Support Us

ގޮވާ އެބަ މާދަރީބަސް އިސްކުރާށޭ ހަރު އަޑުން ބާރަށް!

ދިވެހި ބަހަކީ ޤަދީމީ އެންމެ އަގުބޮޑު ތަރިކައަށް ވާނޭ
ރިވެތި އަމިއްލަ އަކުރު ތަކަކުން ލިޔުން ފަޚުރެއް ކަމަށްވާނޭ

ވަރަށްމަދު ބަސްބަހަށް ނޫނީ ނެތޭ ލިބިފައި މިފަދަ ފަޚުރެއް
ވަރަށް ވެސްބޮޑު ނަޞީބެކެމީ ދަރިން ދަންނަން މިކަން ވާނޭ

މިޤައުމުގެ މާދަރީ ބަހަކީ ވަމުން ވާރުތަ ލިބުނު މިލްކެއް
އެނގެން ނެތަކަސް ފެށުނު ތާރީޚް އެތައް ޤަރުނެއް ވެފައި ވާނޭ

އެހެން ގިނަ ބަސްބަހަށް ވުރެވެސް ޤަވައިދާ ހަމަތަކާ ފުރިހަމަ
ބަހެއް ކަމުގައި ދިވެހި ބަސްވުން ލިބޭ ޝަރަފެއް ކަމަށް ވާނޭ

އަޅާލުންނެތި، ވުމުން އިހުމާލު، މިބަސް ބެހިގެން އޮޔާދަނިކޮށް،
އަލުން އަނބުރާ ގެނެވުނީތީ ޙިމާޔަތްތެރި ކުރަން ވާނޭ

ބަހާ ދުރުހެލި ވެދާ މީހުން ނެތޭ ކުލުނެއް ޤަދަރު ކުރުމެއް
ބަހުގެ ކުރިމަގު އުޖާލާ ކޮށްދިނުން ވާޖިބު މިއަދު ވާނޭ

ގޮވާ އެބަ މާދަރީބަސް އިސްކުރާށޭ! ހަރުއަޑުން ބާރަށް
ގޮވާ މުޅި ދުނިޔެ އެއްބަސްވާ ނަޞޭޙަތް އަޑު އަހަންވާނޭ

ދަރިން ލިބުމުން އަމިއްލަ ބަހުން ފަށާށެ މުއާޞަލާތު ކުރަން
ވަރަށް އެދެވޭ ނަތީޖާ ފެނި ދަރިން މާ ތޫނުފިލި ވާނޭ

ފަށާ ޢުމުރުގެ ކުދިން ކިޔަވަން ޖެހޭ މާއްދާތަކުގެ ފޮތްތައް
މިހާރު ދިވެހި ބަހުން އެކުލެވި ލިޔެވި ކިޔަވާ ދެވެން ވާނޭ

ޙިމާޔަތް މާދަރީ ބަސްކޮށް ބަހުރުވަތަކަށް ދިރުން ގެނުވާ
ސަމާލުވެ އަންނަ ޖީލުތަކަށް މިބަސް ވާޞިލު ކުރަން ވާނޭ

ތަޢާރަފުވެވި ލެޓިން އަކުރާ ލިޔަން ކޮމްޕިއުޓަރުން ފެށުމުން
ލިޔާ އެއްޗެއް އަތުން ތާނައިން ކިޔަން… ސަހަރޯއެ! ހީވާނޭ

ދިވެހިބަސް އޮތް އަދުގެ ޙާލަތު ވެފައިވީ ޢާންމު ޙާލަތަކަށް
ދިވެހި ހަމަ ކޮންމެ ރައްޔިތަކުމެ ހިތާމަ ކުރަން މިއަދު ވާނޭ

މި ރީތި ބަހަށް ކަމޭ ނުހިތާ ކިތަންމެ ބަޔަކު އުޅުނު ނަމަވެސް
"ފްރީ" ކުރުމަށް މިލޮބުވެތި ބަސް އުޅެން ފުރުޞަތު ނުދެއްވޭނޭ

ޤަވައިދާ ހަމަތަކަށް ނުބަލާ ލިޔާ ލިޔުމާ ބުނާ ބަސްތައް
ކިޔައިދީ ބުނެ ރަނގަޅު ކުރުމަށް ދެމުން ތަމްރީން ދާންވާނޭ

އައިސް ބޭރުގެ ޕްރޮފެސަރަކު ދިވެހިބަސް ކިޔަވަމުން އެބަދޭ
އެއާއެކު ބަސް ދިރާސާކޮށް ރިޕޯޓެއް އެކުލަވައި ލާނޭ

ވަރަށް ޝައުޤާ އެކީ އޭނާ ދަނީ ފީނާ މުތީ ނަގަމުން
ކުރާ އަގުހުރި މަސައްކަތް ފެނި ޝުކުރުވެރިވާން މިއަދު ވާނޭ

ނެތީކީ ފެންވަރެއް ނޫނޭ ޝައުޤުވެރިކަން ނެތީ ދިވެހިން
އޮތީ މަގު ފަހިކުރެއްވެވުމޭ ކުރާނެ ދިވެހި ދަރިން ވާނޭ

ދިރާސާ މާދަރީ ބަސްކޮށް ބަލާ ހޯދާނެ ތާރީޚާ
ކުރާނޭ ދިވެހި ކިތަންމެ ދަރިން ޔަޤީނޭ ކަށަވަރޭ ވާނޭ

ދިވެހި ބަސްވެސް މިއަދު އެދަނީ މަތީ ހަރުފަތް ތަކުން އަރަމުން
ދިވެހިބަސް "އޭ" ލެވަލްފަސްދީ "ހަނދަށް" ދެވުމުން އުފާވާނޭ

ކުރޭ އުންމީދު ޕީ.އެޗް.ޑީ! ނެގޭނޭ ދިވެހި ބަސް ކިޔަވާ
ކުރާށެ ދުޢާ ﷲ އަށް! އިރާދަފުޅަށް އެދެންވާނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *