Support Us

އެކަކު އަނެކަކަށް ތާރީފު ނުކުރާށެވެ!

މާތްﷲ ރުއްސުންލެއްވި މުޢާވިޔަތު ބުނު އަބީ ސުފްޔާނުގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((إيّاكُم وَالتَّمَادُحَ فإنّهُ الذَّبْحُ– ތިޔަބައިމީހުން އެކަކު އަނެކަކަށް ތާރީފުކުރުމާ ޚަބަރުދާރުވާށެވެ! ފަހެ ހަމަކަށަވަރުން އެއީ ކަތިލުމެވެ.))

އެމީހުންގެ ޢުމުރަށް، ޢަމަލަށް ފިކްރަށް ވަޒީފާއަށް ބެލުމެއްނެތި ދިރިތިބީންނަށް ތާރީފުކުރުން ނޭދެވޭ ކަމަކަށްވީ ކީއްވެގެން ތޯއެވެ؟ ތާރީފާއި ސަނާ ކިޔުމަކީ މާނަވީ ހިތްވަރުދިނުމެއް ނޫންތޯއެވެ؟ އަޅުގަނޑުމެން މި ދިރިއުޅޭ މާދިއްޔަތުގެ ޒަމާނުގައި މާނަވީ މަދަޙައަށާއި ތާރީފަށް ބޭނުމެއް ނުވޭތޯއެވެ؟

އަޅުގަނޑުމެން ދިރިއުޅެމުންދާ މި ޒަމާނަކީ މަދަޙަ ތާރީފުގެ ޒަމާނެކެވެ. އެއީ އެދެވިގެންވާ ކަމެކެވެ. ބައެއްފަހަރަށް އެއީ މަޖްބޫރީ ކަމެއް ވެސްމެއެވެ.

ކުރީ ޒަމާނުގައި ވެސް ތާރީފާއި ސަނާއަކީ ކިޔޭ އެއްޗެކެވެ. ރަސްރަސްކަލުންނަށާއި ޚަލީފާއިންނަށެވެ.އެކަމުން ލިބޭ ހަދިޔާއާއި މަޤާމުގެ ސަބަބުންނެވެ.

މި ޒަމާނުގައި މި ކަން ފެތުރިފައިވަނީ އިޖްތިމާޢީ ނިފާގުގެ ސަބަބުންނެވެ. ކެހިވެރި މުޖާމަލާތުގެ ސަބަބުންނެވެ. މީސްމީޑިޔާގެ އޮޅިތަކުގައި މިއީ ވަރަށް ޢާންމު ކަމެކެވެ. މީހުންނަށް ސަނާކިޔުމާއި ފުރައްސާރަ ކުރުމެވެ.

ޙައްޤު ތާރީފު ދީން މަނައެއް ނުކުރޭ

އެހެނަސް މީހުންނަށް ޙައްޤު ތާރީފު ކުރުމަކީ ދީން އެއްގޮތަކަށް ވެސް މަނާކުރާ ކަމެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟ އެއީ ބައެއްފަހަރަށް ކުރަން ޖެހޭނެ ވެސް ކަމެކެވެ. ރަސޫލާ صلى الله عليه وسلم އަށް މީހުން މަދަޙަ ދެންނެވިއެވެ. އެ އަޑު އެއްސެވިއެވެ. އެކަން މަނައެއް ނުކުރައްވައެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލޭގެފާނަށް ތާރީފުގެ ބަސް ވަޙީކުރެއްވިއެވެ. މާތްﷲ ﷲ ވަޙީކުރެއްވިއެވެ. ((وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ – އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ.)) މި ތާރީފާއި ސަނާއަށްފަހު އެކަލޭގެފާނަށް އިތުރު ތާރީފަކަށް އަދި އިތުރު ސަނާއަކަށް ބޭނުންފުޅެއް ނުވެއެވެ.

ކީރިތި ރަސޫލާ  ވަނީ އަބޫބަކްރުގެފާނާއި ޢުމަރުގެފާނުފަދަ ބައެއް ޞަޙާބީންނަށް ތާރީފުގެ ބަސްފުޅު ޙަދީސްކުރައްވައިފައެވެ. އެއް ދުވަހަކު ރަސޫލުﷲގެފާނު ނަސޭހަތްޕުޅު ދެއްވަމުން ޙަދީސްކުރެއްވިއެވެ. ((مَن أنفقَ زوْجينِ فِي سبيلِ اللهِ نودِيَ مِن أبْوابِ الجنَّةِ: يا عبدَ اللهِ هذا خيرٌ، فمَن كانَ مِن أهلِ الصلاةِ، دُعِيَ مِن بابِ الصلاةِ، ومَن كان مِن أهلِ الجهادِ، دُعِيَ مِن بابِ الجهادِ، ومَن كانَ مِن أهلِ الصيامِ، دُعِيَ مِن بابِ الريانِ، ومَن كان مِن أهلِ الصدَقَةِ دُعِيَ مِن بابِ الصدَقَةِ. قال أبو بكر: هل يُدْعى أحدٌ مِن تِلْكَ الأبوابِ كلِّها؟ قال: نعم، وأرجو أنْ تكونَ منهم -ﷲގެ މަގުގައި އެއްބާވަތެއްގެ ދޭއްޗެއް ހޭދަކުރި މީހާއަށް ސުވަރުގޭގެ ދޮރުކޮޅުތަކުން ސުވަރުގެ ވަނުމަށް ގޮވައިލެވޭނެތެވެ. އޭ ޢަބްދުﷲއެވެ. ގިނަގުނަ ސަވާބު ހުރި ގިނަގުނަ ޢަމަލުތަކެއް ތިބާކޮށްފީމުއެވެ. ނަމާދުގެ އަހްލުވެރީންނަށް ޤިޔާމަތްދުވަހުން ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ ނަމާދުގެ ދޮރުކޮޅުންނެވެ. ޖިހާދުގެ އަހްލުވެރީންނަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ ޖިހާދުގެ ދޮރުކޮޅުންނެވެ. ރޯދައިގެ އަހްލުވެރީންނަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ ރައްޔާން ދޮރުކޮޅުންނެވެ. ޞަދަޤާތުގެ އަހްލުވެރީންނަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ ޞަދަޤާތުގެ ދޮރުކޮޅުންނެވެ.އެހިނދު އަބޫބަކްރުގެފާނު ދެންނެވިއެވެ. މި ހުރިހާ ދޮރުކޮޅުތަކަކުން ސުވަރުގެ ވަނުމަށް ގޮވައިލެވޭނެ މީހަކު ވާނެތޯއެވެ؟ ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ: އާދޭހެވެ! ކަލޭގެފާނު އެފަދަ މީހަކަށް ވުމަށް ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަމެވެ.))

ޢުމަރުގެފާނުގެ ކުރިފުޅުމަތީގައި ރަސޫލާ  ތާރީފުގެ ބަސްފުޅު ޙަދީސް ކުރައްވައިފައި ވެއެވެ.އެކަލޭގެފާނުޙަދީސްކުރެއްވިއެވެ. ((والذي نَفْسِي بيدِهِ ما لقِيَكَ الشيطانُ قطُّ سالكًا فجًّا، إلّا سلَكَ فجًّا غيْرَ فَجِّكَ– ތިމަންކަލޭގެފާނުންގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ޙަދީސް ކުރައްވަމެވެ. ޝައިޠާނާ އެއް މަގެއް މަތިން ހިނގައިފާ ގޮސް ކަލޭގެފާނާ ދުވަހަކުވެސް ބައްދަލު ނުކުރާނެތެވެ. ކަލޭގެފާނުގެ މަގުނޫން މަގަކުން މެނުވީ އެކަލޭގެ ހިނގައިފާ ނުދާނެތީއެވެ.))

މަދަޙަ ތާރީފުގެ ބޭނުން 

މި ވާހަކަތަކުން އެނގެނީ ބައެއް ވަގުތުތަކުގައި ތާރީފު ކުރަންޖެހޭނެކަމެވެ. އޭގެ މަޤްޞަދުތަކުގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ހިތްވަރުދިނުމާއި އެ ކުރަމުން ދިޔަ ހެޔޮ ކަމުގެ މަތީގައި ދެމިހުރުމަށް ބާރުއެޅުން ވެއެވެ. ބޭނުންތަކުގެތެރޭގައި އެފަދަ ހެޔޮ ޢަމަލުތައް ކުރުމުގައި އެހެން މީހުންނަށް ނަމޫނާއަކަށް ބެލުމަށް ގޮވައިލުން ވެސް ވެއެވެ. އޭގެ ބެނުންތަކުގެ ތެރޭގައި މީހުންކުރާ ހެޔޮ ޢަމަލުތައް ބަލައިގަތުމާއި އޭގެ އަގު ވަޒަންކުރުމުގެ ރޫޙު ފެތުރުން ވެސް ވެއެވެ. މީގެއިތުރަށް އެއީ ދެވޭ މާނަވީ އިނާމެކެވެ.

މިއިން އެނގެނީ ޙައްދުފަހަނަޅައި ދިޔުމެއްނެތި ތާރީފުކޮށް ސަނާކިޔުމުގައި މަސްއަލައެއް ނެތްކަމެވެ. ތާރީފުކުރުން ހުއްދަވާ ދެވަނަ ޙާލަތަކީ ތާރީފުކުރުމާއި ސަނާކިޔުމުގެ ސަބަބުން ފިތުންފަސާދައަކަށް ނުވުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުންގެ ބައެއް ޞަޙާބީންނަށް ޙައްޤުވާ މިންވަރަށް ތާރީފު ވިދާޅުވެފައި ވެއެވެ. އެކަލޭގެފާނު މި މަދަޙައާއި ތާރީފު މުޖްތަމަޢުގައި ފެތުރިގެން ދިޔުން މަނާކުރެއްވިއެވެ. އެކަމުގެ ސަބަބުން ނުބައި ނަތީޖާއެއް ނުކުމެދާނެތީއެވެ. ނުވަތަ ފިތުނައެއް އުފެދިދާނެތީއެވެ.

ތާރީފާއާއި ސަނާކިޔުމުގައި ބަލަންޖެހޭ ކަންތައްތަކުގެތެރޭގައި ދޮގުހެދުމާއި އޮޅުވައިލުމާއި ނިފާގުގެ ދުނިޔެއާ ދުރުހެލިވެގެން ތާރީފުކުރުން ވެއެވެ.

ސަނާކިޔުމާއި ތާރީފުކުރުމުގައި ބަލަން ޖެހޭ ކަންތައްތަކުގެތެރޭގައި ޙައްޤު ވަންހަނާ ނުކުރުން ވެއެވެ.

މީހަކަށް ތާރީފާ ސަނާކިޔާއިރު މި ކަމުގެ ސަބަބުން ތާރީފު ކުރެވުނު މީހާ ހެއްލުންތެރި ކުރުވުމާ ދުރުހެލިވުން ވެއެވެ. ބައެއްފަހަރަށް ތާރީފުކުރެވޭ މީހާއަށް ނޭނގި އޭނާ ފިތުނައިގެތެރެއަށް ވެއްޓިގެން ދެއެވެ. މި ޙާލަތުގައި މަދަޙައާއި ތާރީފުގެ ސަބަބުން އޭނާ މަރުވަނީއެވެ. ރަސޫލާ صلى الله عليه وسلم ތާރީފުކުރުމާއި ސަނާކިޔުމާ ބެހޭގޮތުން ޙަދީސްކުރެއްވި ބަސްފުޅުގައި ވަނީ ((إيّاكُم وَالتَّمَادُحَ فإنّهُ الذَّبْحُ – ތިޔަބައިމީހުން އެކަކު އަނެކަކަށް ތާރީފުކުރުމާ ޚަބަރުދާރުވާށެވެ! ފަހެ ހަމަކަށަވަރުން އެއީ ކަތިލުމެވެ.))

އާދެ! މި ބަސްފުޅުން އެނގެނީ ތާރީފު ކުރުން ގިނަވުމުގެ ސަބަބުން ތާރީފުކުރެވޭ ފަރާތުގެ ޢަޤީދާ ބަލިކަށިވެ އޭނާގެ އީމާންކަމަށް ލޮޅުންއަރައިފާނެ ކަމެވެ. އެއީ އޭނާއަށް ޙައްޤު ތާރީފަކަށް ވިޔަސް ނުވިޔަސް ތަފާތެއް ނެތެވެ. އެކަމުގެ އަސަރު ނައްސިކަމަކަށް ވެގެން ދިޔުން ގާތުގައި ވާތީއެވެ. އޭނާ ހެއްލުންތެރިވެ ބޮޑާވެގެން ހިނގައިދާނެތީއެވެ.

މި ކަމުގައި ހިމެނެނީ ހަމައެކަނި ވެރީންނެއް ނޫނެވެ. ޙާކިމާއިންނެއް ނޫނެވެ. ދީނުގެ ޢިލްމުވެރީންނާއި ދުނިޔޭގެ ޢިލްމުވެރީން ވެސް ހިމެނެއެވެ. އިންސާނުންކަމަށް ވާތީ ހެއްލުންތެރިކަން އޮންނާނެތީއެވެ.

މިއަދު ފެންނަމުންދާ މަންޒަރުތަކުން ފެންނަނީ އިއްޔެ މަދަޙަ ތާރީފުކުރި މީހާއަށް މިއަދު ހަޖޫ ކިޔޭތަނެވެ. މިއަދު ހަޖޫ ކިޔޭ މީހާއަށް މާދަމާ ތާރީފުގެ ބަސްތައް އޮއްސޭ ތަނެވެ. އެހެން ވީމާ މި ދުނިޔޭގައި ވަކި މީހަކަށް ހިސާބަށްވުރެ ބޮޑަށް މަދަޙަ ކިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. އެއީ އެމީހާ ކަތިލުމެވެ. މީހުންގެ ހިތަކީ އެފަދަ އެއްޗެކެވެ. ދެ އަތަށް ފުރޮޅޭ އެއްޗެކެވެ. ހިތަށް ހިތޭ ކިޔުނީ މިހެންވެގެންނެވެ. މިއަދު ޙައްޤަށް ނަޞްރުދިން މީހާ މާދަމާ ބާޠިލަށް ނަޞްރުދޭ މީހަކަށް ވެދާނެއެވެ. މާތްﷲ އެކަމަނާއަށް ރުއްސުންލެއްވި އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނަށް ދެންނެވުނެވެ. ކަމަނާގެ އަރިހަށް رسول الله صلى الله عليه وسلم ވަޑައިގެން އުޅުއްވާއިރު އެންމެ ގިނައިން ކުރެއްވި ދުޢާފުޅަކީ ކޮބައިތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނު އެންމެ ގިނައިން ކުރެއްވި ދުޢާފުޅަކީ ((يا مُقلِّبَ القلوبِ ثبِّتْ قلبي على دينِك -ހިތްތައް އަތްއަތަށް ފުރޮޅުއްވާ ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ދީނުގެ މަތީގައި ތިމަންކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށް ދެއްވާނދޭވެ!)) މި މޭރުމުން އެކަލޭގެފާނު ދުޢާކުރައްވާލެއް ގިނަކަމުން އުއްމު ސަލަމަތުގެފާނު އެކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން ކައު ރަސޫލާ  ޖަވާބުގައި ޙަދީސް ކުރެއްވިއެވެ. ((يا أمَّ سلمةَ إنّهُ لَيسَ آدميٌّ إلّا وقلبُهُ بينَ أصبُعَيْنِ من أصابعِ اللهِ فمَن شاءَ أقامَ ومن شاءَ أزاغَ – އޭ އުއްމު ސަލަމާއޭވެ! ﷲގެ ޔަދުޤުދްރަތްފުޅުގެ ދަށުގައި އޭނާ ހިތް ނުވާ އާދަމުގެދަރިޔަކު ނުވާކަން ކަށަވަރެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކު ޙައްޤު މަގުގައި ސާބިތު ކުރައްވަތެވެ. އަދި އެކަލާނގެ އިރާދަކުރެއްވި މީހަކު ތެދުމަގުން އެއްކިބާ ކުރައްވަތެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *