Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާލެއަށް އިރު އޮލަނބުވުމެއް

ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އުތުރާއި ދެކުނަށް އިރު ކުރާ ދަތުރުގައި ޚައްޠުއިސްތިވާއިން ފެށިގެން ޓްރޮޕިކް އޮފް ކެންސަރަށް (އުތުރު ދަނޑިއަށް) އިރު ދަތުރު ކުރާއިރު މާރިޗުމަހުގެ ފަހު ދުވަހު މާލެއަށް އިރު އޮލަނބުވާ ފަދައިން ނުވަތަ މާލެ ސަރަޙައްދުން ދަތުރުކުރާ ފަދައިން، އަދި އުތުރު ދަނޑިން ދެކުނު ދަނޑިއަށް ކުރާ ދަތުރުގައި ޚައްޠުއިސްތިވާއަށް ދާ ދިއުމުގައި މާލެ އޮންނަ ޢަރުޟު ހުރަސް ކުރާއިރު މާލެއަށް އޮލަނބުވެއެވެ. ނުވަތަ މާލެ ސަރަޙައްދުން ދަތުރު ކުރެއެވެ.

އެގޮތުން، މިއަދު، 12 ސެޕްޓެމްބަރުގައި، މާލޭގަޑިން 12:02 ގައި މާލެއަށް އިރު މެރީޑިއަމްވާ ވަގުތު (ނުވަތަ އިރު ހުޅަނގުގެ ގޮތުން މެދުވާ ގޮތަށް އިރުގެ މެދު މާލެ އޮންނަ ޚައްޠުޠޫލާ ދިމާވާ ވަގުތު) އިރު މާލެއަށް އޮލަނބުވެއެވެ. އިރު އޮލަނބުވުމޭ ބުނާ ބުނުމަކީ، އެވަގުތު އޮލަނބަށް ހުންނަ ތަކެތީގެ ހިޔަނި އެ އެއްޗެއްގެ އެއްވެސް ފަރާތަކަށް އެއެއްޗަކުން ބޭރަށް ފާޅު ނުވާގޮތަށް އެ އެއްޗެއްގެ ތެރެއަށް ވަދެ ހުސްވުމެވެ.

މާލޭ ގަޑިން މިއަދު މެންދުރު 12:02 ގައި އިރު ހުންނަ ޢަރުޟަކީ 04º 15.7’N ކަމުގައިވުމުން އެއީ، މިއަދުގެ އެވަގުތު މާލެ އޮންނަ ޢަރުޟަށް ވުރެން 05.5 ދަގީގު އުތުރު ޢަރުޟެއް ކަމުގައި ވުމުން، އެވަގުތު އިރުގެ ސެމިީ ޑައިމީޓަރުގެ (ބޮޑުމިނުގެ ދެބައިކުޅަ އެއްބައި) ގެ ނިސްބަތުން ބަލާއިރު، އިރުގެ ދެކުނުފަޅި، މާލެއަށް އޮލަނބުވާކަން ފަލަކީ ގޮތުން އެނގެއެވެ.

މާލޭގެ ޢަރުޟަކީ، 04º 10.2N ކަމުގައި ވުމުން، އިރުގެ މެދުން ފެށިގެން ދެކުނުފަޅި މާލެ ފަހަނަޅައި ދެކުނަށް ވެސް ޖެހިފައިވާނެއެވެ.

އެވަގުތު އޮލަނބަށް ހުންނަ ތަކެތީގެ ހިޔަނި އެ އެއްޗެއްގެ ތެރެއަށް ވަދެ ހުސްވާނީ ހަމަ އެކަނި މާލެއަކަށް ނޫނެވެ. މާލޭގެ އިރާއި ހުޅަނގުން ކައިރީގައި އޮތް ދެ ރަށަށް ވެސް، އަދި މާލެއަތޮޅު އުތުރު ބައިން މާލެއާ ކައިރީ ހުރި ރަށްރަށަށް ވެސް، މާލެއަތޮޅު ދެކުނު ބައިން މާލެއާ ކައިރި ރަށްރަށަށް ވެސް އިރުގެ ހިޔަނި އޮލަނބަށް ހުންނަ ތަކެތީގެ ތެރެއަށް ވަދެ ފޮރުވޭނެއެވެ.

ދެން އިރު ދަތުރު ކުރާނީ ޚައްޠުއިސްތަވާއަށް ދިއުމަށެވެ. އެއީ، ދުނިޔޭގައި ދެމިފައި އޮންނަ އެންމެ ދިގު ޚިޔާލީ ރޮނގެވެ.