Support Us

ކޮލަމް މާޒީ: ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު، ޑރ. މުޢިއްޒަށް އެރުވީ މިހެންވެ

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙަންމަދު މުޢިއްޒު، އެމް.ޑީ.ޕީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙުގެ މައްޗަށް ކުރި ހޯއްދެވުމަކީ ސަރުކާރުން ހައިރާންވި ކަމެކެވެ. އަދި ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދުކުރާ މީހުން މާޔޫސްކޮށްލި ކަމެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ސަރުކާރުގެ ނުފޫޒާއި ބާރު އިންތިހާއަށް ފޯރުވަމުން ގެންދަނިކޮށް މި ފަދަ ނަތީޖާއެއް އައުމަކީ ބަޔެއްގެ ހިތް ކަތިވާނޭ ކަމެކެވެ.

ރިޝްވަތޭ ނުކިޔަސް އެކި ރަށްރަށުގައި ހުރި ސަރުކާރުގެ ކުންފުނިތަކުން ކުއްލިއަކަށް ވަގުތީ ވަޒީފާއަށް އެތައް ހާސްބަޔަކު ނެރުނެވެ. މި މީސްމީހުންގެ މަސައްކަތަކީ ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ޓަކައި ކެންޕޭނުކުރުން ކަމަށް އޮތީ ވެފައެވެ. ރައީސް ޔާމީންގެ ޒަޢާމަތުގައި ހިއްކައިފައިވާ ހުޅުމާލެ (ދެވަނަ ފިޔަވިހީ)ގެ ބިމުންނާއި ކަނޑުއަޑީން، އިންތިޚާބާ ދިމާކޮށް އެތައް ސަތޭކަ ބަޔަކަށް ގޯތިތައް ބަހައިލިއެވެ. މުވައްޒަފުންގެ މުސާރަ ބޮޑުކުރިއެވެ. މުވައްޒިފުންނަށް ބިރުދެއްކިއެވެ. ކުރީން ރޭވިފައި ނެތް އެތައް މަޝްރޫޢެއްގައި އިންތިޚާބާ ދިމާކޮށް ސޮއިކުރިއެވެ. މަސައްްކަތް ނުފެށިޔަސް، އާ އެތައް މަޝްރޫޢެއް އިފުތިތާޙުކޮށް އެތައް ތަނެއްގެ ބިންގާ އެޅިއެވެ. ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގެ މައިގަނޑު މަސައްކަތަކީ ރައީސަށް ތާއީދު ހޯދުން ކަމަށް ރައްޔިތުންނަށް ހީވާވަރު ކޮށްލިއެވެ. ސިއްރުންނާއި ފާޅުގައި ފައިސާ ބަހަމުން ގެންދިޔަތަން ފެންނަ އެތައް ވީޑިއޯއެއް ޢާންމުވިއެވެ.

މި ހުރިހައި ކަމެއް މިހެން ހުއްޓައި ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކަށްވުރެ 15 ހާސް އެތައް ވޯޓެއްގެ ތަފާތަކުން ޑރ. މުޢިއްޒު ކުރި ހޯއްދެވުމަކީ މި ހުރިހާ ކަމެއް ކުރި ބަޔެއްގެ ހިތް ކަތިވާނެ ކަމެއްކަން ކަށަވަރެވެ. މި ކަމުން އެނގުނީ ބާރާއި ނުފޫޒާއި ރިޝްވަތަކުން އެންމެންގެ ހިތްތައް ފަތަޙައެއް ނުވާނެކަމެވެ.

އަނެއްކޮޅުން ޖުލައިމަހުން ފެށިގެން ސަރުކާރުން ކެންޕޭނުކުރަމުން ގެންދިޔަޔަސް ޕީޕީއެމް/ޕީއެންސީއަށް އެ ފުރުޞަތު ލިބުނީ، މާ ފަހުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރިޔާސީ ޓިކެޓް އަރުވައިފައިވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިނުގެންނެވޭނެކަން ކަށަވަރުވީ ހިސާބުންނެވެ. އޭރު އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އޮތީ އެއް ދުވަހަށްވެފައެވެ. ނަމަވެސް ރައީސް ޔާމީން ރާއްވަވައިފައިވާ ދެވަނަ ޕްލޭނެއްގެ ދަށުން ޑރ. މުޢިއްޒު ޕީއެންސީއަށް ބަދަލުވެވަޑައިގެން އެ ޕާޓީގެ ނަމުގައި ފޯމު ހުށަހަޅުއްވާން އޮތީ ހުރިހާ ކަމެއް ތައްޔާރުކުރައްވައިފައެވެ. މިހާ ހިސާބުން އެތައް ހާސްކަމެއްގެ ތެރެއިން ކަންބޮޑުވުމެއްގެ ތެރެއިން ޑރ. މުޢިއްޒުގެ ފޯމު ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައިގަތީއެވެ. ނަތީޖާއަކީ މުޅި ކެންޕޭނަށް ޑރ. މުޢިއްޒަށް ލިބިވަޑައިގަތީ ފަންސަވީހަކަށް ދުވަސްކަމުގައި ވުމެވެ.

ޑރ. މުޢިއްޒަށް ލިބިވަޑައިގަތް މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެ މަނިކުފާނު ޒިޔާރަތްކުރެއްވިއެވެ. ކެންޕޭނުގައި ބައްސަވާނެ ވަޒީފާއެއް، ފައްޓަވާނެ މަޝްރޫޢެއް، މުސާރަ ބޮޑުކުރައްވާނެ މުވައްޒިފުންނެއް، ޑރ. މުޢިއްޒަށް ލިބިވަޑައިގެންފައެއް ނެތެވެ. މީހުންނަށް ބައްސަވާނެ ފައިސާއެއް ނެތެވެ. ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ރަށްރަށަށް ވަޑައިގެން ހުށަހެޅުއްވީ އެ މަނިކުފާނުގެ އިޚުލާޞްތެރި މެނިފެސްޓޯއެވެ. ޕީ.ޕީ.އެމް.ގެ ޓިކެޓަށް ދަހިލަވައިފައި ތިބި ބަޔަކަށް އެ ފުރުޞަތު ނުލިބުމުން އެ ކަމާ ނުރުހުންވެ ޕާޓީ ބަދަލުކޮށް ޑރ. މުޢިއްޒާ އިދިކޮޅަށް މެދުކެނޑުމެއްނެތި އެންޓި ކެންޕޭނުކުރަމުން ގެންދަނިކޮށެވެ. ސަރުކާރު ހިންގާ ޕާޓީގެ ކެންޕޭނު ތަރުޖަމާނުގެ މުޅި މަސައްކަތަކީ ކޮންމެ ދުވަހަކު ނޫސްކޮންފަރެންސް ބާއްވައިގެން ޑރ. މުޢިއްޒާ ބެހޭ ގޮތުން ދޮގު ބުހުތާނު ވާހަކަދައްކައި އެންޓިކެންޕޭނުކޮށް ޑރ. މުޢިއްޒުގެ ޢަބުރު ކަތިލުންކަމަށް ހަދައިފައި ވަނިކޮށެވެ.

ރައްޔިތުންގެ މަދުވެގެން 65 އިންސައްތަ ވޯޓު އިބްރާހީމް މުޙަންމަދު ޞާލިޙަށް ލިބިވަޑައިގަންނަވާނެކަމާމެދު ޝައްކެތް ނެތްކަމަށް ކެންޕޭނު މެނޭޖަރު ގަދަބަސް ވިދާޅުވަމުން ގެންދެވިއެވެ. މި ހުރިހާ ކަމެއް މިހެން އޮތް ނަމަވެސް ޑރ. މުޢިއްޒަށް ރައްޔިތުންގެ އަޣުލަބިއްޔަތުގެ ލޯތްބާއި ތާއީދު ލިބިވަޑައިގަތީ ކީއްވެގެންތޯއެވެ! މިއީ ސަރުކާރަށް ތާއީދުކުރާ މީހުންގެ ހިތުގައި އުފެދުނު ވަރަށް ބޮޑު ސުވާލެކެވެ. ނަމަވެސް ޑރ. މުޢިއްޒަށް ތާއީދުކުރާ ރައްޔިތުންނަށް އެއީ ހައިރާންވާން ޖެހޭ ކަމަކަށް ނުވެއެވެ. އެ މީހުންގެ ގިނަ މީހުން އުންމީދުކޮށްގެން ތިބީ ދެވަނަ ބުރަކަށް ދާން ނުޖެހި އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ވޯޓު ނުދިން މީހުންގެ ޢަދަދު އިތުރުވުމާއި ކެންޑިޑޭޓުންގެ ޢަދަދު ގިނަވުމަކީ އެއް ބުރުން ނިންމައި ނުލެވުނު ސަބަބުކަމަށް ވެދާނެކަމަށް ޑރ. މުޢިއްޒުގެ ސަޕޯޓަރުން ގަބޫލުކުރިއެވެ.

ޑރ. މުޢިއްޒަށް ރައްޔިތުން ތާއީދުކުރީ އަދި ތާއީދުކުރާންވީ ކޮން ސަބަބަކާ ހުރެތޯއެވެ؟ ޑރ. މުޢިއްޒަށް ރައްޔިތުން ތާއީދުކުރުމުގެ އެތައް ސަތޭކަ ސަބަބެއް އެބަ ހުއްޓެވެ! ބައެއް ސަބަބު ދަންނަވައިލާނަމެވެ. އެންމެ ފުރަތަމަ ސަބަބަކީ ޑރ. މުޢިއްޒަކީ ރައީސް ޔާމީން ރުހުންދެއްވައިފައިވާ ކެންޑިޑޭޓަކަށް ވާތީ، ރައީސް ޔާމީން މިނިވަންކުރެވޭނީ ޑރ. މުޢިއްޒު ހޮވައިގެންކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ގަބޫލުކުރެވޭކަމެވެ.

ދެވަނަ ސަބަބަކީ، ޑރ. މުޢިއްޒުގެ ޓްރެކް ރެކޯޑެވެ. ފަސްބައިގެ ސާފުކަމެވެ. ނަތީޖާ ދައްކަވައިފައިވާކަމެވެ. ރައީސް ޔާމީންގެ ތަޞައްވުރީ މަޝްރޫޢުތައް ރައީސްގެ ލަފާފުޅުގެ މަތީން ޢަމަލީ ގޮތުން ބެލެހެއްޓެވީ ޑރ. މުޢިއްޒުކަމަށް ވީތީއެވެ. އެ މަނިކުފާނުގެ މަޑުމައިތިރި ޚުލްޤުފުޅާއި ދީނީ ކަންކަމަށް ބަހައްޓަވާ ފަރުވާތެރިކަމެވެ. މުރާލިފުޅުކަމެވެ. އެ މަނިކުފާނުގެ ބައްޕާފުޅު އަލްމަރުހޫމު ޝައިޚު ޙުސައިން ޢަބްދުއްރަޙުމާނު، ޑރ. މުޢިއްޒު ތަރުބިއްޔަތު ކުރައްވައިފައިވާ ފުރިހަމަކަމެވެ. ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ އަކީ ވެސް މަޝްހޫރު ދީނީ ޢީލްމުވެރިއެއްގެ ދީންވެރި ތަޢުލީމީ ދަރިކަނބަލަކަށްވާކަމެވެ. ޑރ. މުޢިއްޒު މާލޭ މޭޔަރުކަމަށް ވަޑައިގެން ދެއްކެވި ތަފާތެވެ. މި ދިޔަ ބޮޑު އީދަށް މާލެ ޒީނަތްތެރިކޮށްލައްވައި ތަކުބީރުގެ އަޑުން މާލެ ގުގުމައިލެއްވުމުން އެ މަނިކުފާނުގެ ހިންގުންތެރިމާއި ދީނީ ޝިޢާރުތައް އުފުއްލެވުމަށް އެ މަނިކުފާނު އިސްކަންދެއްވާ މިންވަރު މާލޭ ރައްޔިތުންނަށް ސާފުވިއެވެ.

އަނެއް ސަބަބަކީ، މި ފަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތަޢުލީމީ ދެ ބޭފުޅުންނަކީ ޑރ. މުޙަންމަދު މުޢިއްޒާއި އެ މަނިކުފާނުގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙަންމަދު ލަޠީފުކަމަށް ވީކަމެވެ. ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ދާއިރާއިން އެންމެ މަތީ ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ޑރ. މުޢިއްޒު ވަނަ ހޯއްދަވައިފައެވެ. އެ ދާއިރާގެ އެތައް އަހަރެއްގެ ތަޖުރިބާ ވަނީ ލިބިވަޑައިގެންފައެވެ. ނަތީޖާ ވަނީ ދައްކަވައިފައެވެ. އެ މަނިކުފާނުގެ ނާއިބަކީ އަޒުހަރު ޔުނިވަރސިޓީގެ ދަސްވެންޏެކެވެ. ޝަރީޢާއާއި ޤާނޫނުގެ ދާއިރާއިންނާއި ހިންގުންތެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނު ލިބިވަޑައިގެންފައިވާ މަޑުމައިތިރި، އަދި ގިނަ ބަޔެއްގެ ތާއީދު ލިބިވަޑައިގެންފައިވާ ޤާބިލު ބޭފުޅެކެވެ.

ހަތަރުވަނަ ސަބަބަކީ، ޑރ. މުޢިއްޒަކީ ރައީސް ޔާމީންގެ އަރިހުން ތަރައްގީގެ މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެން ދަރިވަރުވެވަޑައިގެންފައިވާ، ރައީސް ޔާމީންގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވާކަމެވެ.

އަނެއް ސަބަބަކީ، މިއަދުގެ ސަރުކާރުން ރާއްޖޭގެ ސިޔާދަތާއި އިޤުތިޞާދަށް ނުރައްކާވާ އެތައް ކަމެއް ކޮށްފައިވާކަން ރައްޔިތުންނަށް ސާބިތުވެފައިވާތީ، މި ކަމުން ސަލާމަތްކޮށްދެއްވޭނެ ކެންޑިޑޭޓަކީ ޑރ. މުޢިއްޒުކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރުމެވެ. އަދި އެ މަނިކުފާނަކީ ވަޢުދު ފުއްދަވައި ނަތީޖާ ނެރެދެއްވާނެ ބޭފުޅެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް އެނގި ކަށަވެރިވެފައިވުމެވެ. އަދި ޑރ. މުޢިއްޒުގެ ޤައުމީ ޚިދުމަތުގައި ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދު ލިބިވަޑައިގަންނަވާނެކަމަށް ރައްޔިތުން ހިތުގެ އަޑިން ގަބޫލުކޮށްފައިވާކަމެވެ.

އިސްވެ ދެންނެވުނު ދެތިން ހަތަރު ސަބަބަކީ އަދި މަދު މިންވަރެކެވެ. ނަމަވެސް މާ ދިގުވެދާނެ ކަމަށް ޓަކައި މި މިންވަރުން މި ވަގުތު ފުއްދައިލާނަމެވެ. މި ސަބަބުތަކަކީ ކުރިއަށް މި އޮތް ފޮއިދުވަހުގެ ތެރޭގައި ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިޔަސް ނައްތައިލެވޭނެ ސަބަބުތަކެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ޑރ. މުޢިއްޒުގެ ޢަބުރުފުޅުދުއްވައިލުމަށާއި ސަރުކާރުން ކޮށްފައިވާ ވިޔާނުދާ ކަންކަން ރައްޔިތުންނަށް އޮޅުވައިލުމަށް ހަދާ ފޭކު ލިޔުންތަކާއި ދައްކާ ދޮގު ވާހަކަތަކާއި ކުރާ އެންޓި ކެންޕޭނުތަކަކުން ރައްޔިތުންގެ މި އިތުބާރާއި ތާއީދަކަށް ކުރިއަށް މި އޮތް ފޮއިދުވަހުގެ ތެރޭގައި އަސަރުކޮށްފާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި ޑރ. މުޢިއްޒާ އިދިކޮޅަށް ކުރެވޭ އެންޓި ކެންޕޭނުތަކުގެ ސަބަބުން ޑރ. މުޢިއްޒަށް ތާއީދު އިތުރުވުން ނޫން އެހެން ކަމެއް ވާނެކަމަކަށް ވެސް ގަބޫލެއް ނުކުރެއެވެ. ޑރ. މުޢިއްޒަށް "އަދިވެސް" އެދެނީ ހުރިހާ ވެސް ކާމިޔާބީއެކެވެ.