Support Us

ނިދިން ހޭލާށެ– ދިވެހިންނޭ!

ދަނީ ލޮބުވެތި ދިވެހި ޤައުމާ ގުޅޭ އެކިއެކި ޚަބަރު ލިބެމުން
ވަނީ ކަންބޮޑު ވެގެންއެކަމާ ދަނީ ވިސްނާ ފިކުރުކުރަމުން

ފެތުރިފައި އޮތް ދިވެހިރާއްޖޭގެ ރަށްތައް އިންޑިޔާކަނޑުގައި
އޮތީ ބާރެއްގެ ގޮތުގައިކަން އެނގޭ ތާރީޚް ތެރަށް  ވަނުމުން

ކުރިން އެކަހެރި ވެފައިއޮތް ޤައުމު އަދުޝުހުރަތުވެ ކުރިއެރުމުން
ނުރައްކާތެރި މަކަރުވެރިވީ އެތައް ކަންތައް ދަނީ އެނގެމުން

ހޮޅިންނާ ޕޯޗުގީޒުން ނާދެޔޭ ދަހިވެތިވެ ކަޅި އަޅަމުން
އޮޅިން އެތެރެވި ބަޔަކު އެދަނީ ނުފޫޒާ ބާރު ފޯރުވަމުން

މިޤައުމަށް ހެޔޮއެދޭކަން ދެއްކުމަށް ކުރިމަގު ބިނާކުރުމަށް
ނަގަން ދިންލޯނުތައް ނަގަމުން ޤައުމު މިދަނީ ދަރާ ވިކެމުން

ހަކުރު ދޭތީވެ ކީ ބޮޑުބޭބެ މީކީ އެދުވަހެއް ނޫނޭ
ފިކުރު ބަދަލުވި، ކިޔެވި ތަޢުލީމު ހުނަރާ ތަޖުރިބާ ލިބުމުން

މުތީ ހާރެއްގޮތަށް ސިފަވާ ޖަޒީރާ ދިވެހި ކުދި ރަށްތައް
އޮތީ ބިރުވެތި ކަމާއެކު ކަން، އެނގޭތީ ރޭދުވާ ގުނަމުން

ޙިމާޔަތް ކުރުމުގައި، އިސްލާމްދީނާ، ޤައުމު، މިނިވަންކަން
ސަމާލުވުމަށް ގޮވާ ގޮވެލީގެ އަޑުދިޔަ އުފުލި ބާރުވަމުން

***

ބެހެން ޤައުމުގެ ސިޔާސީ، ޚާރިޖީ އަދި ދާޚިލީ ކަމަކަށް
އެހެން ބަޔަކަށް ނުދޭށޭ ފުރުޞަތެއް ކުޑަވެސް ދަނީ ގޮވަމުން

ދުރަށް ވިސްނާ ފިކުރުކޮށްގެން ޕްލޭނެއް ރަނގަޅުރާވައިގެން
ތަރައްޤީއަށް ކުރާކަންތައް ކުރާށޭ ގެންދަނީ ގޮވަމުން

ދަރަނިމަދުކޮށް އަރަނިގިނަކޮށް ކުރާބޭކާރު ޚަރަދު ހުއްޓާ
ކުރާކަންކަން ދެފުށް ފެންނާނެހެން ކުރުމަށްދަނީ ގޮވަމުން

އަމާންކަން ޞުލްޙަމަސަލަސްކަން އެދޭ ޤާއިމުވެފައި އޮތުމަށް
މިމާޙައުލަށް ނުރައްކާވާނެ ކަންތައް ނުކުރުމަށް ގޮވަމުން

އުފެއްދުންތެރިކަމާއެކު އިޤްތިޞާދު ރަނގަޅު ކުރަން ވިސްނާ
އުފާވެރި އަދި ފުދުންތެރި ޤައުމަކަށް ހެދުމަށްދެޔޭ  ގޮވަމުން

ވެރިންނަށް ރައްޔިތުން ކުރަމުން އެދާ އިތުބާރު ދަމަހައްޓަން
ވެރިންވެސް ރައްޔިތުންނާ މަޝްވަރާ ކުރުމަށް ދަނީ އެދެމުން

ނެތޭ ކުޑަވެސް ދުލެއް ދިނުމެއް މިއިން ކަމަކަށް އަހަރެމެންނެއް
ގޮތޭމީ ރައްޔިތުންނިންމާ ގޮވާ އިންޒާރުވެސް ކުރަމުން

***

ނިދިން ހޭލާށެ ދިވެހިންނޭ! ސަލާމަތް ޤައުމު ކޮށްދިނުމަށް
ނުދާށޭ ހެއްލިގެން! ދަޅަޔަށް ވަފާތެރިވާށެ! އެދި ބުނަމުން

ޚިލާފުވެގެން ނުވާނޭ! އެކަކުވެސް ޤާނޫނު އަސާސީއާ!
ބަލައި ޤާނޫނުގައިވާހެން، ހިނގާށޭ! ރައްޔިތުން އުޅެމުން

***

ޝަހީދުންނާ މުޖާހިދުނާ، ދިފާޢު ކުރެއްވި މިނިވަންކަން
އޮހޮރުވާލެއްވި ރަތްލޭފޮދު ހިލޭ އަދިވެސް ދިވެހި މިބިމުން

އެހެރަ މިނިވަން ދިވެހި ދިދަޔާ، ދިފާޢުކުރަން މިލޮބުވެތި ޤައުމު
އަހަރެމެން ވާން ހިނގާ ޤުރުބާން! ނަޞީބާ ނަޞްރަށާ އެދެމުން

ވެފާ ޤާއިމު، މިތާ އިސްލާމްދީން، މިނިވަންކަމާ އޮތުމުން
އުފާކުރަމުން އިލާހަށް މާތް، ދުޢާ ކުރަމޭ ޝުކުރު ކުރަމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *