Support Us

ރަސޫލާގެ މަތިވެރި މައުލިދަކީ އީމާންކަން އައުކޮށްދޭ ވަސްމީރު ޒިކްރާއެއް

ރަބީޢުލްއައްވަލު މަހަކީ ދުނިޔޭގެ ހަތަރު ބިތުގައި ދިރި އުޅޭ އެންމެހާ މުސްލިމުންގެ ހިތްތަކުގައި މަތިވެރި މަޤާމެއް ލިބިފައިވާ މަހެކެވެ. އެއީ އެމަހުގެ ދުވަސްތަކުގެ ތެރޭގައި ޚައިރުއްބަޝަރިއްޔާ، މުޙައްމަދުގެފާނު ދުނިޔެއަށް ވަޑައިގެން ޛިކްރަޔާތުތައް ހިމެނޭތީއެވެ. ކީރިތި ރަސޫލާ ﷺ ދުނިޔެއަށް ވަޑައިގަތުމުގެ ސަބަބުން އީމާންކަމުގެ ނޫރުން ދުނިޔެ އުޖާލާވެގެން ދިޔައެވެ. އެކަލޭގެފާނުގެ ސީރަތަކީ ޢާލަމުތަކަށް ވޮށެއްކަމުގައި ވެފައިވާ ޢަމަލީ މަންހަޖެކެވެ. اللهُ تَعَالَى ވަޙީ ކުރައްވިއެވެ. ((يَـٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَـٰكَ شَـٰهِدًا وَمُبَشِّرًا وَنَذِيرًا- އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافرންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ.))

އެކަލޭގެފާނުގެ ސީރަތަކީ ޠާހިރުކަމާއި ސާފުކަމުގެ މިސާލެކެވެ. ދެފުށް އެއްގޮތްކަމާއި، ހިތްތިރިކަމުގެ ނަމޫނާއެކެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމުގެ ލާސާނީ މިސާލެކެވެ. ތޭވީހަކަށް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވަރުގަދަ އުއްމަތެއް އެކަލޭގެފާނު ވަނީ ބިނާ ކުރައްވައިފައެވެ. އެއްވެސް ޒަމާނެއްގައި މި ފަދަ ކުރު މުއްދަތެއްގެ ތެރޭގައި ވަރުގަދަ ޙަޟާރަތަކާއި، މަދަނިއްޔަތަކާއި، ރަށްވެހިކަމެއް ބިނާ ކުރެއްވި ދެވަނަ ޝަޚްޞިއްޔަތެއް ތާރީޚުން ފެންނާކަށް ނެތެވެ. މި ފަދަ ވަރުގަދަ ޙަޟާރަތެއް، މި ފަދަ މަތިވެރި އުއްމަތެއް ޤާއިމު ވެގެން ދިޔައީ، އެކަލޭގެފާނުގެ މަދުރަސާއިން ދަސްވެނިވެ ވަޑައިގެން ދަރިވަރުންގެ މޮޅުކަމުންނެވެ. އެކަލޭގެފާނަށް މި ފަދަ ދަރިވަރުންތަކެއް ދަސްވެނި ކުރެއްވުނީ އަދި ދަސްވާރު ކުރެއްވުނީ އެކަލޭގެފާނަށް ﷲ ދެއްވި ތަރްބިޔަތާއި އަދަބު އަޚްލާޤުގެ ސަބަބުންނެވެ.

އެކަލޭގެފާނުންގެ ބަސްފޮތުން ހުރިހާ ބާވަތެއްގެ ނިކަމެތިކަން ވަނީ ފުހެލައްވައިފައެވެ. އެކަލޭގެފާނު އުފުއްލަވައިފައިވަނީ ކަރާމަތާއި، ޢިއްޒަތާއި. ހިތްވަރުގަދަކަމާއި. ޝަހާމަތްތެރިކަމުގެ ދަންމަރެވެ. އެކަލޭގެފާނު މީސްތަކުންގެ ހިތްތައް ފަތަޙަ ކުރައްވައިފައިވަނީ ރިވެތި ޙިކްމަތާއި، ރިވެތި ވަޢުޡުންނެވެ. އެކަލޭގެފާނާ ދެކޮޅު ހެދި މީހުންނާ ރިވެތި ގޮތުގައި ޖަދަލު ކުރައްވައިގެންނެވެ. އެކަލޭގެފާނުގެ މަދުރަސާއިން ދަސްވެނިވެފައިވަނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި އުޅެން ތަރްބިޔަތު ލިބިފައިވާ ޒުވާނުންނާއި، ޞާލިޙު އަންހެނުންނާއި، ހެޔޮ ލަފާ އެދުރުންނާއި، ހަނގުރާމަމަތީ ފަހުލަވާނުންނާއި، ހަރުދަނާ މުރައްބީންނާއި، ސިޔާސީ ޒަޢީމުންނާއި ދީނީ އިސްވާރުންނެވެ.

ރަބީޢުލް އައްވަލު މަހަކީ ކީރިތި ރަސޫލާ ﷺ ދުނިޔެއަށް ވަޑައިގެންނެވި މަހެވެ. އެކަލޭގެފާނުގެ މީލާދު ވެފައިވަނީ، ޖާހިލުކަމާއި ޝިރްކުގެ ސުންޕާކަމުން ދުނިޔެ ސަލާމަތް ކުރި ވަރުގަދަ ރިސާލަތެއްގެ އުފަންވުމަކަށެވެ. އެއީ ވަރުގަދަ އުއްމަތެއް ބިނާކޮށް އާރާސްތުކުރި މައުލިދެކެވެ. އެއީ ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލުކޮށްލި ޙަޟާރަތެއްގެ މީލާދެކެވެ.ކީރިތި ރަސޫލާ  ގެންނެވި އިސްލާމީ ދަޢުވަތުގެ ސަބަބުން އިމާންކަން މުޅި ދުނިޔެއަށް ޢާންމުވެ، އަމަންއަމާންކަން ފެތުރި، އެއްގަމަށާއި، ކަނޑުތަކަށާއި، ޖައްވަށާއި، އިންސާނުންނަށާއި، ޖިންނިންނަށާއި، ގަސްގަހާގެއްސަށާއި ދިރުންހުރި އެއްޗެއްސަށާއި ދިރުން ނެތް އެއްޗެއްސަށް އަލިކަމާއި ރައްކައުތެރިކަމާއި، އުފާވެރިކަން ލިބިގެން ދިޔައެވެ. މާޔޫސްކަން ނެތިގޮސް އުއްމީދު ފެޅިއެވެ.

ކޮންމެ އަހަރަކު އަޅުގަނޑުމެން މި ވަސްމީރު ޛިކްރާ އައުކުރާއިރު އަޅުގަނޑުމެންގެ ހިތަށް ގެންނަންވީ މި ލޮބުވެތި ރަސޫލާގެ އިންސާނީވަންތަކަމާއި އަޚްލާޤުގެ މަތިވެރިކަމެވެ. އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެގެން، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން އަލުން ރަނގަޅު ކުރުމަށް ޓަކައެވެ. އެކަލޭގެފާނު ވެވަޑައިގެންފައި ވަނީ ނަމޫނާ އިންސާނަކަށެވެ. އެކަލޭގެފާނުންގެ އަހްލުންނާއި، އަވަށްޓެރީންނާއި ޤައުމުގެ އެންމެހާ މީސްތަކުންނާއެކު މަޢީޝަތުގެ ކަންތައްތަކުގައްޔާއި ޙަޔާތުގެ ބުރަތަކާއި ދަތިތައް ތަޙައްމުލު ކުރެއްވުމުގައި އެއްބާރު ލައްވައިފައިވެއެވެ. އެކަލޭގެފާނުންގެ ގާތްތިމާގެ ބޭފުޅުންނާއެކު މުޞީބާތްތަކުގައި ހަމްދަރްދީވެ ވަޑައިގެންފައިވެއެވެ. އެކަލޭގެފާނުގެ ނޯކަރުންނަށް އިޙްސާންތެރިވެ ވަޑައިގެންފައިވެއެވެ. އަވަށްޓެރީންނަށް ހެޔޮފޯރުއްވައިފައި ވެއެވެ. މެހެމާނުންނަށް ކަމޭ ހިއްތަވައިފައި ވެއެވެ. އިޚްވާނުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތްތަވައިފައިވެއެވެ. ޣައިރު މުސްލިމުންނާ އެކުގައި ވެސް ރިވެތި ގޮތުގައި މުޢާމަލާތު ކުރައްވައިފައި ވެއެވެ. ކީރިތި ރަސޫލާ ﷺ ހުރިހާ ވަގުތެއްގައި ވެސް ވެވަޑައިގެންފައިވަނީ ރަޙީމުވަންތަ އޯގާވަންތަ ދީލަތި ބޭކަލަކަށެވެ. ތެދު ބަސް ވިދާޅުވެ، އަމާނަތްތައް އަދާކުރެއްވިއެވެ. ނިކަމެތީންނަށް އަޅައިލެއްވިއެވެ.

މި މުނާސަބަތުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ އެކަލާނގެފާނު ދެކެ ލޯބިވުން އިތުރުކޮށް އެކަލޭގެފާނުގެ ރިސާލަތަށް ތަބާވެ، އެކަލޭގެފާނު ގެންނެވި އުޞޫލުތަކުގައި ހިފެހެއްޓުމެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ އީމާންކަމުގެ ޢަލާމަތްތަކުގެ ތެރެއިން ޢަލާމަތެކެވެ. މާތްﷲ ރުއްސުންލެއްވި އަނަސު ބުނު މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ- އެމީހެއްގެ މައިންބަފައިންނާއި ދަރިންނާއި އެހެން އެންމެހާ މީސްތަކުން ދެކެ ލޯބިވާ ވަރަށް ވުރެ ތިމަން ކަލޭގެފާނު ދެކެ ލޯބިވާ މިންވަރު އިތުރުވެއްޖައުމަށް ދާނދެން ތިޔަބައިމީހުންކުރެ ހަމަ އެކަކުގެ ވެސް އީމާންކަން ފުރިހަމަ ވެގެން ނުވެތެވެ.))

ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވެވޭނީ އެކަލޭގެފާނުގެ ސުންނަތް ދިރުވައިގެންނެވެ. އެކަލޭގެފާނު ގެންނެވި ހިދާޔަތަށް ތަބާވެގެންނެވެ. އެކަލޭގެފާނުންގެ މަތިވެރި އަޚްލާޤުން ގަހަނާ އަޅައިގެންނެވެ. މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مِنْ أَشَدِّ أُمَّتِي لِي حُبًّا نَاسٌ يَكُونُونَ بَعْدِي يَوَدُّ أَحَدُهُمْ لَوْ رَآنِي بِأَهْلِهِ وَمَالِهِ- ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހު ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ދެކެ ލޯބިވާ ބަޔަކު ،ތިމަންކަލޭގެފާނު ދެކެ ލޯބިވާލެއް ބޮޑުކަމުން އެމީހުންގެ އަހްލުންނާއި މުދާތައް ޤުރްބާން ކޮށްގެން ވެސް ތިމަންކަލޭގެފާނު ދުށުމަށް އެދޭނެތެވެ.)) މާތްﷲ ވަޙީ ކުރެއްވިއެވެ. ((قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ – ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.))

އިސްލާމީ އުއްމަތުގެ މިއަދު ޙާލަތަށް ބަލާއިރު ކީރިތި ރަސޫލާ ﷺގެ ސީރަތުން ޢިބްރަތް ވަނީ ޙާޞިލުކުރަން ޖެހިފައެވެ. ފިލާވަޅުތައް ވަނީ ދަސްކުރަން ޖެހިފައެވެ. މި އުއްމަތް މިއަދު ވެއްޓިފައިވާ މި ފުންވަޅުގަނޑުން އަރައިގަނެ، އުއްމަތުގެ ކަރާމަތާއި ޢިއްޒަތް އަނބުރާ ލިބޭތޯއެވެ.

އެކަލޭގެފާނުގެ މައުލިދަކީ ހިދާޔަތުގެ އުފަންވުމެކެވެ. ތެދުމަގު ކުރަހައިދިނުމެކެވެ. އިންސާނިއްޔަތަށް ގެނެސްދިން ދިރުމެކެވެ. ކެނޑިފައިވާ ގުޅުން އަލުން ވާޞިލުކުރުމެވެ.

އެއީ ދުނިޔެ މިލްކުކުރި އުއްމަތެއްގެ މީލާދެކެވެ. އެއީ ޙައްޤުގެ ދިދަ ދުނިޔޭގެ ކަންކޮޅުތަކުގައި ވިހުރުވި އުއްމަތެކެވެ.އެއީ ޢަދްލު އިންސާފުގެ މުންނާރުތައް ބިނާކުރި އުއްމަތެކެވެ. މާތް ﷲ އެކަލޭގެފާނު ސިފަކޮށްދެއްވައި ވަޙީ ކުރެއްވިއެވެ. ((لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيرًا- ހަމަކަށަވަރުން، اللَّه ގެ رسولއާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.))

މުސްލިމުންނަކީ އަބަދުވެސް ތަޤްވާވެރިންގެ ހިދާޔަތަށް ތަބާވެ އެމީހުންގެ މަގުޗާޓާ އެއްގޮތަށް ދަތުރުކުރާ ބައެކެވެ. މާތް ﷲ ގެ ބަސްފުޅަކީ ((أولَئِكَ الَّذِينَ هَدَى اللَّهُ فَبِهُدَاهُمْ اقْتَدِهِ- އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ!))

މި މުނާސަބަތުގައި ކީރިތި ރަސޫލާ ﷺގެ ސީރަތުގެ ބުސްތާނަށް ވަދެ އެ ބުސްތާނުގެ މޭވާތައް ބިންނަ މީހަކަށް ވަރަށް ރަހަމީރު މޭވާތައް ބިންނަން ލިބޭނެއެވެ. މި ސީރަތުން ފިލާވަޅުތައް އުނގެނި ދަސްކުރެވިދާނެއެވެ.

ކީރިތި ރަސޫލާ ﷺ ދުނިޔެ އިސްލާޙު ކުރެއްވުމަށް ޓަކައި ހިންގެވީ ކައުނީ، އިޖްތިމާޢީ، ނަފްސާނީ، ޢަޤްލާނީ ސުންނަތާއި ޤާނޫނާ އެއްގޮތަށެވެ. މީސްތަކުންނަށް މި އައު ދީނަށް ގޮވައިލެއްވުމަށް ޓަކައި އަދި މީސްތަކުން ޝިރްކުގެ އަދިރިކަމުން ހިދާޔަތުގެ އަލިކަމަށް ނެރުއްވުމަށް ޓަކައ އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ހުރިހާ ހުނަރުތަކަކާއި، ޙިއްސުތަކަކާއި، ކެރިފޯރުންތެރިކަމަކާއި ވަސީލަތްތަކެއް ބޭނުންފުޅު ކުރެއްވިއެވެ.އަވަހާރަފުޅު ލެއްޕެވުމެއްނެތި ރޭތައް ހޭދަކުރެއްވިއެވެ. ހަނަސްޞަޙަރާތަކާއި ބިންތައް ކަޑައްތު ކުރެއްވިއެވެ. ބޭއްވެމުން ދިޔަ ކޮންމެ ބައްދަލުވުމަކާއި ކޮންމެ ފޯވައްސެއް، ކޮންމެ ބާޒާރަކާއި ކޮންމެ ޖަމާޢަތެއް، ކޮންމެ ތިމާގެފުޅުކަމަކާއި ކޮންމެ ގުޅުމެއްގެ ބޭނުންފުޅު ހިއްޕެވިއެވެ. ﷲ ތަޢާލާ "ވާށޭ" ވަޙީ ކުރެއްވުމުން އެކަމެއް ވެގެންދާނެ ކަން ރަސޫލާއަށް އެނގިވަޑައިގެންނެވިޔަސް މި ބަސްފުޅުގެ މައްޗަށް ބަރޯސާވެ ވަޑައިނުގަންނަވައި، އެކަލޭގެފާނު ނަޞްރާއި ކާމިޔާބު ހޯއްދެވީ މަސައްކަތާއި ﷲގެ މަދަދާއި ވާތްގާއެކު ބުރައާއި ދުއްތުރާތައް ބަރުދާސްތު ކުރައްވައިގެންނެވެ. އެކަލޭގެފާނު ކަންއޮތް ގޮތް ބައްލަވައި އެއާއެކު މުޢާމަލާތު ކުރެއްވިއެވެ. ސިކުނޑިތައް ދިރާސާކުރައްވައި އިރްޝާދު ދެއްވިއެވެ. އާދަކާދަތަކަށް ބައްލަވައި އެއަށް ރިޢާޔަތް ކުރެއްވިއެވެ.ހުރަސްތައް ބައްލަވައި އެއަށް ބޭނުންވާ ވަސީލަތް ތައްޔާރު ކުރެއްވިއެވެ. އެއްވެސް ކަމެއް ޒުރޫފަށް ނުވަތަ ވެދާނެކަމަށް ދޫކޮށެއް ނުލައްވައެވެ. ކީރިތި ރަސޫލާ ﷺ ފުރްޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވިއެވެ. މުނާސަބު ވަގުތު ބައްލަވައި ފިޔަވަޅުތައް އެޅުއްވިއެވެ. ސިކުނޑިތައް ބޭނުން ކުރެއްވިއެވެ. ކަންތައްތައް ރަނގަޅު މިންގަނޑުތަކުން މިނެ ވަޒަން ކުރެއްވިއެވެ. ހަނގުރާމައިގެ ވަގުތުތަކުގައްޔާއި ޞުލްޙަމަސަލަސްކަމުގެ ވަގުތުތަކުގައި އެކަލޭގެފާނުގެ ސިޔާސަތަކީ އަބަދުވެސް ތައްޔާރުވެ ހުރުމެވެ. ދުޝްމަނުންނަށް ބައުގަނޑެއް ހަދާނެ ފުރްޞަތު ނުދެއްވުމެވެ. އެކަލޭގެފާނުގެ ސިޔާސަތަކީ ކުރިއަށް އަރަންޖެހޭ ވަގުތުތަކުގައި އިސްވެ ކުރިއަށް ނުކުތުމެވެ. އެކަމުގައި ފައިދާއެއް އޮތްނަމަ ދޫދެއްވުމެވެ. އެކަލޭގެފާނު ނަޞްރު ހޯއްދެވީ ޙުއްޖަތުންނެވެ. ފަތަޙަ ކުރެއްވީ ތަޢުލީމުންނެވެ. އެކަލޭގެފާނު އެއްވެސް ނަފްސެއްގެ އަގު ވައްޓައެއް ނުލައްވައެވެ. ތައުހީނެއް ނުކުރައްވައެވެ. މާތް ﷲ އެކަލޭގެފާނު ސިފަކުރެއްވި ބަސްފުޅުގައި ވެއެވެ. ((لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ- ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ))

ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް އުނގަންނާ ދެއްވި އެއް ފިލާވަޅަކީ ބަދަލުކުރުމުގެ އަސާސަކީ މީހުންކަމެވެ. ރަސޫލާއަށް ތަފާތު ހަނގުރާމަތަކެއްގައި ނަޞްރު ހޯއްދަވަން ޖެހިވަޑައިގަތެވެ. ޖާހިލީ ނަފްސުތަކެއްގެތެރޭގައި ހަނގުރާމަތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. މުޖްތަމައުގެ ތެރޭގައްޔާއި އެ މުޖްތަމަޢުގެ ތަފާތު މައިދާންތަކުގައި ހަނގުރާމަތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. އެކަލޭގެފާނަށް ކަޅިއަޅައަޅައި އޮތް ބޭރުގެ ޢަދާވަތްތެރިންތަކެއްގެ މައްޗަށް ވެސް ކާމިޔާބުތަކެއް ހޯއްދަވަން ޖެހިވަޑައިގަތެވެ. ޖާހިލިއްޔަތާ ދެކޮޅަށް ކުރައްވަން ޖެހިވަޑައިގެން ހަނގުރާމަތަކަކީ ހަރުކަށި، ބޮޑާ، ޒާތީ ތަޢައްޞުބާއި ނަސްލީ އިމްތިޔާޒާއި ބޯދާ އާދަކަދަތަކާއި ބާޠިލު ޢަޤީދާތަކަކާ ދެކޮޅަށް ކުރައްވަން ޖެހިވަޑައިގަތް ހަނގުރާމަތަކެކެވެ. ފާސިދު ދީންތަކާ ދެކޮޅަށް ކުރައްވަން ޖެހިވަޑައިގެން ހަނގުރާމަތަކަކީ ކާހިނުންނާއި ރާހިބުންނާއި ފާދިރީންނާއި، މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ޢުންޞުރުތަކެއް ހިމެނުނު ހަނގުރާމަތަކެކެވެ. މި ހަނގުރަމަތަކަށް ޓަކައި ތިން ޢުންޞުރެއް ބޭނުންވެއެވެ. އެއީ ފުރިހަމަ އީމާންކަމާއި، ސާބިތު ކެތްތެރިކަމާއި ވަގުތެވެ. ކީރިތި ޤުރްއާން ވަނީ ކީރިތި ރަސޫލާ ﷺ މި ތިން ޢުންޞުރާ ދިމާއަށް މިޞްރާބު ކުރުވައިފައެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއް މި ޢުންޞުރުތައް ހޯއްދެވުމަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވައި މިސްރާބު ކުރުވައިފައި ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا- އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ! ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ.)) އެހެން ބަސްފުޅެއްގައި ވަޙީ ކުރެއްވިއެވެ. ((فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ- ފަހެ، رسولންގެ ތެރެއިން ގަދަ ހިތްވަރުފުޅުގެވެރި رسولން (އެބަހީ: أولوالعزمގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ!)) ކީރިތި ރަސޫލާ ﷺ މި ހަނގުރާމަތަކުގައި ނަޞްރު ހޯއްދެވީ އީމާންކަމާއި ކެތްތެރިކަމާއި އަވަސްއަރުވައިނުގަތުމުގެ ތިން ޢުންޞުރުން ކާނާ ހޯއްދަވައިގެންނެވެ. މި ތިން ޢުންޞުރުން އެކަލޭގެފާނު އެކަލޭގެފާނުގެ އުއްމަތް ބިނާކުރެއްވިއެވެ. މި އުއްމަތް އެކަލޭގެފާނުގެ ޖިހާދު ކުރިއަށް ގެންދިޔައެވެ. ކާމިޔާބީތައް ހޯދިއެވެ.

އުއްމަތެއް ބިނާކުރުމަށް ޓަކައި އެކަމަށް ބޭނުންވާ މީހުން ބިނާކޮށް ތަރްބިޔަތު ކުރުން. އެކަލޭގެފާނުގެ ދަޢުވަތު ފެތުރުއްވުމަށް ޓަކައި އެކަމަށް ބޭނުންވާ ތަފާތު މީހުން އުފެއްދެވިއެވެ. ބިނާކުރެއްވިއެވެ. އެކަލޭގެފާނުގެ މަދަރުސާއިން ދަސްވެނިކުރެއްވިއެވެ. އެކަލޭގެފާނާއެކު އަތުކުރި އޮޅައިލައިގެން ޙަޤީޤީ މައިދާނަށް ނުކުންނަން ކެރޭ އެކަމަށް ބޭނުންވާ ޢިލްމާއި ހުނަރާއި ތަމްރީނު ލިބިފައިވާ ބަޔަކު އުފެއްދެވިއެވެ. ރަސޫލާ ބިނާކުރެއްވި އުއްމަތް ބިނާކުރެއްވީ ނަފްސު ޢިއްޒަތްތެރި، ހިތްތައް ތަޤްވާވެރި، އެތެރެފުށް ޠާހިރު، ދޫ ރައްކައުތެރި، ޢިއްފަތްތެރި، ނަޒާހަތްތެރި، ޒިންމާދާރު ބަޔަކު ބިނާކުރައްވައިގެންނެވެ. އެބައިމީހުން ވެފައިވަނީ ރަސޫލާގެ ދަޢުވަތާއި ރިސާލަތުގެ ތެދުވެރި، ޙަޔަވީ މިސާލުތަކަކަށެވެ. ކީރިތި ޤުރްއާނުގައި އެބައިމީހުންނަށް ތާރީފުގެ ހެޔޮބަސްތައް އައިސްފައި ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَـٰذَا مَا وَعَدَنَا اللَّـهُ وَرَسُولُهُ وَصَدَقَ اللَّـهُ وَرَسُولُهُ ۚ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا ﴿٢٢﴾مِّنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّـهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا- އަދި (كافر ންގެ) جماعة ތައް مؤمنންނަށް ފެނުނުހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّه އާއި، އެކަލާނގެ رسولއާ وعد ކުރެއްވި ކަންތަކެވެ. އަދި اللَّه އާއި، އެކަލާނގެ رسولއާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمان ކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ. اللَّه އަށް އެއުރެން عهد ވީ ކަންތަކަށް ތެދުވެރިވީ ފިރިހެނުންތަކެއް مؤمن ންގެ ތެރެއިންވެއެވެ. ފަހެ، އެއުރެންގެ ތެރެއިން (شهيد ވެ) މަރުވެގެންދިޔަ ބަޔަކު ވެއެވެ. އަދި (شهيد ވުމަށް) انتظار ކުރާ ބަޔަކުވެސް އެއުރެންގެ ތެރެއިން ވެއެވެ. އަދި އެއުރެން (އެ عهد އަކަށް) އެއްވެސްކަހަލަ ބަދަލެއް ނުގެނެތެވެ.))

ކީރިތި ރަސޫލާ ﷺގެ ވަސްމީރު ސީރަތް އަޅުގަނޑުމެންނަށް ހާމަކޮށްދީފައިވަނީ މަތިވެރި ޝަޚްޞިއްޔަތުތަކުގެ ސީރަތަކީ އުފެއްދުންތެރި، ކުރުންތެރި، ޖިހާދާއި ކިފާޙާއި، ހޭދަކުރުމާއި ހަދިޔާކުރުމާއި، އިރްޝާދާއި ޒަޢާމަތާއި ޤިޔާދަތާއި، ޙިކްމަތާއި، ރަޙްމާއި، ޢަދާލަތްތެރިކަމުގެ ސީރަތެއް ކަމެވެ. ރަސޫލާގެ މާތް ޞަޚްޞިއްޔަތުން މި ހުރިހާ ސިފަތަކެއް ވަނީ ފެނިފައެވެ. އެކަލޭގެފާނަށް ތަބާވި މީހުންގެ ކުރިން އެކަލޭގެފާނުގެ ދުޝްމަނުން ވަނީ މި ކަމަށް އިޢުތިރާފުވެފައެވެ. އެކަލޭގެފާނުގެ އިސްވާރުކަމުން ޙަޤީޤީ މަތިވެރިކަމަކީ ކޮބައިކަން އެނގެއެވެ. އެކަލޭގެފާނުގެ ސީރަތުން ބިލާހީ ޒަޢާމަތްތައް ވަކިކުރާނެ ގޮތްތައް އެނގެއެވެ. އެކަލޭގެފާނުގެ ސީރަތުން ހިދާޔަތުގެ ސީރަތާއި ޟަލާލަތުގެ ސީރަތު ވަކިކުރަން އެނގެއެވެ.މުޞްލިހުންގެ އަޚްލާޤިއްޔާތާއި ފާސިދުންގެ އަޚްލާޤިއްޔާތު ވަކިކޮށް ދެނެގަންނާނެ މިންގަނޑުތައް އެނގެއެވެ.

އިސްލާމީ އުއްމަތް މިއަދު އުޅެންވީ ﷲގެ ރަސޫލާ މި ގެނެސް ދެއްވި ރިސާލަތުގައެވެ. އެހެންނޫނީ މާތްﷲ މި އުއްމަތަށް ދެއްވި ހެޔޮވަންތަކަމަށް އަނބުރައެއް ނުދެވޭނެއެވެ. އެ އިސްނެގުމަށް ރުޖޫޢައެއް ނުވެވޭނެއެވެ. މި ހެޔޮވަންތަކަމުގެ ޝަރްޠުތައް މާތްﷲ ވަނީ ބަޔާންކޮށް ދެއްވައިފައެވެ. މި ޝަރްޠުތަކާ އެއްގޮތަށް މުސްލިމުންގެ އުޅުންތަކާއި ގުޅުންތައް ބައްޓަން ނުކޮށްފިނަމަ މި އުއްމަތުގެ މަޞީރަކަށް ނިމުމަކަށް ވެސް ވާނީ އެހެނިހެން އުއްމަތްތަކުގެ ނިމުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ ﴿١٧٥﴾ وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَـٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ- ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ.ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތި ދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *