...

Support Us

ސައެންސީ ދަލީލުތަކުން މާއްދީ ފަލްސަފާ ބާޠިލުވުން

މިޞްރުގެ މަޝްހޫރު މުފައްކިރެއް ކަމުގައިވާ އަލްއުސްތާޒު އަޙްމަދު އަމީން އޭނާގެ މަޝްހޫރު ފޮތް (މަބާދިއުލް ފަލްސަފަތި) ގައި ލިޔުއްވައިފައި ވެއެވެ. ވެޓިކަންގެ ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއެއްގެ ފާރެއްގައި އެތެންސް މަދްރަސާއާ ބެހޭ ކުރެހުމެއް ވެއެވެ. މި ކުރެހުމުގެ މަރްކަޒަކީ އެރިސްޓޯއާއި އަފްލާޠޫނެވެ. އެ ދެ ބޭފުޅުންގެ ވަށައިގެން ދަރިވަރުންތައް ތިއްބެވެ. މި ކުރެހުމުގައި އަފްލާޠޫން ހުންނެވީ އިނގިލިފުޅުން އުޑަށް އިޝާރާތް ކުރައްވާށެވެ. އެރިސްޓޯ ހުންނެވީ ވަރަށް ފޫހިފުޅުކަމާއެކު އަފްލާޠޫނުގެ ވާހަކަފުޅު އައްސަވާށެވެ. އެހެނަސް އޭނާގެ އިނގިލިފުޅުން އިޝާރާތް ކުރައްވައިފައި ވަނީ ބިމަށެވެ. (މަތީ ފޮޓޯގައި ވަނީ އެ ކުރެހުމެވެ.)

މި ކުރެހުން ތަމްސީލުކޮށްދެނީ އެތެންސްގެ ފަލްސަފީ މަޒްހަބުތަކުގެ ތާރީޚެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ތަފާތު ޒަމާންތަކުގައި މި ދުނިޔެ ދެކެފައިވާ އިންސާނީ ފިކްރާއި ފަލްސަފީ ނަޒަރިއްޔާތުތަކުގެ ތާރީޚެވެ. އެއީ ދުނިޔެ ހަނގުރާމަތަކަށް ހާސާކުރާ މާއްދިއްޔަތާއި ރޫޙާނިއްޔަތު ތަމްސީލުކޮށްދޭ ކުރެހުމެކެވެ. ރޫޙާނިއްޔަތު އިޝާރާތް ކުރަނީ އުނޑަށެވެ. މާއްދިއްޔަތު އިޝާރާތް ކުރަނީ ބިމަށެވެ.

މިތާނގައި މީހެއްގެ ހިތަށް އަރައިފާނެއެވެ. އުޑަށާއި ބިމަށް އިޝާރާތްކުރާ މީހަކު މި ކުރެހުމުގައި ހުރިނަމަ ކުރެހުން ހާދަ ފުރިހަމަވީހެވެ. ޙަޤީޤަތާ ކައިރީ އެ ގޮތް ނޫންހެއްޔެވެ؟

މާއްދީ ފަލްސަފާ

މާއްދީ ފަލްސަފާ ބުނާގޮތުގައި މި ކައުނުގައި ވާ ހަމައެކަނި އެއްޗަކީ މާއްދާއެވެ. ވުޖޫދުގައިވާ ހުރިހާ އެއްޗެއްގެ އަސާސަކީ މާއްދާއެވެ. މާއްދާއިން މިނިވަންވެފައިވާ ރޫޙޭ (ފުރާނައޭ) ކިޔާ އެއްޗެއް ނެތެވެ. އަޒަލުގައި އޮތީ މާއްދާއެވެ. މި މާއްދާ އަބަދަށް ދާއިމަށް ދެމި އޮންނާނެތެވެ. މާއްދާ ފަނާވެގެން ނުދާނެތެވެ. އެހެނަސް އޭތި އެއްވައްތަރުން އަނެއް ވައްތަރަށް ބަދަލުވެގެން ދާނެއެވެ. މާއްދާއަށް ކަނޑައެޅިފައިވާ ސިފަތަކެއް (ބަރުދަން، ކުލަ، އިސްކޮޅު) ލިބިގެންވެއެވެ. މާއްދީ ފަލްސަފާ ބުނާގޮތުގައި (ފިކްރާއި ވިސްނުމާއި ޖަޒްބާތާއި ކުލުނުވެރިކަން) ފަދަ މާއްދީ ނޫން އެއްޗެހިކަމަށް ބޭރުފުށުން ފެންނަ އެއްޗެއްސަކީ ވެސް ޙަޤީޤަތުގައި މާއްދާއެވެ.އެހެނީ އެއީ މާއްދީ ގުނަވަނަކުން (ސިކުނޑިން) އުފައްދާ އެއްޗެއްސެވެ. މާއްދީ ފިލޯސަފަރެއް ކަމުގައިވާ ކާލް ވޮޚްޓް (Karl Vogt) ވިދާޅުވިއެވެ. "ފިކްރު އުފައްދަނީ ސިކުނޑިންނެވެ. ފުރަމޭއިން ފިތާއި ގުރުދާއިން ކުޑަކަމުދާ އެއްޗެހި އުފައްދާ ގޮތަށެވެ."

މިއީ ހަމަ ބުއްދި ޤަބޫލު ކުރާނެ ވާހަކަތަކެއް ނޫނެވެ. ވިސްނުމާއި ފިކްރަކީ މާއްދީ އެއްޗެއް ކަމުގައިވާނަމަ ބަނޑު މުސާރައަށް ބައްދާ ހަށިގަނޑު ވަރުގަދަ މީހުން، ވިސްނުންތޫނު ފިލޯސަފަރުންނަށް ވާންޖެހޭނެއެވެ.

މާއްދީ ފަލްސަފާގެ ތާރީޚު

މާއްދީ ފަލްސަފާއަކީ ވަރަށް ޤަދީމީ ފަލްސަފާއެކެވެ. ޔޫނާނުގެ ފަލްސަފާގެ ޅަފަތުގައި ވަނީ މާއްދީ ފަލްސަފާ ފެށިފައެވެ. މާއްދީ މަޝްހޫރު ފިލޯސަފަރުންގެތެރޭގައި ގުނައިލެވޭ އެއް ބޭފުޅަކީ ޑިމޮކްރިޓަސް (Democritus) އެވެ. އޭނާއަށް ފަހު އެޕިކުރަސް (Epicurus) އެވެ. ރޫޙާނީ ފަލްސަފާގެ ކުރިމަތީގައި މާއްދީ ފަލްސަފާ ބަލިކަށިވެގެން ގޮސް އިންދިރާސްވެފައިވަނިކޮށް މި ފަލްސަފާ އަލުން ދިރުނީ 18ވަނަ ސައްތައާއި 19 ސައްތައިގައެވެ.އެއީ ސައެންސާއި ސައެންސީންނާ ދެކޮޅަށް ފައްޅި ތެދުވުމާ ވިދިގެންނެވެ. މި ދެ ސައްތައިގައި ސައެންސަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން އެ ޒަމާނުގެ ޢިލްމުވެރީން ބޮޑާވެ ސައެންސްގެ މައިދާނުގައި އިތުރަށް ހޯދާނެ އެއްޗެއް ނެތްކަމަށް ވިދާޅުވާން ފެށްޓެވިއެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި މި ކައުނުގައި މިހާރު ނޭނގޭ އެއްޗެއް ނެތެވެ. މިކަމުގައި ހެއްލުންތެރިވެގެންގޮސް 18ވަނަ ސައްތައިގެ ފަހުކޮޅުގައި ފަރަންސޭސި އެކަޑަމީން އައު އީޖާދުތައް ބަލައި އިދާރާ ވެސް ބަންދުކުރިއެވެ. އެއީ ސައެންސަށް މިހާރު ހުރިހާ އެއްޗެއް ހޯދިއްޖެ ކަމަށް ބުނެއެވެ. އައު އީޖާދުތައް ކޮށް ނިމިއްޖެއެވެ. ނަވާރަ ވަނަ ސައްތައިގެ މަޝްހޫރު މާއްދީ ފިލޯސަފަރަކީ ޖަރްމަނުގެ ފިލޯސަފަރެއްކަމުގައިވާ ބަޚްނަރ އެވެ. އޭނާގެ މަޝްހޫރު ފޮތަކީ (މާއްދާގައި ފަހުބަސް ) އެވެ.

އެހެނަސް 20ވަނަ ސައްތަ ފެށުމާއެކު ޠަބީޢިއްޔާތަށް އައި ކުރިއެރުމާއި ނިސްބިއްޔަތު ނަޒަރިއްޔާއާއި (ރިލޭޓިވިޓީ ތިޔަރީ) އާއި ކްއެންޓަމް ނަޒަރިއްޔަތުގެ ސަބަބުން މާއްދީ ފިލޯސަފަރުންގެ ބަސްފުޅުތަކުގެ އޮށްޓަރެއް ނެތްކަން ހާމަވެގެން ދިޔައެވެ. ސައެންސީ އައު ހޯދުންތަކާއި މި ނަޒަރިއްޔާތުތަކުގެ ސަބަބުން ކައުނާމެދު ދެކޭގޮތް މުޅިން ބަދަލުވެގެން ދިޔައެވެ. މާއްދާއާމެދު ދެކޭގޮތާއި ޤަބޫލުކުރާކުރުންތައް ބަދަލުވެގެން ދިޔައެވެ.

އިންސާނުން ނުކުޅެދިފައި

މާއްދާ ދެނެގަތުމަށް އިންސާނުން ވަނީ ނުކުޅެދިފައެވެ. މިއަދު ފެންނަގޮތުގައި މާއްދާއަކީ ފޫ ނެތް ވަޅެކެވެ. ޒައްރާއަށް (އެޓަމަށް) ބަލާއިރު އެންމެ ފުރަތަމަ ހީކުރެވުނީ އެއީ އެންމެ ކުޑަ އެތި ކަމަށެވެ. އެހެން ނަމަވެސް ޒައްރާގެ ތެރެއިން އިލެކްޓްރޯނާއި ޕްރޮޓޯނާއި ނިޔުޓްރޯން ފެނުމުން ޒައްރާ އެންމެ ކުޑަ އެއްޗަކަށް ނުވިއެވެ. އެހެނަސް ފަހުން ފެނުނު އެއްޗެހިން އެނގުނީ ޒައްރާގެ މި އިން ކޮންމެ އެތިކޮޅެއްގައި ކުދިކުދި އެތައް އެތިކޮޅުތަކެއް ވާ ކަމެވެ. މި އެތިކޮޅުތަކަށް ކުއާކް (quark) އޭ ކިޔެއެވެ. އަދި 1955 ވަނަ އަހަރާ ހަމައަށް އާދެވުނުއިރު 18 ބާވަތެއް ވަނީ ފެނިފައެވެ. މިއަދު އޭގެ ބާވަތްތަކުގެ ޢަދަދު ވަނީ ދުއިސައްތަ އަށް ވުރެ ގިނަވެފައެވެ.

މިއަދުގެ ސައެންސީ ހޯދުންތައް ބުނާގޮތުގައި ފަޒާއޭ (ސްޕޭސް)އޭ ކިޔާ ތަނެއް މި ކައުނަކު ނެތެވެ. އެ ތަން އޮތީ މާއްދާއާއި އިދިމާއްދާއިން ފުރިފައެވެ. މާއްދާއާ ބެހޭގޮތުން މިއަދުގެ ސައެންސް ބުނަނީ އެއީ ޙަޤީޤަތުގައި އެއްވެ ފުނިޖެހިފައިވާ ހަކަތައިގެ ގުޅައެކެވެ. ހަކަތައަކީ މާއްދާއެއް ނޫނެވެ. އެހެނަސް އެއީ "މަސައްކަތެއް ކުރުމުގެ ޤާބިލުކަމެވެ. Ability to do work އެވެ. ރިލޭޓިވިޓީ ނަޒަރިއްޔާގައި އެނިޝްޓައިން ވިދާޅުވާ ގޮތުގައި ހަކަތައާއި އަލީގެ ބާރުމިނާއި އެއްޗެއްގެ މާސް މި ތިން ޢުންޞުރުގެ ގުޅުން ބަޔާންކުރާ މާދަލާއަކީ mc² = E އެވެ. މި ވާހަކަތައް ގިނަ ބަޔަކަށް ވާނީ ފޫހި ވާހަކަތަކަކަށެވެ. އެހެން ކަމުން މި މާދަލާއާ ބެހޭ ގޮތުން އިތުރު އެއްޗެއް ނުދަންނަވާނަމެވެ. މި މާދަލާއިން އެނގެނީ މާއްދާގެ އަޞްލަކީ މާއްދާ ނޫންކަމެވެ.

ޒައްރާގެ ދުނިޔެއަކީ އެހެން ދުނިޔެއެކެވެ. ޒައްރާގައި ބޭނުން ކުރެވޭ ޤާނޫނުތައް ޠަބީޢިއްޔާތުން އެނގޭ އެހެން ޤާނޫނުތަކާ ތަފާތެވެ. ސައެންސީން ވިދާޅުވާ ގޮތުގައި ކަނާޅު (ބްލެކް ހޯލް) ގައި ހިނގާ ކަންތައްތަކަކީ އާދަޔާ ޚިލާފު ކަންތައްތަކެކެވެ. އެއިން ކަނާޅަކާ ކައިރިވާ ކޮންމެ އެއްޗެއް އޭގެތެރެއަށް ދަމައިގަންނަ ވާހަކަޔާއި އެއްވެސް އެއްޗަކަށް އެއިން ބޭރަށް ނުނުކުމެވޭ ވާހަކަ ސައެންސީން ދައްކަވައެވެ.

ވީމާ މާއްދާއަކީ މާއްދީން އެމީހުންގެ މާއްދީ ފަލްސަފާ އޭގެ މަތީގައި ބިނާކޮށްފައިވާފަދަ ސާދާ އެއްޗެއްނޫނެވެ. ސައެންސީ އައު ހޯދުންތައް ވަނީ މާއްދީ ފަލްސަފާ ބާޠިކޮށްފައެވެ.

ވިހިވަނަ ސައްތައިގެ އެންމެ މުހިއްމު ހޯދުންތަކުގެތެރޭގައި ދިރޭ ހަތާގައި ވާ D.N.A ވެއެވެ. ޑީއެންއޭ ހޯދިފައި ވަނީ ވިހިވަނަ ސައްތައިގެ ފަސްދޮޅަހުގެތެރޭގައެވެ. ޑީއެންއޭ ހޯއްދެވީ ފްރޭންސިސް ކްރިކެވެ. މި މުހިއްމު ހޯދުމުގެ ސަބަބުން އޭނާއަށް ޙަޔަވިއްޔާތުގެ ރޮނގުން ނޮބެލް އިނާމު ވެސް ލިބވަޑައިގަތެވެ. ޑީއެންއޭގެ ކޮންމެ އެތިކޮޅަކީ މަޢުލޫމާތުގެ ބޮޑު ބޭންކެކެވެ. ސައެންސީން ވިދާޅުވާ ގޮތުގައި އެއިން އެތިކޮޅެއްގައިވާ މަޢުލޫމާތުތައް ލިޔަން ވެއްޖެނަމަ 900 ހާސް ޞަފްޙާ ބޭނުންވާނެއެވެ. ޖުމްލަ 34 ވޮލިއުމް ހިމެނޭ އިންސަކްލޮޕީޑިޔާ ބްރިޓޭނިކާއަށް ވުރެ 40 ގުނަ ބޮޑުވާނެއެވެ.

ހަށިގަނޑުގެ ޙަޔަވީ ތައުގީދީ މަސައްކަތްތަކުގެ މަޢުލޫމާތު ހުންނަނީ މި ޑީއެންއޭގައެވެ. ހަށިގަނޑުގައި ހަތާތައް ބިނާކުރުމާއި މަރުވާ ހަތާތަކުގެ ބަދަލުގައި ހަމަ އެ ބާވަތުގެ އައު ހަތާތައް އުފެއްދުންފަދަ މަސައްކަތްތަކާ ބެހޭ މަޢުލޫމާތުތައް ހުންނާނީ ޑީއެންއޭގައެވެ. މިސަލަކަށް ލޮލުގެ ހަތައެއް ހަލާކުވީމާ ލޮލުގެ ހަތައެއް، ހަމުގެ ހަތައެއްނަމަ ހަމުގެ ހަތައެއް އުފެއްދުމަކީ ވަރަށް ތައުގީދު ކަމެކެވެ. ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ތަފާތު ހަތާތައް ބޭނުންވެއެވެ.

މާއްދާއަށް ޙަޔަވީ މަސައްކަތް ކުރެވިދާނެތަ؟

ސުވާލަކީ ވިސްނުމެއްނެތް މާއްދާއަށް މި މަސައްކަތްތައް ކުރެވިދާނެ ހެއްޔެވެ؟ މައޫލޫމާތެއް ދެވޭނެހެއްޔެވެ؟ މި ފަދަ މަޢުލޫމާތުތައް އުފައްދާ ރައްކައުކޮށްފައި ބެހެއްޓިދާނެ ހެއްޔެވެ؟ މި ކަމަށް ބޭނުންވާ އާލިއްޔަތު ، މާއްދާއަށް ލިބިގެންވޭ ހެއްޔެވެ؟ މާއްދާގެ ފިލޯސަފަރުންނަށް މި ސުވާލުތަކަށް ޖަވާބު ދެއްވިދާނެ ހެއްޔެވެ؟ މާއްދާއިން މަޢުލޫމާތުތައް އުފެދެމުން އަންނަނީ އޮޓޮމެޓިކުންކަމަށް މި ބޭފުޅުން ވިދާޅުވެއެވެ. ސައެންސީ ބަޙުސްތަކާއި ހޯދުންތަކާއި ތަޖްރިބާތައް ދައްކާގޮތުގައި މިފަދަ އެއްވެސް ކަމެއް ކުރުމުގެ ބާރު މާއްދާއަށް ލިބިގެން ނުވެއެވެ.

އެހެންވީމާ މި ފަލްސަފާއަށް ޙަޔާތާއި ދިރުން ތަފްސީރުކޮށް ދެވޭނީ ކިހިނެއް ހެއްޔެވެ؟ ޖަރްމަނުގެ ޕްރޮފެސަރެއް ކަމުގައިވާ ވަރނަރ ގިޓް Werner Gitt ވިދާޅުވާގޮތުގައި މަޢުލޫމާތު އުފައްދާ ރެކޯޑްކޮށް ބަލަހައްޓާ ކޮންމެ ނިޒާމަކީ ވިސްނުމުގެ ޢަމަލެކެވެ. މި ބާވަތުގެ އެއްވެސް ކަމެއް މާއްދާއަކަށް ނުކުރެވޭނެއެވެ. ހުރިހާ ތަޖްރިބާތަކެއް ބަޔާންކޮށްދޭ ގޮތުގައި މަޢުލޫމާތެއް ވުޖޫދަށް ނެރުމަށް ޓަކައި ސިކުނޑިއަކަށް ބޭނުންވާނެއެވެ. ޠަބީޢީ އެއްވެސް ޤާނޫނެއްގައި ނުވަތަ ޠަބީޢިއްޔާތުގެ އެއްވެސް ފިޔަވައްސެއްގައި އޮޓޮމެޓިކުން މަޢުލޫމާތު އުފެއްދުމުގެ ބާރުލިބިފައިވާ އެއްވެސް އެއްޗެއް ވާކަމަކަށް ނުބުނެއެވެ. ގަސްގަހާގެހީގައި މައުމެލާމެލި ނުކުތުމާއި މޭވާއެޅުންފަދަ ކަންތައްތައް މާއްދީ ފިލޯސަފަރުންނަށް ތަފްސީރުކޮށް ދެވިދާނެ ހެއްޔެވެ؟ ގަސްގަހާގެހީގައި ވިސްނުމުގެ ބައިތައް ހުރީ ކޮންތާކު ހެއްޔެވެ؟ ގަހާ ބެހޭ މިފަދަ ހުރިހާ މަޢުލޫމާތުތަކެއް އޭގެ އޮށުގައި ހުރީ ކިހިނެއް ހެއްޔެވެ؟ އެއީ ސައެންސީންނަށް ދެނެގަނެވިފައި ނުވާ މަޢުލޫމާތުތަކެކެވެ. އެ މަޢުލޫމާތުތައް ދެނެގަނެވިއްޖެނަމަ އާފަލާއި ކުންނާރު އުފެއްދުމުގެ ޤާބިލުކަން ލިބިދާނެތެވެ.

ތަރމޯޑައިނަމިކްސް ބުނާގޮތުގައި މަޢުރިފާއާއި މަޢުލޫމާތަކީ މާއްދާއާ ތަފާތު އެއްޗެކެވެ. އެއީ މާއްދާއާ ގުޅުން ހުރި އެއްޗެއް ނޫނެވެ. އެއްވެސް ޙާލެއްގައި މަޢުލޫމާތު، މާއްދާއަކަށް ބަދަލެއް ނުކުރެވޭނެއެވެ.މިސާލަކަށް ފޮތެއް ނަގަމާ ހިނގާށެވެ! ފޮތް އެކުލެވިގެންވަނީ ކަރުދާހުގެ ގަނޑުތަކަކާއި ދެއްޔާއި މަޢުލޫމާތުންނެވެ. ދެއްޔާއި ކަރުދާހަކީ މާއްދީ އެއްޗެހިތަކެކެވެ. އެހެނަސް މަޢުލޫމާތަކީ މާއްދީ އެއްޗެއް ނޫނެވެ. ކަރުދާހަކީ ސެލިލޯޒެވެ. ދެއްޔަކީ ކީމާވީ މާއްދާއެކެވެ. އެހެނަސް ފޮތުގައި ހުރި މަޢުލޫމާތަކީ މާއްދީ އެއްޗެއް ނޫނެވެ.އޭގެ މަޞްދަރަކީ ލިޔުންތެރިޔާގެ ސިކުނޑިއެވެ. މި ހުރިހާ އެއްޗެއްގެ މަޞްދަރަކީ ﷲ ތަޢާލާއެވެ. މި ޙަޤީޤަތަކީ މިއަދު ސައެންސީންނަށް ޤަބޫލުކުރާން މަޖްބޫރުވެފައިވާ ޙަޤީޤަތެކެވެ. ތަޠައްވުރު ނަޒަރިއްޔާ (evolution theory) ދިފާޢު ކުރައްވާ ޖަދަލު ކުރައްވާ ބޮޑު ޢާލިމެއް ކަމުގައިވާ ޖޯޖް ވިލިއަމްސް George C. Williams”، 1995 ވަނަ އަހަރު ލިޔުއްވި މަޒްމޫނެއް ބުނާގޮތުގައި ސައެންސީންނަށް އެމީހުން މަސައްކަތް ކުރަމުންދަނީ ތަފާތު ދެ މައިދާނެއްގައި ކަން އަދިވެސް ދެނެއެއް ނުގަނެވެއެވެ. މި ދެ މައިދާން އެއް މައިދާނަކަށް ނުހެދޭނެއެވެ. ޖީނަކީ މައުލޫމާތުގެ ކުޑަ ބޮނޑިއެކެވެ. އެއީ ވިސްނުމެއް ނެތް މާއްދާއެއް ނޫނެވެ. މި ތަފާތު ދެ މައިދާނުގެ މަޞްދަރާމެދު ދިރާސާތައް ކުރަންވާނީ ވަކިވަކީންނެވެ.

އެހެންވީމާ މާއްދީ ފަލްސަފާ ބުނާފަދައިން މާއްދާ، ޢިލްމުގެ މަޞްދަރަކަށް ނުވާނެއެވެ. އެހެނަސް އެއީ މާއްދާއިން ބޭރުގައި ނިމުމެއްނެތް މާ ބާރުގަދަ ސިކުނޑިއެއްގެ އުފެއްދުމެކެވެ. މިއީ ޢާލަމުތަކުގެ ވެރިރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް ހެއްދެވީ އެކަލާނގެއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((بَلْ نَقْذِفُ بِٱلْحَقِّ عَلَى ٱلْبَٰطِلِ فَيَدْمَغُهُۥ فَإِذَا هُوَ زَاهِقٌ ۚ وَلَكُمُ ٱلْوَيْلُ مِمَّا تَصِفُونَ- އަދި ކިއެއްތަ! باطل ގެ މައްޗަށް ތިމަންރަސްކަލާނގެ حق ފޮނުއްވަމެވެ. ދެން އެ حق، އެ باطل ހަލާކުކޮށްލަތެވެ. ފަހެ، އެހާރުން އެ باطل ނެތިހިނގައިދެތެވެ. އަދި (اللَّه އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުށްޓެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.