Support Us

ރިޔާސީ އިންތިހާބު 2023:

ރައީސް މައުމޫނުގެ ޚާރިޖީ ސިޔާސަތު އަޅުގަނޑަށް ވަރަށް ކަމުދޭ: ގާސިމް

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ޚާރިޖީ ސިޔާސަތު ވަރަށް ކަމުދާ ކަމަށާއި އެ މަނިކުފާނުގެ ސަރުކާރެއްގައި ގެންގުޅުއްވާނީ އެފަދަ ހާރިޖީ ސިޔާސަތެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން އިންތިޒާމްކޮށްގެން ރޭ ވަގުތުން ގެނެސްދިން ރިޔާސީ "ސަންގު ބަހުސް"ގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ޕާޓީގެ ސަރުކާރެއް ހިންގުމުގައި ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތަކީ މެދުމިނުގެ ޚާރިޖީ ސިޔާސަތެއް ކަމަށާއި 1978 އިން 2008 އަށް ވެރިކަން ކުރެއްވި ރައީސް މައުމޫނުގެ ޒަޢާމަތުގައި އެފަދަ ސިޔާސަތެއް ގެންގުޅުއްވިތަން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެފަދަ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވުމުގައި ވަކި ޤައުމެއް ގާތް ނުކުރައްވާނެ ކަމަށާއި ޤައުމުތަކާ އެކު ބާއްވަމުންގެންދާނީ "މެދުމިނުގެ، ހަމަހަމަ ސިޔާސަތެއް" ކަމުގައި ހައްދަވާނެ ކަމަށް ވެސް، ރައީސް މައުމޫނު ހާޒިރުވެވަޑައިގެންނެވި އެ ބަހުސްގައި ގާސިމް ވިދާޅުވިއެވެ. 

ރައީސް މައުމޫނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވީ އެފަދަ ހާރިޖީ ސިޔާސަތެއް ދެމެހެއްޓުމުގައި ފުރަތަމަ، ދެވަނަ އަދި ތިން ވަނައަށްވެސް އިސްވާނީ ދިވެހިން ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި، ތިން ގަޑިއިރަށް ދެމިގެންދިޔަ "ސަންގު ބަހުސް"ގައި ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި ސީދާ އެ މަނިކުފާނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވުމަށް އެ މަނިކުފާނަށް ވޯޓު ދޭންޖެހޭ ސަބަބުތައް ވެސް ކުރު ގޮތަކަށް ގާސިމް ވިދާޅުވެދެއްވިއެވެ.

"ނުވައެއް ސެޕްޓެމްބަރުގައި އަޅުގަނޑަށް ވޯޓް ދެއްވާ. ވަރަށް ގިނަ ސަބަބު އެބަހުރި އަޅުގަނޑަށް ވޯޓް ދޭންޖެހޭ. އެންމެ ފުރަތަމަވެސް ދަންނަވާލާނީ ހިލޭ ބޭސްފަރުވާ ހުރިހާ އެންމެނަށްވެސް ލިބޭނެ ވާހަކަ. ކެއުމާއި ބުއިމާއި ހުރިހާ ކަމަކާވެސް އެއްކޮށް ރާއްޖޭން ބޭރަށް ދާކަމަށް ވާނަމަ. ދެން އިގްތިސޯދު ރަނގަޅުކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަރަށް ރަނގަޅަށް ބުނެދީފައި އޮންނާނެ. ހަމަ އެހެންމެ އަޅުގަނޑުމެންގެ އިޖްތިމާއީ އަދާލަތު ރަނގަޅުކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާއި ގައުމުގެ އިގްތިސޯދީ އަދި ސިޔާސީ ކަންތައްތަކާއި ހާރިޖީ ކަންތައްތައް ރަނަގަޅުކުރަންވީ އުސޫލުތައް ވަރަށް ސާފުކޮށް ބުނެދީފައި އޮންނާނެ. އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި އެއްވެސް މެނިފެސްޓޯއެއް ނޯންނާނެ އެހާ ފުރިހަމަކޮށް އޮތް. އަޅުގަނޑު ދަންނަވާލަން އޮތީ މިހާރު ވެރިކަން ކުރަމުން އައީ އެމްޑީޕީންނާއި ޕީޕީއެމުން. އެމްޑީޕީން ދެ ފަހަރަށް އަޅުގަނޑުމެން އެ ބޭފުޅުންނަށް ތާއީދުކޮށްގެން  އެބޭފުޅުން ސަރުކާރަށް އައިސް ކުރެއްވި ކަންތައްތައް މިއޮތީ ފެންނަން. ހަމަ އެހެންމެ ޕީޕީއެމް އިންވެސް ކުރި ކަންތައްތައް މިއޮތީ އަޅުގަނޑުމެންނަށް ފެންނަން. އަޅުގަނޑު ދަންނަވާނީ މި ދެ ފާޓީން ކުރި ވެރިކަންތައް ވަރަށް ސާފުކޮށް ފެއިލްވެއްޖެއޭ. އެހެންވީމާ މިހާރު ރައްޔިތުން ވިސްނާވަޑައިގަންނަވަންވީ ރަނގަޅު ކެންޑިޑޭޓަކާ މެދުގައި. ކާކުގެތޯ އެކަމުގެ ގާބިލްކަން ހުރީ. ކެޕޭސިޓީ ހުރީ. މިދެންނެވި ގޮތަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މީހަކާ، މިދައްކާ ވާހަކަތައް އަޅުގަނޑުމެންނަށް އަމަލީ ގޮތުން ގެނެސްދެވޭނެ މީހަކަށް ވޯޓުދެއްވުން. އެއީ މުހިންމު ކަމަކީ. މިއީ އިންތިހާބެއް ނޫން. މިއީ އޮކްޝަނެއް (ނީލަމެއް)،" ޤާސިމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމް އިބްރާހިމްގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *