Support Us

ކޮލަމް ދޭހަ

"މަގޭ ނިޒާމް"

ރާއްޖޭގައި ވެރިކަން ކުރަމުންދާ ނިޒާމުގެ މައްސަލަ އަކީ ދޭތެރެދޭތެރެއިން، ބައެއް ނޫސްވެރިންނާއި، ބައެއް ލިއުންތެރިން ނަގަމުމުންދާ މައްސަލައެކެވެ. އަދި ބައެއްް ފަހަރު، ބައެއް ކަންތައް އެ މީހުން ހިތްހަމަނުޖެހޭ ގޮތަށް ދާންފެށުމުން ސިޔާސީ ޕާޓީތަކުގެ ބައެއް މީހުން ވެސް ނަގާ މައްސަލަ އެކެވެ.

ތެދުފުޅެކެވެ. ޤާނޫނުއަސާސީ ބުނާ ގޮތުގައި ދިވެހިރާއްޖޭގައި އޮންނަނީ ޖުމުހޫރީ ވެރިކަމެކެވެ. ޖުމުހޫރީ ވެރިކަމުގައި ހިންގުމުގެ ހުރިހާ ބާރެއް އޮންނަނީ ދައުލަތް ހިންގުމުގެ އެންމެ އިސްވެރިއާ، ރައީސުލްޖުމްހޫރިއްޔާ އަށެވެ. ކުރީގެ ޤާނޫނުއަސާާސީގައި ހުރިހާ ބާރެއް ލިބިދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެކަން ރަނގަޅު ކުރުމަށް، ފަހުން އިޞްލާޙް ކުރެވުނު ޤާނޫނުއަސާސީގައި ބާރުތައް ވަނީ ބަހާލެވިފައެވެ. ދައުލަތް ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި ނިޔާ ކަނޑައެޅުމުގެ ބާރެވެ. މިހާރު ނުކުންނަ މައްސަލަ އަކީ ބާރުތަކުގެ އިމުގެ މައްސަލައެކެވެ.

ފާއިތުވި މާޒީގައި އަޅުގަނޑުމެންނަށް ފެނިފައި ވަނީ ބާރުތަކުގެ އިމުގައި ތިއްބެވި ބޭފުޅުން ބާރުތައް އެ ބޭފުޅުންގެ ދަށަށް ގެނައުމަށް، އެ ބޭފުޅުންނަށް ޤާނޫނު ހުއްދަކުރާ އިމުން ބޭރުން ވެސް މަސައްކަތް ކުރެއްވި ތަނެވެ. ބާރުތަކުގެ އިސް ވެރިން ޤާނޫނީ އިމުން ބޭރުން މަސައްކަތް ކުރެއްވުމުން އެކަން ބަލަހައްޓަން ޤާނޫނު ލާޒިމްކުރާ "ރެފްރީ"ން އެ ގޯސްތައް ހެދުމުން ކަށިގަނޑެއް ނުފުމެ އެވެ. އަދި "ކާޑު" ދައްކާ ވަރުގެ ކުށެއް ކުރުމުން "ކާޑެއް" ވެސް ނުދައްކަ އެވެ. ސިޔާސީ ބައެއް ވިސްނުންތެރިން ބުނަނީ، އެކަން އެ ގޮތަށް ކުރަނީ މަޞްލަޙަތަށް ކަމަށެވެ. އަނެއްބަޔަކު ބުނަނީ އެ ނިންމުމުގެ ސަބަބުން ތިމާ އަށް ފައިދާއެއް ވާ ކަމަށް ވާނަމަ އެކަމާ އަޅާނުލަނީ ކަމަށެވެ. ނުވަތަ ބައެއް ފަހަރު ބައެއް ކަންތައްްތައް ނިންމެނީ ފަރުދާގެ އަނެއް ފަރާތުން ލިޔެ ިއުމުން ފެންނަން ނުއޮންނަ ހުއްދައަކާ އެކުގައި ކަމުގައި ވާތީވެ އެވެ.

މިސާލަކަށް ފާއިތުވި ވެރިކަމުގައި ސުޕްރީމް ކޯޓުން ބައެއް ނިންމުންތައް ނިންމި ގޮތަށް ބައްލަވާށެވެ. އެއިރު ވެރިކަމުގައި އޮތް ސަރުކާރު ނުރުހޭ ގޮތަށް ނިންމީ އެންމެ ނިންމުމެކެވެ. ސުޕްރީމް ކޯޓުގެ އެންމެ އިސް ދެ ފަނޑިޔާރުން ވަރަށް އަދަބު ކުޑަކޮށް، އިހާނާތްތެރި ގޮތަކަށް ގަދަކަމުން ކޯޓުން ނެރެގެން ގެންދިޔައީ ޖަލަށެވެ. އަޅުގަނޑު މި ނަގާ ޕޮއިންޓަކީ ހަމަ އެކަނި ވެރިކަން ހިންގާ ފަރާތް ނުރެހޭ ގޮތަށް ޤާނޫނުގެ އިމުން ބޭރުން ޙުކުމެއް ކުރުމުން ވީ ގޮތުގެ ވާހަކައެވެ. އެ ނިންމުމުގެ ރަނގަޅު، ނުބައަށް އެއްޗެއް ނުދަންނަވަމެވެ. ވެރިކަން ކުރާ ފަރާތުގެ ރުހުމާއެކު ޤާނޫނުގެ އިމުން ބޭރުން ނިންމާފައި ހުރި ނިންމުންތަކަށް ވެރިކަންކުރާ ފަރާތުން މާޒީގައި އެއްޗެއް ބުނެފައި އޮތްތަނެއް ފެންނާކަށް ނެތެވެ. "ނުބީހެންޏާ، ކަނޑާ ހަމަ އެވެ."

ކުރީގެ އުއްތަމަ ފަނޑީޔާރާއި ސުޕްރީކޯޓުގެ ބެންޗު –ފޮޓޯ: ސުޕްރީމް ކޯޓު

ފާއިތުވި ވެރިކަމުގައި، ޤާނޫނު ހަދާ މަޖިލީހުގައި ވެސް ފަހު ބައިގައި ކަންތައް ދިޔައީ މަޖިލީހުގެ ޤަވައިދު އެކަހެރިކޮށްފައި ނުވަތަ މަޖިލީހުގެ ޤަވައިދުން ނަގަން ނުޖެހޭ މާނައެއް ކޮށްގެން ނުވަތަ ރިޔާސަތަށް އޮންނަ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންނެވެ. ވެރިކަން ކުރާ ފަރާތުގެ ރުހުން ލިބިގެންނެވެ. މި ކަމުގެ އެއް މިސާލަކީ ބައެއް މެމްބަރުން މަޖިލީހަށް ހުށަހަޅުއްވަން ބޭނުންފުޅުވި ބައެއް މައްސަލަތައް މަޖިލީހުގެ ޤަވައިދާ އެއްގޮތަށް ހުށަހެޅުމަށް އެޖެންޑާ ނުކުރެވުމެވެ. މަޖިލީހަށް ކުރެވުނު ކަމެއް ނެތެވެ. ފުރިހަމަ އަޣްލަބިއްޔަތު ނެތްކަމުގައި ވާނަމަ މަޖިލީހުގެ ތެރެއިން ބޭނުން ގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެ އެވެ. ކަންތައް ކުރެވޭނީ އަޣްލަބިއްޔަތު އޮތް ބަޔަކަށެވެ.

މި ހުރިހާ ކަމެއް ހިނގަމުންދިޔައިރު ވެސް ބާރުތައް ވަކިކޮށްފައި އޮތް ފޮތުން ކިޔާލާއިރު ރާއްޖޭގައި ފުރިހަމަ ޤާނޫނުއަސާސީއެއް އޮތް ކަމުގައި ދައްކަ އެވެ. ރާއްޖޭގެ އެންމެ ބޮޑު މައްސަލަ އަކަށް ވެފައި އޮންނަނީ ޤާނޫނާއި ޤަވައިދަށް އަމަލު ކުރުމެވެ. ޤާނޫނު ތަންފީޒު ކުރުމެވެ. މިހެން ކަންތައްތައް ހިނގާތަން ފެނުމުން ސިޔާސީ ކަންކަމުގައި ތިލަކޮށް ވިސްނަވާ ބޭފުޅުން ނުވަތަ "ނިވްސްޕޭޕަރ ޕޮލިޓީޝަނުން" ގޮވާލައްވަނީ ރާއްޖޭގެ ސަރުކާރު ހިންގާ ނިޒާމް ބަދަލު ކުރުމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށެވެ.

ބަރުލަމާނީ ނިޒާމެއް ނެތުމުން ރައްޔިތުންނަށް މިހާރު ލިބެނީ ކޮން ގެއްލުމެއްތޯއެވެ؟ ބަރުލަމާނީ ނިޒާމެއް އޮތުމުން ރައްޔިތުންނަށް ކުރާނީ ކޮން ފައިދާއެއްތޯއެވެ؟ ރާއްޖޭގައި ކޮންމެ ނިޒާމެއް އޮތް ކަމުގައި ވިޔަސް ވެރިކަމުގައި ތިބި ބަޔަކު ބޭނުން ގޮތަކަށް ކަންތައް ކުރާނެ އެވެ. މިކަން އަޅުގަނޑުމެންނަށް ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ފެނިފަ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ފެނިފައެވެ. ރައީސް ވަޙީދުގެ ވެރިކަމުގައި ވެސް ފެނިފަ އެވެ. ރައީސް ޔާމިނުގެ ވެރިކަމުގައި ވެސް ފެނިފަ އެވެ. މި ހިނގާ ވެރިކަމާ މެދު އަޅުގަނޑު އެއްޗެއް ނުދަންނަވާމެވެ. ކަންކަން ހިނގާ ގޮތާ މެދު އަމިއްލަފުޅަށް ބައްލަވާލައްވާފައި އަމިއްލަފުޅަށް ނިންމެވުމެއް ނިންމަވާށެވެ.

ބަރުލަމާނީ ނިޒާމެއް އޮތުމުން ރައްޔިތުންގެ ފުރިހަމަ އިތުބާރު ނުލިބި ވެރިކަމަށް އަންނަން ބޭނުންވާ މީހަކަމަށް ވެރިކަމަށް އައުމުގެ ފުރުޞަތު ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ އެވެ. ރިޔާސީ ނިޒާމެއްގައި ވެރިއަކު ހޮވަނީ ޤައުމުގެ ހުރިހާ ރައްޔިތުންގެ ވޯޓުންނެވެ. ބަރުލަމާނީ ނިޒާމެއްގައި ޕާޓީގެ ލީޑަރު ހޮވަނީ ޕާޓީގެ މެމްބަރުންގެ ވޯޓުންނެވެ. ބޮޑު ވަޒީރަކަށް ވާނީ ޕާޓީގެ ލީޑަރެވެ.

ރާއްޖެ އަށް ބޭނުންވަނީ ނިޒާމް ބަދަލުކުރުމެއް ނޫނެވެ. އަމިއްލަ އެޖެންޑާއެއް ނެތް، އަމިއްލަ އެދުމެއް ނެތް، ރައްޔިތުންނަށް ޚިދުމަތް ކުރާނެ، އިޚްލާސްތެރި ވެރިންނެވެ. ރާއްޖެއިން އެކަހަލަ ބަޔަކު ލިބިދާނެ ތޯއެވެ؟ ރާއްޖެ އިން އެކަހަލަ ބަޔަކު ފެނިދާނެ ތޯއެވެ؟ އިޚްލާސްތެރި، އަމިއްލަ އެދުމެއް ނެތް، ސިޔާސީ މީހުންނަކީ ރާއްޖޭގައި ހޯދަން އެންމެ އުނދަގޫ، އެންމެ ތަދު ބާވަތެވެ.

ކުރީގެ ސަރުކާރުގެ، ކުރީގެ ސުޕްރީމް ކޯޓުން ކުޅުނު ކުޅިގަނޑު، އެހެން ގޮތަކަށް މިހާރު ކުޅެނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ އިރު ސުޕްރީމް ކޯޓުގެ ވިސްނުން ހުރީ މަޖިލީހުން ނިންމާ ކަންކަމުގައި ވެސް ސުޕްރީމް ކޯޓުން ފަހު ބަސް ބުުނެވޭނެ ގޮތަށެވެ. ތެދުފުޅެކެވެ. މަޖިލީހުން ޤާނޫނުއަސީއާ ޚިލާފް ނިންމުމެއް ނިންމައިފި ކަމަށް ބަޔަކަށް ނުވަތަ ސަރުކާރަށް ފެނިގެން ސުޕްރީމް ކޯޓަށް ހުށައަޅައިފި ނަމަ އެކަމެއް ސުޕްރީމް ކޯޓުން ބަލައި އެތަނަށް ފެންނަ ޙުކުމެއް ކުރާނެ އެވެ. "ސުޕްރީމް"، އެ އިރު އެތަނުން މާނަކުރީ ހުރިހާ ކަމެއްގައި ވެސް "ސުޕްރީމް"ގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު ދެކޭގޮތުގައި ހުރިހާ ކަމަކާ ވެސް އެ ތަނާ ބެހެވޭނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ ބޮޑު އަޣްލަބިއްޔަތެއް އޮތުމުން ބޭނުން ކަމެއް ބޭނުން ގޮތަކަށް ފާސް ކުރެވޭނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ ސިޔާސީ ލީޑަރެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ކުރިން އަދާކުރެއްވި ބޭފުޅެކެވެ.

މަޖިލިސްގެ ކޮމިޓީތަކުގެ އިސް ބޭފުޅުންނާ މަޖިލިސްގެ ރައީސް (ވ) ބައްދަލުކުރައްވަނީ -ފޮޓޯ: މަޖިލިސްގެ އިދާރާ

މަޖިލީހުގެ ބައެއް ޖަލްސާތަކުގައި މަޖިލީހުގެ ރައީސް ދައްކަވާ ބައެއް ވާހަކައިން ފަހުމް ވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރެއްވުމަށް ކުރައްވާ މަސައްކަތާއި ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތާ ފުށުއަރާ ކަމަށެވެ. ސަރުކާރަކީ ކޮބައިކަން އޮޅުންނުފިލާ ދަރަޖަ އަށް ބައެއް ފަހަރު ދެއެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމުގެ ކުރިން އެބިލަކާ ބެހޭގޮތުން މަޖިލީހުގައި ހިމެނޭ ޕާޓީގެ މެމްބަރުންނާ މަޝްވަރާކޮށް އެމީހުންގެ ޝުޢޫރުތައް ވެސް އެ ބިލެއްގައި ހިމެނެން އޮތް ވަރަކަށް ހިމެނެ އެވެ. މިގޮތަށް މަޖިލީހަށް ބިލެއް ފޮނުވުމުން ބިލަށް މާ ބޮޑު ބަދަލެއް ނުގެނެވި މަޖިލީހުން އެ ބިލެއް ފާސް ކުރެވެއެވެ. ބިލެއް މަޖިލީހަށް ފޮނުވުމުގެ ކުރިން މަޖިލީހުގައި އަޣްލަބިއްޔަތު އޮތް މެމްބަރުންނާ މަޝްވަރާނުކޮށް ފޮނުވޭނަމަ އެއީ މައްސަލައެކެވެ. މަޝްވަރާއާ އެކު ފޮނުވުމަށް ފަހު އެ ބިލަކަށް އިތުރު މަރުޙަލާތަކަކާ ކުރިމަތިލާން ޖެހޭނަމަ އެއީ ވެސް މައްސަލައެކެވެ.

ވެރިކަން ކުރާ ޕާޓީއޭ ނުދެންނެވެނީ މަޖިލީހުގައި ބައެއް ފަހަރު ބަހުރުވަ ހުންނަ ގޮތުން ވެރިކަންކުރާ ޕާޓީ އާއި މަޖިލީހުގައި ތިއްބެވި، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެމްބަރުންނާ މިއީ ދެ ބައެއް ކަމަށް ހީވާ ފަހަރު ވެސް ވަރަށް ގިނައިން އަންނާތީވެ އެވެ.

ރައްޔިތުންގެ މަޖިލީސް މިހާރު ހިނގަމުން ދަނީ ރާއްޖޭގެ ތާރީޚްގައި ދުވަހަކު ވެސް ރައްޔިތުންގެ މަޖިލީސް ހިނގާފައި އޮތް ގޮތަކަށެއް ނޫނެވެ. "ވަން މޭން" ޝޯއެކެވެ. މަޖިލީހު ރިޔާސަތުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް މަޖިލީހުގެ ޤަވައިދު ވެސް ވަގުތުން ބަަދަލު ކުރައްވަނީ އެވެ. މިނިސްޓަރަކާ ސުވާލު ކުރުމުގެ ކުރިން އެ ސުވާލާ ބެހޭ ގޮތުން މަޖިލީހުގެ ރައީސް ވަރަށް ގިނަ ފަހަރު ވާހަކަ ދައްކަވަ އެވެ. އެއީ ޤަވައިދު ހުއްދަކުރާ ކަމެއް ނޫނެވެ. މެމްބަރުން ވާހަކަ ދެއްކެވުމާ އެކު އެ ވާހަކަ އަށް ވަރަށް ގިނަ ފަހަރު މަޖިލީހުގެ ރިޔާސަތުން ޚިޔާލު ފާޅުކުރައްވަ އެވެ. އެއީ ވެސް ޤަވައިދު ހުއްދަކުރާ ކަމެއް ނޫނެވެ. ރިޔާސަތުން ޚިޔާލު ފާޅުކުރައްވަމުން ބަހުސުގައި ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެއީ ވެސް މަޖިލީހުގެ ޤަވައިދު ހުއްދަކުރާ ކަމެއް ނޫނެވެ. މަޖިލީހުގައި މިހާރު ހިނގަމުން ދަނީ ޤާނޫނު ބުނާ ނިޒާމެއް ނޫނެވެ. މަޖިލީހުގެ ޤަވައިދު ބުނާ ނިޒާމެއް ނޫނެވެ. "މަގޭ ނިޒާމް"އެވެ.