Support Us

ކޮލަމް ގާދޫކޮލުން ބޭރުން

ސުބް ބުނީ ތެދެއް، ވަތަނަބޭ ސާން ހަމަ ބަރާބަރު!

ކޮންމެ ބައެއްގެވެސް އާދަކާދަތަކެއް ހުރެއެވެ. ތަފާތު ކަންތައްތަކެއް ހުރެއެވެ. އެބަޔަކަށް ޚާއްޞަ ސިފަތަކެއް ހުރެއެވެ.

ދިވެހިންނަށް ބަލާލަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ މިޒާޖާއި އާދަކާދަ، އަދި ސިފަތަކުގެ ތެރޭގައި ކަނޑައެޅިގެން "ދިވެހި" ކަންތައްތަކެއް ފާހަގަވެއެވެ. ގިނައީ ހަމަ ވަރަށްވެސް ރަނގަޅު ކަންކަމެވެ. ބީވެ ފަނޑުވެގެން ދިޔަނުދީ ދަމަހައްޓަންޖެހޭ ކަންކަމެވެ. އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު ކަންކަމެވެ.

އަޅުގަނޑަށް ފެންނަ އަދި ބޭރު މީހުން ގިނައިން ފާހަގަކޮށް އުޅޭ ދެ މިސާލެއް ދަންނަވާލާނަމެވެ. ދިވެހިންނަކީ "ތޫނުފިލި" ނަސްލެކެވެ. ކަންކަން ދަސްކޮށްލަން މިވަރެއް ނޯންނާނެއެވެ. އާކަމެއްވިޔަސް ކިޔާލަދޭންޖެހޭނީ ހަމަ އެންމެ ފަހަރަކުއެވެ. ނަގައިގަންނާނެއެވެ. ދަސްކޮށްލާނެއެވެ. އަދި އިސާހިތަކު، ދަސްކޮށްދިން މީހާއަށްވުރެ މޮޅަށް އެކަން ކުރަން ފަށާނެއެވެ. މަތީ ތަޢްލީމު ޙާޞިލުކުރަން އެކި ކަރަކަރައިގެ މަޝްހޫރު ޔުނިވަރސިޓީތަކަށްދާ ދިވެހި ޒުވާނުންނަށް ބައްލަވާލައްވާށެވެ. އެތަކެއް ހާސް ކުދިންނާ ވާދަކޮށްގެން އަންނާނީ އެންމެ މަތީ ވަނަ ހޯދައިގެންނެވެ. މުޅި ކޯހުން ނުވަތަ ޔުނިވަރސިޓީން އެއްވަނަ ޙާޞިލުކޮށްގެންނެވެ.

އެހެން މިސާލަކަށް އެނބުރިލާނަމެވެ. ދިވެހިންނަކީ ފަންނުވެރި ބައެކެވެ. އުޞްލޫބު ވަރުގަދަ ބައެކެވެ. ކުރާ ކަމެއް ރީތިކޮށް، ފުރިހަމަކޮށް ކޮށްއުޅޭ ބައެކެވެ. ފިހާރައެއްގެ ނަން ބޯޑު ވިއަސް، ގެއެއްގައި ޑެކެއް އެޅިއަސް އަދި ފާރެއްގައި ކުލަ ލިއަސް، ދިވެހިން ކުރާ ކަމެއްގެ 'ފިނިޝިންގ' ރީތިވާނެއެވެ. މަތިމަތިން ކަންކޮށްލުމެއް ނޯންނާނެއެވެ. ފަރުވާކުޑައެއް ނުވާނެއެވެ. ކުރިމަތިލާ ކަމެއް ކޮށް ނިންމާނީ އެންމެ ފައްކާކޮށެވެ.

ދިވެހިން، ދިވެހިންނަށްވާ މިފަދަ ސިފަތަކުގެ ތެރޭގައި، ބަދުނަސީބުން، އެހާ ހިތްގައިމު ނޫން ސިފަތަކެއްވެސް އެބަހުއްޓެވެ. ދިވެއްސެއްވިޔަސް މިކަންކަންވެސް ޤަބޫލުކުރަން ޖެހެއެވެ. އިޢްތިރާފުވާން ޖެހެއެވެ. އަޅުގަނޑުމެންގެ ބައެއް ޢަމަލުތަކާއި ސިފަތައް އަދި އަށަގެންފައި ހުންނަ އާދަތަކަކީ މަތިހަށިނަގާފައި ގިނައިން ދެއްކުން އެހާ ރީތި ވާހަކަތަކެއް ނޫނެވެ.

އަޅުގަނޑުގެ މަޤްސަދަކީ ކުށް ހޯދުމެއް ނޫނެވެ. އަދި، ފަޞީލަތްކުރުމެއް ނުމެނޫނެވެ. ބޭނުމަކީ، މިކަންކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަންކަން ރަނގަޅުކުރުމެވެ. އެންމެންގެ ފައިދާއަށެވެ. 'ދިވެހި' ބްރޭންޑް އިތުރަށް ފުރިހަމަކޮށްލުމަށެވެ. ޤައުމުގެ އަގު އިތުރަށް އުފުލާލުމަށެވެ. މިކަން ކާމިޔާބުވާނީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކުވެސް ސަމާލުކަން ދީގެންނެވެ.

އަޅުގަނޑުވެސް ވަރަށް ގިނައިން ބުނެއުޅެމެވެ. ބޭރު މީހުން ކުރާހާ ކަމެއް އަދި ބޭރުން ފެންނަހާ ކަމެއް ނަކަލުކުރާކަށް ނުޖެހެއެވެ. ތަހުޒީބު ކަމަށް ދައުވާކުރާ މުޖުތަމައުތަކުގައިވެސް ވަރަށް ނާތަހުޒީބުކަންކަން ހުރެއެވެ. އެވެރިން ޖަހާހާ ބެރަކަށް ނަށައިގެން ނުވާނެއެވެ. ނަމަވެސް، ރަނގަޅު ކަންކަންވެސް ހުރޭ، ދެއްތޯއެވެ؟ މޮޅެތި ކަންކަންވެސް ފެނޭ، ދެއްތޯއެވެ؟ ދަސްކުރުން ބުއްދިވެރި ކަންކަންވެސް ހިމެނޭ، ދެއްތޯއެވެ؟ އަޅުގަނޑުމެންވެސް އެފަދަ ކަންކަން ދެނެގަނެ، އެފަދަ އާދަކާދަ ފަރިތަކޮށްލުމުން ވާނީ ހަމަ ފައިދާއެވެ.

މިއޮތީ އަޅުގަނޑުގެ މަޢުޟޫއުގެ މައިގަނޑަށް އާދެވިފައެވެ. ގިނައިން ދަތުރުކުރެވި، ތަފާތު ސަޤާފަތާއި އާދަކާދަ ފެނި، ތަޖުރިބާކުރެވިފައިވާ މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑަށް ޤަބޫލުކުރެވޭ ބައެއް ވާހަކަ ދަންނަވާލާނަމެވެ. އަދި، ދިވެހިންވެސް އެގޮތުން ދަސްކުރުން ރަނގަޅުކަމަށް ފެންނަ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ. އަޅުގަނޑުގެ މި ވިސްނުން ރަނގަޅުތޯ ނިންމަވާނީ ތިޔަ ބޭފުޅުންނެވެ. ބަޔާންކުރާ މިކަންކަން ދިވެހި ސިފަތަކުގެ ލިސްޓުގައި ހިމަނަންވީތޯ ކަނޑައަޅުއްވާނީވެސް ތިޔަ ބޭފުޅުންނެވެ. މި ވިސްނުން ރަނގަޅުތޯ އަދި މިގް ރަނގަެއްވިޔަސް

ފުރަތަމަ ކަމަށް ބަލާލަމާ ހިންގަވާށެވެ. އެއީ ވަގުތެވެ. ވަގުތަށް ޙުރުމަތްތެރިކޮށް ހިތުމެވެ. ގަޑިއަށް ފަރުވާތެރިވުމެވެ. އަދި، ގެއްލިގެންދާ ވަގުތަކީ އަނބުރާ ނުލިބޭނެ، އަގުހުރި އެއްޗެއްކަން އަބަދުވެސް ވިސްނުމުގައި ބެހެއްޓުމެވެ. މިއީ ދިވެހިންގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ބިންވަޅު ނެގިފައި ނެތް ސިފައެކެވެ. ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަކީ ވަގުތަށް އެހާ އިޙްތިރާމުކުރާ ބައެއް ކަމަށް ދެންނެވޭކަށް ނެތެވެ. އެންމެ ސާދާ ކަންކަމުގައިވެސް މިކަން ފެނިގެންދެއެވެ. ރަޙްމަތްތެރިއަކާ އެކު ކޮފީތައްޓެއް ބޯލަން ތާކުން ބައްދަލުކުރަން ގަޑިއެއް ކިޔައިފިނަމަ، އެގަޑިއަށް އިޙްތިރާމްކުރެވެނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު ބަޔަކަށް، ދެއްތޯއެވެ؟ މި ރާއްޖޭގައި، ހަމަޖެހިފައި އޮންނަ ގަޑިއަށް ކަމެއް ފެށޭނީ ވަރަށްވެސް މަދުންނެވެ.

މިހެން ދެންނެވިއަސް، ނަމޫނާ ބޭބޭފުޅުން އަޅުގަނޑުމެންގެ މުޖްތަމައުންވެސް ފެނިގެންދިޔައެވެ. އެއް ބޭފުޅެއްގެ ޒިކުރާ އާކޮށްލަން ބޭނުމެވެ. އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަސީރެވެ. ވަގުތަށް އިޙްތިރާމްކުރެއްވުން، އަދި މިރީތި އާދަ އެހެން މީހުންގެ ކިބައިގައި އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ބޭފުޅެކެވެ. އެމަނިކުފާނާއެކު ކުޅިވަރުގެ މައިދާނުގައި އުޅުނު ބަޔަކު ނަމަ، މިކަން ޤަބޫލުކުރާނެއެވެ. އަދި، އެބަޔަކު މިއަދުވެސް ގިނަ މީހުންނާ ޚިލާފަށް ގަޑިއަށް ފަރުވާތެރިވާކަންވެސް އުފަލާއެކު ފާހަގަކުރަމެވެ. މިއަދުވެސް އަޅުގަނޑުމެން އެމަނިކުފާނާ ގުޅޭ ވާހަކައެއް ދައްކާ ނަމަ، އެންމެ ބޮޑަށް ހަނދާނުގައި ބިންވަޅުނެގިފައި އޮންނަ ކަމަކީ ގަޑިއަށް ފަރުވާތެރިވެވަޑައިގެން މިންވަރެވެ. އެމަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުޢާ ދަންނަވަމެވެ.

ވަގުތަށް ޚާއްޞަ ސަމާލުކަމެއްދޭ ނަސްލެއްގެ ބަޔަކު އަޅުގަނޑު ވަރަށް ގާތުން ތަޖުރިބާކުރީމެވެ. އެއީ، އެކުވެރި ޖަޕާނުގެ ރައްޔިތުންނެވެ. އެޤައުމުގައި އަޅުގަނޑު ދުވަސްކޮޅަކު ދިރިއުޅުނީމެވެ. ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުރި ސަފީރުގެ މަޤާމުގައެވެ. އެދުވަސްކޮޅު، އެވެރިންނާއެކު ހޭދަކުރި ވަގުތުގެ ސަބަބުން، އަޅުގަނޑުގެ އާދަތައްވެސް ބަދަލުވެގެންދިޔައެވެ.

ރާއްޖެ އަށް އޮންނަ ޝައުގުވެރިކަން ދައްކަން ޖަޕާނުގެ އޮޑަވަރާ ސިޓީގެ ބަޔަކު ދިވެހި ގައުމީ ދިދަ ހިފައިގެން ނުކުމެ ދިވެހި ސަފީރަށް މަރުހަބާ ދަންނަވަނީ: ޖަޕާނަކީ ބޭރު މީހުންނަށް އިހުތިރާމު ކުރުމުގެ ނަމޫނާއެއް

ޖަޕާނު ރައްޔިތުން ވަގުތަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ތަޖުރިބާކުރެވުނު ދެ ހާދިސާއެއް ދަންނަވާލާނަމެވެ. ފުރަތަމަ ތަޖުރިބާ ކުރެވުނީ އެޤައުމުގައި ހޭދަކުރި ފުރަތަމަ ހަފްތާގައެވެ. އަޅުގަނޑުގެ އޮފީހުގައި އޮތް ބައްދަލުވުމެކެވެ. މަޝްހޫރު މިޓްސުބިޝީ ކުންފުނީގެ ބޭފުޅުންނާ އެކުގައެވެ. އެބޭފުޅުން އެދިވަޑައިގަތީ އާ ސަފީރާ ބައްދަލުކޮށްލައްވާށެވެ. ކޮންމެއަކަސް، ބައްދަލުވުން އޮތީ ހެނދުނު 9 ޖަހާއިރަށް ހަމަޖެހިފައެވެ. ހެނދުނު 8.30 ގައި އަޅުގަނޑު އޮފީހަށް އަތުވެއްޖައީމެވެ. ކުޑަ ވަގުތުކޮޅެއް އޮތުމުން އަދި ސައި ނުބޮއެ އާދެވުމުން ޤަސްދުކުރީ، އެމްބަސީ ހުންނަ އިމާރާތުގެ ތިރީބުރީގައި ހުންނަ ސުޕަރމާކެޓުން ކޮފީއެއް ގަތުމަށެވެ.

އެ ނިޔަތުގައި ލިފްޓުން ތިރިއަށް ފޭބީމެވެ. ދޮރު ހުޅުވުނު އިރު، ސޫޓުގައި ތިއްބެވި ތިން ބޭފުޅުން ސަފަކަށް އެތުރިގެން ތިއްބެވިއެވެ. އަޅުގަނޑު ސަލާމް ގޮވާލުމާއެކު އަހާލީމެވެ. ވަޑައިގަންނަވަނީ ކޮން ފްލޯއަކަށްތޯއެވެ. އަށް ވަނަ ފްލޯއަށް ކަމަށް އެއް ބޭފުޅަކު ވިދާޅުވިއެވެ. އެއީ އަޅުގަނޑުމެންގެ އެމްބަސީ ހުންނަ ފްލޯއެވެ. އެހެންކަމުން، އަޅުގަނޑު ސަލާމްކޮށްލާފައި ތަޢާރަފުވެލީމެވެ. އެބޭފުޅުން އެތިއްބެވީ އަޅުގަނޑާ ބައްދަލުކުރައްވަން ވަޑައިގެން ކަމަށް ވީތީ، އަޅުގަނޑާއެކު މައްޗަށް ވަޑައިގަތުމަށް އިޝާރާތްކޮށްލީމެވެ. އެ ހިނދުގައި، އެއް ބޭފުޅަކު ވިދާޅުވިއެވެ. ނޫނެކެވެ. އަދި ގަޑި ނުޖެހޭ ކަމަށެވެ. އަދި މަޑުކޮށްލައްވާނީ ކަމަށެވެ. އަޅުގަނޑު ދެންނެވީމެވެ. އެއީ މައްސަލައެއް ނޫން ކަމަށާއި، ބައްދަލުވުން އަވަހަށް ފެށުމާމެދު އަޅުގަނޑުގެ އެއްވެސް އިޢްތިރާޒެއް ނެތްކަމަށެވެ. އަނެއްކާވެސް ޖަވާބުގައި ވިދާޅުވިއެވެ. ނޫނެކެވެ. މަޑުކުރައްވާނީ ކަމަށާއި، އަޅުގަނޑު ތިރިއަށް އައި ކަމަކައިގެން ކުރިއަށްދިއުމަށް އެދިވަޑައިގަތެވެ. އެހެންކަމުން، އަޅުގަނޑު ސުޕަރމާކެޓަށް ވަދެ ކޮފީ ގަތީއެވެ. އެނބުރި އައިސް މައްޗަށް އަރަން އުޅުނު އިރުވެސް ތިއްބެވި އެވެ. އަދި، ޖަޕާނުގެ އާދަކާދައިގެ މަތިން އިޙްތިރާމް އަދާކުރެއްވުމަށް ބޯ ޖައްސަވާލެއްވިއެވެ.

އަޅުގަނޑު މައްޗަށް ގޮސް، އެކޮފީ ބޮއެ ނިންމީއެވެ. އަދި، 9 ޖަހަން ކައިރުވުމުން ކޮޓަރި ދޮރު ކައިރީ މަޑުކޮށްލައިގެން ހުރީއެވެ. އޮފީހުގެ ބެލް ޖެހީ ބަރާބަރު 8:59 މިނެޓުގައެވެ. ސެކްރެޓަރީ ދޮރު ހުޅުވާލިއިރު ތިއްބެވީ އެ ތިން ބޭފުޅުންނެވެ. ބައްދަލުވުމަށް ވަޑައިގެންނެވެ. އަދަބު އިޙްތިރާމް އަލުން އަދާކޮށް، އިށީނދެ ހަމަޖެހިލެވުމުން، އަޅުގަނޑު ސުވާލު ދަންނަވާލީމެވެ. ސީދާ ގަޑިއަށް ވަޑައިގަތުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ ޖަވާބުގައި އެބޭފުޅުން ވިދާޅުވިއެވެ. އެއީ ޖަޕާނުގެ ސަޤާފަތާއި އާދަކާދައެވެ. ލަހުން އައުމަކީ ލަދުވެތިކަމެކެވެ. ނަމަވެސް، އަވަހަށް އައުންވެސް އެއީ ރަނގަޅު އާދައެއް ނޫން ކަމަށެވެ. ބައްދަލުކުރާ މީހާ އެހެން ކަމެއްގައި މަސްޢޫލުވެ އުޅުން ހަމަ އެކަށީގެންވޭ ނޫންތޯ ސުވާލުކުރެއްވިއެވެ. އެހިސާބުން އެކަމުގެ ޚިކްމަތް އަޅުގަނޑަށް ވިސްނި، އޮޅުންފިލައިފިއެވެ.

ތަފާތު ދެއްތޯއެވެ؟ ގަޑިއަށް ފަރުވާތެރިވުމަކީ ގަޑި ނުޖެހި އައުން އެކަންޏެއް ނޫންތާއެވެ. ސީދާ ގަޑިއަށް އައުމެވެ. އާދަޔާޚިލާފު ބައެކެވެ. މިކަން ހަމަ އެންމެންގެ ކިބައިވެސް އަޅުގަނޑަށް ފެނުނެވެ. މިކަހަލަ އެތައް ހާދިސާއެކެވެ.

ދެވަނަ ހާދިސާއެއް ދަންނަވާލާނަމެވެ. ޖަޕާނުގެ ޕާލަމެންޓް ނުވަތަ "ޑަޔަޓް"ގައި އޮތް ބައްދަލުވުމެކެވެ. މިފަހަރު ބައްދަލުވުމަށް ދާން ޖެހުނީ އަޅުގަނޑަށެވެ. އެހެންކަމުން، ވަގުތު ހުއްޓާ އެމްބަސީން ދަތުރު ފަށައިފީމެވެ. އެމްބަސީގެ ކާރުގައެވެ. ޑްރައިވަރަކީ ޖަޕާނު ރައްޔިތެކެވެ. ވަރަށްވެސް ހިތްހެޔޮ މީހެކެވެ. ދިވެހި ސަފާރާގައި ފެށުނީއްސުރެ ޚިދްމަތް ކުރަމުންއައި މުވައްޒަފެކެވެ.

އަޅުގަނޑު ކާރަށް އެރީމަ އޭނާ ބުންޏެވެ. އަދި އަވަހެވެ. ކާރުގައި ހަރުކޮށްފައި ހުރި މިސްރާބު ދައްކާ ސެޓަލައިޓް ނެވިގޭޝަން ސިސްޓަމުން ދައްކާގޮތުން، އަޅުގަނޑުމެންނަށް މަންޒިލަށް ދެވޭނީ ހަ މިނިޓް އަވަހަށް ކަމަށް ބުންޏެވެ. އަޅުގަނޑު އިތުރު އެއްޗެއް ނުބުނަމެވެ. އެތަނާ ގާތަށް ދެވުމުން އޭނާ އަނެއްކާވެސް އެހެން ބުންޏެވެ. ކަންބޮޑުވުމާ އެކުގައެވެ. އަދި، އޭނާ ބުނި އެއްޗެއްގެ މާނަ އަޅުގަނޑަށް ފުރިހަމައަށް ދޭހަނުވީ ކަމަށް ހީކޮށް، އިތުރަށް ތަފްޞީލުކޮށްދިނެވެ. އެތަނަށް ގަޑިއަށްވުރެ އަވަހަށް ގޮސް ކާރު ހުއްޓާލުމަކީ ޖަޕާނުގައި ނާތަހުޒީބީ ކަމެއް ކަމަށެވެ. އެހެންކަމުން، އެހިސާބުގައި ކުޑަކޮށް އެނބުރި ބުރުޖަހާލުން އެންމެ ރަނގަޅުތޯ އެހިއެވެ. އަޅުގަނޑު އެ ހުއްދަ ދިނީއެވެ. ދޮރު މައްޗަށް ކާރު ހުއްޓާލީ ހަމަ ސުން ސިކުންތަށެވެ. ޖަޕާނުގައި ކަން ހިންގާގޮތެވެ.

ޖަޕާނު ރައްޔިތުންގެ ކިބައިން ދެން ފެނުނު އެންމެ ފާޅުކަން ބޮޑު އަދި ހިތްގައިމު އެއް ސިފައަކީ އެޤައުމަށް ޒިޔާރަތްކުރާ އަދި އެޤައުމުގައި ދިރިއުޅޭ ބޭރު މީހުންނާމެދު ގެންގުޅޭ ޚާއްޞަ ސުލޫކެވެ. ތަފާތުކުރުން ނޯންނަކަން އެކަންޏެއް ނޫނެވެ. ބޭރު މީހެއްކަން އެނގުމުން، އެމީހުން އިތުރު ހިތްވަރެއް ލައިގެން، އެބަޔަކާމެދު ހެޔޮކޮށް ކަންކަން ކުރެވޭތޯ ބަލައެވެ.

މިސާލެއް ދަންނަވާލުމުގެ ކުރިން، މިކަން މިގޮތަށް އޮންނަ ސަބަބުވެސް ދަންނަވާލާނަމެވެ. ޖަޕާނު އެކުވެރިއެއްގެ ދުލުން ކިޔައިދިނެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އެމީހުންގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ވޭނާއި ތުރާ ކުރިމަތިވިކަން އެނގިވަޑައިގަންނަވާނެއެވެ. ޕެސިފިކް އަދި އިރުމަތީ އޭޝިޔާގެ އެތައް ޤައުމަކަށް އަރާ، ޖަޕާނު ސިފައިން ކަންކުރީ ވަރަށް އަނިޔާވެރިކޮށެވެ. އެހެންކަމުން، އެޤައުމުގެ ފަހުން އައި ޖީލުތަކުން ވަނީ މާޒީގައި އެޤައުމުގެ އަގު ވެއްޓިފައިވާތީ، އެޤައުމުގެ ތަޞައްވުރު ރަނގަޅުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޢަޒުމު ކަނޑައަޅާފައެވެ. ބޭރު މީހުންނާމެދު އިތުރަށް އޯގާތެރިވުމަކީ އެޤައުމުގައި ސްކޫލްތަކުގައި ކިޔަވާދޭ ސުލޫކީ މިންގަނޑެކެވެ. އެހެންކަމުން، ބޮޑެތިވާއިރު، ޖަޕާނު ރައްޔިތުން ތިބެނީ މިއާދައަށް ހޭނި ފަރިތަވެފައެވެ. އެއީ ރަނގަޅު ގޮތްކަން ޤަބޫލުކޮށްގެންނެވެ.

ބައެއް ހާދިސާތައް ދަންނަވާލާނަމެވެ. އަޅުގަނޑު އުޅުނު ގެއާއި އޮފީހާ ދެމެދު 10 މިނެޓުން ހިނގާލާފައި ދެވެއެވެ. އެހެންކަމުން، އަޅުގަނޑު އޮފީހަށްގޮސް، އެނބުރި އަންނަނީ ހިނގާފައެވެ. ޖަޕާނުގައި އޮފީހަށް ދާންޖެހެނީ މުޅިން ކޯޓު ލައިގެން ކަމުން، ޑްރައިކްލީން ކުރުން އެއީ އަބަދު ކުރަން ޖެހޭ ކަމެކެވެ. ހަފްތާ ބަންދުގައި އަބަދުވެސް މިކަން ކުރަމެވެ. އެގޮތުން، ރަމަޟާން މަހުގެ ރެއެއްގައި، ބަންދު ތެރޭގައި، ޑްރައިކްލީން ކުރާ ތަނަށް ގޮސް، ސޫޓުތައް ހަވާލުކޮށްފައި ޖެހިގެން ހުރި ރެސްޓޯރަންޓަށް ވަދެލީމެވެ. އަތުގައި އޮތީ އެސޫޓު ލާފައި އޮތް ހުސް ކޮތަޅެވެ. ކޮފީ ބޯލައިގެން ހިނގައިގަތީ އޮފީހާ ދިމާލަށެވެ. ބަންދު ދުވަސްތަކުގައިވެސް މާލެއިން އެކި ލިޔެކިޔުން އާދެއެވެ. ރާއްޖޭގައި ބަންދުވާ ދުވަސްތަކާ ޖަޕާނުގައި ބަންދުވާ ދުވަސްތައް ދިމާނުވާތީއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވަގުތުގެ ބޮޑު ފަރަގެއް އޮންނާތީއެވެ. އެއްވެސް މަސައްކަތެއް އޮތްތޯ ބަލާލުމަށެވެ.

އަޅުގަނޑު ހައެއްކަ މިނެޓު ހިނގާ، އޮފީހާ ވަރަށް ކައިރިވި ފަހުން، ފަހަތުން މީހަކު ދުވެފައި އަންނަކަން އެނގުނެވެ. އެނބުރި ބަލާލިއިރު، އެއީ އެކެފޭގައި އަޅުގަނޑަށް ޚިދްމަތް ދިން ވޭޓަރެވެ. އަތުގައި އޮތީ އަޅުގަނޑު ގެންގުޅުނު ކޮތަޅެވެ. ހަނދާން ނެތި ބާއްވާފައި އާދެވުމުން، އަޅުގަނޑު ހިނގާނެ ކަމަށް ލަފާކުރެވުނު މަގުން، އެތައް ތަނެއް، އަޅުގަނޑު އަތުވޭތޯ، އޭނާ ދުވީއެވެ. އައިސް ކޮތަޅު ޙަވާލުކޮށް، ޖަޕާނުގެ އާދަކާދައިގެން މަތިން ބޯޖަހާ ސަލާމްކޮށްލުމަށްފަހު އޭނާ ހިނގާލާފައި އެނބުރި ކެފޭއަށް ދަތުރު ފެށީއެވެ.

އަޅުގަނޑު ހަމަ އަޖާއިބުވިއެވެ. އޭނާ އެހާ މަސައްކަތް އެކުރީ ހަމަ އަމާނާތެއް ރައްދުކުރާށެވެ. ނަމަވެސް އެއީ އަގުހުރި އެއްޗެއްވެސް ނޫން، ދެއްތޯއެވެ؟ ކޮތަޅެކެވެ. އެއީ ޖަޕާނުގެ އާދަކާދަ ހުންނަ ގޮތެވެ.

ޖަޕާނުގައި ބޭއްވި ޓޫރިޒަމް ފެއާއެއްގެ ރާއްޖޭގެ ސްޓޯލްގައި ދިވެހި އެމްބަސީގެ ބައެއް މުވައްޒަފުންނާއެކު ސަފީރު: މި ފެއަރ އިން ވިދިވިދިގެން ހަތް އަހަރު ރާއްޖެ އެއްވަނަ ހޯދި

އަނެއް ދުވަހު އެކެފޭއަށް ވަނީމެވެ. ރޯދަ ވީއްލާށެވެ. އެ ވޭޓަރަށް އަޅުގަނޑު ފެނުމުން މޫނުމަތި އުޖާލާވިއެވެ. އަދި، އައިސް ބޯޖަހާ ސަލާމްކޮށްލިއެވެ. އަޅުގަނޑު ބުނެލީމެވެ. އެކޮތަޅު މިތާ ބާއްވާލުމުން، ބޭނުން އެއްޗެއް ކަމަށްވީނަމަ، އަޅުގަނޑު އައިސް ނެގީމުސްތާއެވެ. އެހާ މަސައްކަތް ނުކޮށްވެސް ފުދުނީސް ނޫންހޭ އަހާލީމެވެ. ހިނިތުންވެ ހުރެ އޭނާ ބުންޏެވެ. އެގޮތަށް ކަން ކުރިނަމަ، ތިޔަ ބޭފުޅާއާ އަޅުގަނޑާ ދެމެދު މި މުޢާމަލާތެއް ނުހިނގީސް ނޫންތޯއެވެ؟ ރަޙްމަތްތެރިކަމެއް ނޫފެދުނީސް ނޫންތޯއެވެ؟ އިތުބާރެއް ނޫފެދުނީސް ދެއްތޯއެވެ؟ ތިޔައީ ބޭރު މީހެކެވެ. މިއީ އަޅުގަނޑުގެ ޤައުމެވެ. އިއްޔެ ކުރި މަސައްކަތަކީ ޤައުމަށްޓަކައި، ޤައުމުގެ އަގު ހިފަހައްޓަން ކުރި ކަމެކެވެ. ތިޔަ ބޭފުޅާގެ އެއްޗެއް ގެއްލުނު ނަމަ، ގެއްލޭނީ ޖަޕާނުގެ ފަސްގަނޑުގައި ދެއްތޯއެވެ؟ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ހުތުރެއް ނޫންތޯއެވެ؟ އަނެއްކާ، އެފަދަ ކަމެއް ހިނގިނަމަ، ތިޔަބޭފުޅާ ޖަޕާނާމެދު ދެކޭގޮތްވެސް ބަދަލުވުން އެކަށީގެންވޭ ދެއްތޯއެވެ؟ އަޅުގަނޑު ހަމަ ހައިރާންވިއެވެ. އާދަޔާޚިލާފު ވިސްނުމެއްގެ ބައެއްވީމައެވެ.

އެހެން ހާދިސާއެއް ދަންނަވާލާނަމެވެ. އަޅުގަނޑާއި ޑްރައިވަރު ތަނަކަށް ކުރި ޒިޔާރަތެއްގައި، އެއްޗެއް ގަންނަން ދެމީހުން ކުޑަ ހިނދުކޮޅަކަށް ކާރުން ފޭބީމެވެ. އެނބުރި އައި އިރު، ކާރުގެ ހަތަރު ދޮރު ކައިރީގައި ޖަޕާނުގެ ހަތަރު ފުލުހުން ތިއްބެވެ. ކަމެއް ގޯސްވީ ކަމަށް ނިންމާ، އަވަހަށް ކަން ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށް ޑްރައިވަރަށް އަޅުގަނޑު އެންގީމެވެ. ކުޑަ މުޢާމަލާތެއް ކުރުމަށްފަހު އޭނާ އަތުން އިޝާރާތްކޮށްލިއެވެ. ކާރަށް އެރުމަށެވެ. ދޮރު ހުޅުވީ ފުލުސް މީހާއެވެ. އަދި، ހިނިތުންވެ ހުރެ ބޯޖަހާލުމުން، މައްސަލައެއް ނެތްކަން އަޅުގަނޑަށްވެސް ޔަޤީންވެއްޖެއެވެ.

ކާރު ދުއްވާލުމުން އަޅުގަނޑު އަހާލީމެވެ. ވީކަމެއް ކިޔައިދިނުމަށެވެ. ޑްރައިވަރު ބުންޏެވެ. ތިމަން ފޭބި އިރު، ހަނދާންނެތި، ދޮރު ތަޅެއް ނުލެވެއެވެ. ފުލުހުން ތިބީ ކާރުގެ ސީޓުގައި އޮތް "ތައިޝްކިން" (ސަފީރު)ގެ ދަބަސް ފޯރިމަރާށެވެ. ކޮންމެ ދޮރެއް ކައިރީ ފުލުހެކެވެ. ކޮންމެ ޑޮލަރެއް ފަހަތުގައި ފުލުހެއް ބަހައްޓަން ރައީސް ނަޝީދު ވަޢުދުވި ފަދައިންނެވެ. ޑްރައިވަރު ބުންޏެވެ. ކާރުގެ ނަންބަރުން އަދި ޑީ.ޕީ.އެލް ޖަހާފައި އޮންނާތީ، އެއީ ބޭރު ޤައުމެއްގެ ސަފާރާއެއްގެ ކާރެއްކަން އެނގޭނެ ނޫންހެއްވެ؟ އެހެން ކަމުން، އެ ދަބަހަކީ ބޭރު މީހެއްގެ އެއްޗަކަށް ވެދާނެތީ، ފުލުހުން ވަގުތުން ޢަމަލުކުރީއެވެ.

އެމަންޒަރު ފެނުނީ އެއް ފުލުހަށް ކަމަށް ވެއެވެ. އޭނާގެ ޓޯކީން ގުޅާ، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ އިތުރު ތިން ފުލުހުން ގެނައި ކަމަށްވެސް ވެއެވެ. އެމީހުންގެ ޒިންމާ ރަނގަޅަށް އަދާކުރިކަން އަޅުގަނޑަށް ކަށަވަރު ކޮށްދިނުމަށެވެ. ސަމާސާއަކަށް އަޅުގަނޑު ބުނެލީމެވެ. އެމީހުން ކުރާނެ އިތުރު ކަމެއް ހަމަ ނެތީތާދޯއެވެ؟ ޑްރައިވަރު ބުންޏެވެ. އެއީ މިއަދު އެމީހުން ކުރާނެ އެންމެ މުހިންމު އެއް މަސައްކަތެވެ. ބޭރު މީހެއްގެ ޙައްޤު ހިމާޔަތްކުރީއެވެ. އެއީ ވަރަށްވެސް މުހިންމު ކަމެކެވެ. އިތުރަށް ދަންނަވާނެ ވާހަކައެއް ނޯންނާނެ ދެއްތޯއެވެ؟ ހަމަ އަޖާއިބުވާ ފަދަ ބައެކެވެ.

ތިންވަނަ އަދި ފަހު ސިފަ ދަންނަވާލައިފައި ނިންމާލާނަމެވެ. އެއީ "ފަރުދީ ޒިންމާ" އެވެ. ފަހަކަށް އައިސް ވަރަށް ގިނައިން އަޑުއިވޭ ބަހެކެވެ. މިއަދު، ފަރުދީ ޒިންމާގެ އެންމެ އަލިގަދަ ދަލީލަކީ ބޭރަށް ނުކުތުމުގައި މާސްކް އެޅުމާއި ގައިދުރުކޮށް ތިބުން، ދެއްތޯއެވެ؟ ދަންނަވާލާނަމެވެ. ޖަޕާނުގައި ފަރުދީ ޒިންމާ މާނަކުރެވޭ ގޮތް ހިސާބަކަށް ތަފާތެވެ. އަދި، ފަރުދީ ޒިންމާ އަދާކުރާ މިންވަރު ހާސްބައި ތަފާތުވެސްމެއެވެ. ޖަޕާނުގައި، ފަރުދީ ޒިންމާގެ ތެރޭގައި ހިމެނެނީ ތިމާގެ ޒިންމާތައް އަދާކުރުން އެކަންޏެއް ނޫނެވެ. ހަޤީޤަތުގައި، ޖަޕާނުގައި ފަރުދީ ޒިންމާއަކީ ޖަމާއަތުގެ ޒިންމާއެވެ.

ދެ މިސާލެއް އަންކާވެސް ދަންނަވާލާނަމެވެ. ޖަޕާނުގައި ހުރި ދުވަސްވަރުގެ ތެރެއިންނެވެ. ހަފްތާ ބަންދުގައި، ފޫހިފިލުވާލުމަށާއި ކަސްރަތުގެ ގޮތުން، އަޅުގަނޑު ޖަޕާނުގައި އެޤައުމުގެ ލީގު ޓީމަކަށް ކްރިކެޓް ކުޅުނީމެވެ. ކުރިން ކުޅެ އުޅުނު ކުޅިވަރަކަށް ވީތީއެވެ. ކޮންމެ އަކަސް، ފުރަތަމަ ފަރިތަކުރުމަށް، ޓީމާއެކު ދިޔަ ދުވަހެވެ. ޖަޕާނުގައި ކްރިކެޓަކީ އެހާ ބޮޑު ކުޅިވަރަކަށް ނުވާތީ، ކުޅެއުޅުނީ ބޭސްބޯޅަ ކުޅެން ޚާއްޞަކޮށްފައިވާ ދަނޑެއްގައެވެ. ކުޅެން ދިޔަ އެކުވެރިން އެމީހެއްގެ ކްރިކެޓް ސާމާނު ގެންދިޔައެވެ. އަޅުގަނޑުވެސް ގެންދިޔައީމެވެ. އެހެން ނަމަވެސް، ކޮންމެ މީހަކު އިތުރު ދަބަހެއް ގެންދިޔައެވެ. އޭގައި އޮތް އެއްޗެއް އަޅުގަނޑު އޮޅުންފިލުވާލީމެވެ. އޭގެ ބޭނުން، ކުޅެ ނިމުމުން ފެންނާނެ ކަމަށް އެމީހުން އަޅުގަނޑު ގާތުގައި ބުންޏެވެ.

ކުޅެ ނިމުމުން، އެންމެންގެ ދަބަސް ހުޅުވާލިއެވެ. އޭގެން ފެނުނީ ކުނި ނަގާ ސާމާނެވެ. އަދި، ޓީމު އެކީ ފެށީ ބިމުން ކުނި ސާފުކުރާށެވެ. ބޮޑު ދަނޑެކެވެ. މުޅި ދަނޑު ސާފުކުރިއެވެ. އަޅުގަނޑުމެން ކުޅުނު ސަރަޙައްދު އެކަންޏެއް ނޫނެވެ. އެވަރުން ނިންމާލީއެއް ނޫނެވެ. ދަބަހުން ދެން ނެގީ ގަސްކާނާއާއި ފެނެވެ. އަދި، އެގަސްކާނާ މުޅި ދަނޑަށް ފަތުރާލާ، ފެންދޭން ފެށިއެވެ. އަޅުގަނޑުމެން ކުޅުމުން ވިނަގަނޑަށް ލިބިފައިވާ ގެއްލުމެއްނަމަ، ފޫބެއްދުމަށެވެ. އެތަން ބެލެހެއްޓުމާ ޙަވާލުވެ ހުރި މުވައްޒަފު ހުރީ ބަލާށެވެ. އަޅުގަނޑު އޭނާ ގާތު އަހާލީމެވެ. މިއީ ހަމަ އެންމެންވެސް ކަންކުރާގޮތްތޯއެވެ؟ އޭނާ ބުންޏެވެ. މިއޮތް ބޮޑު ސްޓޭޑިއަމް ބަލަހައްޓަނީ އޭނާ އެކަނި ކަމަށެވެ. ވަރަށް ފަސޭހަ މަސައްކަތެއް ކަމަށެވެ. ކޮންމެ ބަޔަކު މިގޮތަށް ކަންކުރާތީ، އިތުރު މުވައްޒަފަކު ބޭނުން ނުވާ ކަމަށެވެ. އަޅުގަނޑުމެން ކުޅުނީ ގަޑިއެއްގެ އިރުއެވެ. ސާފުކުރުމުގެ މަސައްކަތަށް އިތުރު ގަޑިއެއްގެއިރު ނެގިއެވެ. ޖަޕާނެވެ. ކަންކުރާ ގޮތާއި ކަންކަމާމެދު ވިސްނާގޮތް ހަމަ ތަފާތީއެވެ.

ދެވަނަ އަދި ފަހު މިސާލު ޙިއްޞާކޮށްލާނަމެވެ. އެއް ދުވަހަކު އޮފީހަށް އައި ސިޓީއެކެވެ. ޢާންމުކޮށް އަންނަ ސިޓީބިޓީ ހުންނާނީ އަޅުގަނޑަށް އެޑްރެސްކޮށްފައެވެ. ޖަޕާނުގެ މަޖިލީސް މެންބަރަކު ފޮނުއްވާފައި އޮތް ސިޓީއެކެވެ. މިދެންނެވި ސިޓީ އެޑްރެސްކޮށްފައި އޮތީ އަޅުގަނޑަކަށް ނޫނެވެ. އޮފީހުގައި އުޅޭ ޖަޕާނު މުވައްޒަފަކަށެވެ. އޭނާއަށް ގޮވާފައި، އެސިޓީ ރައްދުކުރީމެވެ. އަދި، އަހާލީމެވެ. މަޖިލީހުން މެންބަރަކު ފޮނުވާފައި އޮތް ސިޓީއަކަށް ވީތީ ހަމަ ސުވާލު އުފެދުނީމައެވެ. އޭގައި އޮތް އެއްޗެއް އަހާލީމެވެ. އޭނާ ހިނިތުންވެ ހުރެ ކިޔައިދިނެވެ.

އެއީ، އޭނާގެ ދާއިރާގެ މެންބަރު ފޮނުއްވި ސިޓީއެއް ކަމަށެވެ. އޭނާ ވޯޓު ދިނީ އެބޭފުޅާއަށް ނޫން ކަމަށްވެސް ބުންޏެވެ. ކޮންމެ އަކަސް، މި މެންބަރުގެ ވާހަކަ އަޅުގަނޑުވެސް އޭގެ ދެ ދުވަހެއް ކުރިން ނޫހުން ދުށީމެވެ. ބައްދަލުވުމެއްގައި އޭނާއަށް ވިދާޅުވެވުނު އެއްޗަކާ ގުޅިގެން އޮތީ މައްސަލަގަނޑެއް ކުރިމަތިވެފައެވެ. އޭނާއަކީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅަކަށްވެފައި، އެވަގުތު ހުންނެވީ ސަރުކާރުގެ ޒިންމާއެއްގައި ކަމަށްވެއެވެ. ކޮންމެއަކަސް، އެމައްސަލައާ ގުޅިގެން، ނޫހެއްގައި އޭނާއަށް ފާޑުކިޔުން އަމާޒުވުމުން، އޭނާ ވަނީ އެދުވަހު އިސްތިއުފާ ދެއްވާފައެވެ. އެސިޓީގައި އޮތީ، އޭނާއަށް ކަން ކުރެވުނު ގޮތުން މަޢާފަށް އެދިފައެވެ. އޭނާގެ ދާއިރާގެ ހުރިހާ ރައްޔިތުންނަށް ވަކިވަކިން ސިޓީ ލިޔެ، މަޢާފަށް އެދުނީއެވެ. އަދި، މަޤާމުން އިސްތިޢުފާ ދެއްވިކަން ބަޔާން ކުރެއްވީއެވެ. ދިމާވި ކަމާމެދު ތަހުގީގެއް ހިންގި، ކުށެއް ސާބިތުވީކީ ނޫނެވެ. ނޫހުގައި ފާޑު ކިޔާފައިވާތީ، އޭނާ ޤަބޫލު ކުރެއްވީ، އޭނާގެ އަގު ވެއްޓުނީ ކަމަށެވެ. އަދި، އެގޮތުން، އޭނާގެ ދާއިރާގެ އަގު ވެއްޓިދާނެ ކަމަށެވެ. ރައްޔިތުން ލަދުވެތިވާން ޖެހިދާނެ ކަމަށެވެ. އެހެންކަމުން، ޖަޕާނުގެ އާދަކާދައިގެ މަތިން އިސްތިޢުފާ ދެއްވީއެވެ. އެއީ ޖަޕާނުގައި ތިއްބަވާ ރައްޔިތުންގެ ޚާދިމުން ކަންކުރަން އޮންނަ ރީތި ގޮތެވެ.

އަޅުގަނޑުގެ މި މުވައްޒަފު ކަންކުރި ގޮތްވެސް އެހާމެ އާދަޔާޚިލާފެވެ. އޭނާ، އެ މެންބަރާ ބައްދަލުކުރަން އެޕޮއިންޓްމަންޓަކަށް އެދުނެވެ. އަދި، އެޕޮއިންޓްމަންޓް ލިބުމުން، ފައިންޕުޅު ދެކެން ދިޔައެވެ. އަދި، ބައްދަލުކޮށް، އޭނާގެ ސިޓީގައި، އޭނާއަށް މަޢާފުކުރަން އެދިފައިވާތީ، މަޢާފުކޮށްފި ކަމަށް ދެންނެވީއެވެ. އަދި، އޭނާގެ ކުށް ޤަބޫލުކޮށްފައިވާތީ، ކުރިއަށް އޮތް ދައުރަށް ކުރިމަތިލުމަށް ހިތްވަރު ދިނެވެ. އަދި، އޭނާއަށް ވޯޓު ދޭނެ ކަމަށް އަޙުދުވެސް ވިއެވެ. ތަފާތު ދެއްތޯއެވެ؟ ޖަޕާނެވެ.

ކޮންމެ އަކަސް، މިހިރަ ކަންކަން ފެނި، ތަޖުރިބާ ކުރެވުނީމައި، އަބަދުވެސް ހިތަށް އަރާ އެއްޗެކެވެ. މިއީ އަޅުގަނޑުމެންގެ ޤައުމީ ސަޤާފަތުގައި އަށަގެންފައި ހުރި ކަންކަން ނަމަ، ކިހާ ރަނގަޅުތޯއެވެ؟ އަޅުގަނޑުގެ އަވަށްޓެރި އަޚް، ކޮމީޑިއަން ޔޫސުފް ރަފީޢު (ޔޫސޭ)ގެ "ދިރިއުޅުމަކީ މިއީބާ؟" ގެ މަޝްހޫރު އެޕިސޯޑެއްގައި އުޅޭ ސުބު ބުނާބުނުން ހަމަ ތެދެކެވެ. ޖަޕާނުގެ ވަތަނަބޭ ސާން ހަމަ ތަފާތީއެވެ. ވަތަނަބޭ ސާން ފޮނުވާ ތަކެތި ބަރާބަރެވެ. މައްސަލަ ދިމާވަނީ، އެތަކެއްޗާ ކުޅެން ސުބަށް ނޭނގޭތީ ދެއްތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
222321

3 Responses

  1. Meekonmehen ves beynun v muhinmu aadhayekeve adhi Islam dheenugaves dhaskodhinunma baarualhuvaafavaa sifeyekan tv thakun sheyhun vidhaalhu vaathan fen I’ve eve
    Faiydhaahuri molhu liume

  2. މީހެއްގެ މޮޅުހުނަރެއް ފާހަގަ ނުކުރެވި ހިނގައިދާނެ. އެއީ އެކަން ފާހަގަވާ އަޅުގަނޑަށް ބެލިފަ އެނގިފަ ނެތީމަކަން ޔަގީން. މިފަހުން އަޅުގަނޑަށް އެންމެ ފާހަގަކުރެވުނު މޮޅު ހުނަރުވެރި ސާދާ ސާފު ކިޔުމަށް ޝައުގުވެރިކުރުވާ ހުނަރުވެރި ލިޔުންތެރިއެއް މުންދު އަކީ. ކޮންމެ ލިޔުއްވުމެއް ވެސް އެހާ ފުރިހަމަ. އަމިއްލަ ބަހާއި ޤައުމަށް ޚާއްޞަ ކުލުނެއް ގެންގުޅުއްވާކަން ޔަގީންކުރެވި ވ އުފާކުރަށް. އައްސަރިބަހާ ސާބަސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *