Support Us

ރިޔާސީ އިންތިހާބު 2023:

ތެލަސީމީއާ ހިދުމަތަށް އެންމެ ފެންވަރު ރަނގަޅު ސެންޓަރެއް ގާއިމްކޮށްދޭނަން: ޑރ. މުޢިއްޒު

ތެލަސީމީއާ ކުދިންނަށް ހިދުމަތް ދެވޭ އެންމެ ފެންވަރު ރަނގަޅު ސެންޓަރެއް ހުޅުމާލޭގައި ގާއިމްކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ކުރިއަށް ގެންދާ ކެންޕެއިން ދަތުރުގައި ރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ޚާއްސަ ގޮތެއްގައި ތެލެސީމިޔާ ކުދިން ތަޙައްމަލުކުރަމުންދާ ވޭނާއި ފަރުވާ ހޯދުމުގައި ހުރި ދަތިކަން ފެނިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ބޯންމެރޯ ޓްރާސްޕްލާން ހިލޭ ހަދައިދޭނެ ވާހަކަ ކުރިން ވެސް ވައުދުވެފައިވާ ކަމަށާއި ތެލެސީމިޔާ ކުދިންގެ ތެރެއިން 22 ޕަސެންޓް ކުދިން މަރުވާ ނިސްބަތް މި ހުޅުވޭ ސެންޓަރުގެ ސަބަބުން މަދުކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ސެންޓަރަކީ ހިތްހަމަޖެހޭ، ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ތިބި، ޖާގަ ބޮޑު ތަނެއްގެ ގޮތުގައި ޢިމާރާތްކުރެވި ހުޅުމާލޭގައި ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އެ ސެންޓަރަކީ ތެލެސީމިޔާ ކުދިން ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ ތަނަކަށްވާތީ އެ ތަނުގައި އެ ކުދިންނާ ގުޅޭ މުނިފޫހިފިލުވާ ގިނަ ކަންކަން ޤާއިމުކޮށް، ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފެންވަރު ރަނގަޅު ޒަމާނީ އެ ސެންޓަރުގެ ސަބަބުން "(ތެލެސީމިޔާ ކުދިން) ތަޙައްމަލުކުރަންޖެހޭ ވޭން ކުޑަވެ، ހިތްހަމަޖެހުން ލިބި، އޭގެ އާޚިރު ނަތީޖާއަކަށްވާނީ މި ދުނިޔެ ދޫކޮށް ދާކުދިންގެ ޢަދަދު މަދުވެ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް (މަރުވާ ކުދިންގެ) ޕަސަންޓޭޖް ދައްކުރެވިގެންދާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ އޯގާތެރިކަމާ އެކު އެންމެން ހަމަހަމަކަމާ އެކު ހިދުމަތްތަކާއި އަޅާލުން ދޭނެ ސަރުކާރެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން އޭއެސްޑީ (އޯޓީޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ) ހުންނަ ކުދިން ގާތްގަނޑަކަށް ހަތަރު ހާހަށްވުރެ ގިނަ ކުދިން ޑައިގްނޯސް ކުރެވިފައިވާއިރު އެ ކުދިންގެ އާއިލާތަކުން އެވްރެޖްކޮށް 600ރ. ނުވަތަ 500ރ. ތެރެޕީއަކަށް ހަރަދު ކުރާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް 18،000ރ. ހަރަދުކުރަން ޖެހޭ ކޭސްތައް ވެސް އަންނަ ކަމަށެވެ. އަދި އޮޕަރޭޝަން ތިއޭޓަރުތަކަށް ވެސް 6،000ރ. އާއި 4،000ރ. އާ ދޭތެރޭގެ ޢަދަދެއް ހަރަދު ކުރަންޖެހޭ ކަމަށާއި އެހެންވެ އެވްރެޖްކޮށް ސިވިލް ސާވިސް މުވައްޒަފެއްގެ މުސާރަ އެކަމަށް ހުސްވާކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން މި މަހުގެ 30ގެ ވޯޓުން ވެރިކަމަށް ވަޑައިގެން މިފަދަ އާއިލާތަކަށް ހާއްސަ އެލަވަންސެއް ހަމަޖައްސަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އޭރުން އިރާދަކުރެއްވިއްޔާ އެލިބޭ މުސާރައިން ކަންބޮޑުވެގެން އެ ޚަރަދުތައް ނުކުރެވިގެން، ދެކޮޅުނުޖެއްސި އެހެން މަސައްކަތެއް ކުރަންޖެހި، އެ ފިކުރުގައި އުޅޭކަށް އިރާދަކުރެއްވިއްޔާ ނުޖެހޭނެ. އެވަރު ނުވާވަރުގެ އެލަވަންސެއް އިރާދަކުރެއްވިއްޔާ ހަމަޖައްސަދޭނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހަކުރުބަލީގެ މީހުން ރާއްޖޭގައި ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ، އެ މީހުންނަށްވެސް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކޮށް ފަހިކޮށް ދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ހަކުރުބައްޔާ ބެހޭ ހުރިހާ ބަލިތަކަކަށް ފަރުވާ ލިބިގެންދާނެ ސެންޓަރެއް ޤާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ސެންޓަރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ މެޓީރިއަލެއް ލިބެން ހުންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ޑައިލެސިސްގެ ފަރުވާ ހޯދާ ފަރާތްތަކުގެ ކަންބޮޑުވުންވެސް ފާހަގަކުރެވިފައިވާ ކަމަށާއި، އެފަރާތްތަކަށްވެސް ފަރުވާ ދިނުމަށް އެންމެ ޒަމާނީ ފެންވަރުގެ ސެންޓަރެއް މާލެސިޓީގައި ޤާއިމްކޮށްދިނުމުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ޑައިލިސިސްގެ ފަރުވާ ލިބޭ ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *