Support Us

މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު) އާ ފިހާރަތެރޭގައި މަޑުކޮށްލައިގެން

މަނިކުސޭޓުގެ އާ ފިހާރަ ވަރަށް ސަޅި: ނެތް އެއްޗެއް ނެތް

ހުރިހައި އެއްޗެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ފިހާރައެއް މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު) ފަރީދީމަގުގައި ހުޅުވައިފިއެވެ.

މީގެ 33 އަހަރު ކުރިންސުރެ، މަންޝާ މަނިކުގެ ގޮތުގައި މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ، މިދިޔަ ރޯދަ މަހު ހުޅުވި "އެމް.އެސް. އާރް.އާރް. ޝޮޕްސް" އަކީ ފުރާ ކޮންމެ މީހަކަށް ވެސް ހުރިހާ ސާމާނެއް ލިބޭނެ ފިހާރައެއް ކަމަށް މަނިކުސޭޓު ބުންޏެވެ.

"ފުރާ ކޮންމެ މީހަކަށް ވެސް ހާއްސަ ފިހާރައެއް މިއީ. ރާއްޖެއިން ބޭރަށާއި ރާއްޖެތެރެއަށާއި ފަޅު ރަށަކަށް ދާންވިޔަސް މި ތަނަށް ވަދެލީމާ ހުރިހާ އެއްޗެއް ލިބޭނެ،" މަނިކުސޭޓު ބުންޏެވެ.

"ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުވެސް ހަމަ އެހާ ހެޔޮވާނެ."

"ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު ހުންނާނެ. ޒުވާނުން ކުޅިވަރު ކުޅޭ ސާމާނު ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރާއްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ."

މަނިކުސޭޓު ބުނީ އޭނާގެ ދެ ވަނަ ފިހާރަ، "އެމް.އެސް. އާރް.އާރް. ޝޮޕްސް" ހުޅުވައިގެން މިވީ ދުވަސްކޮޅުގެ ތެރޭގައި ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ. އެހެންވެ ފިހާރަ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް މަނިކުސޭޓު ބުންޏެވެ.

"މިއީ ދިވެހިންނަށް ވެސް ހާއްސަ، ގެސްޓުންނަށް ވެސް ހާއްސަ އަދި ބިދޭސީންނަށް ވެސް ހާއްސަ ފިހާރައެއް."