...

Support Us

އަލްޤަޞްވާއު: ތާރީޚު ދުށް އެންމެ އަގުބޮޑު ޖަމަލު 

ނަމަކީ އަލްޤަޞްވާއު (القصواء) އެވެ. ޤަޞްވާއުގެ މާނައަކީ ކަންފަތުގައި ލޯވަޅު އެޅި, ކަންފަތް ތޮރުވިފައިވާ އެއްޗެވެ. އެހެނަސް މި ޖަމަލުގެ ކަންފަތުގައި ލޯވަޅު އެޅިފައެއް ނުވެއެވެ. މި ޖަމަލަށް މި ނަން ދެވުނީ އޭތީގެ ދުވެލި ބާރުކަމުންނެވެ. މި ޖަމަލުގެ ކުލައަކީ ރަތާއި ހުދާއި ކަޅެވެ. ބޮޑަށް ގާތީ ހުދު ކުލައާއެވެ. މި ޖަމަލުގެ ނަންތަކުގެ ތެރޭގައި އަލްޖަދްޢާއު އާއި އަލްޤަދްބާއު އާއި އަލްޢަޞްބާއު ވެއެވެ.

އުފަންވީ ޢަރަބިކަރައިގެ ޤުރައިޝް ވަންހައިގެ މީހުން ޖަމަލު ގެންގުޅޭ ހިސާބުގައެވެ.

ކީރިތި ރަސޫލާ ﷺ މި ޖަމަލު ބައްލަވައިގަތީ މާތްﷲ ރުއްސުންލެއްވި އަބޫބަކްރުއް ޞިއްދީޤުގެ އަތްޕުޅުން 400 ރިހި ދިރްހަމަށެވެ. އަބޫބަކްރުގެފާނު ވެދުމަށް އެރުއްވުމުން ރަސޫލާ އެ ކަން ޤަބޫލުފުޅު ނުކުރައްވަވައި ބައްލަވައިގަތީއެވެ. އޭރު މި ޖަމަލުގެ އުމުރަކީ ހަތަރު ފަސް އަހަރެވެ. ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި މި ޖަމަލު 11 އަހަރު އުޅުނެވެ. އޭތި މަރުވީ އޭގެ ޢުމުރުން 15 އަހަރުގައެވެ.

މި ޖަމަލު ނިދަން އޮންނަނީ ނަބަވީ މިސްކިތުގެ އިރުމަތީ ފަރާތުގައި އޮންނަ ބަޤީޢު ކޮށީގައެވެ. އޭތި ކައި ހަދަނީ ބަޤީޢުގައި ފަޅައި ވިނައެވެ.

ޤަޞްވާއު ޖަމަލަކީ ބަނދެފައި ބޭއްވުނު ޖަމަލެއް ނޫނެވެ. އޭތި އަބަދުވެސް އޮންނަނީ ދޫކޮށްލައިފައެވެ.

ކީރިތި ރަސޫލާ ﷺ މި ދުނިޔެ ދޫކުރައްވާ ސުވަރުގެ ވަޑައިގަތުމުން މި ޖަމަލަށް ލިބުނު ހިތާމައާއި މޮޅިވެރިކަމާއި އެކަނިވެރިކަމުގެ ބޮޑުކަމުން އޭތި ކެއުމާއި ބުއިމާ ދުރުހެލިވިއެވެ.

ޤަޞްވާއު ޖަމަލުގެ މާތްކަން

ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖްރަކުރެއްވީ މި ޖަމަލުމަތީގައެވެ. އަލްމަސްޖިދުއް ނަބަވީ މިސްކިތް ބަނިއްނައްޖާރު އަވަށުގައި ބިނާކުރަންވީ ތަން ކަނޑައަޅައިދިނީ މި ޖަމަލެވެ.

ކީރިތި ރަސޫލާ ﷺ އޭގެ މަތީގައި އިންނަވަނިކޮށް ވަޙީ ބާވައިލެއްވޭ ހިނދު ބިމަށް ތިރިނުވާ ސަވާރީކޮޅަކީ ޤަޞްވާއެވެ.

ކީރިތި ރަސޫލާ ﷺ ޤަޞްވާއު މަތީގައި އިންނަވައި ގެފުޅުގެ ވަށައިގެން ޠަވާފުކުރެއްވުމުގެ ޝަރަފު މި ޖަމަލަށް ލިބިފައި ވެއެވެ.

ކީރިތި ރަސޫލާ ﷺ މި ޖަމަލުގެ އަޚްލާޤު ރަނގަޅުކަމުން އޭއްޗަށް ތާރީފު ކުރައްވައިފައި ވެއެވެ.

ޖަމަލުތަކާއެކު ބޭއްވުނު ހުރިހާ މުބާރާތްތަކެއްގައި އެއްވަނަ ހޯދައިފައި ވަނީ ޤަޞްވާއު ޖަމަލެވެ. އެންމެ ފަހަރަކު މެނުވީ މި ޖަމަލު ބަލިވެފައެއް ނުވެއެވެ.

ކީރިތި ރަސޫލާ ﷺގެ އަރިހުގައި މި ޖަމަލުކޮޅު މައްޗަށް އެތައް ޞަޙާބީންނެއް އަރުއްވައިގެން ދަތުރުފުޅު ކުރައްވައިފައި ވެއެވެ. އަދި ކީރިތި ރަސޫލާ ﷺ އަންގަވައިގެން އެކަލޭގެފާނުންގެ ބައެއް ޞަޙާބީން ތަފާތު މަސައްކަތްތަކުގައި މި ޖަމަލުކޮޅު މަތީގައި ދަތުރުފުޅުތައް ކުރައްވައިފައި ވެއެވެ. އޭގެތެރޭގައި ޙައްޖަތުލް ވަދާޢުގެ ކުރިން ޢަލީގެފާނު މިނާއަށް ފޮނުއްވުން ވެއެވެ.

ޤަޞްވާއުގެ ޚާއްޞަ ފަސް ކަމެއް

  • ބަދްރު ހަނގުރާމައިގައި ބައިވެރިވުން
  • މައްކާ ފަތަޙައިގައި ބައިވެރިވުން
  • ޙުދައިބިއްޔާ ޞުލްހައިގައި ބައިވެރިވުން
  • ޢުމްރާގެ މަނާސިކުތައް އަދާކުރައްވަން މައްކާއަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައިވެރިވުން
  • ޙައްޖަތުލްވަދާޢަށް ޓަކައި އޭގެ މަތީ މައްކާއަށް ދަތުރުފުޅު ކުރެއްވުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.