ސަލާމަތް ޞިއްޙަތެއް ދުޅަހެޔޮ ލިބުން އެދި ހިންމަތެއް ކުރަމާ
ބަލައި ގެއްލުން ނުވާނޭހެން އުޅުން އިޞްލާޙު އަދުކުރަމާ
ގޮވާލާ ޑޮކްޓަރުން ޞިއްޙީ އަބަދުވެސް ދުންފަތާ ދުރުވާން
ގޮވާ ގޮވުމާއި އިންޒާރަށް އިޖާބަ ދިނުން އަވަސް ކުރަމާ
ދަމާލާކޮންމެ ފަހަރަކު ދުން ބޮމުން ސިނގިރޭޓު ބިޑި ސުއްޓާ
ތިމާގެ މެޔާއި ނާރުތަކަށް ލިބޭ ގެއްލުން ވަޒަން ކުރަމާ
ނުރައްކާތެރި ބޮޑެތި ބަލިބަލި ޖެހޭކަން ދުންފަތުގެ ސަބަބުން
މަރަށް ދަޢުވަތު ދިނުން ފަދަދެރަ ކަމެއްކަމުގަައި މިއީ ދެކެމާ
ހިތާ ފުއްޕާމެޔާ ލޭހޮޅި ތަކާ ގުނަވަންތަކަށް އެ ދުމުން
އެތައް ގެއްލުން ލިބޭކަންއެނގި ސަލާމަތްވުން އަވަސްކުރަމާ
ޖެހޭ ސްޓްރޯކް ހާޓްއެޓޭކް ނެތޭތީ ވާގި ޙަރަކާތާ
ޖެހޭމީހުންގެ ޙާލަތު ފެނި ފަތާދުން ވަކިވެގެން އުޅެމާ
ތިބޭ ބަލިޙާލުގައި އެނދުމަތި ވެފައި މީހުން އެތައްއަހަރަކު
ތިބޭއިރުގައި ލިބޭ ވޭނާ ކުރާނެ އަސަރު ފިކުރު ކުރަމާ
ވެޔޭ ގެއްލުން ބޮމުންދާއިރު ތިބޭކައިރީގަ އެންމެންނަށް
ތެރޭ ނޭވާ ލުމުން ވިހަވައި ލިބޭ ގެއްލުން ވަޒަން ކުރަމާ
ކުރާގިނަ ޚަރަދު ސިނގިރޭޓަށް ލިބޭގެއްލުން އެނގޭއިރުވެސް
ކުރާއިސްރާފު ހުއްޓާލަން ހިނގާ ޢަޒުމާއެކީ ފަށަމާ
ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގައި މިރާއްޖޭގައި
މަނާ ދުންފަތް ކުރެއްވެވިކަން ހަނދާންނައްތާ މިއަދު ނުލަމާ
ވަނީ ގެއްލުން އެތައްކަމަކަށް ތަރައްޤީ އިޤްތިޞާދަށްވެސް
ވަނީމީ ޤައުމު ކަންބޮޑުވާ ވަރުގެ ކަމަކަށް ހިނގާ ބަލަމާ
ދުމާދުންފަތުގެ ބާވަތްތައް އެތެރެކުރުމެއް މަދެއްނުވެޔޭ
ސަމާލު ކަމެއް ދިނުން ވާޖިބު ކަމެއްކަމުގައި މިއީ ދެކެމާ
މަނާ ނުކުރެއްވިޔަސް ދުންފަތް ހިނގާދުރުހެލި ވަމާއެންމެން
ހަނާވާ ހަށިތަކަށް ދުޅަހެޔޮ ސަލާމަތް ޞިއްޙަތެއް އެދެމާ
