Support Us

އިސްލާމީ އުއްމަތް ދަތުރުކުރަންވީ ނަސްރު ލިބޭނެ މިސްރާބަށް

ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހު ބަދުރު ހަނގުރާމަ ހިނގިއެވެ. މިއީ މުޝްރިކުންނާ ހަނގުރާމަކޮށް މުސްލިމުންނަށް ނަސްރާއި ކާމިޔާބު ލިބުނު ފުރަތަމަ ހަނގުރާމައެވެ. ސޫރަތުލް އަންފާލް ބާވައިލެއްވީ ބަދުރު ހަނގުރާމައިގެ ދުވަސްވަރުއެވެ. މިސޫރަތުން މުސްލިމުންނަށް ލިބޭ އެއް މެސެޖަކީ ނަސްރާއި ކާމިޔާބަކީ ﷲ ދެއްވާ އެއްޗެއްކަމެވެ. އެހެން ކަމުން ލަޝްކަރު ބޮޑުވެ، ހަތިޔާރާއި ހުނަރު މޮޅުވިޔަސް މޮޅުވާނީ ﷲ ގެ މަގުގައި ފުރިހަމައަށް ސާބިތުވެ ތިބި ބަޔަކުކަން މިސޫރަތުން ކަށަވަރުވެއެވެ. އެކަމުގެ މިސާލު ﷲ ދައްކަވަނީ ބަދުރު ހަނގުރާމައިންނެވެ.

ބަދުރު ހަނގުރާމައިގައި މުސްލިމުންގެ ލަޝްކަރަކީ ތިން ސަތޭކަ މީހުންގެ ކުޑަ ލަޝްކަރެކެވެ. ހަތިޔާރާއި ހުނަރުގެ ގޮތުން އެމީހުން ތިބީ މާދަށުގައެވެ. އަނެއްކޮޅުން ޤުރައިޝް ވަންހައިގެ މުޝްރިކުންގެ ލަޝްކަރުގައި ހާހަކަށްވުރެ ގިނަ ފަހުލަވާނުން ތިއްބެވެ. އެމީހުންގެ އަތުގައި ޒަމާނީ ހަތިޔާރާއި ހުނަރު ހުއްޓެވެ. އެކަމަކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ބިޔަ ލަޝްކަރު ބަލިވިއެވެ. ﷲ ގެ މަގުގައި ބަދުރު ހަނގުރާމައިގައި މުސްލިމުންނާއެކު މަލާއިކަތުން ހަނގުރާމަކުރެއްވިއެވެ. 

ސޫރަތުލް އަންފާލްގެ 59 ވަނަ އާޔަތާއި 60 ވަނަ އާޔަތް ބާވައިލެއްވީ ބަދުރު ހަނގުރާ ނިމުނުފަހުންނެވެ. މި ދެ އާޔަތް ބާވައިލެއްވި ވަގުތު މުސްލިމުންގެ ކުރިމަތީގައި އިތުރު ހަނގުރާމައެއް އޮތްކަން މުސްލިމުންނަކަށް ނޭނގެއެވެ. ދާދި އަވަހަށް އެމީހުން އުހުދު ހަނގުރާމައަށް ނިކުންނަންޖެހޭކަން ދެނެވޮޑިގެންވީ ހަމައެކަނި ﷲ އެވެ. އަންފާލް ސޫރަތުގެ މި ދެ އާޔަތުން މުސްލިމުންނަށް ދެނީ ފިސާރި ވަރުގަދަ މެސެޖެކެވެ. އަޅުގަނޑުމެންނަށް 59 ވަނަ އާޔަތް ހަނދާންކޮށްދީ އަންގަނީ ކާފަރުންނަށް ކުރި ނުވަތަ މޮޅު ނުލިބޭނެކަމެވެ. އަދި އެމީހުންނަށް މޮޅު ލިބިދާނެ ކަމަށް އެމީހުންވެސް ހީކޮށްގެންނުވާނެ ކަމެވެ. ﷲ ފަހަތަށް ޖައްސައި ކުރި ހޯދުމަކީ ކާފަރުންނަށް ނުކުރެވޭނެ ކަމެއް ކަމަށް ﷲ އަންގަވައެވެ.

