Support Us

ރިޔާސީ އިންތިހާބު 2023

ޑރ. މުޢިއްޒުގެ މެނިފެސްޓޯ އޮންލައިންކޮށްފި

މިފަހަރުގެ ރިޔާސީ އިންތިޚާބަށް ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހީންގެރާއްޖެ މެނިފެސްޓޯ" އޮންލައިންކޮށް ބެލޭގޮތަށް ޚާއްސަ ވެބްސައިޓެއް ތަޢާރަފްކޮށްފިއެވެ.

ކެމްޕެއިންގެ އެކިއެކި ޕޯޑިއަމްތަކުގައި ރައްޔިތުންނަށް ވެވަޑައިގަންނަވަމުން ދިޔަ ވަޢުދުތަކާއި ވެރިކަން ލިބިވަޑައިގެންފިނަމަ ކޮށްދެއްވަން ނިންމަވާފައިވާ ކަންކަމުގެ މެނިފެސްޓޯ، މިހާރު ބޭނުން ކޮންމެ މީހަކަށްވެސް ބަލައިލެވޭނެއެވެ. މި ވެބްސައިޓްގެ ލިންކަކީ https://www.dhiveheengeraajje.net އެވެ.

ޕީއެންސީ/ޕީޕީއެމްގެ "ދިވެހީންގެރާއްޖެ މެނިފެސްޓޯ" ރަސްމީކޮށް ލޯންޗް ކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. އެ މެނިފެސްޓޯގައި ތަފާތު 19 ދާއިރާއަކަށް އަމާޒުކޮށްފައިވާއިރު ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް ހަމަހަމަކަމާއެކު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ނިންމައިފައެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވަނީ އެ ވަޢުދެއް ފުއްދޭނެ ގޮތް އެނގިވަޑައިގަންނަވާތީކަމަށާއި "ވަޢުދު ފުއްދޭނެގޮތް ނޭނގި ވަޢުދެއް ނުވާނަން" ކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *