...

Support Us

ކޮލަމް ކަލާވެހި: "އެ މީހުންގެ އައި.ޑީ ކާޑު ނަންބަރުތަކާއި ރަސްމީ އެޑްރެސްތައް ޖަހައިގެން އާދޭ!"

މިއީ ޙަޤީޤަތޭ ކިޔުނު ޖަޒީރާގެ ގެނބުރަށް ފުންކޮށްލި ފުލޯކު ވާހަކައެކެވެ. އެކަމަކު މިއިންވެސް ފިލާވަޅެއް ހަމަ ލިއްބައިދީފާނެ، އެހެންނޫންތޯއެވެ!

ޒުލްފާޔަކީ އުތުރުގެ ކުޑަވަރެއްގެ ރަށަކުން މާލެއައިސް، މާލޭގެ އަމިއްލަ ކުންފުންޏެއްގެ މައި އޮފީހަކުން ކާތިބާއެއްގެ ވަޒީފާ ހޯދައިލައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭތޯ ހިތްވަރުކުރަމުން ގެންދިޔަ މީހެކެވެ. އޭނާޔަކީ އޮފީހުގެ ސެކްރެޓަރީން ދައްކަވާ މަސައްކަތް ހީވާގިކަމާއެކު ކުރަމުން ގެންދިޔަ މީހެކެވެ. އަދި އޭގެ އިތުރުން، އޮފީސް ހިންގަވަން ހުންނަވާ ހީވާގި ވެރިޔާގެ ކޮފީޖޯޑުކޮޅު ވަތްކުރުމާއި، މަސައްކަތުމީހާ ސަލާންބުނާ ދުވަސްދުވަހު އެންމެންގެ ވަށިގަނޑު ސާފުކޮށް، ތަޅުންގަނޑުގައި ފިހިގަނޑުއަޅައި ސާފުކުރުމާއި، މިހުރިހައި ކަމެއްވެސް ހަމަ އުފަލާއެކު ކޮށްދެމުން ގެންދިޔަ މީހެއް މެއެވެ.

ކަން މިހެން އޮއްވައި، އޮފީހުގައި އުޅޭ އަހަންމަދު ކިޔާ މަސައްކަތުމީހާގެ ނުސިޔާނު އުނދަގޫތަކެއް ޒުލްފާޔަށް ފޯރާން ފަށައިފިއެވެ. ނުސިޔާނޭ ދެންނެވީމައި އެ ދަންނަވާ އެއްޗެއްގެ މާނަ ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެތީ، އެ އުނދަގޫތަކުގެ ތަފްޞީލަކަށް މިތާކު ނުދާނަމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަންމަދުގެ ފަރާތުން ޒުލްފާޔަށް ފޯރަމުން ދިޔަ އުނދަގޫތަކަށް ހުއްޓުމެއް ނައެވެ. އަދި އެ އުނދަގޫތަކަށް ހުއްޓުމެއް ގެނައުމަށް ޒުލްފާ ކުރި އެއްވެސް ކަމަކުން އެދެވޭ ނަތީޖާޔެއްވެސް ނުފެނުނެވެ. އަހަންމަދުގެ އުނދަގޫކުރުން ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ވާނީވެސް އެހެންނެވެ. އަހަންމަދަކީ އޮފީހުގެ ވެރިޔާގެ މާ އަރިސް މީހެކެވެ. އޭނާޔަކީ ވެރިޔާޔަށް ބާޒާރުކޮށްދީ، ގޭތެރެ ފޮޅައިދީ އުޅޭ ހީވާގި މުވައްޒަފު ވިއްޔާއެވެ.

އަހަންމަދު ޒުލްފާޔަށް ކުރަމުން ގެންދިޔަ ގޯނާޔަށް ކެތްނުވާ ހިސާބަށް ދިޔުމުން ޒުލްފާ އެ ކަން ރަސްމީކޮށް އޮފީހަށް ހުށައަޅައިފިއެވެ. އެ ހުށައެޅުމުގެ ނަތީޖާ ފެނިގެން ދިޔައީ ޒުލްފާ ހީކުރި ގޮތަކަށް ނޫނެވެ. އަދި އަހަންމަދު ޒުލްފާޔަށް ކުރަމުން ގެންދިޔަ ގޯނާ ލޮލުން ދެކި، އަތުން ހިފޭ ހިސާބުގައި ތިބި ގިނަ މީހުން ހީކުރި ގޮތަކަށްވެސް ނޫނެވެ. އެންމެން ހީކުރީ ވަޒީފާ ގެއްލޭނީ އަހަންމަދުގެ ކަމަށެވެ. ނަމަވެސް ކަން ވީ އެޔާ ދިމާ އިދިކޮޅަށެވެ. ވަޒީފާ ގެއްލުނީ ޒުލްފާގެ އެވެ.

ޒުލްފާ ދެންވެސް ދުލެއް ނުކުރިއެވެ. އޭނާޔަށް އެ އޮފީހުން ދިން އަނިޔާގެ ވާހަކަ ހިފައިގެން އޭނާ ތަފާތު އެކި މުއައްސަސާތަކުގެ ދޮރުދޮރުގައި ޓަކިދިނެވެ. ކިޔޫތަކުގައި މަޑުކުރިއެވެ. އޮންލައިން ކޮށް އެވެނިމިވެނި ކަންކަން ކުރާށޭ އެވެނިމިވެނި ތަންތަނުން ބުނީމައި އެ ގޮތަށް ކަންކުރާން ދަންނަ ކުދީންނަށް ފައިސާ ދީގެން އެ ތަންތަނަށް ބޭނުންވާ ގޮތްގޮތަށް އެ މައްސަލަ ހުށައެޅިއެވެ. އެއިން އެއްވެސް ތާކުން ޒުލްފާޔަކާ އަޅައެއް ނުލިއެވެ. އެންމެ ތާކުން ފިޔަވައެވެ. އެ ތަނަށް މައްސަލަ ހުށައެޅީމައި އެތަނުން ޒުލްފާޔަށް އެންގީ އެތަނަށް ހާޒިރުވުމަށެވެ.

ޒުލްފާ އެތަނަށް ހާޒިރުވިއެވެ. އަދި އެތަނުގެ ކަމާ ބެހޭ އޮފިސަރުގެ ކުރިމައްޗަށް ގެންދެވުމުން ދެން ކަން ހިނގާދިޔަގޮތް ތިރީގައި އެވަނީއެވެ:-

އޮފިސަރު: ޒުލްފާ މިތަނަށް ހާޒިރު މި ކުރެވުނީ ޒުލްފާ މިތަނަށް ލައިފައި އޮތް ފޯމު ފުރިހަމަ ނުވާތީ.

ޒުލްފާ: ބައްލަވަ، އަޅުގަނޑު އެ ފޯމު ބަރާބަރަށް އޮންލައިންކޮށް ފުރިން.

އޮފިސަރު: ހުށައެޅި މައްސަލަ އެއީ ހިނގި ކަމެއް ކަން ދަންނާނެ ހެކިންގެ ނަންތައް އެކަނި ފޯމުގައި ޖަހައިފައި އޮތީ. އެމީހުންގެ ރަސްމީ އެޑްރެސްތަކާއި އައިޑީ ކާޑު ނަންބަރުތަކެއް ނެތް.

ޒުލްފާ: ބައްލަވަ، އެއިން ކޮންމެ މީހަކީ އަޅުގަނޑު ވަޒީފާ އަދާކުރި ތަނުގެ ވަޒީފާގައި ތިބި މީހުން. އެމީހުން ދިރިއުޅޭ ތަންތަން އަޅުގަނޑު ދަންނަން. އެކަމަކު އެއީ އެމީހުންގެ ރަސްމީ އެޑްރެސް ކަމެއް ނޫންކަމެއް ނޭނގޭ. ކިހިނެއްތޯ އެމީހުންގެ މާލޭ ރަސްމީ އެޑްރެސް، ނޫނީ ދަފްތަރު ނަންބަރު، ނޫނީ ރަށު އެޑްރެސް އަޅުގަނޑަށް އެނގޭނީ؟ އެ ރެކޯޑުތައް ނުލާހިކު ރަނގަޅަށް ހުންނާނެ ނޫންތޯ އެ އޮފީހުގައި ރައްކާކުރެވިފައި؟ ދެން އަނެއްކާ ކާކުތޯ އަޅުގަނޑަށް އެމީހެއްގެ އަމިއްލަ އައިޑީ ކާޑު ނަންބަރު ދޭނީ؟ މިޒަމާނަކު ނުދޭނެ ނޫންތޯ؟

އޮފިސަރު: އެކަމަކު ފޯމުގައި ކުދި އަކުރުން ލިޔެފައި އެ އޮތް ބައިގައި އޮންނާނެ މައްސަލައިގައި ހިމެނޭ އެންމެންގެ ނަމާއި، ރަސްމީ އެޑްރެހާއި، އައިޑީ ކާޑު ނަންބަރު ނުޖަހާ ހުށައަޅާ ފޯމުތައް ބާތިލުވާނޭ.

ޒުލްފާ: ފޯމުގައި ނަން ޖަހައިފައި އެ އޮތް އަހަންމަދާއި އޮފީހުގެ ވެރިޔާގެވެސް ރަސްމީ އެޑްރެހާއި އައިޑީކާޑު ނަންބަރުވެސް ޖަހަން ޖެހޭނެތޯ؟

އޮފިސަރު: އާނ! އެހެންނޫނީ ފޯމު ވާނީ ބާތިލު! މައްސަލަޔެއް ނުބެލޭނެ!

ޒުލްފާ: ތިޔަ ބޭފުޅުން އެ އޮފީހާ ގުޅުއްވާލައްވާފައި އެ އޮފީހުގެ މިވެނި އެވެނި ވަޒީފާގައި ތިބި މީހުންގެ ރަސްމީ އެޑްރެހާއި އައިޑީކާޑު ނަންބަރުތައް ފޮނުވައިލާށޭ ވިދާޅުވީމައި، ނޫނީ އެ މަޢުލޫމާތު މިތަނަށް ފޮނުއްވަން އަންގަވައިފައިވާ ރަސްމީ ލިޔުމެއް އެތަނަށް ފޮނުއްވީމައި އެކަން ކިހާ ފަސޭހައިން ނިމޭނެތޯ؟ އެޔާ ޚިލާފަށް، ރަސްމީ އެއްވެސް ޙައިޘިއްޔަތެއް ނެތް އަޅުގަނޑު ކިހިނެއްތޯ އެ މަޢުލޫމާތު ހޯދާނީ؟ ވިދާޅުވެބައްލަވަ!

އޮފިސަރު: ތިއެއް ނޭނގެ މަށަކަށް! އެ މަޢުލޫމާތާ ނުލައި ހުށައަޅާ ފޯމު ވާނީ ބާތިލް! މަައްސަލަޔެއް ނުބެލޭނެ!

ޒުލްފާ: ދެން އަޅުގަނޑު ކިހިނެއްތޯ ހަދަންވީ، ތިޔަބޭފުޅުން ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވާނެންޏާ؟

އޮފިސަރު: އަހަރުމެންގެ މަސްއޫލިއްޔަތު އެނގޭނީ އަހަރުމެންނަށް. ކަލެޔަކަށް ނޫން. މައްސަލަ ހިންގަން ބޭނުމިއްޔާ، އެ މީހުންގެ އައި.ޑީ ކާޑު ނަންބަރުތަކާއި ރަސްމީ އެޑްރެސްތައް ފޯމުގައި ޖަހައިގެން އާދޭ!

ދެން ކަން ހިނގައިދިޔަ ގޮތުގެ މައްޗަށް ނިކަމެތިކަމުގެ ފަރުދާއެއް ވައްޓައިލައިފައި އެ ވާހަކަ އެ ހިސާބަށް އަޅުގަނޑު ނިންމައިލާނަމެވެ.

