Support Us

އަޚްލާޤުގެ ދައުރު- 1

ޢިލްމުވެރިއަކަށް ދެންނެވުނެވެ. އުންމަތެއް ބިނާކުރެވޭނީ ކޮން އެއްޗަކުންތޯއެވެ؟ އެހިނދު ޖަވާބުގައި ވިދާޅުވިއެވެ. ތިން ޢުންޞުރަކާނުލައި އުންމަތަކަށް ފުދުންތެރިކަމެއް ނުލިބޭނެތެވެ. އެއީ ގިޔަމު( އަޚްލާޤު) އާއި ކާބޯތަކެއްޗާއި ލަޝްކަރެވެ.

މީގެ ތެރެއިން ޢުންޞުރެއް ދޫކޮށްލަން ޖެހިއްޖެނަމަ ދޫކޮށްލެވޭނީ ކޮން ޢުންޞުރެއްތޯއެވެ؟ ވިދާޅުވިއެވެ. ލަޝްކަރެވެ.

އަނެއް ދެ ޢުންޞުރުގެ ތެރެއިން ޢުންޞުރެއް ދޫކޮށްލަންޖެހިއްޖެނަމަ ދޫކޮށްލެވޭނީ ކޮން އެއްޗެއްތޯއެވެ؟ ވިދާޅުވިއެވެ. ކާބޯތަކެއްޗެވެ.

ދެންނެވުނެވެ. ލަޝްކަރާއި ކާބޯތަކެއްޗާނުލައި އުންމަތެއް ދެމި އޮންނާނީ ކިހިނަކުންތޯއެވެ؟

ވިދާޅުވިއެވެ. އުންމަތްތަކުން އުންމަތެއްގައި ގިޔަމުތައް ބިންވަޅުނެގިފައިވާނަމަ ކާބޯތަކެތި ހޯދިދާނެއެވެ. ލަޝްކަރެއް ބިނާކުރެވިދާނެއެވެ. އެހެނެއްކަމަކު ގިޔަމުތައް ނެތިގެން ހިނގައްޖެނަމަ އުންމަތް ގެއްލިގެން ހިނގައިދާނެއެވެ.

މުސްލިމުން މިއަދު އެބައިމީހުންގެ ޒަމާންވީ ޝަރަފާއި މަތިވެރި ޙަޟާރަތް އިޢާދަކުރެވޭތޯ ކުރަމުންދާ މަސައްކަތް އެބައިމީހުންނަށް ކާމިޔާބު ކުރެވޭނީ މި ޙަޟާރަތް އޭގެ މަތީގައި ބިނާކުރެވުނު އަސާސުތަކަށް  އެނބުރި ގޮސްގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަލްއިމާމު މާލިކުގެފާނު ވިދާޅުވެފައިވާ ގޮތުގައި "މި އުންމަތުގެ ކުރީ ޒަމާނުގެ މީހުން ރަނގަޅުވެގެންދިޔަ އުޞޫލުތަކުން ނޫނީ މި އުންމަތުގެ ފަހުގެ މީހުން ރަނގަޅު ވެގެން ނުވާނެތެވެ."

މިއީ މި އުންމަތް އަލުން ބިނާކުރުމަށް ޓަކައި ބޭނުންވާ އަސާސެވެ. ތަބާވާންޖެހޭ އުޞޫލެވެ. އިސްލާމީ ޙަޟާރަތް ބިނާކުރެވިފައި ވަނީ ފަރްދީ ރިވެތި ޚުލްޤާއި އުންމަތުގެ މާތް ޚުލުޤުގެ މަތީގައެވެ.

މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ވިދާޅުވާގޮތުގައި، ﷲ ގެ ބަސްފުޅު (وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ [1]– އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ.) ގައި ޚުލުޤުގެ މާނައަކީ ދީނެވެ.

އިޖްތިމާޢިއްޔާތުގެ ޢިލްމުވެރީން ވިދާޅުވާގޮތުގައި ޚުލުޤަކީ ނަފްސުގައި ހަރުލައިފައިވާ ގޮތްތަކެވެ. މީހެއްގެ ބަސްތަކާއި ކަންތަކާއި ޙަރަކާތްތަކާއި ހަނުހުރުންތައް އަންނަނީ މި ގޮތުންނެވެ. އޭނާގެ ފުށުން ފާޅުވާ ބަސްތަކާއި ޢަމަލުތަކާއި ޙަރަކާތްތަކާއި ހަނުހުރުންތައް ރިވެތިނަމަ އެއީ އަޚްލާޤު ރިވެތިކަމާއި މާތްކަމެވެ. އެހެންނޫންނަމަ އެއީ އަޚްލާޤު ނުބައިކަމެވެ.

ނަފްސުގައިވާ އެއްޗެއް ހާމަކޮށްދެނީ އޭނާގެ ބަސްތަކާއި ޢަމަލުތަކާއި ޙަރަކާތްތަކާއި ހަނުހުރުންތައް (އަޚްލާޤު) އެވެ. ބޭރުން ފެންނަ އަދަބުތަކަކީ އެތެރޭގައި ހުރި އަދަބުތަކެވެ. ގުނަވަންތަކުގެ ޙަރަކާތަކީ އެތެރެހަށީގެ މޭވާތަކެވެ. ހިތުގެ ފަސްގަނޑަކީ އެ ގަސްތައް ހެދޭ ބިމެވެ. މޭވާއަކީ އެ އަޅާ ގަހުން ނުކުންނަ އެއްޗެކެވެ. އަލަ ގަހަކުން ކެޔޮ ނިރެއް ނުފަޅާނެއެވެ. ރަނގަޅު ގަހަކުން ނުކުންނާނީ ރަނގަޅު މޭވާއެވެ. ނުބައި ގަހަކުން ނުކުންނާނީ ނުބައި މޭވާއެވެ. ކޮންމެ އެއްޗަކުން ވެސް ނުކުންނާނީ އޭއްޗެއްގައި ހުރި އެއްޗެކެވެ. ކޯރުން ލިބޭނީ ބުއިމަށް ފަސޭހަ، މީރު ފެނެވެ. އެހެނަސް ކަނޑުން ލިބޭނީ ހިތި ރަހަ ގަދަ ލޮނު ފެނެވެ. އެ ބޯކަށް ނުކުރޭނެއެވެ. އެ ބުއިމުން ކަރުހިއްކުން ފިލައިގެން ނުދާނެތެވެ.

ފަރްދުންނާއި މުޖްތަމަޢު ބިނާކުރުމުގައި އަޚްލާޤުގެ އަހައްމިއްޔަތާއި އަޚްލާޤު ކުޅޭ ދައުރުގެ ބޮޑުކަމުން އަޚްލާޤު ވަނީ އިސްލާމީ ރިސާލަތުގެ ޚައްޞަ ލަނޑުދަނޑިތަކުގެ ތެރޭގައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (إنّما بُعِثْتُ لأُتمِّمَ مكارمَ الأخلاقِ [2]– ހަމަކަށަވަރުން ތިމަންކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުނީ މަތިވެރި އަޚްލާޤު ފުރިހަމަކޮށް ދެއްވުމަށެވެ.)

މި ބަސްފުޅުން އެނގެނީ އިސްލާމްދީން އައީ މަތިވެރި އަޚްލާޤު އުނގަންނައިދިނުމަށް ޓަކައި ކަމެވެ. މީހުންގެ ގުޅުންތަކާއި އުޅުންތައް ރަނގަޅުކޮށްދިނުމަށް ޓަކައި ކަމެވެ. ލޯތްބާއި އެއްބަނޑުއެއްބަފައިކަމުގެ ގުޅުން ފެތުރުމަށް ޓަކައި ކަމެވެ. ކުލުނާއި އަޅައިލުމުގެ ރޫޙު ފެތުރުމަށް ޓަކައި ކަމެވެ. އިޙްސާންތެރިކަމާއި ޢަދްލު އިންސާފު ފަތުރަން ކަމެވެ. އިޚްލާޞްތެރިކަމާއި ނަޒާހަތްތެރިކަން، ސަމާޙަތްތެރިކަމާއި މާފުދިނުން ފެތުރުމަށް ޓަކައެވެ. ޢިއްޒަތްތެރިކަމާއި ތަވާޟުޢުވެރިކަން ހަރުދަނާކުރުމަށް ޓަކައި ކަމެވެ. ހެޔޮ ކަންތައްތައް ކުރުމަށް އެހީވުމަށާއި އެކަމުގައި އެކަކު އަނެކަކު ވާދަވެރިކުރުވުމަށް ޓަކައެވެ.

