ފޮތް ބޮނޑި ކޮނޑަށް ލައި ހިނގިއަކަސް ޝޭޚެއްގެ ދަރަޖަ ލިބި ދާނެހޭ
ގޮތްފޮތް ނެތީމާ މުޖުތަމައުގައި ޤަދަރުވެރި ވެވިދާނެހޭ
މިސްކިތުގެ ޙުރުމަތަކަށް ނުބެލި މުސްކުޅި ޢަޖޫޒު ވިސްނާބަލާ
ފަސްބައި ކިލާ މާޒީ އެކޭ ފެންނަން އޮތީ ވިސްނޭނެހޭ
ތަސްބީހަ ފަތި ދަމަމުން ހިނގާއިރު މަގުމަތީ އެކި ކޮޅު ކޮޅަށް
އަސްތާ! ތިއީ ބޮޑު ފޭކެކޭ ހަސަދައިގެ ހުޅު ނިއްވޭނެހޭ
ތިރި ގޮނޑި މަތީ ހުދުތާކިހާ ގައި އިންނަ އިރު ފޮނި އަނގަތަޅަން
ގިރި ފަޅު އެނގުނުކަން ވަކި ކުރަން އޮޑި ދުއްވި އިރުބުނެވޭނެހޭ
މަތިވެރި މަޤާމަށް އެދި ތިބާ އުސްތާޒުނާ ބައްދަލުކުރީ
ފަތިފުށް އެނގޭނަމަ މީހަކަށް ލަޤަބުންތިބާ މޮޅުވާނެހޭ
ހެޔޮ ވިސްނުމެއް ދެއްވައި ތިބާ އިސްލާހު ވޭތޯދުނިޔެއިން
ހެޔޮ ރަހްމަތަށް އެދި ގެން ދުޢާ ކުރުމަށް ދެއަތް އުފުލޭނެހޭ