އަދުގެ ހާލަތަށް ރިއާޔަތްކުރާއިރު އަޅުގަނޑުމެންނަށް ބޭރުފުށުން މިފެންނަނީ ތަފާތު މަންޒަރެކެވެ. މުސްލިމުން އަޅުވެތިކޮށް އެމީހުންނަށް އަނިޔާވެރިވާ މުޝްރިކުން ކުރިއަރާ ތަނެވެ. އަނިޔާއާ ދެކޮޅަށް އަޑު އުފުލާ، މުޒާހިރާކޮށް، އެ ވާހަކަ ސޯޝަލް މީޑިއާގައި ފަތްތޫރަހިންގުމުންވެސް އަނިޔާވެރިކަމެއް ނުހުއްޓެއެވެ. އަނިޔާވެރިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސް އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުންވެސް އަނިޔާވެރިކަންވަނީ ބޮޑެވެ. ތުއްތު ކުދިންނާއި އަންހެނުންނާއި މުސްކުޅިން ޝަހީދުކުރަނީއެވެ. މިހިސާބަށް އަނިޔާވެރިކަން ހައްދުފަހަނަޅާ ދިއުމުން އަޅުނގަނޑުމެން ހިތަށް އަރަނީ މުޝްރިކުން މޮޅުވަނީ ކަމަށެވެ. ނުވަތަ އަޅުގަނޑުމެން ހީކުރަނީ އަނިޔާވެރިންނަށް ކުރި ލިބެނީ ކަމަށެވެ. އެހެންވެ ﷲ މި އަންގަވަނީ އެ އިލާހުގެ ކުރިމަތީގައި އެމީހުންނަށް އެއްވެސް މޮޅެއް ހޯދޭނެ ކަމަށް އަޅުގަނޑުމެން ހީނުކުރުމަށެވެ. އަޅުގަނޑުމެންގެ އީމާންކަން އެއަށްވުރެ މާވަރުގަދަވާންޖެހޭނެކަން މިއާޔަތުން އެނގެއެވެ. 

ސަހްޔޫނީ އިސްރާއީލް އަތުގައި ނިއުކްލިއަރ ހަތިޔާރު އެބަހުރިއެވެ. އެމީހުން އަތުގައި އެންމެ ޒަމާނީ ފައިޓަރ ޖެޓްތައް އެބަހުއްޓެވެ. އެންމެ މޮޅު ރޮކެޓާއި މިސައިލްވެސް އެމީހުން އަތުގައި އެބަހުއްޓެވެ. އަދި އެމީހުންނަށް އަންނަ ރޮކެޓާއި މިސައިލް ހަމަލާތައް މައިތިރިކުރާނެ މިސައިލްގެ އައްޑަނަވެސް އެބަހުއްޓެވެ. މިހުރިހާ މޮޅަކާއެކުވެސް އެމީހުންނަށް ނަސްރާއި ކާމިޔާބު ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެކަމުގެ ވަރުގަދަ އީމާނުގައި މުސްލިމުން ތިބެންޖެހެއެވެ. ﷲ އަންގަވަނީ އެއިލާހުގެ މަތިވެރިކަމުގެ ކުރިމަތީގައި އެމީހުންނަށް ކުރިއަރައިގެން ނުދެވޭނެ ވާހަކައެވެ. ފަލަސްޠީން ވުޖޫދުން ފޮހެލަން އެމީހުން ހަނގުރާމަކުރާތާ މިވީ 75 އަހަރެވެ. އެކަމަކު ސަހުޔޫނީންނަށް ޢަރަބީންގެ ހިތްވަރާއި ރޫޙް މަރައެއްނުލެވުނެވެ. 

މައްކާގެ މުޝްރިކުން މުސްލިމުންނާ ދެކޮޅަށް ދެ އިސްތިރާޖީ (ސްޓްރެޓެޖީ) ބޭނުންކުރިއެވެ. ފުރަތަމަ ބޭނުންކުރީ އަސްކަރީ އިސްތިރާޖީއެވެ. މި އިސްތިރާޖީގައި އޮންނަނީ އަތުޖެހުނު ކޮންމެ މީހެއް މެރުމެވެ. އަދި މަރަންޖެހޭނީ އެމީހަކަށް މެރުނު ގޮތަކަށެވެ. އެމީހުން ދުށްގޮތުގައި މުސްލިމަކަށްވުމުން ޖެހޭނީ މަރާށެވެ. އެމީހާގެ ޖިންސަކަށް ނުވަތަ އުމުރަކަށް ނުވަތަ ހާލަތަކަށް ބަލައިގެންނުވާނެއެވެ. މިހާރުވެސް އިސްރާއީލް ނަމަކަށް ކިޔާ ސަހުޔޫނީ ދައުލަތުން ކަންކުރަނީ މިގޮތަށެވެ. ފަލަސްޠީނުގެ އަރަބީން އެމީހުން ޝަހީދުކުރަނީ އިންސާނިއްޔަތުކަމެއް ނުބަހައްޓައެވެ.

މުޝްރިކުން ބޭނުންކުރި ދެވަނަ އިސްތިރާޖީއަކީ ރަސޫލުﷲ އަކީ މުޅި ޙިޖާޒު ކަރައަށް އޮތް ބިރެއް ކަމުގައި އެ ސަރަހައްދުގެ އެންމެނަށް ވިސްނައިދީ އެންމެން ލައްވައި އެގޮތަށް ގަބޫލުކުރުވުމެވެ. އެކަލޭގެފާނަކީ އެމީހުންގެ ދީނާއި ވަޒަނާއި އެމީހުންގެ އާއިލާތަކާއި އެމީހުންގެ މުޅި ދިރިއުޅުން ހަލާކުކުރަން އުޅޭ ނުބައި މީހެއްގެ ގޮތުގައި އެމީހުން އެކަލޭގެފާނު ސިފަކުރިއެވެ. މިއީ އެމީހުން ބޭނުންކުރި މައުލޫމާތުގެ ހަނގުރާމައެވެ. މި އިސްތިރާޖީގައި އެކަލޭގެފާނާބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރައިގެން މީހުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދިއެވެ. އެމީހުންގެ ޕްރޮޕެގެންޑާގެ ސަބަބުން އެކަލޭގެފާނުގެ ހިތްޕުޅުގައިޖެހި އެ ހިތްޕުޅަށް ކިތަންމެވަރަކަށްވެސް ތަދުފުޅުވިއެވެ. މިކަން ޙިޖުރު ސޫރަތުގެ 97 ވަނަ އާޔަތުން އެނގެއެވެ. އެމީހުންގެ ދޮގު އިލްޒާމްތަކަށް މުސްލިމުން ރައްދުދޭން ޖެހުނު ނަމަ އެމީހުންގެ ފޯކަސް ގެއްލޭނެއެވެ. އެހެން ކަމުން މުޝްރިކުންގެ ޕްރޮޕެގެންޑާއަށް ޖަވާބު ދެއްވީ ﷲ އެވެ. ކީރިތި ޤުރްއާނުގައި އެކަލޭގެފާނަކީ ދޮގުވެރިއެއްނޫން ކަމަށާއި ސިހުރުވެރިއެއްނޫން ކަމަށާއި މޮޔައެއްނޫން ކަމަށާއި ޝާޢިރެއްނޫން ކަމަށް ﷲ އެންގެވިއެވެ.

އަދުގެ ދުނިޔޭގެ ހާލަތު މިއޮތީ މީގެ 1445 އަހަރު ކުރިން އޮތް ގޮތަށެވެ. އިސްރާއީލްގެ ސަހުޔޫނީ ދައުލަތުން މުޅި ދުނިޔެއަށް ދައްކަނީ ފަލަސްޠީން މީހުންނަކީ މުޅި ދުނިޔެއަށް ކީއްކުރަން މުޅި އިންސާނިއްޔަތަށް އޮތް ބިރެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން އެމީހުންގެ ހިތަށް ތަދުވާނެއެވެ. ހަމަ އެގޮތަށް މުޅި އިސްލާމީ އުއްމަތުގެ ހިތަށްވެސް އެވަރަށް ތަދުވާނެއެވެ. އެކަމަކު މި ހިތްދަތިކަމުގެ ތަދުގައި މުސްލިމުން އެމީހުންގެ ފޯކަސް ގެއްލުވާލައިގެން ނުވާނެއެވެ. މަގުން ކައްސާލުމުގެ ބަދަލުގައި އަޅުގަނޑުމެން މުސްލިމުން ޖެހެނީ ފިސާރި މޮޅަށް އަދުއްވުންނާއި ކުރިމަތިލުމަށް ތައްޔާރުވާށެވެ. 

ސޫރަތުލް އަންފާލްގެ 60 ވަނަ އާޔަތް މި ހަނދާންކޮށްދެނީ ހުރިހާ ގޮތަކަށް ހުރިހާ މާނައެއްގައި ބާރުވެރިވުމަށް ތައްޔާރުވުމަށެވެ. މިގޮތަށް ބާރުވެރިވުމަށް ތައްޔާރުވުމަކީ ފިސާރިމޮޅަށް ޕްލޭންކޮށްގެން ކުރިއަށް ދިއުމެވެ. އެގޮތުން ނުހަނު މޮޅަށް ދުޝްމަން ދިރާސާކޮށް ތަހުލީލުކޮށް ދެނެގަންނަންޖެހެއެވެ. އޭނާގެ ބާރުވެރިކަމާއި ބަލިފައި އެނގެންޖެހެއެވެ. އެމީހުންގެ އިސްތިރާޖީ ފިސާރި ސާފުކޮށް ދެނެގަންނަންޖެހެއެވެ. އެމީހުން މީޑިއާ ބޭނުންކުރާގޮތާއި ފައިސާ ބޭނުންކުރާ ގޮތާއި ސިޔާސީ ނުފޫޒު ބޭނުންކުރާ ގޮތް ދަސްކުރަންޖެހެއެވެ. އެމީހުންގެ އަތުގައިވާ ތަފާތު ހުރިހާ ބާރުތަކެއް އެނގެންޖެހެއެވެ. ﷲ އެންގެވި ގޮތަށް ތައްޔާރުވުމަށްޓަކައި މުސްލިމުން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ. އެމީހުން އިގުތިސާދީ ބާރަކަށް ވާންޖެހެއެވެ. އެމީހުން ސިޔާސީ ބާރަކަށް ވާންޖެހެއެވެ. އެމީހުން ޓެކްނޮލޮޖީގެ ބާރަކަށް ވާންޖެހެއެވެ. މިކަންކުރުމަށްޓަކައި މުސްލިމުން ޖެހެނީ އެންމެ ޢިލްމީ އެންމެ ތަޢުލީމީ އުންމަތަށްވާށެވެ. އެންމެ މޮޅު ސައެންޓިސްޓުންނާއި ޢިލްމުވެރިން ތިބެންޖެހެނީ މި އުންމަތުގައެވެ. އެންމެ މޮޅު އެންމެ ޒަމާނީ ހަތިޔާރު އީޖާދުކޮށް އުފައްދަންވާނީ މުސްލިމުންނެވެ. އޭރުން މުސްލިމުންގެ ނަންގަތުމާއެކު ދުޝްމަނުން ބިރުން ވިރެންފަށާނެއެވެ. އޭރުން މިހާރު މިހަދާ ގޮތަށް ދުޝްމަނުން ކުށްވެރިކޮށް މުޒާހިރާކޮށް ރޯންތިބޭކަށް ނުޖެހޭނެއެވެ. 

 

މަޢުލޫމާތު: ފާއިތުވި ހުކުރު ދުވަހު ސިޑްނީގައި ނުޢުމާން ޢަލީ ޚާން ދެއްވި ޚުޠުބާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *