Support Us

ރާމާމަކުނާއި ދެބުޅަލުގެ އަރާރުން

އަޅުގަނޑުމެން ކުޑައިރު މި ދިވެހިރާއްޖެ އަކީ ވަރަށް ތަފާތު ރާއްޖެއެކެވެ. އިސްލާމީ ރިވެތި އުސޫލުގެ ދަށުން ބިނާކޮށްފައިވާ މުޖުތަމައުއެކޭ ދެންނެވި ދާނެއެވެ. إسلام دين އަޅުގަނޑުމެންނަށް އެނގެނީ قرآنގެ އިތުރުން المرحوم مُحَمَّد‎ جميل ލިއުއްވާފައިވާ تعلیم ديانة އާއި دینیات މި ދެ ފޮތުގެ އިތުރުން ހެނދުނު ރޭޑިއޯއިން ބްރޯޑްކާސްޓްކުރާ ކީރިތި قرآنގެ ދިވެހި ތަރުޖަމާއިންނެވެ.

އެ ދުވަސްވަރަކީ ބޮޑެތި މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި ދައުލަތުގެ ވެރިންނަށް إحترام ކުރި ދުވަސްވަރެކެވެ. އަވަށްޓެރިންނާއި ގާތްތިމާގެ މީހުންގެ ހާލު ބަލާ އަޅާލި ދުވަސްވަރެކެވެ. އެއިރު ޤައުމުގެ ވެރިޔަކަށް ހުންނެވީ ސުމުއްވުލް އަމީރު المرحوم ވެލާނާގޭ إبراهيم ناصرއެވެ. އެ ދައުރުގައި އައި ދެ ހަލަބޮލިކަމެއްގެ ހަނދާން ވަރަށް ކުޑަކޮށްހުރެއެވެ. އެއީ ކުޑަ ބުރާސްފައްޗަކާއި ބޮޑު ބުރާސްފައްޗެކެވެ.

އެއަށްފަހު އަހަރުތަކެއް ފަހުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެން އެމަނިކުފާނުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި އަލްއުސްތާޒު مأمون عبد القيوم އާ ވެެރިކަން ހަވާލު ކުރުމަށް ޤާނޫނު ހަދާ މަޖިލީހަށް ލަފާދެއްވެވިއެވެ. އެމަނިކުފާނަކީ އަރަބިކަރައިން تعلیم އުނގެނިވަޑައިގެން ހުންނެވި، އަރަބިބަސް އެނގިވަޑައިގަންނަވާ ބޭފުޅެއްކަމުން ބައެއް މީހުން ތިބީ اسلامی شريعة ޤާއިމް ކުރައްވާނެ ކަމަށް ބަލަބަލައެވެ.

އަލްއުސްތާޒު مأمون عبد القيوم ވެރިކަމާ ހަވާލުވެވަޑައިގެން މަސްތަކެއް ވީފަހުން المرحوم ވެލާނާގޭ إبراهيم ناصر ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ހިޖުރަ ކުރެއްވިއެވެ. އޭރު އަޅުގަނޑު ދަނީ މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލްކުރަމުންނެވެ. އެއިރު އިންޓަނެޓް ނުހުންނާތީ خبر އެނގެނީ ނެރޭ މަދު ކަރުދާސް ނޫސަތަކުންނާއި، ރޭޑިއޯ އަދި ޓީ.ވީ. މޯލްޑިވްސްގެ خبر އިންނެވެ. ދެން ރާއްޖެ ސިއްސުވާލީ ބަގާވާތެއްގެ އަޑުތަކުންނެވެ. އިލްޒާމް އެޅުނީ المرحوم ވެލާނާގޭ إبراهيم ناصرގެ އިސްތަށިފުޅުގައެވެ. ލަހެއްފަހެއްނެތެވެ. ރާއްޖޭގައި ނެރޭ ކަރުދާސް ނޫސްތައް ފުރާލީ އެމަނިކުފާނުގެ ސޫރަފުޅު ވީހާވެސް ހުތުރުކޮށް ބަދަލުކޮށް އެކި ޒާތްޒާތުގެ ނަމުން ލިޔެފައިވާ އާޓިކަލްތަކުންނެވެ. ފުލުފުލުން މުޒާހަރާތައް ކުރިޔަށް ދިޔައެވެ. ސަރުކާރަށް ތާއީދުކޮށް المرحوم إبراهيم ناصر އަށް ހުތުރު އެއްޗެހި ގޮވަމުންނެވެ. އެމަނިކުފާނުގެ ސަރުކާރުގައި މަތީ މަޤާމްތައް އަދާކުރެއްވި ބޭބޭފުޅުން ދިރިއުޅުއްވާ ގެކޮޅުތައް ކައިރިއަށް އެއްވެ އަޑުގަދަކުރުން އާއްމުވިއެވެ. ރޭޑިއޯ ފަޅުފުލުވާލަމުން ދިޔައީ ހަޑިހުތުރު ބަހުން المرحوم ވެލާނާގޭ إبراهيم ناصر އަށް ކިޔާފައިވާ ލަވަތަކުންނެވެ. އޭއީ އަޅުގަނޑުގެ މަދުރަސީ ދައުރު ކަމުގައި ވީނަމަވެސް ބައްޕައާ އެކު ވިޔަފާރިވެރިންގެ މުޒާހިރާއެއްގައި ބައިވެރިވީމެވެ. އޭރު މުޒާހަރާތައް ރޭވެމުން ދިޔައީ އެކި ދާއިރާތައް ވަކިވަކީންނެވެ.

މިއީ އަޅުގަނޑުގެ ހަނދާނުގައި ރާއްޖޭގައި ވެރިކަންކުރެއްވި ބޭފުޅެއްގެ އަގުވައްޓާލާ އަބުރު ކަތިލާ، ޒަމާނުއްސުރެ ވެރިކަންކުރައްވާ ބޭފުޅުންނަށް ދެމުން އައި އަދަބު އިހުތިރާމްގައި ފުރަތަމަލީ ރެނދެވެ.

އެ ދުވަސްވެސް ނިމިގޮސް އަލްއުސްތާޒު مأمون عبد القيومގެ ޒައާމަތަށް ގިނަ ދުވަސްވެ އެމަނިކުފާނުގެ ވެރިކަމާ ދެކޮޅުވެރި ރޫހެއް ރާއްޖޭގައި ފެތުރެންފެށިއެވެ. އެ ހަރަކާތުގައި ފާޅުކަންބޮޑުކޮށް އިސްވެ ހުންނެވީ ގ. ކެނެރީގޭ مُحَمَّد‎ نشيد އެވެ. އަދި ކުރީގައި ފާހަގަކުރި ރެނދު އިހުނަށްވުރެ ބޮޑުވެ އަލްއުސްތާޒު مأمون عبد القيوم އަށް "ގޮޅާބޯ"ގެ ނަމުންގޮވާ ސިއްރިއްޔާތުގައި ހިންގާ ބައެއް އިންޓަނެޓް ސައިޓުތަކާއި ނެރޭ ބައެއް މަޖައްލާ ތަކުގައި އެމަނިކުފާނުގެ ސޫރަފުޅުވެސް ހުތުރުކަން ބޮޑުކޮށް ބަދަލުކޮށް ނެރެންފެށިއެވެ. المرحوم ވެލާނާގޭ إبراهيم ناصرގެ އިސްތަށިފުޅުގައި އެޅުނުފަދައިން އަލްއުސްތާޒު مأمون عبد القيومގެ އިސްތަށިފުޅުގައިވެސް އެތައް ބަދުނާމެއް އަޅުވަމުންދިޔައެވެ. ރާއްޖޭގެ މަޝްރަހު ހޫނުވެ ހަލަބޮލިވެ ރިޔާސީ އިންތިހާބެއްގައި ވޯޓުއަޅާ އަލްއުސްތާޒު مأمون عبد القيومގެ ވެރިކަން 2008ގައި ނިމުމަކަށް ގެނައެވެ.

ހިނިތުންވެ ތިއްބަވައި ރައީސް ނަޝީދާއެކު ރައީސް މައުމޫން ސެލްފީ ނަންގަވަނީ

 

އެއަށްފަހު ރާއްޖޭގެ ރައީސްކަމަށް އިސްކުރެވުނީ مُحَمَّد‎ نشيدއެވެ. އެއިރުވަނީ ކުރިންއެޅުނު ރެނދު އެއްކޮށް ހަލާކުވެ އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އިޖުތިމާއީ ފޭރާން ވީދި ހަލާކުވެފައެވެ. އެގޮތުން ރައީސް مُحَمَّد‎ نشيد އަށްވެސް ވަނީ "ގަންޖާބޯ އަދި ލާދީނީ"ގެ ނަމުން ނަންދީ ހަރުކޮށްފައެވެ. އެމަނިކުފާނުގެ ވެރިކަން ދައުރުގެ މެދުތެރޭން، 2012 ގައި، ނިމިގޮސް ވެރިކަމާ ހަވާލުވެވަޑައިގަތީ ޑރ. مُحَمَّد وَحِيد حَسَن މަނިކެވެ. އެމަނިކުފާނަށް "ކާޅު އަދި ބާޣީ"ގެ ނަމުން ނަންދިނެވެ. އެއަށްފަހު ވެރިކަންކުރެއްވި عَبْدُٱللّٰه‎ یامین عبد القيوم އަށް "ވަގު" އަދި މިހާރު ވެރިކަންކުރައްވާ ރައީސް إبراهيم مُحَمَّد‎ صالح އަށްވަނީ "ޗޯރު"ގެ ނަމުން ނަންދީފައެވެ. އަދި މިވަގުތު ކުރިޔަށްދާ ރިޔާސީ އިންތިހާބުގައި ރައީސް إبراهيم مُحَمَّد‎ صالح އާ ވާދަކުރައްވާ ޑރ. مُحَمَّد‎ مُعِزُّ އަށްވަނީ "ހޮޅި މުއިއްޒު"ގެ ނަމުން ނަންދީ ހަރުކޮށްފައެވެ.

އިސްވެދިޔަ ނަންތައް އާދެ، ގޮޅާބޯ، ގަނޖާބޯ، ކާޅު، ބާޣީ، ވަގު، ޗޯރޭ، މިއީ ހައްތާހާވެސް މި އިސްލާމީ ޤައުމުގެ ولي الأمر ކަން ކުރައްވާފައިވާ އަދި ކުރައްވަމުންގެންދަވާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ތެރޭގައި ހަރުކޮށްފައިވާ ނަންތަކެވެ. އަޅުގަނޑުމެންގެ اخلاق ނޫނީ ބުއްދި ކޮބައިބާވައެވެ؟ ވަގަކު ނޫނީ މިރާއްޖޭގެ ވެރިކަމަށް އިސްކުރަން ހަމަ ނުއެނގެނީބާވައެވެ؟ ނޫނީ މި ދިވެހިރާއްޖެއަކީ ހުސް ވަގުންގެ ރާއްޖެއެއްބާވައެވެ؟ މުސްކުޅިން ބުނެ އުޅޭ ހަރު ބަހެއް އޮވެއެވެ. "ލަނޑަޔާ ވާނީ ލަނޑަޔާއެވެ." ވީމާ އެ ބީދައިން އަޅުގަނޑުމެން ވޯޓު އަޅައިގެން ވެރިން އިންތިހާބު ކުރަނީބާވައެވެ؟

ކޮންމެއަކަސް ބޮޑު މައްސަލައެއް އެބައުޅެއެވެ. އަޅުގަނޑުމެންގެ ވިސްނުމުގައިވެސްމެއެވެ. އެއް ދުވަހު މިވެނި މީހަކީ ވަގެކޭ، ޤައްދާރެކޭ ބުނެ ޕޯޑިއަމެއްގައި އަޑުގަދަކޮށްލުމުން އަޅުގަނޑުމެން އަތްޖަހާ އެއްބަސްވެ އެއީ ޤައުމުގެ ދުޝްމަނެއް، އަދުއްވެއްކަމަށް ކަނޑައަޅާ ދެ މީހުންނަށް ތާއީދުކުރާ އާއްމު ރައްޔިތުން އެއްބަޔަކު އަނެއްބަޔަކު ގަޔަށް އަތްލާ ޒުވާބުކޮށް ޚަތުރުންނަށް ވެދެއެވެ.

ދެން، ދުވަސްގަނޑަކަށްފަހު ފެންނަނީ އެއްކަލަ ސިޔާސީ ދެ ވާދަވެރިން އެއް ޕޯޑިއަމަކުންނެވެ. ކޮނޑާއިކޮނޑު ޖައްސާ އަތާއިއަތް ޖޯޑުކޮށް ސަލާމްކުރައްވާތަނެވެ. އެ ދެ ބޭފުޅުންނަށް ތާއީދު ކުރަމުންދާ ރައްޔިތުން ތިބީ ޚަތުރުންގެ ގޮތުގައެވެ. އަޅުގަނޑުގެ ހިތަށް ތަސައްވުރުވަނީ ރާމާމަކުނާއި ދެބުޅަލުގެ އަރާރުމެވެ. ވާހަކައިގެ ބައިވެރިން ތަފާތުކޮށެވެ. ދެ ބުޅަލުގެ ބަދަލުގައި ރައްޔިތުންނެވެ. ރާމާމަކުނުގެ ބަދަލުގައި ސިޔާސީ ޕާޓީތައް ކޮންޓްރޯލް ކުރައްވާ ވެރިކަމަށް ކުރިމަތިލައްވާ ބޭބޭފުޅުންނެވެ.

ދިވެހީންނަކީ ޒަމާނުއްސުރެ ވަރަށް ވިސްނުން ތޫނު، އަޚުލާޤު ރަނގަޅު، މެހުމާންދާރީ އަދާކުރުމުގައި ލާމަސީލު ބަޔެކެވެ. ވަކި ނަސްލެއް ބެލުމެއްނެތިއެވެ. މި ހުރިހާ ކަމެއްވެސް މިހާރު ބަދަލުވެއްޖެ ކަހަލައެވެ. ދިވެހީންގެ މިނިވަންކަމާ ދޭތެރޭ އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދެއެވެ. އަޅުގަނޑުމެން ދިވެހީންނަކީ ހަމަ ފުރިހަމަ މިނިވަނުންބާވައެވެ؟ މިނިވަންކަން ގެއްލެނީކީ ހަމަ އެކަނި ހަތިޔާރު އެޅި ބަޔަކު މި ޤައުމަށް އަރާ ވެރިވެގަތުމަކުންނޫނެވެ. މިނިވަންކަން ފެށެނީ ފަރުދީ މިނިވަންކަމުންނެވެ. އަޅުގަނޑުމެން އަމިއްލަޔަށް ކަންތައްތަކާ ދޭތެރޭ ވިސްނައި، ގޮތް ނިންމުމުގެ މިނިވަންކަމާ ހަމައިންނެވެ. ނަމަވެސް ހިތާމައާ އެކު ދަންނަވަންޖެހެނީ އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ކަންއޮތީ އެހެނަކުންނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ފަހުބަސް ބުނާ ބަޔަކީ އިހު ދެންނެވި ސިޔާސީ ފަރާތްތަކެވެ. އެބޭފުޅުން ރޯމާ ދުވާލު މީ ރޭގަނޑޭ ނުވަތަ މެންދަމު މީ ދުވާލޭ ވިދާޅުވިޔަސް އެ ބަސްފުޅު ޤަބޫލުކޮށް އަތްޖަހާ ނަށާ މީހުން ބައިވަރެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނާ އުސޫލުން އެބަޔަކު ތާއީދުކުރާ ފަރާތަކުން ކުރައްވާ އެއްވެސް ނުރަގަޅުކަމެއް އެބައިިމީހުންނަކަށް ނެފެނެއެވެ.

ޑިމޮކްރަސީ އަކީ ތިމާގެ ވިސްނުމާއި ފިކުރު އެއީ އެހެން މީހެއްގެ އަޅަކަށް ވާންޖެހޭނަމަ އެފަދަ ޑިމޮކްރަސީއެއް އަޅުގަނޑު ބޭނުމެއް ނޫނެވެ.

ދެން ބަލާލީ ސިޔާސީ ކަންތައްތަކުގެ ތެރޭގައި އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ އެއް ޕާޓީ އަނެއް ޕާޓީގެ ބޮލުގައި އަޅުވާ ތުހުމަތުތަކެވެ. ދަޢުލަތުގެ ހަޒާނާއިން ވައްކަންކުރާ ވާހަކައެވެ. ނާޖާއިޒު ފައިދާ ނަގާ ވާހަކައެވެ. ނުހައްޤު މުއްސަނދިކަން ހޯއްދަވާ ގޮތުގެ ވާހަކައެވެ. މި ރާއްޖޭން އިސްލާމް ދީން ނައްތާލައްވާ ވާހަކައެވެ. މިހެން ގޮސް ކިޔާނެކަމެއްނެތެވެ.

ދެން އަންނަނީ ވަރަށް އެހެން ޒާތެއްގެ އީދެކެވެ. އެއީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އަންނަ ޢީދެކެވެ. މުންކަރާތްތަކަށް އަރައިގަތުމުގެ ޢީދެކެވެ. ވަގަށް ގޮވުމާއި، އެކިއެކި ބޭބޭފުޅުންގެ ސޫރަ ހަޑިހުތުރުކޮށް ބަދަލުކޮށް އެ ފެތުރުމާއި، ކަލަ ގޮވުމާއި، ދޮގު އިލްޒާމް އެޅުވުމާއި، ކަނޑައެޅިގެން އެނގި ހުރެ ދޮގު ހަދާ އެ މަޢުލޫމާތު ފެތުރުމާއި، ފިތުނަ ފަސާދަ އުފެއްދުމާއި، ދޭތެރެ ޖެއްސުމާއި، ރިޝްވަތު ބެހުމާއި ދިނުމާއި ހިފުމާއި މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. މި ހުރިހާ ކަމެއް ފެނި ބިރުން ދީނީ ގޮތުން މިކަން އޮންނަ ގޮތް އޮޅުންފިލުވާލަން އުޅުމުން ސަހަރޯ ހީވިއެވެ. ރާއްޖެއިން ބޭރުން ދީނީ ތައުލީމު އުނގެނިވަޑައިގެން ދީނީ ދަރުސްތަކާއި ކްލާސްތައް ނަންގަވައިދެއްވަމުން ގެންދަވާ އިލްމުވެރިންވެސް މިވަނީ ސިޔާސީ ޕާޓީތަކާ ކޮންމެވެސް ގޮތަކުން ގުޅިފައެވެ. އެކި ޕާޓީ ތަކަށް ބެހިފައެވެ. ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ތާއީދު ކުރައްވާ ޕާޓީ އަކާއި އެ ޕާޓީގެ ލީޑަޝިޕް ދިފާއުކުރަންޖެހޭ ސަބަބުތައް ވިދާޅުވެދެއްވަމުން ގެންދަވައެވެ. ބައެއް ފަހަރު އިންފަހަނައަޅާ ދާހެންވެސް ހީވެއެވެ.

ޑިމޮކްރަސީއަކީ ދޮގުހެދުމާއި، ތިމާގެ އަޚާގެ މުޅަމަސް ކެއުމާއި، ފިތުނަ ފަސާދަ އުފެއްދުމާއި ރިޝްްވަތު ބެހުމާއި ހިފުން ކަމުގައި ވަނީނަމަ އެފަދަ ޑިމޮކްރަސީއެއް އަޅުގަނޑު ބޭނުމެއް ނޫނެވެ.

ޑިމޮކްރަސީ އަކީ މުންކަރާތްތަކަށް އަރައިގަތުން އެއީ އިންސާނީ ހައްގެއް ކަމަށްވާނަމަ އެފަދަ ޑިމޮކްރަސީއެއް ވެސް އަޅުގަނޑު ބޭނުމެއްނޫނެވެ.

ބައިބައިވުމާއި، ނެތިމޮށުމާއި، ފިތުނަ ފަސާދަ އުފެއްދުން އެއީ ޑިމޮކްރަސީގެ ބައެއް ކަމަށް ވާނަމަ އެފަދަ ޑިމޮކްރަސީއެއް ވެސް އަޅުގަނޑު ބޭނުމެއްނޫނެވެ.

މި ހުރިހާ ކަމަކަށް ވިސްނާލާފައި ހިތަށް އެރިއެވެ. ކާބަފައިން އަޅުގަނޑުމެންނަށް ފޯރުކޮށްދޭން ބޭނުންވި ދިވެހިރާއްޖެއެއް ނެތެވެ.

މި ގައުމުގެ ސިޔާސީ މަސްރަހަށް ބަލާލާއިރު ހައްތާހާވެސް މި ގައުމުގައި ތިބީ ވަގުންހެންހީވެއެވެ. އިސްލާމް ދީނާ ބީރައްޓެހި ބައެއްހެން ހީވެއެވެ. މުންކަރާތްތަކަށް އަރައިގަންނަ ބައެއްހެން ހީވެއެވެ. އެހެން ހިތަށް އަރަންނުޖެހޭ އެއްވެސް ސަބަބެއް އެބައޮތްބާއެވެ؟

ފަސް އަހަރުން އެއް އަހަރު ޤައުމުގެ ވެރިޔަކު ހޮވަން ނަގާ ވޯޓަކީ ވެރިކަމަށް ފައިނަންގަވައިގެން ތިއްބަވާ ބޭބޭފުޅުން އާއްމު ރައްޔިތުމީހާއަށް ފައިސާ އާއި މުދާ ދެެއްވައިގެން ބައްލަވައިގަންނަވާ އެއްޗެކޭ ބުނާ އަޑުއިވެއެވެ. ވޯޓު ހޯއްދަވަނީ ރިޝްވަތު ދެއްްވައިގެންނާއި ވަޒީފާގެ ބިރު ދައްކަވައިގެން ކަމަށް ބުނާތީ އަޑުއަހަމެވެ. ނުފުއްދެވޭނޭ ވަރުގެ ވައުދުތައް ވެވަޑައިގެން އިތުރުފުޅުހައްދަވައިގެން ކަމަށް ބުނާތީ އަޑުއަހަމެވެ. ޕޯޑިއަމްތަކުގައި އިންތިހާއަށް އިތުރުފުޅު ހައްދަވާ ވާދަވެރި ބޭބޭފުޅުންގެ އަބުރަށް އަރައިވަޑައިގެން ވެރިކަމުގެ ބޭނުންފުޅުގައި ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެ ކަމަށް ބުނާތީ އަޑުއަހަމެވެ. ވެރިކަން ލިބިވަޑައިގެން ފަސްއަހަރުގެ ދައުރެއް ހަމަކުރައްވާއިރު އޮންނަނީ ރައްޔިތުން އަރުވާ އެންމެ ޝަރަފުވެެރި ދަރަޖަ ވަގެއް/ ހާއިނެއްގެ ދަރަޖަ ލިބިވަޑައިގަންފައެވެ. އަރާމު ކުރެއްވުމަށް ޖަލު ތައްޔާރުކުރެވިފައެވެ.

ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އަޅުގަނޑުމެންްގެ މުނިކާފައިން އަޅުގަނޑުމެންނަށް ވާސިލް ކޮށްދެއްވަން ބޭނުންފުޅުވި ދިވެހިރާއްޖެ މިހާރު ފެންނަން ނެތްކަމެވެ. ރައްޔިތުންގެ ފަރުދީ މިނިވަންކަން ނެތްކަމެވެ. އެހެނީ އެބައިމީހުންގެ ސިކުނޑި އާއި ވިސްނުންވަނީ ސިޔާސީ ޕާޓީތައް ހިންގަވާ ބޭބޭފުޅުންގެ އަތްޕުޅުތެރޭގައި ތާށިވެފައެވެ. ރައްޔިތުމީހާ ޕާޓީ ފިކުރުގައި ޚިޔާލު ތަފާތުވެ ގަޔަށް އަތްލާ ހަދާއިރު ޕޯޑިއަމްތަކުގައި ސިޔާސީ ބޭބޭފުޅުން ކަރުފުޅުން ނާރުނަންގަވާ ވާދަވެރިންނަަށް ދެއްވި ބަހުގެ ހަމަލާތަކާއި ތުހުމަތުތައް ގަނޑުފެންކޮޅެއްހެން ވިރި އެއްބޭފުޅަކު އަނެއްބޭފުޅަކު ކޮނޑާއި ކޮނޑު ޖައްސަވާ ސަލާމްކުރައްވަނީއެވެ.

ޔާ ﷲ، އިބަ ﷲއީ އެންމެހައި ކަންތައްތައް މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ. ޔާ ﷲ، އަޅަމެންގެ މި ކުޑަކުޑަ ޤައުމަށް ރަހުމަތުގެ ބެއްލެވުމުން ބައްލަވާދޭނވެ. އަދި އަޅަމެންގެ މިކުޑަކުޑަ ޤައުމުގެ ރައްޔިތުންނަކީ މުންކަރާތްތައް ނަހީ ކުރާ، އިސްލާމީ ރިވެތި އުސޫލުތަކަށް ލޯބިކޮށް ނަގަހައްޓާ، ތިމާއަށް އެދޭ ފަދައިން އަނެކުންނަށް ވެސް އެދޭ، ތިމާގެ ދުލާއި އަތްތަކުން އަނެކުންނަށް ރައްކައުތެރިކަން ކަށަވަރުކޮށްދޭ، ތިމާގެ އަޚާއަށް އަދަބު އިހުތިރާމްކުރާ، ފުރިހަމަ މުސްލިމުންކަމުގައި ލައްވާ، އަޅަމެންގެ މި ކުޑަކުޑަ މުޖުތަމައުގައި އަށަގެންފައިވާ މުންކަރާތްތަކާ އިބަ ﷲ ނުރުއްސަވާ އެންމެހައި ކަންތައްތަކުން މިމުޖުތަމައު ތާހިރު ކޮށްދެއްވާ، އަޅަމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާނދޭވެ. أمين

ވަރަށް ހެޔޮ ދުޢާ ސަލާމް. ބާއްޖަވެރި ދުވަހަކަށް އެދެން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *