Support Us

އަޚްލާޤުގެ ދައުރު- 2

ނަފްސު އޭގެ ދަހިވެތިކަމުންނާއި އެދުންވެރިކަމުން ޠާހިރުކުރުމާއި ލޯތްބާއި އެއްބާރުލުމާއި އީސާރުގެ މާތް އުޞޫލުތައް އިންދާ ހެއްދުމަކީ ޒަކާތް ޝަރްޢުކުރެއްވި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޒަކާތުގެ އިތުރަށް ހުރިހާ ވަގުތެއްގައި ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލުމަށާއި ހެޔޮފޯރުވުމަށް ޓަކައި ޞަދަޤާތްކުރުން ވަނީ ﷲގެ ޙަޟްރަތާ ކުއްތަންކުރުވަނި ޢަމަލެއް ކަމުގައި ލައްވައިފައެވެ. ކީރިތި ރަސޫލާ ﷺ ވަނީ ޞަދަޤާތުގެ މާނަ ފުޅައު ކުރައްވައިފައެވެ. އެއީ ހަމައެކަނި ތަނަވަސް މީހުންނަށް ކުރެވެން އޮތް ކަމެއް ނޫނެވެ. މުޖްތަމަޢުގެ ކޮންމެ ފަރްދަކަށް ވެސް ﷲގެ ވަޖްހުފުޅަށް ޓަކައި ކުރެވިދާނެ ޞަދަޤާތްތަކެއް ވެއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (تبسُّمُكَ في وجهِ أخيكَ لكَ صدقةٌ، وأمرُك بالمعروفِ ونهيُك عن المنكرِ صدقةٌ، وإرشادُك الرَّجلَ في أرضِ الضَّلالِ لكَ صدَقةٌ، وإماطتُك الأَذى والشَّوكَ والعَظمَ عن الطَّريقِ لكَ صدقةٌ، وإفراغُك من دَلْوِكَ في دَلْوِ أخيكَ لكَ صدقةٌ- ތިބާގެ އަޚާގެ ކުރިމަތީގައި ތިބާ ހިނިތުންވެލައި ހިނިތުންވެލުމަކީ ތިބާއަށް ލިބިގެންވާ ޞަދަޤާތެކެވެ. ތިބާ ހެޔޮކަންތަކަށް އަމުރުކުރާކުރުމާއި މުންކަރާތް މަނާކުރާކުރުމަކީ ތިބާއަށް ލިބިގެންވާ ޞަދަޤާތެކެވެ. މަގުމަތީގައި މަގުގެއްލިފައިވާ މީހަކަށް ތިބާ މަގު ކިޔާދިނުމަކީ ޞަދަޤާތެކެވެ. މަގުމަތީގައި އޮންނަ ކަށިކޮޅުކޮޅާއި މީހުންނަށް އުދަނގޫވާ ގޮތަށް އޮންނަ އެއްޗެހި އެއްފަރާތް ކުރުމަކީ ތިބާއަށް ލިބިގެންވާ ޞަދަޤާތެކެވެ. ތިބާގެ ފެން ދާނިން ތިބާގެ އަޚާގެ ފެންދާންޏަށް އަޅައިދޭ ފެންފޮދަކީ ތިބާއަށް ލިބިގެންވާ ޞަދަޤާތެކެވެ.)

މިމޭރުމުން ބަލާއިރު ރަމަޟާމަހުގެ ފަރްޟު ރޯދައަކީ ވެސް މުސްލިމުންގެ އަޚްލާޤު ރިވެތި ކުރުމަށާއި އޮފުދާރުކުރުމަށް ލިބިފައިވާ ޢަމަލީ ތަމްރީނެކެވެ. އެއީ ވަގުތީގޮތުން ކެއިންބުއިމާއި ޝަހްވާނީ އެދުންތަކާ ދުރުހެލިވެ ހުންނަހުރުމެއް ނޫނެވެ. ރޯދަވެރިޔާ ރޯދަހިފަން ޖެހޭނީ ހަމައެކަނި ބަނޑަކުންނޫނެވެ. ހަމައެކަނި ޖިންސީ އަރާމު ޙާޞިލްކުރުމަކުން ނޫނެވެ. މީގެއިތުރަށް އޭނާގެ ދުލުންނާއި ބަނޑުންނާއި ނަފްސުން ވެސް ރޯދަ ހިފަން ޖެހޭނެއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ- ދޮގުހެދުމާއި ދޮގުވެރި ޢަމަލުތައް ހުއްޓާނުލައި، ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމުގެ އެއްވެސް ބޭނުމެއް ﷲގެ ޙަޟްރަތުގައި ނުވެއެވެ.))

އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. (لَيْسَ الصِّيَامُ مِنَ الأَكْلِ وَالشَّرْبِ فَقَطْ. إِنَّمَا الصِّيَامُ مِنَ اللَّغْوِ وَالرَّفَثِ. فَإِنْ سَابَّكَ أَحَدٌ أَوْ جَهِلَ عَلَيْكَ فَقَلْ: إِنِّى صَائِمٌ- ރޯދަހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއްނޫނެވެ. އެހެނަސް ރޯދަހިފުމަކީ ހަޑިހުތުރު ބަސްތަކުންނާއި ހަޑިހުތުރު ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ހުރުމެވެ. ފަހެ، މީހަކު ތިބާއާ އަރާރުންވާން އުޅެފިނަމަ، ނުވަތަ ތިބާއަށް ފުރައްސާރަކޮށްފިނަމަ ބުނާށެވެ! ހަމަކަށަވަރުން އަހުރެން މި ހުރީ ރޯދައަށެވެ.)

ޙައްޖަށް ބަލާއިރު ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެއީ މުޤައްދަސް ބިންތަކަށް ކުރާ ފަތުރުވެރިކަމުގެ ދަތުރެއް ކަމަށެވެ. އެއީ އަޚްލާޤީ މާނަތަކެއް އެކަމުގައި ނުހިމެނޭ ފަރީޟާއެއް ކަމަށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ކުށެކެވެ. ޙައްޖާ ބެހޭގޮތުން މާތްﷲ ވަޙީކުރެއްވިއެވެ. (الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُولِي الْأَلْبَابِ- حج ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّه އީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!)

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (مَن حجَّ فلم يرفُثْ ولم يفسُقْ خرجَ مِن ذنوبِه كيَومِ وَلَدَتْهُ أمُّه- حج ވުމުގެ ތެރޭގައި جماع ވުމެއް، އުރެދުމެއް ނެތި، ﷲ ގެ ވަޖްހުފުޅަށް ޓަކައި ޙައްޖުވި މީހާ އޭނާގެ މައިމީހާގެ ބަނޑުން ވިހޭ ދުވަސް ފަދައިން ކުށްފާފަތަކުން ބޭރަށް ނުކުމެއްޖެއެވެ.)

އިސްވެދިޔަ ވާހަކަތަކުން އެނގުނު ގޮތުގައި އިސްލާމްދީން އޭގެ މަތީގައި ޤާއިމުވެފައިވާ ތަނބުތައް ބޭރުފުށުން ފެންނަފެނުމުގައި ތަފާތުވިޔަސް އޭގެ މަޤްޞަދަކީ އެކައްޗެއް ކަމެވެ. ރަސޫލާގެ ބަސްފުޅު (إنّما بُعِثْتُ لأُتمِّمَ مكارمَ الأخلاقِ- ހަމަކަށަވަރުން ތިމަންކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުނީ މަތިވެރި އަޚްލާޤު ފުރިހަމަކޮށް ދެއްވުމަށެވެ.)

ނަމާދާއި ޒަކާތާއި ރޯދައާއި ޙައްޖަކީ ފުރިހަމަކަމަށް ވާޞިލުވުމަށް ލިބިގެންވާ ހަރުފަތްތަކެކެވެ. ހެޔޮފޯރުވުމާއި ހެޔޮ ޢަމަލުތަކަކީ ޙަޔާތުގެ ރާސްތާ ޠާހިރުކޮށްދޭ އާރުތަކެކެވެ. އިންސާނާ މި އަޅުކަންތަކުން ފައިދާ ލިބިގަނެ ނަފްސު ޠާހިރުކޮށް އޭނާއާ އޭނާގެ ވެރިރަސްކަލާނގެއާ އެކު ގުޅުންތައް ބަދަހިކޮށް އޭނާ އޭނާގެ އަޚުންނާއި އުޚްތުންނާއެކު ގުޅުންތައް ވާޞިލް ނުކޮށްފިނަމަ އޭނާ އެ ވަނީ ބޮޑު ގެއްލުމެއްގައި ކަން ކަށަވަރެވެ. އޭނާ އެ ވަނީ ބޮޑު އަބާއްޖަވެރިކަމެއްގައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (إِنَّهُ مَنْ يَأْتِ رَبَّهُ مُجْرِمًا فَإِنَّ لَهُ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَى * وَمَنْ يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَئِكَ لَهُمُ الدَّرَجَاتُ الْعُلَى * جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ جَزَاءُ مَنْ تَزَكَّى- ހަމަކަށަވަރުން، އެމީހެއްގެ ވެރިރަސްކަލާނގެ حضرة އަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ހުރީ ނަރަކަޔެވެ. އެތާނގައި އޭނާ މަރެއް ނުވާނެތެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނޭމެއެވެ. އަދި ހަމަކަށަވަރުން، مؤمن އެއްގެ ގޮތުގައި، صالح عملތައްކޮށް، އެކަލާނގެ حضرة އަށް އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް (آخرة ގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރި عدن އޭ ކިއުނު ސުވަރުގެތަކެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެއީ (ނުބައިކަންތަކުން) طاهر ވެގަތް މީހާގެ ޖަޒާއެވެ.) މުޖްރިމަކީ (ކުށްވެރިއަކީ) އޭނާގެ ވެރިރަސްކަލާނގެއާއެކު ބާއްވަން ޖެހޭ ގުޅުންތަކާއި އެހެން މީހުންނާއެކު ބާއްވަން ޖެހޭ ގުޅުންތަކުގައި ނުބައިކޮށް ޢަމަލުކޮށްފައިވާ މީހާއެވެ.

ތަރައްޤީއާއި ރަށްވެހިކަމުގެ އެންމެ މުހިއްމު ޢުންޞުރަކީ އިންސާނާއެވެ. މި އިންސާނާ ޖިސްމާނީ ގޮތުންނާއި މާއްދީ ގޮތުން ބިނާކުރުމަށް ދޭންޖެހޭ އިސްކަމަށްވުރެ އޭނާ ޚުލުޤީގޮތުން ބިނާކުރުމުގެ އަހައްމިއްޔަތު ކުޑައެއް ނޫނެވެ. އޭނާގެ ތަހްޒީބުކަމާއި ރަށްވެހިކަން ފާޅުވާނީ އޭނާގެ ޚުލުޤުންނެވެ.

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (أكملُ المؤمنين إيمانًا أحسنُهم خُلُقًا– އޭނާގެ އީމާންކަން އެންމެ ފުރިހަމަ މުއުމިނަކީ އެންމެ ޚުލުޤު ރިވެތި މީހާއެވެ.)

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ألا أخبرُكم بأحبِّكم إليَّ وأقربِكم منِّي مجلسًا يومَ القيامةِ فأعادها مرَّتَيْن أو ثلاثًا قالوا نعم يا رسولَ اللهِ قال أحسنُكم خُلقًا- ތިޔަބައިމީހުންކުރެ ތިމަންކަލޭގެފާނުންގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ އަދި ޤިޔާމަތްދުވަހުން ތިމަންކަލޭގާނާ އެންމެ އަރިހުގައި ވާނޭ މީހަކީ ކާކުކަން އަންގަވައި ދެއްވަން ހެއްޔެވެ؟ މި ސުވާލު ދެތިންފަހަރު ކުރެއްވުމުން އަޞްޙާބުން ދެންނެވިއެވެ. އާދެ! ﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ތިޔަބައިމީހުންކުރެ އެންމެ ޚުލުޤު ރިވެތި މީހާއެވެ.)

އާދެ! އިންސާނުންގެ ތެރެއިން ޚުލުޤު ރިވެތި މީހަކީ ތަޤްވާވެރި، ނަޒާހަތްތެރި، އޭނާގެ ނަފްސާއި އޭނާއަށް ލިބިފައިވާ ހުރިހާ އެއްޗަކުން އޭނާގެ ދީނަށް ޓަކައި އޭނާގެ ވަޠަނަށް ޓަކައި ޤުރްބާންވާ މީހާއެވެ. އެ ވަޠަނުގެ ދަރަޖަ އުފުއްލައި މަތިވެރިކުރުމަށް ޓަކައި މަސައްކަތް ކުރާ މީހާއެވެ. އޭނާއަކީ އޭނާގެ ވެރިރަސްކަލާނގެ އަންގަވައިފައިވާ ގޮތަށް އެކަލާނގެއަށް އަޅުކަންތައް ޚާލިޞްކުރާ މީހާއެވެ. އެ ވަޠަނު އާރާސްތުކޮށް ކުރިއަރުވަން މަސައްކަތް ކުރާ މީހާއެވެ. އެ ވަޠަން ތަހުޒީބުކޮށް ތަމައްދުނު ކުރުމަށް ޓަކައި ތެދުވާ މީހާއެވެ. އެ ވަޠަނުގެ ޢަޤީދާއާއި ދީން އެ ވަޠަނުގެ ދުޝްމަނުންނަށް ވިއްކައިނުލައި އެ ވަޠަނުގެ ދިދަ އެންމެ އުސް ދަނޑިތަކަށް ނަގައި ވިހުރުވާ މީހާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *