
ލަފާ ވެރިޔަކު ހުޅަނގު ގައުމަކު ނުވާކަން ފާޅު އަދު ވެއްޖޭ
ތަފާތު ކުރުން އިމުން ބޭރުވެ ނުބައިކަން ހާމަ ވެސް ވެއްޖޭ
ފަލަސްޠީނަށް އެ ދޭ ޙަމަލާ އުޞޫލާ ހަމަތަކުން ބޭރަށް
ބަލަން ތިބެފައި އެއަށް ރުހިގެން މަދަދުދޭކަން ޔަޤީން ވެއްޖޭ
ކުށެއް ނެތް ތުއްތު މަޢުޞޫމުވި ކުދީން ގަސްތުން މަރައިހެދުމީ
ކުށެއްކަމުގައި އެކަން ހެދުމަށް ހުރަސް އެޅުމުން ބަޔާން ވެއްޖޭ
ޢަދުލު އިންޞާފު ދުނިޔޭގައި ކޮނޑަށް ލައިގެން އެ ދުވެނަގަނީ
އަނދުން އަޅުވައި މުޅީން އޮޅުވައި ލުމަށްކަން ސާފުވެސް ވެއްޖޭ
ޅަދަރިޔަށް ރަޙުމުނުކުރާ އެންމެ ޖަނަވާރެއް ނުވާނަމަވެސް
ޅަދަރިއެއް ކަމަކު ރަޙުމު ނުކޮށް މަރައިލާން ވާގިވެރި ވެއްޖޭ
ލިޔަސް ކޯޓެއް ޖަރީކޮށްގެން ނުބައި ޖަނަވާރު ސިފަ ހުރެފައި
ނިޔަތް ޢަމަލާ ބަހާ އިދިކީލިކަން ރަނގަޅަށް ބަޔާން ވެއްޖޭ
ކިޔަސް ޞުލްޙައެ އަލިފުދާލާ އެ ޔޫނިޔަނާއި ޔޫރަޕިޔަން
ކިޔައި އެއުޅޭ ކަމަކު ލަވަޔާ ބެރާ ނުގުޅޭ ކަމަށް ވެއްޖޭ
