Support Us

ރިޔާސީ އިންތިހާބު 2023

"ދިމްޔާތު"ގެ ހަގީގަތް އެކަކަށްވެސް އެނގޭބާ؟

މި ދުވަސްވަރާ ދިމާކޮށް މިހާރު އެންމެ ބާރުލާފައި ދައްކަމުންދާ އެއް ވާހަކައަކީ "ދިމްޔާތު"ގެ ވާހަކައެވެ. ކޮންމެވެސް ސަބަބެއް އޮންނަންވާނެ ނޫންތޯއެވެ؟ އާނއެކެވެ. ތިޔަ ހީފުޅުކުރެއްވީ ހަމަ ރަނގަޅަށެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަށް ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒުގެ ގެ ވީމައެވެ. މި ވާހަކަ ފެތުރިގެން މިއުޅެނީ އަންނަ މަހު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަސް ބޯމަތިވަމުން އައިސް، ފަހު ދުވަސްކޮޅާ ދިމާކޮށެވެ. ޑރ. މުޢިއްޒުގެ ވާހަކައެއް ވިޔަސް ދިމްޔާތުގެ ވާހަކައެއް ވިޔަސް ދައްކާ ވާހަކައެއް ދައްކަންވާނީ ޙަޤީޤަތާ އެއްގޮތަށެވެ. ހީވާ ހީވުމެއްގެ މައްޗަށް ވާހަކައެއް ފެތުރުމަކީ ވަރަށް ދެރަވަރު ކަމެކެވެ. ރަނގަޅު ގޮތެއްވެސް ނޫނެކެވެ. 

މ. ދިމްޔާތުގެ ވެރިފަރާތަކީ ޑރ. މުޢިއްޒުގެ ބައްޕާފުޅު، ހއ. ވަށަފަރު، އަލްމަރްޙޫމް އައްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނެވެ. ޑރ. މުޢިއްޒުގެ ބައްޕާފުޅު އެ ބިން ބައްލަވައިގަންނަވައި އެ ގޭގައި އެ ޒަމާނުގެ ފެންވަރަށް ޢިމާރާތެއް ހައްދަވައި "ދުވަހު ކުއްޔަށް" ކޮޓަރި ދޫކުރުމުގެ މަސައްކަތް ކުރެއްވެވިއެވެ. އަދި އެތަނަކީ ވަރަށް ގިނަ ޢަދަދެއްގެ ދިވެހިންގެ އަރާމު ތަންމައްޗަކަށް ވެގެން ދިޔައެވެ. ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭކަމުން، ޚާއްސަ ގޮތެއްގައި ބޭސްފަރުވާ އަށް ރާއްޖެތެރެއިން އަންނަ ދަތުރުވެރިންގެ އަމާޒަކަށް "ދިމްޔާތު" ވަނީ ވެފައެވެ. އައި.ޖީ.އެމް.އެޗާ އެންމެ ކައިރީގައި ހުރީމަވެސް މެއެވެ.

ޑރ. މުޢިއްޒާ ދިމްޔާތާ އެންމެ ބޮޑަށް ގުޅިގެންދާ ހިސާބަކީ، ޑރ. މުޢިއްޒު ކިޔަވައިވިދާޅުވެ މަތީ ތަޢުލީމު ޙާސިލްކުރައްވައި، ވަޒީފާގެ މާހައުލަށް ނިކުންނަވައިގެން އުޅުއްވަނިކޮށް ބައްޕާފުޅު އަވަހާރަވީ ހިސާބުންނެވެ. ބައްޕާފުޅު އަވަހާރަވީއިރު ހަމައެކަނި ބޭފުޅަކަށް ހުންނެވީ ޑރ. މުޢިއްޒެވެ. އެހެންކަމުން ބައްޕާފުޅުގެ ތަރިކަ މުދަލުގެ ޙައްޤުވެރިޔަކަށް ޑރ. މުޢިއްޒު ވީއެވެ. އެ ހިސާބުން ޑރ. މުޢިއްޒު ކުރެއްސެވީ ބައްޕާފުޅު އެ ދެއްވި ޚިދުމަތް އިތުރަށް ފުޅާކުރެވޭނެ ވިސްނުމެކެވެ. އެގޮތުން ބައްޕާފުޅުގެ ތަރިކަ މުދަލުން ލިބިވަޑައިގެންނެވި ފައިސާ އާއި، ޑރ. މުޢިއްޒުގެ އަމިއްލަފުޅު މަސައްކަތްޕުޅުން އެއްކުރައްވާފައި ހުރި ފައިސާއިން ދިމްޔާތު ޢިމާރާތް ކުރެއްވުމަށް ނިންމެވިއެވެ. އޭރު ޑރ. މުޢިއްޒު ކުރެއްވި މަސައްކަތަކީ ސިވިލް އިންޖިނޭރިންގެ މަސައްކަތެވެ. އެއީ އެމަނިކުފާނު މަތީ ތައުލީމު ހާސިލް ކުރެއްވި ދާއިރާއެވެ. ނިސްބަތުން އަގު ބޮޑު މަސައްކަތެކެވެ. އެ މަސައްކަތުން ހޯއްދަވައިފައި ހުރި ފައިސާއާއި ބައްޕާފުޅުގެ ތަރިކައިން ލިބިވަޑައިގެންނެވި ފައިސާ އާއި ބައްޕާފުޅު ފެއްޓެވި ވިޔަފާރިން ލިބެމުން ދިޔަ ފައިދާއިން ބޭނުންފުޅުވާ ފެންވަރާ ގާތަށްވެސް ޢިމާރާތް ކުރެވެން ނެތުމުން ޑރ. މުޢިއްޒު ދެން ޤަސްތުފުޅު ކުރެއްވީ ބޭންކުން ލޯނެއް ނެންގެވުމަށެވެ. އެގޮތުން އެކި ބޭންކްތަކުން ލޯނެއް ހަމަޖެހޭތޯ ކުރެއްވި މަސައްކަތުން ލޯނެއް ލިބިވަޑައިގަންނަވާ ގޮތް ހަމަޖެހުނީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. ލިބިވަޑައިގެންނެވި ލޯނާއެކު، ދިމްޔާތު ޢިމާރާތް ކުރެއްވީ 12 ބުރިއަށެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް 55 ކޮޓަރީގެ ޚިދުމަތް ލިބޭ ގެސްޓް ހައުސްއެއްގެ ހިދުމަތް ފޯރުކޮށްދެވޭ ގޮތަށެވެ.

"ދިމްޔާތު ސްޓޭ"ގައި ހަމައެކަނި ދިވެހިންނަށް ޚިދުމަތް ދިނުމުގެ އިތުރުން، ފަތުރުވެރިންނަށްވެސް ޚިދުމަތް ދެވޭ ފެންވަރަށް ވިޔަފާރި ފުޅާކުރެއްވިއެވެ. ޚިދުމަތް ހޯދާ ފަރާތްތަކަށް ކެއިންބުއިމުގެ ފަސޭހަކަން ފޯރުކޮށްދިނުމަށް އެ ޢިމާރާތުގައި ރެސްޓޯރަންޓެއް ހުޅުއްވެވިއެވެ. ޢިމާރާތުގެ ޓެރަސްގައި އިން-ހައުސް ޖިމްގެ ޚިދުމަތް ފޯރުކޮށްދޭން ފެއްޓެވިއެވެ. ޓްރެވެލިން އެކިއެކި ވެބްސައިޓްތަކުގައި "ދިމްޔާތު ސްޓޭ" އިޝްތިހާރު ކުރައްވާ މާކެޓް ހޯއްދެވުމުގެ ނަތީޖާއަކަށްވީ ކުރިއަށްވުރެވެސް ބޮޑަށް ރާއްޖެއިން ބޭރުގައި ވެސް "ދިމްޔާތު"ގެ ނަން މަޝްހޫރުވެގެން ދިޔުމެވެ. ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާއި އަގުހެޔޮ ޚިދުމަތެއް ލިބޭތީ، މާލެއާއި ރަށްފުށު ރައްޔިތުންގެ އިތުރުން ފަތުރުވެރިންގެ ތެރޭގައިވެސް "ދިމްޔާތު"ގެ ނަން އިތުރަށް މަޤްބޫލުވިއެވެ.

ޑރ. މުއިއްޒަކީ ހަގީގަތުގައި ވެސް މޮޅު އާކިޓެކްޓެކެވެ. ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަމަށް 2012ގައި ޑރ. މުޢިއްޒު އައްޔަންކުރެއްވީ ވެސް އެހެންވެގެންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި ވެސް ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފްލެޓްތަކާއި ބަނދަރުތަކާއި އެއާޕޯޓުތަކާއި ތާރުއެޅި މަގުތަކާއި ސިނަމާލެ ބްރިޖާއި 25 ބުރީގެ ހިޔާ ޓަވަރުތަކާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޓެންޝަން ޕްރޮޖެކްޓާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ކުރެއްސެވުމުގެ ވެސް ހަގީގީ އާކިޓެކްޓަކީ ޑރ. މުއިއްޒެވެ. ޝައްކެއް ނެތެވެ. ރައީސް ޔާމީންގެ އިރުޝާދާއި ލަފާފުޅުގެ ދަށުންނެވެ.

މާލޭ މޭޔަރުކަމުގައި މިހާރު ހުންނެވި ޑރ. މުޢިއްޒަކީ ފިސާރި ހިންގުންތެރިއެކެވެ. އިޚްލާސްތެރި، ތެދުވެރިއެކެވެ. ޚިޔާނާތުގެ ފައިސާއެއްގައި ނުޖެހޭނެކަން އަމިއްލަފުޅު ދިރިއުޅުމުންވެސް ސާބިތުކޮށްދެއްވިއެވެ. ދެކޮޅުވެރިން ނުވަތަ އިންތިޚާބުގެ ވާދަވެރިން ކޮންމެ ވާހަކައެއް ޑރ. މުޢިއްޒޭ ކިޔައިން ދެއްކެވި ނަމަވެސް ޙަޤީޤަތް ވާނީ ހަމަ ޙަޤީޤަތަށެވެ. ޙަޤީޤަތެއް ބަދަލެއް ނުވާނެއެވެ. ނުކިއްސަރު ވާހަކަތަކަށް ޑރ. މުޢިއްޒުގެ ފަރުވާލެއް ނެތެވެ. ނޭނގޭނަމަ އަހާ އޮޅުންފިލުވާ ހާމަކުރަންވާނީ ތެދު ޙަޤީޤަތެވެ. ދޮގު ވާހަކައިން ބަދުނާމްކުރަން އުޅުނަސް، ޙަޤީޤަތް ހާމަވަމުން ދާވަރަކަށް އެ މަނިކުފާނުގެ ތާޢީދުވަނީ އިތުރެވެ. ތަދްބީރު ނިކަން ދެކިބަލާށެވެ. އޭރުވެސް "ދިމްޔާތު" މަޝްހޫރެވެ. މިހާރު "ދިމްޔާތު" މާ މަޝްހޫރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *