Support Us

ބެލެވެނީ އޮސްޓްރިޗަށް ބަޔަކު ހަމަލާދިނީ ކަމަށް، މަރުވުމުގެ ކުރިން ވަނީ ކަތިލައިފައި

ހުޅުމާލޭގެ ފޭސް ދޭއްގައި ހަވީރު ގަޑީގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ޝައުގުވެރިކަން ހޯދި އޮސްޓްރިޗް ނުވަތަ ގިނިކާމާދޫނީގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ރާއްޖެއަށް އަލަށް ގެނައި މި ދޫންޏަކީ ގާތްގަނޑަކަށް އުމުރުން އެންމެ ދެ ދުވަސް ވީތަނާ ދިވެހި ޒުވާނަކު އެ ދޫނި ރާއްޖެ ގެނެސް ގެންގުޅެމުން އައި ދޫންޏެކެވެ. ނަގަން ޖެހޭ ހުއްދަތައް ނަގައިގެން، އިރާނުން ގެނެސް މާލޭގައި ނުވަ މަސް ދުވަހު ގެންގުޅުމަށްފަހު އެ ދޫނި ހުޅުމާލޭގައި ގެންގުޅޭތާ ހަތަރު މަސް ދުވަސް ވީފަހުން މި ދޫނި މިއަދު މިވަނީ ހިތާމަވެރި ގޮތަކަށް، މަޖުބޫރީ ހާލަތެއް މެދުވެރިވެ މި ދުނިޔެ ދޫކޮށްފަ އެވެ.

ދޫނީގެ ވެރިފަރާތް، މޫސާ އަބޫބަކުރު "އަދިވެސް" އަށް މިއަދު ކިޔައިދިން ގޮތުގައި "އޮޒީ"ގެ ނަމުން ނަން ދީފައިވާ މި ބިޔަ ދޫނި ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޮގަސްޓުގައި އިތުރު 24 ދޫންޏާ ވެސް އެކުގަ އެވެ. އޮޒީއާ އެކު ގެނައި ދޫނިތަކުގެ ތެރެއިން އޮޒީއާ އިތުރު އެހެން ދޫންޏެއް ފިޔަވައި އެހެން ހުރިހާ ދޫންޏެއް ވެސް މަރުވީ އެވެ. އޮޒީއާ އެކު ސަލާމަތްވި އަނެއް ދޫނި ނުވަ މަސް ވަންދެން މާލޭގައި ގެންގުޅެނެެވެ.

ހުރިހާ ދޫނިތަކެއް މަރުވި ފަހުން މޫސަގެ ކުޑަ ފިރިހެން ކޮއްކޮ އޮޒީއަށް އެ ނަން ދިނީ އެވެ. ހުރިހާ ދޫންޏެއް މަރުވި ހިސާބުން މޫސަގެ ހިތުގައި ހާއްސަ ޖާގައެއް އޮޒީއަށް ލިބިގެންދިޔަ އެވެ. އެގޮތުން އޭނާގެ ހުރިހާ ސަމާލުކަމެއް އޮޒީއަށް ދިނެވެ. އަދި މާލޭގައި ނުބައިންދާ ހުޅުމާލޭގައި، އޭނާ ވަޒީފާއަދާކުރާ ތަނުގެ ތަނަވަސް މާހައުލަކަށް ދޫނި ބަދަލުކުރި އެވެ.

"އޮސްްޓްރިޗަކީ ވަަރަށް ތަފާތު ދޫންޏަކަށްވާތީ އަސްލު އެ ދޫނިތައް ގެނެސްގެން ގެންގުޅޭ ހިތްވާތީ އެ މަސައްކަތް ފެށީ. އެންމެ ކުރިން ދޫނިތައް ގެނައި އިރު މިކަމަށް ވަަރަށް އާ. މާލެއިން ކާނާ ހުސްވެގެންނާއި އެކިއެކި ކަންކަން ދިމާވެގެން ހަފްތާއެއް ފަހުން 22 ދޫނި މަރުވީ. ބާކީ ތިބި ދެ ދޫނިގެ ތެރެއިން އެއް ދޫނި މަރުވީ މާލޭގެ އޮޒީއާ އެކު ގެންގުޅެނިކޮށް،" މޫސަ ބުންޏެވެ.

އާބަންކޯގައި މަސައްކަތް ކުރަމުން އަންނަ މޫސަަ ބުނިގޮތުގައި ހުޅުމާލޭގެ ފޭސް ދޭއްގައި ދޫނި ބައިންދާފައި އިންނަނީ ފޭސްޓޫގައި އޭނާ މަސައްކަތް ކުރަމުން ގެންދާ ގްރީނިންގް ޑިޕާޓްމަންޓްގަ އެވެ. އެ ސަަރަހައްދަކީ އާއްމުން ވަނުން މަނާ ތަނެއް ނަމަވެސް ދޫނި ދެކެލަން ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ތަނަށް ދެ އެވެ.

"ދޫނި ކުރިން އިންނާނީ އެތެރޭގައި ކޮއްޓެއް ހަދައިފައި ލާފަ. ފަހުން ޑިއުޓީގައި އުޅޭ ގަޑިތަކުގައި އާއްމުން އޮޒީ ބަލާލަން އޮފީސް ތެރެއަށް ވަންނާތީ ތިން ހަފުތާ ވެއްޖެ އާއްމުންނަށް ފެންނަ ގޮތަށް އޭތި ބޭރަށް، މަގަށް ވާ ފަޅީގައި ކޮއްޓެއް ހަދައިފައި ބައިންދައިފައި އިންނަތާ،" މޫސަ ބުންޏެވެ.

މޫސަ ބުނިގޮތުގައި ކޮންމެ ދުވަހަކު ވެސް އޮޒީއަށް ކާންދީ ހަދަނީ ކުކުޅަށް ކާންދޭ ކާނާއާއި ކެބޭޖާއި ކޮޕީފަތް ފަދަ ތަކެއްޗާއި ދޫނި ކާނާ އެވެ. މޫސައާ އެކު އެ އޮފީހުގައި މަސައްކަތްުކުރާ ކުދިން ވެސް އެ ދޫންޏަށް ވަރަށް އަޅާލާ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ދުވަހަކު ވެސް ކާންދީ ހަދަނީ އަހަރެން. އޮފީސް ކުދިން ވެސް ވަރަށް ލޯބިވާނެ އޮޒީ ދެކެ. ކާންދޭން ވެސް ބޭނުންވާނެ. އަހަންނަށް އޮފީހަށް ނުދެވޭ ދުވަހެއްގައި ވެއްޖެއްޔާ އޮފީސް ކުދިން ކާންދޭނެ،" މޫސަ ބުންޏެވެ.

އޮޒީ ހުޅުމާލެއަށް ބަދަލުކުރި ފަހުން އާއްމު އުސޫލުން މިއަދު ވެސް މޫސަ ހެނދުނު ހޭލައިގެން މާލެއިން ހުޅުމާލޭގައި ހުންނަ އޭނާގެ އޮފީހަށް ދިޔައީ އޮޒީއަށް ހެނދުނުގެ ނާސްތާދީ އޯޒީއާ އެކު ވަގުތުކޮޅެއް ހޭދަކުރުމުގެ އުއްމީދުގަ އެވެ. ނަމަވެސް މިއަދު މޫސަ ކާން ހިފައިންގެން ދިއުމުން ވެސް އޮޒީ ނައެވެ. ބޮޑާ ހާކައިގެން އޮތް ކަމަށް ހީކޮށް މޫސަ ކުޑަކޮށް ސަކަރާތް ޖަލާހައި ގޮވާލީމާވެސް ނައެވެ. އެ ހިސާބުން މޫސަ އަށް ކޮންމެ ވެސް ގޯހެއް އުޅޭކަން ފާހަގަވިއެވެ.

އޮޒީ ބިންމަތީގައި އޮށޯވެގެން އޮތް ގޮތުން ފުރަތަމަ ނުފެނުނު ނަމަވެސް ކައިރިއަށް ގޮސް ބެލިއިރު އޮޒީގެ އެއް ފައި އޮތީ ބިނދިފަ އެވެ. އޮޒީއަށް އަޅާނެ ވޭން މޫސަ އަށް އިހުސާސް ކުރެވުނެވެ. ފެންކަޅިވެ ދެރަވި އެވެ. މޫސަ އަވަސްވެގަތީ އޮޒީއަށް އަވަހަށް ފަރުވާއެއް ހޯދޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ.

"އެހެން ދުވަސްދުވަހު ކާން ގެންދާއިރަށް އުފަލުން ފޮޅިގަނެގެން އަންނާނެ. އަަހަރެން ފެންނަ އިރަށް އޮޒީއަށް އިނގޭނެ އެހެންވެ އަންނާނެ. މިއަދު ގޮވީމަ ވެސް ކާންވެސް ނައި. ހަމަ ބިންމަތީގަ އޮށޯވެގެން އޮތީ. ދެން ގޮސް ބެލިއިރު އޮތީ ފައި ބިންދައިގެން ގޮސް ކަށިގަނޑު ވެސް ބޭރަށް ނިކުމެފައި. ހަމަ ޔަގީން މިއީ ބަޔަކު އޮޒީއަށް ގަސްދުގައި ކޮށްފައިވާ އަނިޔާއެއް،"  މޫސަ ބުންޏެވެ.

މޫސަ ކިޔައިދިން ގޮތުގައި މާލޭގައި ހުންނަ އޯސިސް ޕެޓްސް ކްލިނިކްގެ ފަރާތުން އޮޒީ ކައިރިއަށް ވެޓް ޑޮކްޓަރެއް ގޮސްފައިވަނީ މެންދުރުފަހުގެ ވަގުތެއްގަ އެވެ. އަދި އޮޒީގެ ހާލަތަށް ބަލާފައި ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމާއި އޯޒީ އެހެން ވޭނުގައި ބޭއްވުމުގެ ބަދަލުގައި އިންޖެކްޝަނެއް ޖަހައިގެން މަރާލަން ޑޮކްޓަރުން ލަފާ ދިނެވެ. ނަމަވެސް އޮފީސް ކުދިން ވެސް އެގޮތް ބޭނުންނުވާތީ އޮޒީ ބޭއްވީ ކަމަށް މޫސަ ބުންޏެވެ.

"ދޫނީގެ ވީޑިއޯއެއް ފޮނުވީމަ އިތުރު ފަރުވާއެއް ދެވެން ނެތް ކަމަށް އޯސިސް ކްލިނިކުންް ބުނި. އެއްކޮށް ހުޅު އޮތީ ބޭރުގައި. އެހެންވެ ދެން އެމީހުން ނުވާނެއޭ ބުނީމަ އަހަރުން ކުރާނެ ވަކި ކަމެއް ނޯންނާނެ. އެކޮޅުން ނުވާނެއޭ ބުނަނީ ވަސީލަތްތައް ނެތީމާ ކަމަށް ވާނީ. ހަމަ އެކަނި ބުޅަލަށް ޖަހާ ވެކްސިން އެމީހުންގެ އަތުގައި މިހުންނަނީ. މީގެ ކުރިން ވެސް ދޫނިގެ ލޯ ސަކަރާތްވެގެން ގުޅިން ހަފްތާ ދެ ހަފްތާ ފަހުން އެމީހުން ގުޅިއިރު ލޯ ރަނގަޅު ލވެފައި ހުރީ،" މޫސަަ ބުންޏެވެ.

އޮޒީ ކޮށީގައި އެހެން އޮވެ ލޭ ހުސްވެގެން މަރުވުމުގެ ކުރިން އެ ދޫނި ކަތިލާލަން ބޭނުންވެގެން އޮފީހުގައި ތިބި މީހުން މޫސަ އަށް ގުޅުމުން މޫސަގެ ވެސް ހުއްދައާ އެކު އޮޒީވަނީ ކަތިލައިފަ އެވެ.

މޫސަ ބުނިގޮތުގައި އަހަރަކަށް ވުރެ ގިނަ ދުވަހު އެކުގައި އުުޅުނު އޮޒީއާ ވަކިވާން ޖެހުމުން ވަރަށް ދެރަވި އެވެ. ނަމަވެސް އެހެން އޮވެ މަރުވެގެން ދިއުމުގެ ކުރިން ބަޔަކަށް އޭގެން ފައިދާއެއް ކުރުން ވެސް އެއީ އޭނާއަށް ލިބުނު އުފަލެއް ކަމުގައި ބުންޏެވެ.

"ވަރަށް އެޓޭޗްވެފައި ހުއްޓާ އޮޒީ ނެތީމަ ވަަރަށް ދެރަވާނެ. އޮޒީ އެންމެ ކުޑައިރު ވެސް ރައްޓެހިން ކިޔާނެ ކަތިލާލައިގެން ކާލަން ހިނގާށޭ. އެކަމަކު ވެސް އޭރު ހިތަކަށް ވެސް ނާދޭ މިހެން މިކަން ނިމިގެންދާނޭ. އަަހަރެން ބުނިން އޯކޭއޭ ކަތިލިއަސް އެކަމު އަހަރެން ބޭނުމެއް ނޫނޭ. ދެން އެހެން އޮވެ މަރުވުމަށް ވުރެ ބަޔަކަށް އޭގެން ފައިދާއެއް ވުން މާރަނގަޅުވާނެދޯ،" މޫސަ ބުންޏެވެ.

އޮސްޓްރިޗް އާއިލާގެ ތެރޭގައި ހިމެނޭ މި ދޫންޏަކީ ހުޅަނގު އުތުރު އެފްރިކާގެ ބިންތަކުގައި އުޅޭ އާއްމު ދޫންޏެވެ. މި ދޫނީގެ ކަރުގަނޑު ހުންނަނީ ރަތް ކުލައަކަށެވެ. ދޫނިތައް ތިބެނީ ކަޅު އަދި މުށި ނޫނީ އަޅި ކުލައިގަ އެވެ. އާއްމުކޮށް އަންހެން ދޫނިތައް ތިބެނީ މުށި ކުލައިގަ އެވެ. އަދި މިބާވަތުގެ ފިރިހެން ދޫނިތައް އާއްމުކޮށް ތިބެނީ ކަޅުކުލައިގަ އެވެ. މި ދޫނިތަކަށް އުދުހުމުގެ ކުޅަދާނަކަން ލިބިގެނެއްނުވެ އެވެ. ފިރިހެން ދޫނިތައް އެންމެ ބޮޑުވަނީ ނުވަ ފޫޓަށެވެ. އަންހެން ދޫނިތައް އެންމެ ބޮޑުވަނީ ހަ ފޫޓަށެވެ.

މި ދޫންޏަަކީ ދުނިޔޭގައި އެންމެ ބޮޑު ބިސް އަޅާ ދޫނި ކަމަށްވެ އެވެ. އެ ދޫނި އަޅާ ބިހުގެ ބޮޑުމިނުގައި ފަހެއް ނޫނީ ހަ އިންޗި ހުރެ އެވެ. މި ދޫނިގެ އަންހެން ދޫންޏެއް އެންމެ ބޮޑުވީމާ ބަރުގަދުގައި 130 ކިލޯ ހުރެ އެވެ. އަދި ފިރިހެން އެއްޗެހީގެ ބަރުދަނުގައި 109 ކިލޯ ހުރެ އެވެ. މި ބާވަތުގެ ދޫނި ސަހަރާތަކުގައި 35 އަަހަރާއި 40 އަަހަރު ދުނިޔޭގައި އުޅެ އެވެ. ނަމަވެސް ފާމިންގްގައި އުޅޭނަމަ 50 އަހަރާއި 70 އަހަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *