Support Us

ރިޔާސީ އިންތިހާބު 2023:

މެޑަމް ފާތުން ކެންޕެއިނާ ގުޅިވަޑައިގަތުން: ރައީސް ޔާމީންގެ %100 ތާއީދު ޑރ. މުއިއްޒަށް އޮތްކަން ކަށަވަރުވެއްޖެ

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް ކަނޑައަޅައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް މިދިޔަ އަހަރު އެރުވިއެވެ. ނަމަވެސް ރައީސް ޔާމީނަށް ސެޕްޓެމްބަރު 9 ގެ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ، އިލެކްޝަން ކޮމިޝަނުން ކެންޑިޑޭސީ ބާތިލްކުރުމުން، ސުޕްރީމް ކޯޓުން ވެސް އެކަމަށް އިއްތިފާގުވުމުންނެވެ. އެހެންވެ ޕީޕީއެމްގެ ކޮއްކޮ ޕާޓީ، ޕީއެންސީގެ ރިޔާސީ ޓިކެޓް މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް އަރުވަން ނިންމީ އެވެ. ޕީއެންސީގެ ސެނެޓުގެ ވޯޓަކުން ޑރ. މުއިއްޒަށް ރިޔާސީ ޓިކެޓް ދިން ހިސާބުން ޕީޕީއެމް އަދި ޕީއެންސީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތައް އުޅުނު ކަމަށް ވެއެވެ. އަދި އެކަން ހޫނުކުރަން ވާދަވެރި އެހެން ޕާޓީތަކުން މަސައްކަތް ވެސް ކުރިއެވެ.

ރިޔާސީ ޓިކެޓުގެ މައްސަލައިގައި ޕީޕީއެމް ދޫކޮށް ވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ޑރ. ވަހީދު މިހާރު ދައްކަވާ ވާހަކަފުޅުން އެ މަނިކުފާނު ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ހުރިހާ ވެސް ސިއްރަކީ ރިޔާސީ ޓިކެޓުގެ ދަހިވެތިކަން ކަމުގައި އެނގެއެވެ. އެއްވެސް މީހެއްގެ އިޝާރާތެއް ނެތި، ކެންޑިޑޭސީ ފޯމް ފުރުއްވައި، ކުށުގެ ރެކޯޑުވެސް އެ މަނިކުފާނު އޮތީ ސާފުކުރައްވައިފައެވެ. ޑރ. މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމާ އެކު، ރައީސް ޔާމީންގެ ތާއީދު ޑރ. މުއިއްޒުއަށް ނެތް ވާހަކަ އިދިކޮޅު ފަރާތްތަކުން އަޑުހަރުކޮށް އެކިއެކި ޕޯޑިއަމްތަކުގައި ދައްކަން ފެށި އެވެ. ޑރ. ވަހީދު ވެސް ވިދާޅުވީ އެއީ "ވަގަށްނެގި ޓިކެޓެއް" ކަމަށެވެ.

ޑރ. މުއިއްޒުގެ ރިޔާސީ ކެންޕެއިން ފައްޓަވައި ރާއްޖޭގެ ރަށްރަށަށް ކުރައްވަން ފެއްޓެވި ދަތުރުތަކުގައި ޕީޕީއެމް/ޕީއެންސީގެ އިސް ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަނެއެވެ. އަދި އެކިއެކި ޖަލްސާތަކުގައި ޑރ. މުއިއްޒު ގެންދަވަނީ 2013 އިން 2018 އަށް ރައީސް ޔާމީން މި ރާއްޖެއަށް ކޮށްދެއްވައިފައިވާ ތަރައްގީގެ އެކިއެކި ޕްރޮޖެކްތަކަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން "ރައީސް ޔާމީނަކީ ތަރައްގީގެ ރަސްގެފާނު" ކަމަށް ޑރ. މުއިއްޒު ތަކުރާރުކޮށް ސިފަކުރައްވައެވެ. ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯއަކީ ވެސް ސީދާ ރައީސް ޔާމީންގެ އެކުލަވާލައްވާފައިވާ މެނިފެސްޓޯއެއް ކަމަށް ވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ވެރިކަން ލިބިވަޑައިގެންފިއްޔާ އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ، ގާނޫނީ ހަމަތަކުގެ ތެރެއިން، ރައީސް ޔާމީން މިނިވަން ކުރެއްވުން ކަމަށް ވެސް ޑރ. މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ދައްކަވާ ވާހަކަތައް ވެރިކަންކުރާ އެމްޑީޕީގެ އިސް ބޭފުޅުން ގަބޫލެއްނުކުރައްވަ އެވެ. އަދި ޑރ. މުއިއްޒަށް ރައީސް ޔާމީންގެ ތާއީދެއް ނެތް ކަމަށާއި ސެޕްޓެމްބަރު 9 ގެ ވޯޓުން ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ރައީސް ޔާމީން އިންނަވަން ޖެހިވަޑައިގެންނަވާނީ ތާއަބަދު ޖަލުގައި ކަމަށް ވެސް އެ ޕާޓީގެ އެކިއެކި ކެންޕެއިން ހަރަކާތްތަކުގައި ބުނަމުން ގެންދެއެވެ.

ވާދަވެރި ފަރާތްތަކުން ބުނަމުން ގެންދަނީ ޑރ. މުއިއްޒަށް ރައީސް ޔާމީން ތާއީދު ކުރައްވާނަމަ، ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް، ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ޑރ. މުއިއްޒުގެ ކެމްޕޭނުގެ އެއްވެސް ހަރަކާތަކުން މެޑަމް ފާތުން މިހާތަނަށް ނުފެނުން އެއީ ވާދަވެރިންގެ މި ވާހަކައަށް ކޮންމެވެސް ވަރެއްގެ ބުރަދަނެއް ލިބުނު ކަމަކަށް ވަނީ ވެފައެވެ. ނަމަވެސް….

އިދިކޮޅުން ކުރަމުން ގެންދާ މި ތުހުމަތުތައް ބޭކާރުވެގެން ދިޔައީ ރައީސް ޔާމީންގެ ސީދާ ލަފާފުޅުގެ މަތިން، މެޑަމް ފާތުން، ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ރަސްމީކޮށް ރޭ ބައިވެރިވެވަޑައިގެންނެވި ހިސާބުންނެވެ. ރޭގެ ކެމްޕޭނު ހަރަކާތަށް މެޑަމް ފާތުން ވަޑައިގަތީ ވެސް ސީދާ ރައީސް ޔާމީންގެ އެންގެވުމަކަށް ކަމަށް ވެއެވެ. އަދި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ތާއީދުކުރާ ޕީޕީއެމް/ޕީއެންސީގެ ހުރިހާ ސަޕޯޓަރުން ޑރ. މުއިއްޒަށް ތާއީދު ކުރުމަށް އެދިވަޑައިގެންފަ އެވެ.

ޑރ. މުއިއްޒުގެ ކެންޕެއިން ހަރަކާތުގައި މެޑަމް ފާތުން ރަސްމީކޮށް ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ވަނީ ރަސްމީ ކެންޕެއިން ޖަގަހަ "ދިވެހީންގެ ރާއްޖެ" އަށް ރޭ ވަޑައިގެން ރައީސް ޔާމީންނަށް ތާއީދުކުރައްވާ އެ ކޯލިޝަންގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވައި ފޮޓޯ ނަންގަވައިފަ އެވެ. އަދި ގިނަ ފޮޓޯތަކެއްގައި ޑރ. މުއިއްޒުގެ ކެންޑިޑޭޓު ނަންބަރު "4″ އަތްޕުޅުން ދައްކަވައިފައިވެއެވެ. މީގެ އިތުރުން އެ ހަރަކާތުގައި ބަައިވެރިވެވަޑައިގަތުމަށް ފަހު ހިންގަވައިފައި ގެކޮޅަށް ވަޑައިގެންނެވި މަގުމަތީގައި އެކަމަނާއާ އެކު ދިޔަ ސަޕޯޓަރުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑު އުފުލައިފަ އެވެ. އަދި މަގުމަތީން ދިމާވެގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މެޑަމް ފާތުންނާ ސަލާމްކުރައްވައި ރައީސް ޔާމީން މިނިވަންކުރުމަށް ސަޕޯޓަރުންނާ އެކު އަޑުހަރުކޮށް ގޮވާލައްވައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނަޝީދު 13 އަހަރަށް ޖަލަށްލި އެވެ. އެއީ ކްރިމިނަލް ކޯޓުގެ ގާޒީ ރަހީނުކުރި މައްސަލައިގައެވެ. ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރުސަތު ލިބިވަޑައިގަތީ އެހެންވެއެވެ. އެހެންވެ ދާދި ފަހަކާ ޖެހެންދެން ވެސް ނަޝީދު ގެންދެވީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ޔާމީނުގެ ވެރިކަން، 2018 ގެ އިންތިހާބަށްފަހު ވެއްޓުނު ހިސާބުން ސިޔާސީ އެއްވެސް ހަރަކާތަކުން މެޑަމް ފާތުން ފެނިފައެއްނުވެއެވެ. އެހެންވެ ގާތްގަނޑަކަށް ފަސް އަހަރަށްފަހު އެކަމަނާއާ އަލަށް ބައްދަލުވުމުން، ދަމާލައިފައިވާ ދިގު ކިޔޫގައި ތިބި އެތައް ސަތޭކަ ބަޔަކު ވަނީ އެކަމަނާއާ ސަލާމްކޮށް އަދި ސެލްފީ ވެސް ނަގައިފައެވެ.

ރޭގެ ބައްދަލުވުމުގައި މެޑަމް ފާތުންނަށް ކުޑަކޮށް ކީރިތިކުރެއްވުނުތައް ވެސް ފެނިގެންދިޔައެވެ. އެއީ އެތައް ދުވަހަކަށް ފަހު، އެތައް ސަތޭކަ ސަޕޯޓަރުންނަކާ ކުއްލިއަކަށް ބަދަލުވެ، އެ މީހުންގެ ލޯތްބާއި ޝުއޫރުތައް ފާޅުކުރަން ފެށުމުން އެކަމަނާގެ ޖަޒުބާތުތައް ނުހިފެހެއްޓުނީ ކަމަށް ވެސް ވެދާނެއެވެ.

މެޑަމް ފާތުންނާ އެކު ރޭގެ މި ހަރަކާތުގައި ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފުގެ އަނބިކަނބަލުންނާއި ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ އަނބިކަނބަލުން އާފިޔާވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޑރ. މުއިއްޒުގެ ކެންޕެއިން ހަރަކާތުން މެޑަމް ފާތުން ރޭ ފެނިލުން ވެގެންދިޔައީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށެވެ. އަންނަ ހޮނިހިރުގައި، އެއްވެސް ފިކުރެއް ނެތި، ހަތަރު ނަންބަރުގައި ފާހަގަޖަހާލަން ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. ހަމަ އެގޮތަށް، ޑރ. މުއިއްޒަށް ތާއީދު ބޮޑުވާތަން ފެނުން ވެގެންދިޔައީ ވާދަވެރި އެހެން ޕާޓީތަކުގެ މެމްބަރުންނަށް ލިބުނު ބޮޑު ހިތްދަތި ކަމަކަށެވެ. އެހާމެ ބޮޑު ކަންބޮޑުވުމަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *