Support Us

ރިޔާސީ އިންތިހާބު 2023:

ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަކަށް ނާރާނަން؛ ކޯލިޝަނެއް ނުހަދާނަން: ޢުމަރު ނަސީރު

ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް ނާރުއްވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަކާއެކު ކޯލިޝަނެއް ނުހައްދަވާނެ ކަމުގައި، އަމިއްލަ ގޮތުން ވާދަ ކުރައްވައި ފުރަތަމަ ބުރުގެ ހަތަރު ވަނަ މަގާމު ހޯއްދެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެކަން އިޢްލާން ކުރައްވަން ބޭއްވި ފޭސްބުކް/ޓިކްޓޮކް ލައިވެއްގައި ވާހަކަފުޅު ދައްކަވަމުން ޢުމަރު ރޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން އޭނާ އާއި އޭނާގެ "އާ މިސްރާބަކަށް" ޓީމުގެ ނިންމުމަކީ އެއްވެސް ކެންޑިޑޭޓަކާއެކު ކޯލިޝަން ނުހެދުން ކަމަށެވެ. އަދި ޤައުމުގެ ކަންކަން ރަނގަޅު މިސްރާބަކަށް ގެންދިއުމުގައި އިދިކޮޅުގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޯލިޝަން ހަދައިފިނަމަ މިހާތަނަށް އޭނާ ވަކާލާތު ކުރައްވަމުން ގެންދެވި ކަމަކާ ޚިލާފަށް ސަރުކާރުން ޢަމަލުކުރާ ގޮތަކުން އެ ކަމެއްގައިވެސް ޝާމިލުވެވުނީ ކަމަށާއި އެގޮތް ބޭނުންނުވާ ކަމަށެވެ. އެހެންކަމުން "ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް ނާރާނަން" ކަމުގައި، ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިފައި ވަކި ހިސާބަކުން އިސްތިއުފާ ދެއްވި ޢުމަރު ވިދާޅުވިއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، ގަދަ ދޭއްގައި ނުހިމެނި، ކާމިޔާބު ނުލިބުނު ކަމުގައި ވީނަމަވެސް "އެތައް ބައެއްގެ ހިތްތައް ކާމިޔާބު ކުރެވިއްޖެ" ކަމަށާއި ދެން އަންނަ ރިޔާސީ އިންތިޚާބަކަށް މިހާރުން ފެށިގެންވެސް ތައްޔާރުވުން ފެށުނީ ކަމުގައި ޢުމަރު ވިދާޅުވިއެވެ. އަދި މި އެޅި ބިންގަލުގެ މަތީގައި ދެމިތިބެ ދެން އަންނަ ރިޔާސީ އިންތިޚާބުގައި ވަރުގަދަ އިންގިލާބެއް ގެނެސްދެއްވާނަން ކަމުގައިވެސް އުމަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އެއް ލައްކަ ރުފިޔާ ވެސް ހަރަދުނުކުރައްވައި ހަތަރު ވަނަ މަގާމު ހޯއްދެވި އުމަރު، މައިގަނޑު ގޮތެއްގައި ވަކާލާތު ކުރެއްވީ ރާއްޖެއިން ޑްރަގްގެ ވަބާ ނައްތާލުމަށާއި ގޭންގުތައް ރޫޅާލުމަށާއި ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށާއި މީހުން މެރުމާއި ކުށްކުރުން ހުއްޓުވުމަށް އިސްލާމީ ޝަރީއަތުގައި ހިފުމަށާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށާއި ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް ފުދުންތެރިކަން އިތުރު ކުރުމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އިރާދަކުރެއްވިއްޔާ ހުއްޓާލާނީ މި ޤައުމު މުޅިން އާ މިސްރާބަކަށް ގެންގޮސްފައި،" ޢުމަރު ވިދާޅުވިއެވެ.

މި އިންތިހާބުގެ ނަތީޖާއިން "ޙައްލަކީ ޢުމަރު" މި ފިކުރުވަނީ ރާއްޖޭގެ ގަދަ ހަތަރެއްގައި ހިމެނި، އެއްވަނަ ޑިވިޝަނަށް ކޮލިފައިވެފައިވާ ކަމުން، އެ ފިކުރު އެހެން ޕާޓީއެއްގެ ވެރިކަމުގެ ތެރެއަށް ލާ މަސްހުނިކޮށްލަން ބޭނުންނުވާ ކަމަށާއި އަދި ސަރުކާރުން "ކޭކު ފޮތިކޮށްގެން" ކޭކުކާން ބޭނުން ނުވާ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

މިމަހު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރަށް ހަތަރު ވަނަ ލިބިވަޑައިގަތީ 6،343 ވޯޓާއެކު އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖައްސައިލުމަށްފަހު ޢުމަރަށް ހަތަރުވަނަ ލިބިވަޑައިގަތުމަކީ މި އިންތިހާބުގެ އެންމެ ބޮޑު އެއް ސަޕްރައިޒް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ޢުމަރު ނަސީރު ނިންމެވިކަން އިއްލާން ކުރެއްވިއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި ގާސިމް އިބްރާހީމާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބުވެސް ނިންމަވައިފައި ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަންވަން ނިންމަވާފައި ވަނީ އެމްއެންޕީގެ ރިޔާސީ ޓިކެޓްގައި ވާދަކުރެއްވި ކާނަލް މުހައްމަދު ނާޒިމު އެކަންޏެވެ. އެ ޕާޓީން، ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒަށް، އެއްވެސް ޝަރތުތެއް ނެތި ތާއީދުކުރަން ނިންމައި، ޑރ. މުއިއްޒުގެ ކެމްޕޭނު ތަކުގައި ވެސް ގެންދަނީ ބައިވެރިވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް