި އެތައް ހާސް އުންމީދުގެ ހިތާއި ފުރާނަޔާއިގެންނެވެ. ރަށާއި އުންމީދީ ގުލްޝަނާ ވަކިވާން ޖެހުމުން ކަރުނަ އޮއްސަމުންނެވެ. އުންމީދީ ގުލްޝަނަށް ފަހުން ވީ ކިހިނެއް ކަން ދަންނަވާކަށް ނޭނގެއެވެ. އެ ވީ ގޮތެއްގެ ހަގީގަތް އެނގޭނީ އަހަންމައިދިބެއަށެވެ. އެ ސަފުހާ ދެން ދޫކޮށްލަމެވެ. އަދި 90ވަނަ އަހަރުގެ ބޮޑު ޗުއްޓީއަށް ރަށަށް ދިޔަ އިރު އުންމީދީ ގުލްޝަން ހުރީ ރޫޅައިލައިފައެވެ. އެ ތަން ހުރި ތަން އޮތީ ސާފުކޮށްފައެވެ. އުންމީދީ ގުލްޝަން ނެތަސް ކީއް ހެއްޔެވެ؟ އެ ތަން ދަސްކޮށްދިން އުންމީދުގެ އެތައް ހުނަރަކާއި އުކުޅެއްގެ ބޭނުން ހިފައި މަދަރުސީ ބޮޑު ޗުއްޓީއަކީ ރަށަށް އަންނަ ބޮޑު އުފާވެރި މަހާސަމާއަކަށް އަޅުގަނޑުމެން ކުދިން ހެދީމުއެވެ. އުފާވެރި އީދުތަކަށް ހެދީމުއެވެ. އެފަދަ އުންމީދީ ގުލްޝަނަކަށް މިއަދު އަލުން ނިލަންދޫ އިންތިޒާރު ކުރާ ފަދައެވެ.