Support Us

އިންތިޚާބީ ވަޢުދުތަކާއެކު މިރާއްޖެ ތަރައްޤީވެ ނިމުނީތޯއެވެ؟

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އެކިއެކި ޕޯޑިއަމްތަކުގައި އެބޭފުޅުންގެ މެނިފެސްޓޯ ރައްޔިތުންނަށް ވަނީ ހާމަކޮށްފައެވެ. ކެންޕޭނުގެ ޖަލްސާތަކުގައި އަރާ ހަމަ ކޮންމެ ރަށަކަށް ވަރަށް ގިނަ ކަންކަން ކޮށްދޭނެ ކަމަށް ވަޢުދު ވަމުން ދިޔައެވެ. ބަނދަރު ހަދައިދޭނެ ކަމަށް ބުނެއެވެ. އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދޭނެ ކަމަށް ބުނެއެވެ. އެހެންވެސް ތަފާތުކަންކަން ނަންގަނެވި ޚާއްސަކޮށް، ބުނެ ފާހަގަކުރުމާ އެކުވެސްމެއެވެ. ސުވާލަކީ އެކަންކަން ހަމަ ކޮށްދެވޭނެތޯއެވެ؟

ދިވެހިންނަށް އިންތިހާބީ ފޯރިއަކީ އަލަށް ފެންނަ އެއްޗެއް ނޫންކަން ޔަޤީނެވެ. ވޭތުވެދިޔަ ތަފާތު އެކިއެކި އިންތިޚާބުތަކުގައިވެސް، އެ އިންތިޚާބަކަށް ކުރިމަތިލެއްވި ބޭބޭފުޅުން އިންތިޚާބުގެ ތެރޭގައި އެވެނިކަމެއް މިވެނިކަމެއް ކޮށްދޭނެކަމުގެ ވަޢުދުވީތަން ރައްޔިތުންނަށް ވަނީ ފެނިފައެވެ. އިންތިޚާބެއްގެ ދައުރު ނިމިގެން ދިޔައިރު އެ ވަޢުދުތައްވީ ކިހާ ހިސާބެއްގައިތޯ ރައްޔިތުންނަށް ފެނިފައިވާނެއެވެ. ފުއްދި ވަޢުދާ ނުފުއްދުނު ވަޢުދު ހިމެނިގެންދާ ގޮތަށެވެ. އެހެންކަމުން، ރައްޔިތުންނަށް ވާ މިފަދަ ވަޢުދާމެދު ވަރަށް ފުންކޮށް ވިސްނާ މާޒީން ޢިބްރަތް ލިބިގަނެ ރައްޔިތުން ލޯހުޅުވަން އަދިވެސް ނުޖެހޭތޯއެވެ؟

ވަޢުދެއްވުމަކީ މައްސަލައެއް ނޫނެކެވެ. މައްސަލައަކީ ވަޢުދު ނުފުއްދުމެވެ. ވަޢުދެއްވާއިރުވެސް އެވަޢުދެއްގެ ކުޑަބޮޑުމިން ވަޒަންކުރަން ޖެހެއެވެ. ފުއްދޭނީ ކޮން ގޮތަކުން ތޯ، ފުއްދަން މަސައްކަތް ކުރާނީ ކޮންގޮތަކަށްތޯ ބުނެދޭން ޖެހެއެވެ. އޭރުން ރައްޔިތު މީހާއަށް އެކަން ޤަބޫލުކުރަންވެސް ތަންކޮޅެއް ފަސޭހަވާނެއެވެ. މިގޮތަކީ، ވަޢުދެއްވާ ބޭފުޅަކަށް އިތުބާރުކުރަން ނިންމިދާނެ ސަބަބެއްވެސް މެއެވެ.

ޢިތުބާރު ކުރެވިދާނެ އަނެއްގޮތަކީ، މާޒީގައި ވަޢުދެއް ވެފައިވާނަމަ އެވީ ވަޢުދެއް ފުއްދާތަން ފެނިގެން ގޮސްފައިވުމެވެ. ނުވަތަ އެ ވަޢުދެއް ފުއްދާ ނިމި ފެންނަން އޮތުމެވެ. އޭރުން އެ އިތުބާރުގެ މައްޗަށް ބިނާކޮށް އެފަދަ ބޭބޭފުޅުން ދެން ވާ ވަޢުދަކަށްވެސް އިތުބާރުކުރުމަށް އިތުރު ބާރެއް ލިބުނީއެވެ. މި އިތުބާރު ޖާމިނު ވާނީ އެބޭފުޅަކު ރައްޔިތު މީހާއަށް ކޮށްދީފައިވާ ޚިދުމަތުގެ މައްޗަށް ބިނާކޮށެވެ. އަމިއްލަ ހައިސިއްޔަތުން ނުވަތަ މަޤާމުގެ މަސްޢޫލިއްޔަތުގައި ހުރެ ކޮށްދީފައިވާ ޚިދުމަތްތަކަށް އަޅާކިރާ އަދި އެބޭފުޅެއްގެ ޚިދުމަތްތަކާއި ތަޖްރިބާއަށް އިތުބާރު ޤާއިމްކުރެވިދާނެއެވެ.
އަދާހަމައަށް، ވޯޓެއް ހޯދުމަށް ނުވަތަ މަޤާމެއް ހޯދުމަށް ކެންޑިޑޭޓުން ވެފައިވާ ވަޢުދުތަކުގެ ގިނައިން ސައްތައަކީ ފުއްދައިނުދީ ވާ ވަޢުދުތަކެކެވެ. ކޮންމެ ބޭފުޅަކުވެސް އަނެއް ބޭފުޅަކަށްވުރެ ގިނަ އަދި ބިޔަ ވަޢުދުތަކެއް ވަމުންދާތަން ފެންނަނީ އިންތިހާއަށެވެ. އެކެންޑިޑޭޓުގެ ސަޕޯޓަރުން އަތުން ހަންދާވަރަށް އަތްޖަހާ ނަގަނީއެވެ. ވަރަށް އުންމީދާވެސް އެކުގައެވެ.

ކުރަން ބޭނުންވިޔަސް ނުކުރެވޭނެ ކިތަންމެ ކިތަންމެކަމެއް ހުންނާނެއެވެ. ބައެއް ކަންކަމަކީ ކުރަން މަސައްކަތްކޮށްފިނަމަ ކުރެވިދާނެ ކަންކަންވެސްމެއެވެ. ބައެއް ކަންކަމަކީ ކުރަންފަށާއިރުވެސް ދަތި އުނދަގޫތަކާއި ބައެއްފަހަރު ކުރިމަތިލާން ޖެހިދާނެ ކަންކަމެވެ. މިއީ ޢާއްމު އުސޫލެވެ. ގިނަފަހަރަށް ޢާއްމު ދިރިއުޅުމުގައި ރައްޔިތު މީހަކު ކަމެއް ކުރަން އުޅޭއިރު ކުރިމަތިވަނީ އެފަދަ ކަންކަމެވެ. މައިގަނޑު ސަބަބަކީ ފައިސާގެ ތާށިކަމެވެ. ޚަރަދުކުރާނެ ފައިސާ އަތުގައި ނެތުމެވެ. އެހެންނަމަވެސް، މަޤާމެއް ހޯދުމަށް ރައްޔިތުންގެ ވޯޓަކުން ހޮވޭ ބޭފުޅުން އެ ވަޢުދެއްވަނީ ކޮން ފައިސާއަކުން އެ ޚަރަދެއް ކޮށް އެ ވަޢުދެއް ފުއްދުމަށްތޯއެވެ. އަމިއްލަ ޖީބުން ނުވަތަ އަމިއްލަ ފައިސާއިން އެ ޚަރަދެއް ކުރާން ތޯއެވެ. ނޫނީ ރައްޔިތުންގެ ޚަޒާނާއިން އެ ވަޢުދެއް ފުއްދުމަށް ޚަރަދު ކުރާން ތޯއެވެ. ދަޢުލަތު ޚަޒާނާއަކީ އެންމެހާ ރައްޔިތުންގެ ޙައްޤެކެވެ. އެއީ އަމާނާތެކެވެ. ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ނޫނީ އެޚަޒާނާއިން އެންމެ ފައިސާ ފޮއްޗެއްގެ މިންވަރުވެސް ޚަރަދުކޮށްފިކަމުގައި ވާނަމަ އެ ވެވުނީ ވަރަށް ބޮޑު ބޭއިންސާފެކެވެ.

ވަޢުދާ ގުޅިގެން ދެން މިކޮށި ވިސްނުމަށް ނޭނގޭ އަނެއްކަމަކީ، ވަޢުދުތަކުގެ ތެރެއިން ފިތްކަނޑައިގެންދާފަދަ ގިނަ އަދި ބިޔަ ވަޢުދުތައް ވާތަން ފެންނައިރު، އެވަޢުދު ފުއްދާނީ ރައްޔިތުންގެ ޚަޒާނާއިން ކަމުގައިވާނަމަ އެކަމަށް ޚަރަދު ކުރާނެ ގޮތުގެ ތަފްސީލެވެ. ރައްޔިތުންގެ ހެވާއި ލާބައަށް ކޮށްދޭ ކޮންމެ ކަމެއްގެ ފޮނި މީރުކަން ހުރިހާ ރައްޔިތުންނަށް ލިބުމަކީ އެންމެ އައުދާނަގޮތެވެ. މަޝްރޫޢުތައް ހިންގަން ނުވަތަ ވަޢުދު ފުއްދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޮޑު "ލޯނު" ނަގާ އަދުގެ މުޖްތަމަޢު ހެއްވާލާއިރު، އެލޯނުތަކުގެ ޒިންމާ އަންނަން އޮތް ޖީލުތަކަށް މަތިވާ ގޮތަށް އޮތުމަކީ ހިތާމަހުރި ކަމެކެވެ. ދެން އިވެންފަށަނީ ނުބައްދަލު ޚަރަދު ކޮށްފިކަމުގެ ތުހުމަތުގެ އަޑުތަކެވެ. މިލިޔަން ރުފިޔާއަށް ނިންމާލެވިދާނެ ޕްރޮޖެކްޓެއް ދެތިން ބިލިޔަން ރުފިޔާއިންވެސް ފަށާ ނިންމާނުލެވުނުކަމުގެ އަޑުތަކެވެ. ދެން ފެންނާނީ މަޤާމުގެ ދަޢުރެއް ނިންމާލާ ހަވޭލީތަކާއި ބޭރު ކަރަކަރައިގައި އުދުހި ކައިރީގައި އުޅުނު މުނިޔާތަކާއެކު އެއް މަޖިލީސްކުރަމުން ދާތަނެވެ. އެނބުރި އަންނަތަން ފެންނާނީ އަނެއް އިންތިޚާބެއް ބޯމަތިވާ ދަނޑިވަޅުއެވެ. އެއީ "ވަޢުދުގެ މޫސުމަށް" ތިލަވާ ނުފެންނަ ތަރައްޤީގެ އަނދުނައިގެން އަންނަ ބަޔަކުތޯ ބަލާން ޖެހޭނީ ހަމަ ރައްޔިތުން ނޫންތޯއެވެ. ރައްޔިތުން ވިސްނާ ފިކުރުކޮށް ރަނގަޅު ނިންމުމެއް ނިންމާ ވޯޓުލައިފިނަމަ މިރާއްޖެ ތަރައްޤީނުވެ ނުދާނެ ނޫންތޯއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *