...

Support Us

ޑރ. މުހައްމަދު މުއިއްޒު "އަދިވެސް" އަށް ހާއްސަ އިންޓަވިއުއެއް ދެއްވަނީ -ފޮޓޯ: އަދިވެސް
ރިޔާސީ އިންތިހާބު 2023:

ޑރ. މުއިއްޒުގެ އިންޓަވިއު: އިންތިޚާބުގައި ވާދަކުރަން ނިންމީ ރައީސް ޔާމީނުގެ ލަފާފުޅުގެ މަތިން

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުންފުޅެއް މީގެ ކުރިން އެއްވެސް އިރެއްގައި ނުގެންގުޅުއްވާ ކަމަށާއި، މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ލަފާފުޅުގެ މަތިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ "ޕްލޭން ސީ" އަށް ދާންޖެހުމުން ކަމުގައި ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އަދިވެސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެކަމުގެ ތަފްޞީލު ދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވަން ރިޔާސީ ޓިކެޓް އަރުވާފައިވާ ކޯލިޝަންގެ ހަގީގީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ނަމަވެސް، ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީނާ ދޭތެރޭ ސަރުކާރުން ކަންތައްތައް ކުރަމުން ގެންދާ ގޮތުން ސެޕްޓެމްބަރު 9 ގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފި ހާލަތަކަށްވެސް ތައްޔާރުވެ ތިބުގެ ގޮތުން ދެން ޢަމަލުކުރުމަށް "ޕްލޭން ބީ" އަދި "ޕްލޭން ސީ"އެއް ރައީސް ޔާމީނުގެ އޮތް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތު ޖެހެން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަން ސުޕްރީމް ކޯޓުގެ ޙުކުމުން ނިންމުމާއެކު ދެން "ޕްލޭން ބީ" އަށް ތައްޔާރުވާން ވަގުތުވެސް ނެތުމުން "ޕްލޭން ސީ"އަށް ދާންޖެހުނީ ކަމުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ. "ޕްލޭން ބީ" ކަމުގައި އެ ވިދާޅުވަނީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް މެދުވެރި ވެއްޖެނަމަ ޕީޕީއެމްގެ ފަރާތުން އެހެން ކެންޑިޑޭޓަކު ނެރުއްވުމުގެ ޕްލޭން ކަމުގައި ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދެ ޕާޓީ (ޕީޕީއެމް/ޕީއެންސީ) މަގުމަތިވެ ރައްޔިތުންނަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވެގެން ހިނގައިދާނެތީވެ، ރައީސް ޔާމީން ނިންމެވީ އަޅުގަނޑުމެން ދެ ޕާޓީގެ ފަރާތުން އެހެން މީހަކު ކުރިމަތިލާ ގޮތަށް. ނިންމެވީމާ ދެން އެކަމަށް ތައްޔާރުވުމުގެ ގޮތުން އެމަނިކުފާނު ފުރަތަމަވެސް އެކި އޮޕްޝަންސްތައް ތައްޔާރުކޮށްފައި، ޕްލޭން ބީއަކާއި ސީއަކާވެސް ކަނޑައަޅުއްވާފައިވޭ."

ޑރ. މުޢިއްޒު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލެއްވުމަށް އެ މަނިކުފާނު ނިންމެވީ ވެސް އަދި އެކަމަށް ކުރަންޖެހުނު ކަންކަން ކުރެއްވީ ވެސް ސީދާ ރައީސް ޔާމީނުގެ ލަފާފުޅުގެ މަތިން ކަމުގައެވެ. ހަމަ އެއާއެކު މިފަހަރުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެނިފެސްޓޯއަކީ ސީދާ ރައީސް ޔާމީނު އެކުލަވާލައްވާފައިވާ މެނިފެސްޓޯއެއް ކަމަށާއި ބައެއް ކަންކަން އިތުރަށް ތަފްސީލްކޮށްފައިވާނެ ކަމުގައިވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒު "އަދިވެސް" އަށް ހާއްސަ އިންޓަވިއުއެއް ދެއްވަނީ -ފޮޓޯ: އަދިވެސް

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ޑރ. މުއިއްޒުގެ އިތުރުން ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.