Support Us

މިއީ އެރެޔޭ! މިއީ ޤައުމީ ރެޔޭ! ދިވެހިން ފަޚުރުވެރިވާ!

ހަނދާނަށް އަންނަ ތާރީޚީ ރެޔެއްގެ ހަނދާން އާ ކުރަނީ
އަނދާ އަޅިއަށްވި މިނިވަންކަން އިޢާދަވި ރޭ ހަނދާންކުރަނީ

އެތައް ޤަރުނެއްގެ ކުރިޔަށް ގޮސްލަމޭ ވާހަކަ ކިޔައިދިނުމަށް
އެތައް ހިތި ތަޖުރިބާ ހިމެނޭ ހަޤީޤަތަކަށް ވެފައިމެ ވަނީ

ރަބީޢުލް އައްވަލުން އެއްވަނަ ރެޔަށް އިރުއޮއްސެމުންނެ ދަނީ
ތިބޭ މާލޭގަ މުސްލިމުނަށް ދެމުން ބިރުވެރި ޚަބަރު އެ ދަނީ

މި ދީން ދޫކޮށް ޣައިރު ދީނަށް ޖެހޭނޭ މާދަމާ ވަންނަން
އެ ދޭ އިންޒާރު، އިވުމުން މުސްލިމުން ކަންބޮޑުވެފައި އެ ވަނީ

ރުހުމުގައި ދޫނުކުރި ނަމަ މާދަމާ އަނގަޔަށް އަޅާނަމެ ރާ!
ޖެހޭނީ ބޯށެ އަންގާތީ ރޮމުން ބިރުވެތިވަމުން އެ ދަނީ

ނެތޭ މިނިވަންކަމެއް ޤައުމަކު އޮތީ ޕޯޗުގީޒް އަޅުވެތިކަން
ގޮތޭ މީ ކަން ހިނގާ އޭރުގަ ވަރަށް ކުރުކޮށް ބަޔާންކުރަނީ

***

އެރޭގައި ރޭދެބައި ނުވަނީސް ބިރެއް ނެތި ނުކުތެ އިސްލާމުން
ނެރޭށެ ތިބީ ކަށިން ހިތްވަރު ޖިހާދުގެ ޢަޒުމުގައި އެ ދަނީ

ޖަމާވީ މެދު ޒިޔާރަތް ކައިރިއަށް މީހުން ދުޢާ ކުރުމަށް
ހިމާޔަތް މާތްވި އިސްލާމްދީން ކުރެއްވުން އެދި ދުޢާކުރަނީ

ކަމާ މަޑުމޮޅި ޚުޝޫޢާއެކު އިލާހުގެ ޙަޟްރަތަށް މަތިވެރި
ސަލާމަތް އެދި އެ މަދު މީސްކޮޅު ދުޢާކޮށް އޭރު ދަންނަވަނީ

އުތީމުގެ ފަހުލަވާނުންކޮޅު ވަޑައިގެން ވާގިދެއްވުން އެދި
އެތާ ތިބި މުސްލިމުން ތަކުރާރުކޮށް އެ ދުޢާ އެއިރު ކުރަނީ

އުތީމުގެ ބޮޑު ތަކުރުފާނުން ވަޑައިގެންނެވި އެއިރު އެ ތަނަށް
އެތާ އެ ކުރާ ދުޢާ އަޑުއައްސަވައި އާމީން! ވިދާޅުވަނީ

އެހާ އަވަހަށް ވަޑައިގަތްކަން އެއީ ކުޑަ މުޢުޖިޒާތެއް ނޫން
އިލާހުގެ ޙަޟްރަތަށް މަތިވެރި ވަޤުތުގައި ޝުކުރު ދަންނަވަނީ

***

އަހާ އަޑުފުޅު ތެދުވެގެންގޮސް ވަށައިލިއެ އަރިހުގައި އެންމެން
އެހާ އުފަލުން ވަމުންދާ ގޮތް ވަޤުތުގައި ދަންނަވަން ފަށަނީ

އުތީމުގެ އުދަރެހުން އެރި ތަރިތަކުން އަލި ފަތުރަމުން ދާތީ
މިތާ ތިބި ދުޝްމިނުން އެ ކަމާ ވަރަށް ކަންބޮޑުވަމުންނެ ދަނީ

އުތީމު ދެބެން އަރުއްވައިގެން ނުވާނޭ މާލެއަށް އަންގައި
އޮތީ ގަދަޔަށް އަމުރުކޮށްފައި ކަމަށްވެސް އޭރު ދަންނަވަނީ

ފުރައިގެން މާލެއަށް ވިޔަޒޯރު އައުމަށްވެސް ވަނީ އަންގައި
ފުރާ، ވަގުތުން ދަތުރު ފެށުމަށް އަނދިރިއަނދިރިން އަމުރުކުރަނީ

ވަނީ އަންގާފަ ބަލަހައްޓަން ފަޅާ ރަށުތެރެ އަތިރިމައްޗާ
ވަނީ އެ ކަމަށް ބަޔަކު ލިއަކަސް ނުބެލެހެއްޓޭ ކަމަށް ބުނަނީ

***

އަނދިރިއަނދިރިންގެ ކިއްލާޔަށް އަރިހުގައި ދިޔަ އެބައި މީހުން
އަނދިރިއަނދިރިން މަރުއްވަން ދެއްވި ޙަމަލާ ކާމިޔާބުވަނީ

ނިދާފައި ދުޝްމިނުން ތިއްބައި ބަޑީގެ އަޑަށް ނިދިން ހޭލައި
ފަށައިގަތަކަސް ޙަމަލަ ދިނުމަށް ތެދުވި އެންމެން މަރުއްވަވަނީ

މަރުއްވައި ޕޯޗުގީޒުގެ ދުޝްމިނުން ކިއްލާ ތެރޭ ތިބިހައި
ފުރާނަ ނުދާ އެކަކުވެސް ނެތި އަމާން ކިއްލާ ކުރައްވަވަނީ

އެކަކުވެސް މަރުނުވާ ހުރިތޯ ބަލައި ނެތްކަން ޔަޤީންވީމާ
އެކީ ލަޝްކަރު އެ ތަން ދޫކޮށް ރަށުގެތެރެއަށް އެނބުރި އެ ދަނީ

***

މުޙައްމަދު ތަކުރުފާނު ވަޑައިނުގެން ގިނައިރު ވަމުންދާތީ
ފަހުލަވާނުން ފިކުރުކޮށްފައި ހަދާނެ ގޮތެއް އެ ނިންމަވަނީ

އޮޑީގައި ފަޅުތެރޭގައި ތިއްބަވާތާ އިރުގަނޑެއްވި ފަހުން
އަޅާ އޮޑި، ފަހުލަވާނުން އެއްގަމަށް އަވަހަށް އަރުއްވަވަނީ

ދެ ހާޖީންނާއި ދަންޑެހެލާ އެކީގައި ތަކުރުފާނު ޙަސަން
ޖިހާދަށް ފަށްޓަވާ ރަށުތެރެ އަމާންކުރަމުންނެ ގެންދަވަނީ

***

ވަޑައިގެންނެވުނު އިރުގައި ލަޝްކަރާއެކުގައި އަތިރިމައްޗަށް
އަރުއްވައި ފަހުލަވާނުން މާލެއަށް އަތްގަދަ ކުރައްވަވަނީ

ޖިހާދުގެ ލަޝްކަރުން ދެއްވާ ޙަމަލަތައް ގިނަވެ ހޫނުވުމުން
އަމާންދީ އެއް ބަޔަކު ހައްޔަރުވެ ގިނަ މީހުން މަރުވެ އެ ދަނީ

ނިދާފައި ރަށުތެރޭ ތިބި ކޮންމެ މީހަކު ހޭލުމާ އެކުގައި
ތެދުވެ އަޑު އަންނަ ދިމަދިމަޔަށް އެ މީހުންވެސް ދުވެފަ އެ ދަނީ

ވަރަށް ގިނަ ދުޝްމިނުންނާ ޢާންމު ދިވެހިންވެސް އަޔޭ އެ ގޮތަށް
ދުރުން އެ ކަމުގެ ޚަބަރު ބެލުމަށް ޣަދަރުވެރި ބަޔަކުވެސް އެ ދަނީ

އެ ރޭ އިސްލާމުނަށް ﷲ ދެއްވެވި ނަޞްރު ލިބުމާއެކު
ކުރީ ޙަމްދާ ޝުކުރު ދިވެހިން! އުފާކުރަމުންނެ އޭރު ދަނީ

***

އެއީ ހިޖުރީ ގޮތުން ދިހަވަނަ ޤަރުނުގައި ދުށް އަނދިރި ދައުރެއް
އެއީ ހިތި ތަޖުރިބާތަކެކޭ ހިތުން އެ އަސަރު ފިލައި ނުދަނީ

ނެތޭ ދެކެފައި އެއަށްވުރެ ޤައުމު އަނދިރި ބިރުވެރި ވި ހިތި ދައުރެއް
އޮތޭ ތާރީޚުގައި ލިޔެފައި އެކަން އަބަދުމެ ހަނދާންކުރަނީ

ނަމާ އަބުރަށް ހުތުރު އަރުވައި، މި ލޮބުވެތި ޤައުމު އަޅުވެތިކޮށް
ނަގާލުމުގައި، އަތެއް ދިވެހީންގެ އޮތް ކަމުގައި ބަޔާންކުރަނީ

ތިބީ އަޅުވެތިވެފައި ދިވެހިން ފަނަރަ އަހަރާ ހަމަސް ވަންދެން
ލިބޭ އަނިޔާގެ ޙައްދެއް ނެތް ކަމަކު ކެތްކޮށްފައޭ އެ ވަނީ

ކުރިން އަޅުވެތިކަމުގެ ކަސްތަޅު އެޅިފަ ލޮބުވެތި ޤައުމު އޮއްވައި
ކުރެއްވެވުމުން ސަލާމަތް ހަމަ އެ ރޭ މިނިވަންވެފައި އެ ވަނީ

***

އެރީ އެ ދުވަހުގެ އިރު ޤައުމަށް ފަތުރަމުން ނޫރު އިސްލާމީ
ކުރިން އޮތް ބިރު ފިލައި ޤައުމަށް އަމާންކަން ފެތުރިފައި އެ ވަނީ

ސިރީ ޣާޒީ މަހާރަދުނާ، މި ޤައުމުގެ މާތް މުޖާހިދުނަށް
ކުރުން ޝުކުރާ އެކީ ޒިކުރާ އެއީ ވާޖިބެކެ ދަންނަވަނީ

ތިބޭނީ އަބަދުވެސް މަރުދޭށެ {ރައްކާތެރި ކުރަން ޤައުމާ –
ތަބަޢަވާ މާތްވި އިސްލާމްދީން} މަމެން ވަޢުދުވެ ހުވާ ކުރަނީ

މިއީ އެރެޔޭ! މިއީ ޤައުމީ ރެޔޭ! ދިވެހިން ފަޚުރުވެރިވާ!
މިއީ ލޮބުވެތި ދިވެހި ޤައުމޭ! އަހަރެމެން ހަރުއަޑުން ގޮވަނީ

* މި ޅެމުގައި އިޝާރާތްކޮށްފައިވާ (އޮޑި) އަކީ [ކަޅުއޮށްފުންމި] އެވެ.

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *