Support Us

ދުވާފަރުގައި ބޭއްވި ކެންޕެއިންގެ ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ތެލެސީމިޔާ ކުދިންނަށް ޚާއްސަ އެލެވަންސެއް ތަޢާރަފްކުރާނަން: ޑރ. މުޢިއްޒު

ޕީއެންސީ/ޕީޕީއެމްގެ ސަރުކާރެއްގައި ތެލެސީމިޔާ ކުދިންނަށް މަހުން މަހަށްދޭ ޚާއްސަ އެލަވަންސެއް ތައާރަފްކުރައްވާނެ ކަމަށް، މިފަހަރުގެ ރިޔާސީ އިންތިޚާބަށް ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި ކެންޕެއިންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ނިޒާމްގެ ތެރެއިން އެފަދަ ކުދިންނަށް ކޮންމެ މަހަކު ދޭ ޚާއްސަ އެލަވެންސްއެއް ތަޢާރަފް ކުރައްވާނެ ކަމަށާއި މިފަދަ އެލަވަންސެއްގެ ސަބަބުން ލޭއެޅުމަށް ކޮންމެ މަހަކު  އުފުލަމުންދާ ތަކުލީފަށް މާލީގޮތުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ދެކެވަޑަގަންނަވާ ކަމުގައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޕީއެންސީ/ޕީޕީއެމް މެނިފެސްޓޯގައި މުޙިއްމު ގިނަ ކަންކަން ހިމަނާފައިވާއިރު، މީގެ ކުރިންވެސް ކެންޕެއިން ޖަލްސާއެއްގައި ޑރ. މުޢިއްޒު ވަނީ ތެލެސީމިޔާ ކުދިންގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި އެފަދަ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕަލާންޓް ހަދާ ކުދިންނަށް އެކަމަށް ދާ ހުރިހާ ޚަރަދެއް ޕީއެންސީ/ޕީޕީއެމްގެ ސަރުކާރެއްގައި ހިލޭ ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ދުވާފަރުގައި ބޭއްވި ކެންޕެއިންގެ ޖަލްސާގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ތެލެސީމިޔާ ނުވަތަ ލޭއަޅަންޖެހޭ ކުދިން ރާއްޖޭގައި ނިސްބަތުން ގިނައެވެ. އަދި އެކުދިން ކޮންމެ މަހަކުވެސް މަދުވެގެން އެއްފަހަރު ލޭއަޅަން ޖެހެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ ކުދިންނާއި އެކުދިންގެ އާއިލާތަކަށް އެކަމުގައި ވަރަށް ތަކުލީފާއި އުނދަގުލާއި ކުރިމަތިލާން ޖެހިފައިވެއެވެ. ޑރ. މުޢިއްޒުގެ ތަސައްވުރަކީ މުޖުތަމަޢުގައި ދިރިއުޅޭ މިފަދަ ފަރާތްތަކަށް ޚާއްސަ އަޅާލުމެއްދީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް އެމަނިކުފާނުގެ ސަރުކާރަކުން ރައްޔިތުންނަށް ހޯދައިދެއްވުމެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ތެލެސީމިއާ ދަފްތަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 928 ކުދިން މިހާތަނަށް ރަޖިސްޓްރީވެފައިވެ އެވެ. އޭގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބީ 652 އެވެ. އެ ކުދިންގެ އެވްރެޖް އުމުރަކީ 17 އަހަރެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *