Support Us

ރިޔާސީ އިންތިހާބު 2023

ޖުމްހޫރީ ޕާޓީ ހުޅުމާލޭ ޖަގަހަ ހުޅުވައިފި

ޖުމްހޫރީ ޕާޓީގެރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ހަރަކާތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޖުމްހޫރީ ޕާޓީގެ ހުޅުމާލޭ ޖަގަހަ ރޭ ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ކަނބަލުންގެ ޓީމަކުން އިސްނަގައިގެން، ހަލަވެލި މަގުގައި މި ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދުމަށް މިފަހަރުގެ އިންތިހާބުގައި އެންމެން އަތުގުޅާލައިގެން ހޮވަންވީ ދިވެހިންގެ އިޙްސާސްތައް އެނގޭ، ދިވެހިންގެ އަތުގައި ހިފައިގެން ހިނގާ އަދި ކުރިއަށް އޮތް ތަނުގައި ވެސް ހިނގޭނެ ކެންޑިޑޭޓެއް ކަމަށާއި އެއީ ޤާސިމް ކަމުގައެވެ.

ރޭގެ މި ހަފުލާގައި ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ގާސިމްގެ އިތުރުން، ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 27،006 ޒުވާނުން ހިމެނެއެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރޭގައި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮށި ހިމެނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *