Support Us

ފަސް އަހަރުގެ ޕާކިން ސްޓިކަރ ޖޫރިމަނާ ރައީސް މަޢާފުކޮށްދެއްވައިފި

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޖަހައިފައިވާ ޕާކިން ސްޓިކާއަށް ދައްކަންޖެހޭ ފައިސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް މާފުކޮށްދެއްވައިފިއެވެ.

އެކަން އެގޮތަށް ނިންމެވީ މާލެ ސިޓީގައި މިވަގުތާ ހަމައަށްވެސް އެކަށީގެންވާ ވަރަށް ވެހިކަލް ޕާކުކުރާނެ ޖާގަ ނެތި ސްޓިކަރ ޖެހުމުގެ ސަބަބުން ކުރާ ޖޫރިމަނާތައް އިތުރުވަމުން ދާތީ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރެއްވުމަށްފަހު އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ރައީސް ސޯލިހް ދެކެވަޑައިގެން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ގެންދަވަނީ ދެ ވަނަ ދައުރަކަށް ވާދަކުރައްވަމުންނެވެ. ރައީސް ސޯލިހާ ހަތް ކެންޑިޑޭޓުން ވާދަކުރައްވައެވެ.

ޕާކިން ސްޓިކަރ ޖޫރިމަނާ މަޢާފުކޮށްދެއްވުމަށް ނިންމެވުމުގެ އިތުރުން، ޓްރެފިކް ގަވާއިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުއި ދެވޭނެ ގޮތްތަކެއްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެފަދަ ޖޫރިމަނާތަކަށް ލުޔެއް ދިނުމަށް ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ޖޫރިމަނާއަށް ލުއި ލިބިގެންދާ ޕްރޮގްރާމެއް ތަޢާރަފްކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، މި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ ހަފުތާއާއި އެއް މަސްދުވަހުގެ މުއްދަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކަމުގައި ވެސް މިއުވާން ވިދާޅުވިއެވެ.

ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ކޮށްފައިވާ ޖޫރިމަނާގެ ބާވަތަށާއި ހާލަތަށް އަދި ޖޫރިމަނާގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު ޓްރޭނިން ފުރިހަމަ ކުރުމުން ޖޫރިމަނާ މައާފްކޮށް ދިނުމަށް ނިންމީ ކަމަށާއި އަދި މި ޕްރޮގްރާމްގެ ސަބަބުން ކުރިއަށް އޮތް ތާނގައި ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތައް އެފަދަ ކަންކަން ތަކުރާރުކުރާ މިންވަރު މަދުވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުގައި އެތައް ޒުވާނުން، ފައިސާ ދެއްކޭނެ ގޮތެއް ނެތި ޖޫރިމަނާވެފައި އެބަ ތިބި ކަމަށާއި، އެކަން އެގޮތަށް ދިމާވުމުގައި ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން އާންމު ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތައްވެސް ފާހަގަކުރެވޭތީ، އެ ޕްރޮގްރާމް ފުރިހަމަ ކުރުމުން ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާވެސް މައާފް ވެގެން ދާނެކަމުގައި މިއުވާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *