...

Support Us

މިޞްރުގައި މަވްލިދަށް ހަދާ "ބުދުކޮއްކޮ ޙަލްވާ"

މާތް ނަބިއްޔާގެ މަވްލިދު: ދުނިޔޭގައި މުސްލިމުން ފާހަގަކުރަނީ ކިހިނެއް؟

ދުނިޔޭގެ އެތަންމިތާނގައި މުސްލިމުން ކީރިތި ރަސޫލާ ﷺގެ މަވްލިދު ވަރަށް ތަފާތު ގޮތްގޮތަށް ފާހަގަކުރަމުންދެއެވެ. ފާހަގަކުރާ ގޮތް ތަފާތުވިޔަސް އެމީހުން އެކަން ކުރަނީ މަޑުމައިތިރިކަމާއި ޚުޝޫޢާއި އެކުވެރިކަމުގެ ވެށްޓެއްގައެވެ.

މަވްލިދު ފާހަގަކުރުމުގައި މަޒްހަބުތަކާއި ޢިލްމުވެރީންގެ ރައުޔުތައް ތަފާތުވިޔަސް ތަފާތު ޤައުމުތަކުގައި ތަފާތު ގޮތްގޮތަށް މި ދުވަސް ފާހަގަކުރެއެވެ. މިއަދު ޢާންމުވެފައިވާ މީސްމީޑިޔާގެ ސަބަބުން މި އިޙްތިފާލުތައް ވަގުތުން ދުރަށް ޙިއްޞާ ކުރަމުން ދެއެވެ.

ޚާއްޞަ ކާތަކެތި  

ބައެއް ޤައުމުތަކުގައި އާދަކާދައިގެ ގޮތުގައި ކީރިތި ރަސޫލާ ﷺގެ މަވްލިދު ފާހަގަކުރުމަށް ޓަކައި ތަފާތު ބާވަތްބާވަތުގެ ކާތަކެތި ތައްޔާރު ކުރެއެވެ. އޭގެތެރޭގައި ގިނައީ ފޮނި ކާއެއްޗެއްސެވެ.

ތޫނިސްގައި "ޒައްޤޫޤޫ"' ނަމަކަށް ކިޔާ ބޮނޑިބަތެއް ކައްކައެވެ. އެއީ ކްރީމާއި މޭވާއާއި ކުލަކުލައިގެ ޙަލްވާ އަޅައިގެން ކައްކާ ބޮނޑިބަތެކެވެ.

މިޞްރުގައި ތަފާތު ބާވަތްބާވަތުގެ މަވްލިދު ޙަލްވާ ހަދައެވެ. އޭގެތެރޭގައި އެންމެ މަޝްހޫރުވެފައި ވަނީ "މަވްލިދު އަސް" އާއި "މަވްލިދު ބުދުކޮއްކޮ" އެވެ. މި ޙަލްވާ ހަދަނީ ހަކުރާއި ފުށާއި ބާވަތްބާވަތުގެ މަދު އަޅައިގެންނެވެ.

މި ޞްރުގައި މަވްލިދަށް ހަދާ އަސް ޙަލްވާ

މަވްލިދު ފާހަގަކުރުމަށް ޓަކައި އިންޑޮނޭޝިޔާ ފަދަ ދެކުނު އިރުމަތީ އޭޝިޔާގައި ކައްކަނީ ބަތާއި ރިހައެވެ. ބޮޑެތި ކޭން ތައްޔާރުކޮށްގެން ފަޤީރުންނަށް ބަހައި ޞަދަޤާތް ކުރެއެވެ.

ބައެއް ޤައުމުތަކުގައި މުސްލިމުން މަވްލިދު ފާހަގަކުރަނީ ކީރިތި ރަސޫލާ ﷺ އަށް މަދަޙަ ތާރީފުކޮށް ހަދައިފައިވާ ޅެންތަކާއި ޤަޞީދާތައް ކިޔައިގެންނެވެ. ބައެއް ޤައުމުތަކުގައި މި ކަމަށް ޓަކައި ބޮޑެތި ބައްދަލުވުންތައް ވެސް ބާއްވައެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ނާބްލުސްގައި މަވްލިދު ފާހަގަ ކުރުމަށް ބޭއްވި މަދަޙަ ކިޔުމުގެ ބައްދަލުވުމެއް
ކަރާޗީގެ ކަންޒުލް އިމާން މިސްކިތް މަވްލިދަށް ދިއްލައިފައި
އިސްތަންބޯލުގެ ޗަމްލީޖާ މިސްކިތުގައި މަވްލިދު ފާހަގަކުރުން
ތޫނިސްގެ ޤައިރުވާނުގެ ޢުޤްބަތު ބިން ނާފިޢު މިސްކިތުގައި މަވްލިދު ފާހަގަކުރުން

ބާޒާރުތަކަށް ދިރުން ލިބުން

މަވްލިދު ފާހަގަކުރުމުގެ ގޮތުން ބާޒާރު މައްޗާއި މައިދާންތަކާއި ޕާކުތައް ޒީނަތްތެރިކޮށް ކުލަކުލައިން ދިއްލުމަކީ މިއަދު އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރަށް މަވްލިދު ބަދަލުވެފައި ވަނީ ހެޔޮއެދުންތައް ފާޅުކުރުމާއި ތަހްނިޔާ ކިޔުމުގެ ޢީދަކަށެވެ. މީސްމީޑިޔާގެ ތަފާތު އޮޅިތަކުން މި ކަން މިއަދު ފެނެއެވެ. މިއީ މަވްލިދު ފާހަގަކުރުމަށް އައި އައު ބަދަލެކެވެ.

މަވްލިދުގެ މުނާސަބަތުގައި ޢީދުތަކުގައި ބާޒާރުތަކާއި ވިޔަފާރިތައް ފުޅައުވެގެން ދިރުން އަންނަމުން ދާތަން ފެނެއެވެ. މި މުނާސަބަތުގައި އެންމެ ގިނައިން ވިކެނީ ހެދުމާއި ޙަލްވާ ފަދަ ފޮނި ކާއެއްޗެއްސެވެ.

ކޮން ދުވަހެއް؟

ކީރިތި ރަސޫލާ ﷺ ދުނިޔެއަށް ވަޑައިގެންނެވި ދުވަހާމެދު ތާރީޚު ޢިލްމުވެރީންގެ ބަސްފުޅުތައް ތަފާތެވެ. ސުންނީންގެ ތެރެއިން ގިނަ ބަޔަކު އެއީ ރަބީޢުލް އައްވަލު މަހުގެ 12 ދުވަސްކަމަށް ބުނާއިރު ޝީޢީން ބުނާގޮތުގައި އެއީ ރަބީޢުލްއައްވަލު މަހުގެ 17ވަނަ ދުވަހެވެ. ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ރަބީޢުލްއައްވަލު މަހުގެ އަށް ވަނަ ދުވަހެވެ.

ތާރީޚީ މަރްޖިޢުތައް ބުރަވާ ގޮތުގައި ކީރިތި ރަސޫލާ ﷺ އުފަންވެވަޑައިގަތީ ފީލު ބާގައިގެ މީހުން ގެފުޅު މުގުރާން އައި އަހަރުގައެވެ. އެއީ މީލާދީ ގޮތުން 570 ވަނައަހަރާއި 571 ވަނަ އަހަރާ ދެމެދެވެ. ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި އެކަލޭގެފާނަށް "މުޙައްމަދު" އޭ ވިދާޅުވެ ނަންދެއްވީ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުގައި އެ ނަންފުޅު ދެއްވީ މައިކަމަނާގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގައި އެ ނަންފުޅު ވިދާޅުވުމަށް އަންގައިވައިގެން އެ ވާހަކަ ޢަބްދުލް މުއްޠަލިބުގެފާނަށް ދެންނެވީމައެވެ. އެއީ އޭރުގެ ޢަރަބިން ކިޔާއުޅުނު ނަމެއް ނޫނެވެ. އެކަލޭގެފާނު އެ ނަން ދެއްވީ އެކަލޭގެފާނުންގެ ކާފަ ދަރިކަލުންނަށް ތާރީފާއި ސަނާ ލިބިވަޑައިގަތުމަށް އުންމީދު ކުރައްވައެވެ.

ތާރީޚީ ގޮތުން އެނގޭގޮތުގައި ކީރިތި ރަސޫލާ ﷺ މަވްލިދު ރަސްމީ ސިފައެއްގައި ފާހަގަކުރަން ފެށުނީ ހިޖްރައިން 400 ވަނަ އަހަރުގައެވެ. ތާރީޚީ ގޮތުން އެނގޭ ގޮތުގައި މި ޒިކްރާ ރަސްމީކޮށް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެށްޓެވީ އިރްބީލުގެ ރަސްގެފާނު އަބޫ ސަޢީދު ކޫކަބްރީއެވެ.

އޭނާއަށްފަހު މިޞްރުގައި ފާޠިމީ ޚަލީފާއިން މި ޒިކްރާ ރަސްމީކޮށް ފާހަގަކުރައްވަން ފެށްޓެވިއެވެ. ފާޠިމީން މި ކަން ފެށީ މިޞްރު މީހުންނާ ގާތްވުމަށް ޓަކައެވެ. އެހެނަސް ފާޠިމީންގެ ޚަލީފާއެއް ކަމުގައިވާ އަލްމުސްތަޢުލާ ބިﷲ ހިޖްރައިން 488ގައި މި ޒިކްރާ ރަސްމީކޮށް ފާހަގަކުރުން ހުއްޓައިލުމަށް އަމުރުކުރެއްވިއެވެ. އެކަމާ ވިދިގެން މި ޒިކްރާ ފާހަގަކުރުން އޮތީ ޙަލްވާ ބެހުމާއި ފަޤީރުންނަށް ޞަދަޤާތްކުރުމާއި މިސްކިތްތަކުގައި ކީރިތި ރަސޫލާ ﷺގެ ސީރަތާ ބެހޭގޮތުން ވާހަކަދެއްކުމާއި މަދަޙަ ކިޔުމުގެ ތެރޭގައެވެ.

އައްޔޫބީ ދައުލަތުގައި މި ކަން އޮތީ ހަމައެކަނި މަދަޙަ ސަނާ ކިޔުމުގެ ޖަލްސާތަކުގައެވެ. އެއަށްފަހު ޢުޘްމާނީ ޚިލާފަތުގައި އަލުން މި މުނާސަބާ ވަރަށް ބޮޑަށް ފާގަކުރަން ފެށިއެވެ.

ސަލަފީން ދެކެވަޑައިގަންނަވާ ގޮތުގައި ކީރިތި ރަސޫލާ ﷺގެ މަވްލިދު ފާހަގަކުރުމަކީ ބިދްޢައެކެވެ. އައްޝައިޚު ބިން ބާޒު ވިދާޅުވާ ގޮތުގައި މުސްލިމުންނަށް ފާހަގަކުރަން ޝަރްޢު ކުރައްވައިފައި ވަނީ ދެ ޢީދެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ. ކީރިތި ރަސޫލާ ﷺގެ މަވްލިދު ފާހަގަ ކުރުމާ ބެހޭގޮތުން ޝަރްޢީ އެއްވެސް ދަލީލެއް ނެތެވެ.

މިޞްރުގެ އަލްއަޒްހަރު ފަދަ ދީނީ ބައެއް އެކަޑަމީތައް ބުނާގޮތުގައި ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގައި މަވްލިދު ފާހަގަކުރުމާ ބެހޭ ސާފު އިޝާރަތެއް ނެތް ނަމަވެސް އެއީ ކީރިތި ރަސޫލާ ﷺ މަތިވެރި ކުރުމަށާއި އެކަލޭގެފާނު ދެކެ ލޯބިވާކަން ހާމަކުރުމަށް ޓަކައި ކުރެވިދާނެ ކަމެކެވެ.

ކީރިތި ރަސޫލާ ﷺގެ މަވްލިދުގެ ޒިކްރާ ފާހަގަކުރުމަކީ ރަގަނޅު ބިދްޢައެއް ކަމަށް ވިދާޅުވާ ބޮޑެތި ޢިލްމުވެރީންގެ ތެރޭގައި އިބްނު ޙަޖަރުލްޢަސްޤަލާނީ (1371މ– 1449މ) އާއި ޖަލާލުއްދީނުލް ސުޔޫޠީ (1445– 1505މ) ހިމެނިވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.