...

Support Us

ކޮލަމް ކަލާވެހި: އަޅުގަނޑުގެ "ޑޫޑްލް" ކުރެހުންތަކާ ހަމައިން ފެށޭ ވާހަކަޔެއް!

އަޅުގަނޑު ދޭތެރެޔަކުން ފޭސްބުކްގައި ޖަހައިލާ، އެޔަށް އަޅުގަނޑު "ޑޫޑްލް"އޭ ކިޔާ ޒާތުގެ ކުރެހުންތަކާ ބެހޭގޮތުން ހާދަ ބަޔަކު ހާދަ ގިނަ ސުވާލެއް އެބަ ކުރެއެވެ. ޙާޟިރުގައްޔާއި ޣައިރުޙާޟިރުގައެވެ. އަދި މިފަހަކަށް އައިސް ރަސްމީ ބައެއް ތަންތަނުގައިވެސް އެކި ގޮތްގޮތަށް އެ ވާހަކަ ދެކެވޭކަން އަޅުގަނޑަށް އެނގުމާއެކު، އެކަން ފެށުނު ގޮތުގެ ވާހަކަ ދަންނަވައިލާން ކަމަށެވެ. އެއީ، އެ ކުރެހުންތަކާ ބެހޭ ގޮތުން ހަދަހަދައިގެންނާއި ފޮނިތޮށިކާފޫރުތޮޅި އަޅައިގެން ދެކެވޭ ތަފާތު އެކި ވާހަކަތަކަށް ޙަޤީޤަތުގެ ސާދާކަން އަނބުރާ ގެނެސްދިނުމަށްޓަކައެވެ. ބައެއް ޒާތުގެ މީހުންގެ ނުކިއްސަރު ބޮލުކަށިހެފުމުން ސަލާމަތްވާނަމޭ ހިތައި… އެކަމަކު އެއީ ވާނޭ ކަމެއް ނޫން، އެހެންނޫންތޯއެވެ!

ކޮންމެއަކަސް، ތިރީގައި މިވާ ކުރެހުމަކީ އޭގެ މިސާލެކެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރީން އަޅުގަނޑަށް ކުރަހައިލެވުނު ކުރެހުމެކެވެ. ޕްރިންޓަރަށް ލައްވާ ޒާތުގެ އާދައިގެ ކަރުދާސްގަނޑެއްގައި ކުރަހައިލެވުނު ކުރަހައިލެވުމެކެވެ. އޭ-4 އޭ ކިޔާ ސައިޒުގެ ކަރުދާސްގަނޑެއް ދެފަހަރަކު ފަތްޖަހައިލީމައި ދެން އެއޮންނަ، އޭ-6 އޭ ކިޔާ ސައިޒުގައި، އާދައިގެ ފަންސޫރަކުން ކުރަހައިލެވުނު ކުރެހުމެކެވެ.

ދެން ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އައްސަވާފާނެއެވެ. މި ކުރެހުން ކިޔައިދެނީ ކޮން ވާހަކަޔެއްހެވެ؟ އެއީ އެހައި މުހިންމު ވާހަކަޔެއް ހެއްޔެވެ؟ ނޫނެކެވެ. އެކަމަކު މި ލިޔުން ނިމޭންދޭން ވިދާޅުވެއްޖިއްޔާ… ފަހަރުގައި މުހިންމުވެސް ވެދާނެއެވެ.

ދެން އައްސަވާށެވެ! މިކުރެހުން މުހިންމު ވަނީ ކުރެހުމުގެ ބާވަތުން، ކުރެހުމުން ދައްކާ އެއްޗަކުން، ނުވަތަ ކުރެހުމުގެ ފެންވަރަކުންވެސް ނޫނެވެ. ލިޔުން މުހިންމު ވަނީ، ކުރެހުމާއި ކުރެހުން ކުރެހުނު މާޙައުލާ ދެމެދު ހުރި ގުޅުމަކީ ކޮބައިކަމާއި، ކުރެހުން ކުރެހުމުގެ މަޤްޞަދަކީ ކޮބައިކަން ދަންނަވައިލީމައެވެ. އަދި މިދެންނެވި މާޙައުލާއި މަޤްޞަދާ ދެމެދު ހުރި ގުޅުންތައް ފިސާރި ރަނގަޅަށް ގޮށްޖަހައިލެވި، އެ ގޮށް ރަނގަޅަށް ތަގުޅިވީމައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

އެހެން ނަމަވެސް، ކުރެހުމާ ބެހޭގޮތުން މުހިންމު އެއްޗެއް ދެންނެވުމުގެ ކުރީން، ކަމާ މުނާސަބު ވާހަކަޔެއް ދަންނަވައިލާނަމެވެ. އެއީވެސް ހަމަ މުހިންމު ވާހަކަޔެކެވެ. އެހެންނަމަވެސް، އެއީ ޤައުސެއް ޖަހައިފައި ދައްކާ ވާހަކަޔަކަށް ހަދަމާތޯއެވެ!

މި ރާއްޖޭގައި، މި ފަހަކަށް އައިސް، ޤައުމާއި، ޤައުމުގެ ރައްޔިތުންނާއި، ދައުލަތުގެ ތަފާތު އެކު މަޞްލަޙަތުތައް ބަލަހައްޓައި، ރައްކާތެރިކޮށް، ކުރިއަރުވައި ހަދާން އުފެއްދި، އަދި އުފައްދައިފައި ހުރި ތަފާތު އެކު މުއައްސަސާތަކުގެ ކަންކަން ހިންގައި ބެލެހެއްޓުމާ ޙަވާލުކުރެވޭ އިސް ވެރީންނާ ދޭތެރޭ ތިޔަބޭފުޅުން ވިސްނަވަމުތޯއެވެ؟ އަދި އެ ފަދަ ވެރީންގައި ހުންނާން ކޮންމެހެން ބޭނުންވާ ސިފަތަކަކީ ކޮބައިކަމާ ދޭތެރޭ ވިސްނާވަޑައިގަންނަވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟ ނުވަތަ އެ ސިފަތަކާ މެދު މިހައިތަނަށް ވިސްނާވަޑައިގެންނެވިފައި ނުވިޔަސް، ކުޑަ އިރުކޮޅަކަށް ނަމަވެސް އެ ކަމާމެދު އަޅެ ކުޑައިކޮށް ވިސްނާވަޑައިގެންބައްލަވާށެވެ!

ދައުލަތުގެ މުހިންމު އެކި މުއައްސަސާތަކަށް އިސް ވެރީން ޢައްޔަން ކުރުމުގައި ދެމަގެއް އޮންނަކަމަށް އަޅުގަނޑަށް ފެނެއެވެ. އެތަނުން އެއް މަގެއް ކަމަށް ފެންނަނީ އެ ފަދަ ވެރީން މަޤާމުތަކަށް ޢައްޔަން ކުރެވެނީ އެ މީހުންގައި ހުރި، ސާބިތުކުރެވިފައިވާ އަމާނާތްތެރިކަމަކުން، ނުވަތަ ނަޒާހަތްތެރިކަމަކުން، ނުވަތަ ތަޢުލީމަކުން، ނުވަތަ ހުނަރުތަކަކުން، ނުވަތަ ތަޖުރިބާޔަކުން ކަމަށް ވުމެވެ. ދެން އޮތް، ދެވަނަ މަގެއް ކަމަށް ބައެއް މީހުން ބުނެއުޅެނީ، އެމީހުން އެ ފަދަ މަޤާމުތަކަށް ޢައްޔަން ކުރެވެނީ އެ މީހުންގައި ހުރި މަސްފަލަ ތަނަވަސްކަމެއްގެ ހިޔަނީގައި، ނުވަތަ ނިސްބަތްވާ ވަރުގަދަ ޢާއިލާޔެއްގެ މުލައްދަނޑީގެ ބާރުގައި، ނުވަތަ އެމީހުންގެ ފަހަތުގައި ތިބި ބައެއްގެ ނުފޫޒުގެ ތެރެއިން، ނުވަތަ އެމީހުންގެ ފަރާތުން ފައިދާހުރި ގޮތުގައި ބޭނުންހިފިފައި ހުރި 'އެކްޓިވިސްޓު’ކަމެއްގެ ބަދަލުގައޭއެވެ.

ދެން އައްސަވާށެވެ. މިދެންނެވި ދެ މަގުން ކުރެ ހެޔޮ މަގަކީ ކޮބައިކަމާ ދޭތެރޭ ތިޔަ ބޭފުޅުން ފިކުރުފުޅު ހިންގަވައިލައްވަން ޖާގަ އަރުވައިފައި، އަޅުގަނޑަށް ދިމާވި ކަމެއްގެ ވާހަކައިންވެސް ދަންނަވައިފައި، ކުރެހުމާ ގާތަށް މަޑުމަޑުން ލަފައިލެވޭތޯ އަޅުގަނޑު ބަލައިލާނަމެެވެ. އަދި އަޅުގަނޑު ޖެހި ޤައުސްވެސް މިހިސާބަށް ބަންދުކޮށްލާނަމެވެ. އެކަމަކު، ޤައުސްގައި ދެންނެވި އެތި ހަނދުމަފުޅުގައި ބަހައްޓަވައްޗެވެ.

އާދެ! ދަންނަވަން އޮތް ވާހަކަ ފެށެނީ މީގެ ސަތުތިރީސް އަހަރު ކުރިޔާ ހަމައިންނެވެ. ޤައުމީ މުހިންމު ކަމެއް މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރާން ދައުލަތުގެ ފަރާތުން އުފައްދައިފައި އޮތް މުއައްސަސާއެއްގައި ހިނގަމުން ދިޔަ ކޮމިޓީޔަކަށް އަޅުގަނޑު ލެއްވެވި ހިސާބުންނެވެ. އަޅުގަނޑުގެ މައިންބަފައިންގެ ޢުމުރުގެ ބައެއް ބޭފުޅުންގެ އަރިހުގައި އިންނާން ޖެހުނު ހިސާބުންނެވެ. އަސްތާ! އެއީ ހައުދަހައި އުހައުވެރި، ބާއްޖަވެރި ދުވަސްވަރެކެވެ. އުފެއްދުންތެރި، ބިނާކުރަނިވި އެތައްއެތައް ކަމެއް ހިނގަމުން ދިޔަތަން ބަލައިލާން އިންނާން ލިބުމުން ފެށިގެން… ދެން މިހިސާބުން އާހަކާއެކު އެ ވާހަކަ ނިންމައިލާނަމެވެ.

ދެން އަޅުގަނޑު މިދެންނެވި ޒާތުގެ، އަދި އެހެނިހެން ޒާތްޒާތުގެ ނަމަވެސް ކޮމިޓީތަކުގެ ޖަލްސާތަކުގައި އަޅުގަނޑު އަބަދުވެސް އިންނަނީ އެ ޖަލްސާތަކުގައި އެކަންކަމާ މެދު ބިނާކުރަނިވި ބީދަޔަކުން ދެކެވޭ ކޮންމެ ވާހަކަޔެއްގައި ފިސާރި ރަނގަޅަށް ބައިވެރިވެ، ޚިޔާލު ފާޅުކޮށް، އަޅުގަނޑުގެ ބައިލާހިދެބައިކުޅަ ނަމަވެސް ޖަލްސާޔަށް އަޅައިލައި ދެވޭ ޙާލަތެއްގައެވެ. އެ ގޮތަށް ޙާޞިރުވެ އިންނާން އަޅުގަނޑާ އެހީވާނޭ ދެ އެއްޗެއް އަޅުގަނޑު ގާތުގައި އަބަދުވެސް މޭޒުމަތީގައި އެއިރު އޮވެއެވެ. އެތަނުން އެކައްޗަކީ އަޅުގަނޑުގެ ވަފާތެރި ނޯޓުފޮތެވެ. އަނެއްކައްޗަކީ އަޅުގަނޑުގެ މި ލިޔުން ފަށަމުން އެ ކަރުދާސްކޮޅެއްގެ ވާހަކަ ދެންނެވި އޭ-6 ކަރުދާސްކޮޅަކާއި ފަންސޫރެކެވެ. އަޅުގަނޑުގެ ނޯޓުފޮތުގައި ފާހަގަކުރެވެމުންދާނީ ޖަލްސާގައި ދެކެވޭ ވާހަަތަކުގެ ތެރެއިން އަޅުގަނޑު ފާހަގަކުރާން ބޭނުންވާ މުހިންމު ވާހަކަތަކެވެ. ކަރުދާސްކޮޅުގައި ހިނގާނީ އަޅުގަނޑުގެ އަތުގައި އޮންނަ ފަންސޫރެވެ. ޖަލްސާގައި ދެކެވޭ ވާހަކައިގެ މުހިންމުކަން އިތުރުވެފައި، ޖަލްސާގެ އެންމެހައި ބައިވެރީންވެސް އެ މުހިންމުކަމުގައި ބައިވެރިވާނަމަ، ބޮޑަށް ބާރުކުރާނީ އެއްކަލަ ނޯޓުފޮތަށެވެ. ޖަލްސާގެ ބައިވެރީން ބޭރު ވާހަކަ ދައްކައި، އަނގަމަޖާކޮށް، ވަގުތު ބޭކާރުކުރާވަރަކަށް އަޅުގަނޑުގެ ސަމާލުކަން އެކަންކަމަށް ދިޔަނުދިނުމަށްޓަކައި އަޅުގަނޑު ކުރާ ކަމަކަށް ހެދީ އެވަގުތަކު ހިތަށް އެރި އެއްޗެއް ކުރެހުމެވެ.

ދެންމެ އަޅުގަނޑު މިދެންނެވި، ސަތުތިރީސް އަހަރުކުރީން އަޅުގަނޑު ފުރަތަމަ ބައިވެރިވި ކޮމިޓީގެ އެކި ވުޖޫދުގައި އުޅުމަށްފަހު، މިހައިރު މިހުރީ އެއިން ބޭރުގައެވެ. ތަންކޮޅެއް ކުރީން ޤައުސެއް ޖަހައިފައި ދެއްކި ވާހަކައިގައި ހިމެނޭ ކަހަލަ ކަމެއް މިފަހަކަށް އައިސް ދިމާވީމައި، ކޮމިޓީއިން ބޭރުވީއެވެ. ކޮމިޓީގެ މަސައްކަތް މިއަދު… ނޫން! ދަންނަވާކަށް ނެތީމެވެ. އެކަމަކު އެ ކޮމިޓީގެ ޖަލްސާތަކުން ފަހަކަށް އައިސް އިވެމުންދިޔަ ބޭކާރު އަޑުތަކުން ސަލާމަތްވާން އަޅުގަނޑަށް ހިފުނު އެ އާދަ އަޅުގަނޑު މިހައިރު ހަދައިގެން މި އުޅެނީ އަޅުގަނޑުގެ ހޮބީތަކުގެ ތެރެއިން ހޮބީޔަކަށެވެ.

އެކަމަކު ވާހަކަ އެހައިހިސާބަށް ދަންނަވާފައި، ނުލާހިކު ބިނާކުރަނި ގޮތަކަށް ކުރީން ހިނގި ޖަލްސާތައް ޒަމާނާ އެއްގޮތަށް ބަދަލުވަމުން ގޮސް އެންމެ ’މަޖާ‘ މާޙައުލަކަށް ޖަލްސާތައް ބަދަލުވިއިރު ކަން ހިނގަމުން ދިޔަ ގޮތުގެ ކުޑަވަރެއްގެ ’ފުލޯކު‘ތަމްސީލެއް މިތާނގައި ލިޔެލައިފައި ނޫނީ ނިންމައިނުލެވިގެން ދެން މިކޮށްލަނީ އެކަމެވެ. މުނިފޫހިފިލުވުމެއް ކަމުގައި ބައްލަވައިފައި އެހިސާބުން އެކަން ނިންމަވައިލައްވާނޭ ކަމަށް ހީކުރަމެވެ.

ދެން ތަމްސީލައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ:

ޖަލްސާ ފެށިގެން ކުރިޔަށް އެބަދެއެވެ. މިއަދުގެ މައިގަނޑު ކަންކަމާމެދު ފިކުރާއި ޚިޔާލު ކުރެވޭނޭކަން ކަށަވަރުވާ މީހުންނާއި އެ ނޫން މީހުންވެސް މޭޒުގެ ވަށައިގެން އެބަ ތިއްބެވެ. އަޅުގަނޑުވެސް އަޅުގަނޑުގެ ނޯޓުފޮތާއި އޭ-6 ކަރުދާސްކޮޅަށް އިންސާފުކުރުމުގައި ދެމިއިނީމެވެ. ކަމާ މުނާސަބު ވަގުތުތަކުގައި އަޅުގަނޑުވެސް އަތްނަގައި، ފުރުޞަތު ލިބުނު ވަރަކުން ވާހަކަދައްކަމުން ދިޔައިމެވެ.

ރިޔާސަތު: ދެން އޮތީ… (މިވެނި) ކަމާމެދު ވާހަކަ ދެއްކުން. އެއްވެސް ބޭފުޅެއްގެ ޚިޔާލުފުޅެއް އެބައޮތްތޯ؟

ހަަސަންފުޅު: (ފުޅުގެ ފޯނު އެވަގުތު ރިންގުވާން ފެށިއެވެ. ފޯނުގައި ހުރިއްޔާ ހުރި ޖޯރަކާއި ފޯރީޔަކާ އެކުގައެވެ. ބޮލީވުޑުގެ ތަންކޮޅެއް ކުރީގެ ރާގެއް ކަމުގައިވާ ’އާސްމާން ސޭ އާޔާ ފަރިޝްތާ‘  ރާގުގައެވެ. ފުޅަކީ ފޯނަށް އެހައި ފަރިތަ މީހަކަށް ނުވާތީ ޖަލްސާގެ ބައިވެރީންނަށް އެ ރާގު ނިމޭންދެން ކަހަލަ ގޮތަކަށް ރާގު އިވުނެވެ. އެޔަށް ފަހު، ފުޅު ފޯނު ނަގައިފައި…) އާން! ހޫން!

މަރިޔަނިކެ: (އޭނާގެ ގާތުގައި އިން މީހާޔާ ދައްކަމުން ގެންދިޔަ ވާހަޔަަކަޔައިގެން ކުރިޔަށް ދިޔައެވެ.) …އާނ، ދެން ފިޔާކޮޅު ތުނިކޮށް ދިގަށް ކޮށައިފައި، ތެލުލާން އަޅާން ވާނީ ސަންފިލާވަރު ތެލަށް، އިނގޭ! ގިތެޔޮ ކަމަކުނުދާނެ! ދެން، ހެޔޮވަރުވަރެއްގެ ކަންބަރެއް ތޮށި ނޮޅައިފައި…

އަލިހޮއްކޮ: (ފޯނަށް ބަލައިލައިފައި، ތިމާޔަކީ ޤައުމީ ބޮޑެތި ކަންކަމުގައި ވަރަށް މުހިންމު މީހެއް ކަމަށް އެހެން މީހުންނަށް ދައްކާން ބޭނުންވާ ކަހަލަ ސިފަޔެއް މޫނުމައްޗަށް ގެނެސްގަތުމާއެކު، ހުރި ކުރު އިސްކޮޅަށް މޯޅިޔަކަށް ދެމިލައިފައި، ރިޔާސަތަށް ކުޑަ އިޝާރާތެއްވެސް ކޮށްނުލައި، ޖަލްސާކޮޓަރީން ނިކުމެގެން އެދިޔައީއެވެ!)

ހަސަންފުޅު: (ފޯނަށް..) ކޮބާ، އަހަންމަދު އެއްކަލަ ހިބަރު ގެޔަށް ގެނައިތަ؟ އޭނ!!!؟ ނުގެނެޔޭ؟ ދެން ކިހާ ދެރަކަމެއް، ދޯ ހަސީނާ؟ މެންދުރު ކާނީވެސް… އެކަމަކު…

އަލިހޮއްކޮ: (އެނބުރިއައިސް ކޮޓަރިޔަށް ވަދެފައި) އާނ، އެއީ ޤައުމީ ލަޖްނަތު ތަޖައްނުބިލް އިރްތިބާކުން އައި ފޯނަކަށް ޖަވާބުދޭން ގޮސްލީ. ކޮބާ، މިހާރު ކޮން ކަމަކާ ބެހޭ ވާހަކަޔެއްތަ މިދައްކަނީ؟

ރިޔާސަތު: ހަމަ ކުރީންވެސް ދެއްކި ވާހަކަ. ބަދަލެއް ނުވޭ. ކުރިޔަކަށްވެސް ނުދޭ.

މަރިޔަނިކެ: (ހަމަ ކުރީގެ ވާހަކަ) …އެކަމަކު ބަކަރި ކޮޅުން ހަންދަމައިގެން ފިހެން ވާނީ. އެހެން ނޫނީ…

ކުޑަހުއްތު: (މިހައިތަނަށް ކުޑައިކޮށް ނިދިފައި އިންދާ، އޭނާގެ ފޯނުވެސް ރިންގުވީހެން ހީވެގެން ސިހިގެން ހޭލައިފައި، ފޯނު ނަގައި ކަންފަތުގައި ޖަހައިފައި) އޭނ! ސަރައްކާއްޔޭ! އޭތް! އެއީ މަގޭ ކަމެއް ނޫން. އޫން! ފޯނެއް ނާދޭ، ދޯ؟

އަލިދީދީ: (ޖަލްސާ ފެށުނުތާ ގަޑިޔެއްހައި އިރު ވީފަހުން އެ ވީ ޙާޞިރު!) އަސްތާ! ވަރަށް މުހިންމު ކަމެއް ދިމާވެގެން ތާށިވީ އިނގޭތޯ! މާ ބޮޑު ކަމެއް އަދި ނުހިނގާ، ދެއްތޯ؟ ސެކެއްޓެރީ! ކޮބާ ކޮފީ އަތުވެއްޖެތަ؟

ސެކްރެޓަރީ: ނޫން، ބައްލަވަ! އަދި ނާދޭ!

އަލިދީދީ: މި މީހުން މިއީ ކީއްކުރާން މުސާރަ ދީފައި ތިބޭ ބައެއްތަ؟ ގަޑިޔަކަށް ކަމޭހިތާ ގޮތެއްވެސް ނޯވެޔޭ! އެހެންޏާ، މިހައިރު ކޮފީ ގެންނާން ވެއްޖެނު؟ ސެކެއްޓެރީ، މަށަށް ގެންނާނީ މާމުއި އަޅައިގެން ކަޅުސަޔޭ ބުނޭ، އިނގޭ!

ހަސަންފުޅު: (އަދިވެސް ފޯނުގައި) ބަލަ ހަސީނާ! މިޔަރެކޭ ނޫނޭ! ހިބަރޭ މިކިޔަނީ! ކޮބާތަ އެ އަހަންމަދު؟

އަލިދީދީ: (ގަޑިޖެހިގެން އަޔަސް، މާމުއި ސައި ލަސްވެގެންވެސް ކަންނޭނގެ) ބަލަ ވަހީދު އަދިވެސް ކުރައްސަވަނީތޯ؟ ވަހީދު ކީކޭތޯ ވިދާޅުވަނީ؟

އަޅުގަނޑު: (ފަންސޫރު ބައްވާފައި) ކޮންކަމަކާ ބެހޭގޮތުންތޯ އަނެއްކާ؟ ރިޔާސަތުން އިޒުން ދެއްވައިފިއްޔާ…

ރިޔާސަތު: ކުރިޔަށް!

އަޅުގަނޑު: ކޮން ކަމަކާ ބެހޭގޮތުންތޯ އަޅުގަނޑު އެއްޗެއް ދަންނަވާނީ؟ ފިޔާ ކޮށުމާ ބެހޭގޮތުންތޯ؟ ބަކަރިން ހަންދެމުމާ ބެހޭގޮތުންތޯ؟ ނޫނީ ހިބަރަކާއި މިޔަރަކާ ދެމެދު ކަމެއް ހިނގައިގެން އެ ވާހަކަތޯ؟ ތަޖައްނުބިލް އިރްތިބާކާ ބެހޭގޮތުންތޯ؟ ނޫނީ ގަޑިޔަށް ކަމޭހިތާ މާމުއި ސައިތަށިކޮޅަކާ ބެހޭގޮތުންތޯ؟

ރިޔާސަތު: (ހަނު)

އަލިދީދީ: (ހަނު)

މަރިޔަނިކެ: …ދެން ފުރެއްދެލޮނުކޮޅެއް އަޅައިފައި… ކީކޭތޯ؟ މާމުއި ސަޔޭތޯ؟

ކުޑަހުއްތު: (ގަދަ ނިދީގައި)

އަޅުގަނޑު: ދަންނަވާނޭ އެއްޗެއް އަދި ހިތަކަށް ނަޔޭ! (ހިނިތުންވެފައި، ހިތާހިތާ: ދެން ގޯސްވާނީ އަދިވެސް އަޅުގަނޑު ވިއްޔާއެވެ! އެއީ ކުރަހާތިއްޔޯލައެވެ!)

އެހިސާބަށް ތަމްސީލުގެ އެ ބައި ނިިންމާލާނަމެވެ. ދެން އަނެއްކާވެސްް އައްސަވާށެވެ!

ދައުލަތުގެ މުހިންމު އެކި މަޤާމުތަކަށާއި، ސަފާރާތަކަށާއި، މުއައްސަސާތަކަށާއި އެ މުއައްސަސާތަކުގެ ކޮމިޓީތަކަށާއި އިސް ވެރީން ޢައްޔަން ކުރުމުގައި ބެލެވެނީ އެ މީހުންގައި ހުރި، ސާބިތުކުރެވިފައިވާ އަމާނާތްތެރިކަމާއި، ނަޒާހަތްތެރިކަމާއި، ތަޢުލީމާއި، ތަފާތު އެކި ހުނަރުތަކާއި، ނުވަތަ ތަޖުރިބާޔަށް ކަމަށް އަނެއްކާވެސް ބަލާންވެއްޖެއެވެ! ބައެއްގައި ހުރި ތަނަވަސްކަމެއްގެ ހިޔަނީގައި، ނުވަތަ ބަޔަކު ނިސްބަތްވާ ވަރުގަދަ ޢާއިލާޔެއްގެ ސަބަބުން، ނުވަތަ އެބަޔެއްގެ ފަހަތުގައި ތިބި ބައެއްގެ ނުފޫޒުން، ނުވަތަ އެބަޔެއްގެ ފަރާތުން ފައިދާހުރި ގޮތުގައި ބޭނުންހިފިފައި ހުރި ’އެކްޓިވިސްޓު‘ކަމެއްގެ ބަދަލުގައި އަނެއްކާވެސް ތަންތަނަށް ބަޔަކު ލައިފިއްޔާ ހިފެން އޮތް އަމާން ބަނދަރުވެސް ދެން ނުހިފޭނީއެވެ. ތަންތަނަށް ލައިފައިތިބި ނާޤާބިލް، ނަތީޖާ ނުނެރެވޭ، ޖަލްސާތަކުގެ މެދުން ގޭދޮށު ހިބަރާއި މިޔަރު އޮޅިގެން އެކަމާ ފޯނުން ހަޅޭލާ ޒާތުގެ މީހުންނާއި ގަޑިޖެހިގެން އައިސް މާމުއި ކަޅުސައި ގެންނަ ވޭޓަރަކަށް ’ސެކެއްޓެރީ‘ ހަދާ ޒާތުގެ މީހުން ތަންކޮޅެއް ފޭޔަށް ލައިގެން މެނުވީ ބަނދަރުގައި ދެން ދުވަހަކުވެސް ނަގިއްޔެއް ލޮތާރިޔެއް ހަރެއްނުލާނެއެވެ.

ދަނޑިވަޅު މިއޮތީ ކުރިމަތީގައި، އެހެންނޫންތޯއެވެ؟ އަޅުގަނޑުގެ ކުރިމަތީގައި ބާއްވަން އަޅުގަނޑު އަދިވެސް ބޭނުންވަނީ ނޯޓުފޮތެކެވެ. ކުޑަހުއްތުއާއި، މަރިޔަނިކެއާއި،އަލިދީދީ ކަހަލަ މީހުނާއި އެމީހުންގެ ރިޔާސަތު ބެލެހެއްޓި ޒާތުގެ މީހުން ނެތް ތާކުއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.