އަދި ހަމަ އެޔާ އެކު، ޒުލްފާޔާ މެދު ދެން ކަން ހިނގި ގޮތާ މެދު އެއްޗެއް ދަންނަވާކަށްވެސް އަޅުގަނޑު ނެތީމެވެ. ޤާނޫނުން އެންމެނަށް ލިއްބައިދޭ ޙިމާޔަތާއި، ޤާނޫނުގެ ބައެއްގެ ގޮތުގައި ބެލޭ ޤަވާޢިދުތައް ހެދޭ ގޮތާއި، މިހިރަމިހިރަ ކަންކަމީ އެކަންކަމަށް އަޅުގަނޑު އަދި ފާޑުކިޔާން ބޭނުން ކަންކަމެއް ނުމެ ނޫންމެއެވެ.

އެކަމަކު ދަންނަވާނޭ އެއް ވާހަކަ އެބައޮތެވެ. ވެރީންގެ ފެންވަރުގައި ނުހިމެނޭ، އާދައިގެ ކާތިބާޔަކު އެ ބުނި، ”ތިޔަ ބޭފުޅުން އެ އޮފީހާ ގުޅުއްވާލައްވާފައި އެ އޮފީހުގެ މިވެނި އެވެނި ވަޒީފާގައި ތިބި މީހުންގެ ރަސްމީ އެޑްރެހާއި އައިޑީކާޑު ނަންބަރުތައް ފޮނުވައިލާށޭ ވިދާޅުވީމައި، ނޫނީ އެ މަޢުލޫމާތު މިތަނަށް ފޮނުއްވަން އަންގަވައިފައިވާ ރަސްމީ ލިޔުމެއް އެތަނަށް ފޮނުއްވީމައި އެކަން ކިހާ ފަސޭހައިން ނިމޭނެތޯ؟ އެޔާ ޚިލާފަށް، ރަސްމީ އެއްވެސް ޙައިޘިއްޔަތެއް ނެތް އަޅުގަނޑު ކިހިނެއްތޯ އެ މަޢުލޫމާތު ހޯދާނީ؟“ މި ދެ ޖުމުލައިގައި އެކުލެވޭ ތެދު، ބައެއް ތަންތާނގައި ތިބޭ މީހުންނަށް ދޭހަނުވީމައި، އެކަމާ މެދު އަޅުގަނޑު ދެން އިތުރަށް ދަންނަވާނޭ އެއްޗެއް ނެތެވެ. އެކަހަލަ ކަންކަން އެގޮތަށް ހަމަޖެހިފައި ނުވަތަ ހަމަޖައްސައިފައި އެ ހުންނަނީ ކަމުން ރެކޭށޭ ދަންނަވާކަށްވެސް އަޅުގަނޑަކަށް ހަމަ ނުކެރޭނެއެވެ.

އަޅުގަނޑަށް ދަންނަވާން ކެރޭނެހައިވެސް ވަރަކީ، އެ ނޫން ދުވަހެއްވެސް ދާދި އަވަހަށް ފެނިދާނޭ ކަމުގެ އުންމީދުގައި އަޅުގަނޑު ހުރި ވާހަކައެވެ. އަނިޔާ ލިބިގެންވާ އެންމެ އާދައިގެ މީހާގެ ޝަކުވާވެސް ’ބިޔުރޯކުރަސީ‘ ނުވަތަ ’ނޯކަރުޝާހީ‘ގެ ސޯބުތަކުގައި ތާށިނުވެ، އިންސާނިއްޔަތާއި، ޢަޤްލީ ހަމައިން އިންސާފުގެ ރިވެތި މަގުން ބެލޭނޭ މަގުތައް ކިތަންމެ އަނދިރި ޖަންގަލިތަކުންވެސް އަދި ކޮށޭނޭ ކަމުގެ އުންމީދީ އަލިވިލުމެއްގެ އިންތިޒާރުގައި އަޅުގަނޑު ހުރި ވާހަކައެވެ. މި ދެންނެވި ކަހަލަ އެތަކެއް ޒުލްފާގެ ޙައްޤުގައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.