އިސްލާމްދީނުގައި ފަރްޟު ކުރައްވައިފައިވާ ޢިބާދާތުތަކާއި އީމާންކަމުގެ ރުކުންތަކަކީ ހަމައެކަނި އަޅުކަންތަކެއް ނޫނެވެ. އެއީ މާނައެއް ނެތް ޝިޢާރުތަކެއް ނޫނެވެ. އެއީ ކޮން އެއްޗެއްކަން ނޭނގޭ، ބުރަ ތަކްލީފުތަކެއް ނޫނެވެ. މާނައެއް ނެތް ޙަރަކާތްތަކެއް ނޫނެވެ. އިސްލާމްދީނުގައި މުކައްލަފުންނަށް އަދާކުރަން ޖައްސަވައިފައިވާ ފަރްޟުތަކަކީ މުސްލިމުން ރިވެތި އަޚްލާޤުގެ މަތީގައި ދެމިތިބުމަށް ތަމްރީނުދޭ ތަމްރީންތަކެކެވެ. ދުވަސްތައް ފާއިތުވަމުން ދިޔަސް އަދި ޙާލަތާއި ޡުރޫފު ތަފާތުވިޔަސް މި އަޚްލާޤުގެ މަތީގައި މުސްލިމުން ދެމިތިބެން ޖެހޭނެއެވެ.

ކީރިތި ރަސޫލާ ﷺ އިސްލާމްދީނުގެ ރުކުންތައް ބަޔާންކޮށްދެއްވަމުން ޙަދީސް ކުރެއްވިއެވެ. (بُنِيَ الإسلامُ على خمسٍ شَهادةِ أن لا إلَهَ إلَّا اللَّهُ وأنَّ محمَّدًا رسولُ اللَّهِ وإقامِ الصَّلاةِ وإيتاءِ الزَّكاةِ وصَومِ رمضانَ وحجِّ البيتِ لمنِ استطاعَ إليهِ سبيلًا [3]– އިސްލާމްދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މަތީގައެވެ. އެއީ ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް  ހެކިވުމާއި ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ރަމަޟާން މަހު ރޯދަހިފުމާއި ކުޅަދާނަވެގެންވާ މީހާ ގެފުޅަށް ޙައްޖުވުމެވެ.) މި ތަމްރީނުތަކުގެ މަތީގައި ދެމިހުރި މީހާގެ ހަށިގަނޑަށް ދުޅަހެޔޮކަމާއި އޭނާގެ ޙަޔާތަށް ސަލާމަތްތެރިކަން ލިބިގެން ދެއެވެ.

ޝަހާދަތުގެ ދެ ކަލިމައިގެ ސަބަބުން އިންސާނާއަށް ޢިއްޒަތާއި ކަރާމަތް ލިބިގެންދެއެވެ. އޭނާ ފުރިހަމަ މިނިވަނަކަށް ވެގެން ދެއެވެ. އޭނާއަކީ ﷲ ފިޔަވާ އެހެން އެއްވެސް ފަރާތެއްގެ އަޅެއްނޫނެވެ. ހުރިހާ އެންމެންނަކީ ﷲގެ އަޅުންނެވެ. ﷲގެ ވެރިކަމުގެ ބާރުގެ ދަށުގައިވާ ބަޔެކެވެ. ތަޤްވާވެރިކަމާއި ޞާލިޙު ޢަމަލުތަކުން މެނުވީ އެކަކުވެސް އަނެކާއަށްވުރެ މޮޅުވެގެން ނުވެއެވެ.

ނަމާދަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ސީދާ ގުޅުވައިދޭ ވައުފަށެވެ. އެއީ މުއުމިނާގެ މިޢުރާޖެވެ. ނަމާދުގެ މޭވާ ބަޔާންކޮށްދެއްވައި އަރަހުށި  ﷲ ވަޙީކުރެއްވިއެވެ. (اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ [4] – ފޮތުގެ ތެރެއިން ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.) ނަމާދު ފަރްޟުކުރައްވައިފައި މި ވަނީ ނުބައި ކަންތައްތަކާ އިންސާނާ ދުރުހެލިކޮށް ނުބައި ބަސްތަކުންނާއި ޢަމަލުތަކުން އޭނާ ތާހިރުކޮށްދެއްވުމަށް ޓަކައެވެ. ޢިލްމުވެރީން ވިދާޅުވާގޮތުގައި އަޚްލާޤު ރަނގަޅު މީހުންގެ ކިބައިން މެނުވީ ނަމާދު ޤަބޫލު ނުކުރެވޭނެތެވެ.

ޒަކާތަށް ބަލާއިރު އެއީ މީސްތަކުންގެ ޖީބުތަކުން ނެގޭ  ވާރެއް ނޫނެވެ. އެހެނަސް އެއީ އޯގާވެރިކަމާއި ހަމްދަރްދީގެ ޝުޢޫރުތައް ޒަކާތްދޭ މީހާގެ ހިތުގައި އިންދައިދޭ އަޅުކަމެކެވެ. ޒަކާތުގެ ސަބަބުން އޯގާވެރިކަމާއި ލޯތްބާއި ކުލުނުވެރިކަމުގެ އިޙްސާސްތައް އުފެދި ފެތުރެއެވެ. އެއީ ޒަކާތްދޭ މީހާގެ ނަފްސާއި އޭނާގެ މުދާ ޠާހިރުކޮށްދޭނެ ކަމެކެވެ. އެއީ ޒަކާތުން ޙިއްޞާއެއް ލިބޭ މީހާގެ ނަފްސު ރުޅިވެރިކަމާއި ދުލުގެ ރޯގާތަކުން ސަލާމަތްކޮށްދޭނެ އަޅުކަމެކެވެ.މުޖްތަމަޢުގެ ފަރްދުންގެ މެދުގައި އުފެދޭ ރުޅިވެރިކަމާއި ޙަސަދަވެރިކަމާއި ނީހަތައް ނައްތައިލައިދޭނެ ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَاتَكَ سَكَنٌ لَهُمْ وَاللَّهُ سَمِيعٌ عَلِيمٌ [5]– އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށްޓަކައި ކަލޭގެފާނު دعاء ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ دعاء އަކީ، އެއުރެންނަށް އޮތް ހިތްހަމަޖެހުމަކާއި، رحمة އެކެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) ނަފްސު އޭގެ ދަހިވެތިކަމުންނާއި އެދުންވެރިކަމުން ޠާހިރުކުރުމާއި ލޯތްބާއި އެއްބާރުލުމާއި އީސާރުގެ މާތް އުޞޫލުތައް އިންދާ ހެއްދުމަކީ ޒަކާތް ޝަރްޢުކުރެއްވި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ޒަކާތުގެ އިތުރަށް ހުރިހާ ވަގުތެއްގައި ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލުމަށާއި ހެޔޮފޯރުވުމަށް ޓަކައި ޞަދަޤާތްކުރުން ވަނީ ﷲގެ ޙަޟްރަތާ ކުއްތަންކުރުވަނި ޢަމަލެއް ކަމުގައި ލައްވައިފައެވެ.

(ނުނިމޭ)

 

[1]  –  القلم : 4

[2]  –  الألباني :  السلسلة الصحيحة ٤٥

[3]  – أخرجه البخاري (٨)، ومسلم (١٦)، والترمذي (٢٦٠٩)، والنسائي (٥٠٠١)  وأحمد (٦٠١٥)

[4]  – العنكبوت: 45

[5]  –  التوبة : 103

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *