...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އޯގަސްޓް ވަރަށް ޚާއްސަ- ދެ ފަނަރަފޮޔާއި ދެ މާހަނދު

މި ހިނގާ އޯގަސްޓް މަހަކީ ހިޖުރީ ދެ މައްސަރެއްގެ ދެ ފަނަރަފޮއި އެކުލެވިގެންވާ މީލާދީ މަހެކެވެ. އެއީ، މުޙައްރަމް މަހުގެ ފަނަރަފޮޔާއި ޞަފަރުމަހުގެ ފަނަރަފޮޔެވެ. އެއާއެކު އެ ދެ ފަނަރަފޮޔަކީ ވެސް މިއަހަރުގެ އެހެން މައްސަރުތަކުގެ ފަނަރަފޮޔާ ޚިލާފަށް ދެ މާހަނދުގެ ޝަރަފު ލިބިގެންވާ ދެ ފަނަރަފޮޔެވެ.

މާހަނދަކީ، ހަނދު އޭގެ ފަލަކުން ހިނގުމުގައި ދުނިޔެއާ އެންމެ ކައިރިވާ ވަގުތާ ހަނދު މައްސަރެެއްގެ ފަނަރަފޮޔާ ދިމާވާ ދިމާވުމަށް ކިޔާ ނަމެކެވެ.

މުޙައްރަމް މަހުގެ 15 ވިލޭރޭ މާލޭގަޑިން 11:32 ގައި ހަނދުގެ އަލިކަން ފުރިހަމަވިއިރު ހަނދު ދުނިޔެއާ ހުރި ދުރުމިނަކީ 357,530 ކިލޯ މީޓަރެވެ. ނަމަވެސް، މި ޞަފަރުމަހުގެ 15 ވިލޭރެއަށް އުދަވާ ހަނދު 15 ވަނަ ދުވަހު ހެނދުނު މާލޭގަޑިން 06:35 ގައި އަލިކަން ފުރިހަމަވާއިރު ދުނިޔެއާ ހުންނާނެ ދުރުމިނަކީ، 357,222 ކިލޯ މީޓަރެވެ. އެކަމަކު 15 ވިލޭރޭ މާލެއަށް އިރާދަމު ހަނދު ދުނިޔެއާ ހުންނާނެ ދުރުމިނަކީ 357,187 ކިލޯމީޓަރެވެ. އެއީ ޞަފަރުމަހު 15 ވިލޭރޭ މާލެއަށް އިރާދަމު ހަނދު ދުނިޔެއާ ހުރި ދުރުމިނަށް ވުރެން 343 ކިލޯމީޓަރު ދުރުމިނެކެވެ. އަދި އެއީ، ހަނދު ފެންނަ ބޮޑުމިނުގެ ނިސްބަތުން ނޯޓިކަލް މޭލެއްގެ 60 ބައިކުޅަ ހަ ބައިގެ މިންވަރުގެ ތަފާތެކެވެ.

ހަނދު ދުނިޔެއާ އެންމެ ކައިރީގައި ހުންނަ ވަގުތު ދުނިޔެއަށް ހަނދު ފެންނާނީ ހަނދުގެ ޢާއްމު ސައިޒަށް ވުރެން %13 ބިޔަކޮށެެވެ. ހަނދުގެ އަލިކަން ވެސް ހަނދުގެ ޢާއްމު އަލިކަމަށް ވުރެން %30 ގަދަވާނެއެވެ.

ހަނދު ދުނިޔެއާ އެންމެ ކައިރީގައި ހުންނަ ހުރުމަށް އިނގިރޭސި ބަހުގައި ކިޔަނީ "Perigee" އެވެ.

މުޙައްރަމް މަހުގެ 15 ވިލޭރޭގައި ހަނދު ހުރީ ހަނދުގެ ފަލަކުން ކުންބަ ރާހީގެ ދިނަށައިގައެވެ. މި ޞަފަރުމަހުގެ 15 ވިލޭރޭގައި ހަނދު ހުންނާނީ ހަނދުގެ ފަލަކުން މީންޏަ ރާހީގެ ހިޔަވިހާގައެވެ.

އަންނަ އަހަރު ވެސް ދެ މާހަނދު ފެންނާނެއެެވެ. އެއީ، ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހާ ދިމާވާ ހަނދުމަހުގެ ދެ ފަނަރަ ފޮއިގައެވެ.

އަދި މިފަދަ ދުވަސްވަރަށް ހަނދުމަސް ފެށޭ ވަގުތު ހަނދު ހުންނާނީ ދުނިޔެއާ އެންމެ ދުރުގައި ކަމަށްވެފައި ދުނިޔެއަށް ހަނދު ފެންނާނީ އެންމެ ސައިޒުން ކުޑަ ހަނދެއްގެ ގޮތުގައި ކަމަށްވާތީ، ހަނދުގެ ހުޅެވި ވެސް ފެންނާނީ ޢާއްމު ހުޅެތްވަށް ވުރެން ކުޑަކޮށެވެ.

އިނގިރޭސި ބަހުގައި "މައިކްރޯ ނިއުމޫން" ކިޔަނީ އެފަދަ ސައިޒުން ކުޑަ ހަނދަކުން އާ ހަނދުމަހަށް ފެށޭ ފުރަތަމަ ހުޅެވި ފާޅުވާ ފަޅުވުމަށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.